އިލެކްޓްރޯނިކް މުޢާމަލާތާބެހޭ ބިލު މަޖުލިހަށް ހުށަހަޅައިފި

ހިންދު ޢަލީ 22 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު، އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖުލީހަށް ހުށަހަޅައިފިއެވެ. އެދުވަހު އޮތް މަޖިލީހުގެ 2021 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި މިބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. މިބިލު މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދެވެ. ބިލް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރެއްވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

މިޒަމާނަކީ އިގުތިސާދީ އަދި އިޖްތިމާޢީ ކަންކަމުގައި ގިނަ އިދާރާތަކާއި އާންމު ރައްޔިތުން ވެސް ރަސްމީ އަދި ނުރަސްމީ ކަންކަމުގައި މުޢާމަލާތްތައް ކުރެވޭ އިރު އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން މުޢާލަމާތްކުރެވޭ އިރަކަށް ވުމާއެކު، މިއީ ހަމަގައިމުވެސް ވަރަށް މުހިއްމު ގާނޫނަކަށް ވާނެއެވެ. ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ދެވޭ ޚިދުމަތްތަކަށް މިބިލުގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މިހާރު ފިޒިކަލްކޮށް ދެވޭ އެތަށް ޚިދުމަތްތަކެއް، އެއްކޮށް ޑިޖިޓަލް ޚިދުމަތްތަކަކަށް ބަދަލުކުރުމަށް މަގުފަހިވާނެއެވެ. އަދި މިފަދަ ޑިޖިޓަލް ޚިދުމަތްތަކަށް ގާނޫނީ ހައިސިއްޔަތެއް ލިބި، ރިކޯޑްތައް ބެލެހެއްޓުމަށާއި ޓްރާންސްޕޭރެންސީ ހިފެހެއްޓުމަށާއި ޖަވާބުދާރީވުމަށް އެހީތެރިކަމަކަށް ވާނެއެވެ.

މިބިލުގައިވާ ގޮތުންނަމަ މީގެ މައިގަނޑު މަގްސަދަކީ އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ޚިދުމަތްތައް ހިމެނޭ ގޮތަށް، ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުޢާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތެއް ދިނުމާއި އޭގެ ސައްހަކަން ކަށަވަރުކޮށްދިނުމެވެ. މީގެ އިތުރުން އިލެކްޓްރޯނިކް މުޢާމަލާތްތަކަށް މަގުފަހިކޮށް އެކަމަށް އޮތް ހުރަސްތައް ނައްތާލުމާއި މިގޮތަށް ކުރެވޭ މުޢާމަލާތްތަކާއި މެދު އާންމުންގެ އިތުބާރު ގާއިމްކުރުމެވެ.

މިބިލުގައި ބަލާލާފައިވާ މައިގަނޑު ބައިތަކަކީ އިލެކްޓްރޯނިކް މުޢާމަލާތްތަކަކީ ކޮބައިކަމާއި، އިލެކްޓްރޯނިކް މުޢާސަލާތް މެދުވެރިވެގެން ވެވޭ އެއްބަސްވުންތަކާއި މެދު އަމަލު ކުރާނެ ގޮތާއި، ޓްރަސްޓް ސަރވިސަސްތަކުގައި ޢަމަލު ކުރާނެ ގޮތްތަކެވެ.

މިބިލު ފާސްވެ ޤާނޫނަކަށްވާ ހިސާބުން މީގައި ބަޔާންކުރާ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ނުވަތަ އެކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވާލަން ޖެހޭ ގަވާއިދުތަކެއް އެކުލަވާލުމަކީ ޓެކް މިނިސްޓްރީގެ ޒިންމާއެކެވެ. ބިލުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 10 މަސް ދުވަސްތެރޭގައި އެގަވާއިދުތައް އެކުލަވާލަން ޖެހެއެވެ. ގަވާއިދުތަކާއި ޕޮލިސީގެ އިތުރުން އެކްރެޑިޓް ކުރެވޭ ޓްރަސްޓް ސަރވިސަސްގެ ދަފްތަރެއްވެސް އެކުލަވާލަން ޖެހެއެވެ.

މިބިލާއިބެހޭ ގޮތުން އާންމުކޮށް ބަހުސްކުރުމަށް، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ކުރިއަށްގެންދިޔަ، ކްލަބްހައުސް ސެޝަންއެއް މިރޭ 21:00 ގައި ކުރިއަށް ގެންދިޔައެވެ.

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލުގެ ޑްރާފްޓް ލިންކު



ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.