ސްޓާޓްއަޕް މޯލްޑިވްސްނެޓްވޯކްގެ އައު ވެބްސައިޓް ލޯންޗުކުރުން

ހިންދު ޢަލީ 12 އޯގަސްޓު 2021

އައު ފީޗަރސްތަކަކާއި ޚިދުމަތްތަކަކާއެކު ސްޓާޓްއަޕް މޯލްޑިވްސް ނެޓްވަރކްގެ ވެބްސައިޓް ބަދަލުކޮށްލާ އަލުން އިފްތިތާހުކޮށް 11 އޮގަސްޓް 2021 ގައި ވަނީ އިޢުލާނުކޮށްފައެވެ. މިގޮތަށް އިޢުލާނުކުރެވުނީ ސްޓާޓްއަޕް މޯލްޑިވްސް ނެޓްވަރކް އުފެއްދުނުތާ 2 އަހަރުވުން ފާހަގަ ކުރުމުގެ ގޮތުން އެ ނެޓްވަރކްއިން ކޮށްފައިވާ ޓްވީޓެއްގައެވެ.

މިވެބްސައިޓް އެންމެ ފުރަތަމަ އިފްހިތާހްކޮށްފައިވަނީ ރާއްޖޭގެ ސްޓާޓްއަޕް އެކޯސިސްޓަމް ކުރިއެރުވުމުގެ މަސައްކަތުގެ ބައެއްގެ ގޮތުން 2019 ވަނަ އަހަރުގައެވެ. ސްޕާކްހަބުން އުފައްދާފައިވާ މި ޕްލެޓްފޯމަކީ ރާއްޖޭގެ ސްޓާޓްއަޕްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ އެކި މަސައްކަތްތައް ކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްލެޓްފޯމެކެވެ. މިއީ ރާއްޖެއާއި ރާއްޖޭން ބޭރުގައި، ދިވެހި ސްޓާޓްއަޕްތަކުން އުފައްދާ ތަކެތި ކުރިއެރުވުމުގެ ފުރުސަތުތައް ހޯދައި ދިނުމަށް އެހީތެރިވުމުގެ ބޭނުމުގައި އުފައްދާފައިވާ ނެޓްވަރކެކެވެ. މިނެޓްވަރކްގެ ސަބަބުން އެފަދަ ސްޓާޓްއަޕް ކުންފުނިތަކަށް އިންވެސްޓްމެންޓާއި ތަރައްގީގެ ފުރުސަތު ހޯދާދިނުމުގެ އިތުރުން މުޅި ދިވެހިރާއްޖޭގެ ސްޓާޓްއަޕް އިކޯސިސްޓަމް ވަރުގަދަކޮށްދިނުމަށް އެހީތެރިވެދެއެވެ.

މިވީ މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ތަޖުރިބާއަށް ބަލާ އެފަރާތުން ވަނީ އިތުރު ކަންތައްތަކެއް ވެބްސައިޓް މެދުވެރިކޮށް ތަޢާރަފްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޓާޓްއަޕްތަކުގެ ލިސްޓްގައި ރަޖިސްޓްރީވުމަށް އުފައްދާފައިވާ ބަޔަކާއި، ސްޓާޓްއަޕްތަކަށް އެހީތެރިވެދޭނެ މެންޓަރގެ ޕޫލްއެއް އުފެއްދުމާއި އެފަރާތްތަކަށް ބޭނުންވާނެ އިންވެސްޓްމެންޓް އަދި އެހެނިހެން ރިސޯސަސްތައް އެއްތާކުން ހޯދޭނެފަދަ ހަބެއް އުފެއްދުމެވެ.

އެންމެ ފުރަތަމަ ކަމަކަށް ސްޓާޓްއަޕްތަކުގެ ލިސްޓެއް އެއްތާކުން ފެންނާނެގޮތް ފަހިކުރުމަށް، ސްޓާޓްއަޕްތަކަށް ފަސޭހަކަމާއެކު ރަޖިސްޓަރ ވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ސްޓާޓްއަޕް ނެޓްވަރކްއިން މަޢުލޫމާތު ދިނެވެ.

އަދި މީގެ އިތުރުން އިންވެސްޓަރުން ލިސްޓެއްވެސް އުފެއްދުމުގެ މަގުސަދުގައި އިންވެސްޓަރުން ރަޖިސްޓްރީވުމަށް އައު ބައެއް ވަނީ ތަޢާރަފްކޮށްފައެވެ. މީގެ މަގުސަދަކީ ޕްލެޓްފޯމުގައި ރަޖިސްޓްރީކޮށްފައިވާ ސްޓާޓްއަޕްތަކަށް ފަންޑްކުރުމަށް ޝައުގުވެރިކަން ހުންނަ އިންވެސްޓަރުންނާއި އެ ސްޓާޓްއަޕްތަކާއި ގުޅުވައިދިނުމެވެ. މީގެ ސަބަބުން އިންވެސްޓަރުން އިތުރުވާނެކަމަށް އުންމީދުކުރާކަމަށް ސްޓާޓްއަޕް ނެޓްވަރކުން ވިދާޅުވިއެވެ.

ފަންނީ އެހީތެރިކަން ހޯދުމަށް ބޭނުންވާ ސްޓާޓްއަޕްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިފަދަ މަސައްކަތްތަކުގެ ތަޖުރިބާ ހުރި ފަރާތްތައް މެންޓަރުންގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ސްޓާޓްއަޕް ނެޓްވަރކްއިން ފާހަގަކުރިގޮތުގައި އާންމުކޮށް އަލަށް ފަށާ މިފަދަ ސްޓާޓްއަޕްތަކުގެ ފައުންޑަރުންނަށް އެންމެ ދަތިވާ އެއްކަމަކީ އުފައްދާ ޕްރޮޑަކްޓްގެ ޚިޔާލެއް އިތުރަށް ތަރައްގީކޮށް ކުރިއަށް ދިއުމަށް ސަޕޯޓް ކޮށްދޭނެ ފަރާތެއް ނެތުމެވެ. އަދި މެންޓަރުންގެ ގޮތުގައި ރަޖިސްޓަރވާ ފަރާތްތަކުގެ އެހީ ހޯދުމަށް މި ޕްލެޓްފޯމް މެދުވެރިވެ ސްޓާޓްއަޕްތަކަށް އެދެވޭނެއެވެ. މީގެ ސަބަބުން މެންޓަރުންނާއި ސްޓާޓްއަޕްތަކަށް ގުޅުވާދެވޭނެ މަގުފަހިވެގެން ދާނެއެވެ.

އަލަށް ތަޢާރަފްކޮށްފައިވާ އެއް ކަމަކީ ސްޓާޓްއަޕްތަކަށް ބޭނުންވާނެ ރިސޯސް ހަބެއް އުފެއްދުމެވެ. ސްޓާޓްއަޕެއް އުފެއްދުމުގައި ބޭނުންވާނޭ އެކިއެކި ޑޮކިޔުމެންޓްތައް ތައްޔާރުކޮށް އެތަކެތި ބޭނުންވާނެ ފަރާތްތަކާއި މިހަބްގެ ޒަރީއާއިން ހިއްސާކުރެވޭނެއެވެ. މިފަދަ ލިޔެކިޔުންތައް އުފެއްދުމުގައި އެޗްއެސްސީ ލޯ ފަރމްގެ ވަކީލު ޖުނައިނާ އަޙްމަދުގެ އެހީތެރިކަން ސްޓާޓްއަޕް ނެޓްވަރކްއިން ހާއްސަކޮށް ފާހަގަކުރެއްވިއެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.