އެޕަލްއިން ޕްރައިވެސީ ޑޭޓާ ގޫގަލް އެޑްސް މެދުވެރިކޮށް ނަގަނީ

ޝުޖާޢަތު ރަޝީދު 05 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެންމެ ގިނައިން ވާހަކަދެކެވި މަޝްހޫރު ވެގެންދިއައީ މިފަހަކަށް އައިސް ގޫގަލްއާއި އެޕަލްގެ ގުޅުމާއި ބެހޭ ގޮތުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ދެ ކުންފުންޔަކީ މޮބައިލް ޕްލެޓްފޯމުގެ އެންމެ ކުރީ ސަފުގައި ވާދަކުރާ ދެކުންފުންޔެވެ. ސްޓީވް ޖޮބްސްގެ ދުލުން އޭނާގެ ބައޮގްރަފާ، ވޯލްޓާ އިސާކްސަންއަށްވެސް ހާމަކޮށްފައިވަނީ އެޕަލްއިން އެންޑްރޮއިޑް ވައްޓާލާނެކަމަށެވެ.

މި ޕްލެޓްފޯމްތައް ގެންގުޅޭ މީހުންގެ ޑޭޓާއާއި އޭގެ ރައްކާތެރިކަމަށްވެސް މި ދެކުންފުނީގެ ވިސްނުން އަބަދުވެސް ތަފާތުކަން ފާހަގަ ކުރެވޭނެއެވެ. އެޕަލްއިން ޤަބޫލުކުރާ ގޮތުގައި ޕްރައިވެސީއަކީ އިންސާނީ ހައްޤެކެވެ. ނަމަވެސް އެންމެ ގިނަ މީހުން ބޭނުންކުރާ ގޫގަލްއަކީ ދުނިޔޭގެ އެންމެ ބޮޑު އިޝްތިހާރުކުރާ ޕްލެޓްފޯމަށް ވެފައި، އެންމެ ގިނަ މީހުންގެ ޑޭޓާ އެއްކުރާ އެއް ކުންފުންޔެވެ.

މިގޮތަށް ކަންތައްތައް އޮތުމުން އަބަދުވެސް މި ދެކުންފުނީގެ ގުޅުމާއި ބެހޭ ގޮތުން ވަރަށް ގިނަ ސުވާލުތަކެއް އުފެދެއެވެ. ގޫގަލްއިން އެތައް ގުނައަކަށް އެޕަލްއަށް ފައިސާދީގެން އައިފޯނުގެ ޑީފޯލްޓް ސާޗް އޮޕްޝަންއަކަށް ގޫގަލް ބޭނުންކުރާކަންވެސް ފާހަގަކުރެވެއެވެ. މިއީ އެއްގަލަކަށް ނާރާ ދެކުންފުންޔެއްގެ ވަރަށް ގާތްގުޅުމެއްކަން ޔަޤީނެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގޫގަލްއިން އެޕަލްއަށް $10 ބިލިއަނަށްވުރެން ގިނަ އަދަދަކަށް ފައިސާ މިކަމުގައި ޚަރަދުކޮށްފައިވެއެވެ. މިއީ ގޫގަލްއިން އެންމެ ވަރުގަދަ އެއް ބްރައުޒާކަމުގައިވާ ސަފާރީގައި ގޫގަލްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ކުރާ ކުޑަ ޚަރަދެއްކަމުގައިވެސް ވެދާނެއެވެ.

އައިފޯނު ބޭނުންކުރާ މީހުންނަކީވެސް ގޫގަލް ބޭނުންކުރާ ބައެއްކަން ފާހަގަކުރެވެއެވެ. އަދި ގިނަ މީހުންނަކީ އެމީހުންގެ ފޯނުގެ ޑީފޯލްޓްކޮށް އިންނަ ބްރައުޒާ ބަދަލު ނުކުރާ މީހުންނެވެ.

