ސެމްސަންގް އިން ގެލެކްސީ ވޮޗް 4 އަދި ވޮޗް 4 ކްލަސިކް ނެރެފި

ހަސަންވީ 12 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސެމްސަންގް އަންޕެކްޑް އިވެންޓްގައި ގެލެކްސީ ވޮޗް 4 އަދި ވޮޗް 4 ކްލަސިކް ވަނީ ދައްކާލާފައެވެ. ފާއިތުވިއަހަރު ސެމްސަންގް އިން ނެރުނު ސްމާޓް ވޮޗްތަކުގައި ސެމްސަންގް ގެ އަމިއްލަ ޓައިޒެން އޯއެސް ބޭނުންކުރިނަމަވެސް މިފަހަރު ގެލެކްސީ ވޮޗްތަކުގައި ބޭނުންކޮށްފައި ހުރީ ގޫގުލްގެ ސްމާޓް ވޮޗްތަކަށް ހާއްސަ ވެއަރ އޯއެސް 3 އެވެ. މިއޯއެސް އާއިއެކު ބޭނުންކޮށްފައި ހުރީ މުޅިންވެސް ސެމްސަންގް އެޕްތަކެވެ. އެގޮތުން ޑީފޯލްޓް ހެލްތު އެޕެކަށް ސެމްސަންގް ހެލްތު، ޑީފޯލްޓް ޕޭމަންޓް އެޕަކަށް ސެމްސަންގް ޕޭ، ޑީފޯލްޓް އެސިސްޓެންޓަކަށް ސެމްސަންގް ގެ ބިކްސްބީ އެވެ. އަދި މީގެ އިތުރުން މެސެޖް އެޕް، ޕޮޓޯ އެޕް، ގަޑި އެޕް، މިއުޒިކް އެޕް ގެ އިތުރުން އެހެން ސެމްސަންގް އެޕްތައްވެސް ބޭނުންކޮށްފައިވެއެވެ. އެހެންނަމަވެސް ގޫގުލް އެޕްތައް ބޭނުންވާ ފަރާތްތަކަށް އެއެޕްތައް އިންސްޓޯލް ކޮށްލެވޭނެއެވެ.

ދެ އަތުކުރީގަޑީގެ މައިގަނޑު ތަފާތުތަކަކީ ކްލަސިކް ވޮޗް ސައިޒުން ބޮޑުވެފައި އަނބުރާލެވޭ ޑައިލް އެއް ހިމެނާފައިވުމެވެ. އަދި ކްލަސިކް ވޮޗް އުފައްދާފައިވަނީ ސްޓެއިންލެސް ސްޓީލް އިންނެވެ. ގެލެކްސީ ވޮޗް 4 ގައި ބޭނުންކޮށްފައިވަނީ އެލުމިނިއަމް އެވެ. މިތަފާތުތަކާއިއެކު ވޮޗް 4 ކްލަސިކްގެ އަގުވެސް ބޮޑެވެ.

މިގަޑިތަކުގައި ހިމަނާފައިވަނީ ސެމްސަންގް އެކްސިނޯސް ޑަބްލިއު920 ޕްރޮސެސަރެވެ. އަދި 1.5ޖީބީ ރެމް އާއި 16ޖީބީ ސްޓޯރޭޖް ހިމެނެއެވެ. ދެގަޑިއަކީވެސް 50 މީޓަރާ ހަމައަށް ވޯޓަރޕްރޫފް ގަޑިތަކެކެވެ. ދެގަޑީގެވެސް ބެޓަރި ލައިފްއަކީ 40 ވަރަކަށް ގަޑިއިރެވެ. ސިއްހަތާއިގުޅޭ ފީޗަރތަކަށް ބަލައިލާއިރު ބޮޑީ ކޮމްޕޮޒިޝަން، ސްލީޕް ޓްރެކިންގް، ބްލަޑް ޕްރެޝަރ، އީސީޖީ، ހާޓްރޭޓް އަދި ސްޓްރެސް ބަލައިލެވެއެވެ. ގަޑި އަމިއްލައަށް މިހުރިހާ ކަމެއް ގަޑިންގަޑިއަށް ބެލުމަށް ފަހު ރިޕޯޓް ކުރާނެއެވެ. އަދި ގޯހެއް އުޅޭނަމަ އެކަމެއް އަންގާނެއެވެ. މީގެ އިތުރުން ތަފާތު އެކިކުޅިވަރުތައް (ދުވުން، ހިގުން، ބައިސްކަލު ދުއްވުން، އަދިވެސް އެހެން ކަސްރަތުތައް) އޮޓޯކޮށް ދަނެގަންނާނެއެވެ. އަދި ކަސްރަތުކޮށް ނިމުމުން ކެލޯރީސް ބާންވިވަރު އަންގައިދޭނެއެވެ. އަދި ކަސްރަތުނުކުރާނަމަ ކަސްރަތުކުރުމަށް ގަޑިތައް ބާރުއަޅާނެއެވެ.

ގެލެކްސީ ވޮޗް 4 އަދި ވޮޗް 4 ކްލަސިކް ސެމްސަންގް ފޯނުތަކުގެ އިތުރުން އެހެން އެންޑްރޮއިޑް ފޯނުތަކާއިއެކު ބޭނުންކޮށްލެވޭނެއެވެ. ނަމަވެސް މިފަހަރުގެ ގެލެކްސީ ވޮޗްތައް އައިފޯންތަކާއި އެކު ބޭނުން ނުކުރެވޭނެއެވެ.


ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.