ގަރލްސް ޓު ކޯޑު ކުޅުދުއްފުށި ޕްރޮގްރާމް ފަށައިފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގަރލްސްޓުކޯޑު - ކުޅުދުއްފުށި" 31 އޯގަސްޓް 2021 ގައި ފަށައިފިއެވެ. މި ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތު ވަނީ 31 އޯގަސްޓް ވަނަ ދުވަހުގެ ރޭ ވަރޗުއަލް އިވެންޓެއް މެދުވެރިކޮށް ބާއްވާފައިއެވެ. މި އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވެސް ގެ އިތުރުން މި ޕްރޮގުރާމްގެ ބައިވެރިން ބައިވެރިވިއެވެ.

އޮންލައިންކޮށް ގެންދެވޭ މިޕްރޮގްރާމް ކުރިއަށް ދާނީ 2 މަސް ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ކުދިންނަށް އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެއެވެ. މިޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓް އާއި ގުޅޭ ގޮތުން މައުލޫމާތު ޙިއްސާކުރުމަށް މެންޓަރސްގެ ގޮތުގައި މިދާއިރާގެ ފަންނީ މީހުން ބައިވެރިވާނެއެވެ.

ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވަރިންނާއި މުހާތަބް ކުރައްވަމުން، ދިރާގުގެ ޑިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ ވިދާޅުވީ އަންހެންކުދީން ޓެކްނޮލޮޖީ ދާއިރާގައި ބާރުވެރިކުރުމަށް ހިތްވަރު ދިނުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމް ގައި ޚާއްޞަ އަހައްމިޔަތުކަމެއް ދޭ ދާއިރާއެކެވެ. ގާލްސް ޓު ކޯޑް 3 ވަނަ ސީރީސް ފެށިގެން ދާއިރު, ކޮންމެ އަހަރަކުވެސް މިޕްރޮގްރާމްއަށް ލިބޭ ތަރުހީބު އިތުރުވަމުން ދާކަމަށާއި، މީގެން ދޭހަވަނީ މިދާއިރާއަށް އަންހެން ކުދިންގެ ޝައުޤުވެރިކަން ވެސް އިތުރުވަމުން ދާކަމަށެވެ. މިއީ ދިރާގުން ހާއްސަކޮށް ފާހަގަކޮށް އުފާ ކުރާކަމެކެވެ.

މި ޕްރޮގްރާމް ކުޅުދުއްފުށީގައި ބޭއްވުމަށް ކުޅުދުއްފުށިން ލިބުނު ތަރުޙީބު އަދި އެކި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ވިމެން އިންޓެކް މޯލްޑިވްސް އިން ޝުކުރުދެންނެވިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ހިންދު އަލީ ވިދާޅުވީ ކޯޑިން ފަދަ ޓެކް ހުނަރަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔެ ކުރިއަރާ ސްޕީޑްގައި އަހަރުމެންވެސް ފައިހަމަ ކުރުމަށް ބޭނުންވާ މުހިއްމު ހުނަރެއްކަމަށާއި, ގާރލްސް ޓު ކޯޑް ޕްރޮގްރާމަކީ ކޯޑިން ދަސްކުރުމަށް އެޅޭ ބިންގަލެއް ކަމަށެވެ. ވިމެން އިން ޓެކް ގެ އުންމީދަކީ ޕްރޮގްރާމްގެ ބައިވެރިން މިކަމަށް އޮތް ޝައުގުވެރިކަން ދަމަހައްޓާ އަދި ދަސްކުރުމުގައި ދެމިތިބުންކަމަށާއި އަދި ދަސްކުރާ ހުނަރުތައް އާންމު ދިރިއުޅުމުގައިވެސް އެޕްލައި ކުރުން މުހިއްމު ކަމަށް ވެސް ވިދާޅުވިއެވެ.

"ގަރލްސް ޓު ކޯޑް ކުޅުދުއްފުއްޓަކީ މި ސީރީސްގެ 3 ވަނަ ޕްރޮގްރާމްއެވެ. ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ 2019 ވަނަ އަހަރު ޏ.ފުވައްމުލަކު ގައެވެ. އަދި ދެވަނަ ޕްރޮގްރާމް ހިންގިފައިވަނީ 2021 ވަނަ އަހަރު ގދ.ތިނަދޫގައެވެ.



ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.