މިހާރު ދިރާސާތަކުން ދައްކާ ގޮތުގައި މިއަހަރުތެރޭގައި އެޕަލްއިން $15 ބިލިއަނަށް މި ފައިސާގެ އަދަދު އިތުރުކުރާނެއެވެ. އަދި 2022 އާއި ހަމަޔަށްދާއިރު މި އަދަދު $18 ބިލިއަނަށް އިތުރުކުރާނެއެވެ. އެހެންކަމުން ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިއީ އެޕަލްއަށް ފައިދާގެ ގޮތުގައި ވަންނަ ބޮޑު ފައިދާއެކެވެ.

އެޕަލް އައިފޯން ޕްރައިވެސީ ޕޯސްޓަރެއް - އެޕަލް ވެބްސައިޓުން

ޓިމް ކޫކް، އެޕަލްގެ މިހާރު ސީ.އީ.އޯ ކުންފުނި ހިންގުމާއި ހަވާލުވެގެން މިވޭތުވެދިޔަ 10 އަހަރު ތެރޭގައި އެޕަލްއަކީ އެންމެ ފައިދާ ބޮޑު އަދި އަގުހުރި ކުންފުންޔަށް މިވަނީ ހަދާފައެވެ. އައިފޯނު ސޭލްސް ތިރިއަށް ދިޔަކަމުގައިވިޔަސް، އެހެނިހެން ޚިދުމަތްތަށް ގިނަކޮށް، އައު ކަންތައްތައް ވަނީ ތަޢާރަފްކޮށްފައެވެ.

މިދިޔަ ކުއާޓާގައި އެޕަލްގެ ޚިދުމަތުގެ ފައިދާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް މިޚިދުމަތުގެ އަގަކީ ކިހާބޮޑު އެއްޗެއްކަން ގިނަބައަކަށް އަދި ނޭގެނީއެވެ. އެޕަލްއިން މިހާރު ޔޫސާ ޕްރައިވެސީ އެތައް ފަހަރުގެ މަތިން ވަނީ ނިގުޅާލެވިފައެވެ. މިއީ އެހެން ކުންފުނިތަކާ އެޕަލް އަބަދުވެސް ތަފާތުވެ ގިނަ މީހުން އެޕަލްއަށް އިތުބާރުކުރި ބޮޑު ކަމެކެވެ.

އެޕަލްއިން ގޫގަލް އެޑްސް މެދުވެރިކޮށް މިހާވަރުގެ ފައިދާތަކެއް ލިބުމަކީ ކުޑަ އަގަކަށް ވެގެންދާކަމެއް ނޫންކަން މިހާރު މިވަނީ އެނގެން ފަށާފައެވެ.

އެޕަލްއަކީ އެމީހުންގެ އުފެއްދުންތަކުގައި، އެޕްތަކުގައި ޔޫޒާ ޑޭޓާ ނުނަގާ ބައެއްކަމުގައި އަބަދުވެސް ފާހަގަވެގެންދިޔަ ކުންފުންޔެކެވެ. އެފް.ބީ.އައި އިން ބަލަމުންދިޔަ ޓެރަރިސްޓު ހަމަލާއެއްގެ މައްސަލައެއްގައިވެސް އެޕަލްއިން ޕްރައިވެސީ ޑޭޓާ ހިފަހައްޓާފައިވެއެވެ.

ނަމަވެސް ގޫގަލްއާއި އެޕަލްގެ މި ގުޅުމުން ދޭހަވެގެންދަނީ އެޕަލްއަކީ ވިޔަފާރީގެ ގޮތުން އަބަދުވެސް ކުރިއަރަން ބޭނުންވާ ކުންފުންޔެއްކަމެވެ.

ނަމަވެސް މި ގެންނަން އުޅޭ ބަދަލާއި ގުޅިގެން، އެހެން ބޮޑެތި ކުންފުނިތަކާއި އަޅާ ބަލާއިރު އެޕަލްވެސް ޑޭޓާ ޕްރައިވެސީގައި ވަކި ތަފާތޭ ބުނެވޭކަށް ނެތެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.