ކްލަބްހައުސްއަށް "ވޭވް" ފީޗަރ އަންނަނީ

ހިންދު ޢަލީ 22 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްލަބްހައުސްއަށް އައު ފީޗަރއެއް ތަޢާރަފްކުރަން އުޅޭކަމުގެ ޚަބަރެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އާންމު ވެފައެވެ. އެޕްތަކުގެ މިފަދަ ފީޗަރސްތައް ރިލީޒްކުރުމުގެ ކުރިން ދެނެގަންނަން މަސައްކަތްކުރާ ރިވަރސް އިންޖިނިއަރ، ޖޭން މަންޗުމް ވޮންގް ވަނީ "ވޭވް" އޭ ކިޔުނު މިފީޗަރގެ ވާހަކަ ޓްވިޓަރގައި އާންމުކޮށްފައެވެ.

ވޮންގް ބުނެފައިވާ ގޮތުން ވޭވް ފީޗަރގެ ބޭނުންކޮށްގެން އެޕް މެދުވެރިކޮށް މީހަކަށް ވޭވްކުރުމުގެ އިހްތިޔާރު ލިބެއެވެ. ދަޢުވަތު ލިބޭ ފަރާތުން އެކަމަށް ތައްޔާރުވުމުން ވޭވްގެ ދައުވަތު ގަބޫލުކުރުމުން، ދެމީހުންނަށް ވާހަކަ ދެއްކެއެވެ.

ސެޕްޓެމްބަރ 17ގައި ވޭވްގެ ޚަބަރު އާންމުކުރި ފަހުން، 19 ވަނަ ދުވަހު ކްލަބްހައުސްއިން ވެސް ވަނީ އައު ފީޗަރއެއް ރިލީޒަކުރަން އުޅޭކަމަށް ހާމަކޮށް ޓްވީޓްކޮށްފައެވެ. ރިލީޒްކުރަން އުޅޭ ފީޗަރއަކީ ސީދާ ވޭވް ކަމެއް އެޓްވީޓްގައި ބުނެފައެއް ނެތެވެ. އެހެން ނަމަވެސް ބައެއް މީހުން އެފީޗަރ ދިމާކޮށްފައިވާކަމަށް އެޓްވީޓްގައި ބުނެފައިވެއެވެ. އަދި އެމީހަކީ ޖޭންކަމަށް ވެސް ނޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ކްލަބްހައުސްގައި އުފައްދާ ރޫމްތަކުގެ "ޓޮޕިކްސް"ގެ ނަން "ޓައިޓްލްސް" އަށް ބަދަލު ކުރަން ޕްލޭންކުރާކަމަށާއި ކްލަބްތައް މެނޭޖް ކުރުމަށް ބޭނުން ކުރެވޭނެ އިތުރު އެޑްމިން ޓޫލްސްތަކުގެ ވާހަކަވެސް ކްލަބްހައުސްގެ މިޓްވީޓްގައި ބުނެފައިވެއެވެ.

މިހާތަނަށް ގެނެސްފައިވާ އައު ރިލީޒްތަކުން ކްލަބްހައުސްގެ މިސްރާބުހުރީ ބޮޑަށް ފަންނީ މީހުން އެކި އެކި މަޢުލޫތަކަށް ވާހަކަ ދައްކާނޭ ފަދަ ޕްލެޓްފޯމެއްގެ މިސްރާބަށް ކަމަށް ގިނަ ވާހަކަ ދެކެވެއެވެ. އެހެން ނަމަވެސް ކްލަބްހައުސްއަކީ ލުއި ޙަބަރުތަކާއި މުނިފޫހި ފިލުވުމުގެ މަޢުލޫއުތަކަށް ވެސް ހާއްސަ ރޫމްތައް އުފައްދާ، ވާހަކަ ދައްކާ ޕްލެޓްފޯމެކެވެ.

އަންނަން މިއުޅޭ އައު ފީޗަރ އަކީ ވަރަށް ކުޑަ ބަދަލެއްކަމަށް ގިނަ މީހުން ސޯޝަލް މީޑިޔާގައި ޚިޔާލުފާޅުކުރެއެވެ. އެޕްގެ މަގުބޫލުކަން އިތުރުކުރުމަށް، އެންމެ ފަހުން އެޕަށް ރިލީޒް ކުރެވިފައިވާ ފީޗަރތަކުގެ ތެރޭގައި ހާއްސަކޮށް ފާހަގަކޮށްލެވެނީ ސްޕޭޝަލް އޯޑިއޯ ފީޗަރއެވެ. މިފީޗަރގެ ބޭނުމަކީ ޗެޓްރޫމްތައް ވީހާވެސް ބޮޑަކަށް އަސްލު ފިޒިކަލް ޖާގައެއްގައި ތިބެގެން ވާހަކަ ދެކެވޭފަދަ ފީލްއެއް އަންނަ ގޮތަށް، އަޑަށް ގެނެވުނު ބަދަލެއްކަމަށް ކްލަބްހައުސްއިން ބުުނެއެވެ. އޯގަސްޓް މަހު 29ގައި ރިލީޒް ކުރެވުނު މިފީޗަރގެ ސަބަބުން ރޫމްތަކުގެ އަޑު، 3ޑީ ޖާގައެއްގައި ތިބެ ވާހަކަދައްކާ ކަހަލަ ތަޖުރިބާ ކުރެވޭނެކަމަށާއި، ވާހަކަ ދައްކާ މީހަކު ދެނެގަންނަން ފަސޭހަވާނޭކަމަށާއި، ރޫމްގައި ދެއްކޭ ވާހަކަ އަޑުއަހާލަން ފަސޭހަވާނެ ކަމަށްވެސް ބުނެއެވެ. މިފީޗަރ އަދި ރިލީޒް ކުރެވިފައިވަނީ ހަމައެކަނި އައިއޯއެސް ޑިވައިސްތަކަށް އެކަންޏެވެ. އެންޑްރޮއިޑަށްވެސް ވަރަށް އަވަހަށް ރިލީޒްކުރާނޭ ކަމަށް ޚަބަރު ލިބެއެވެ.

ކްލަބްހައުސްއިން ބުނި ގޮތުގައި ޖުލައި 2021ގައި ރިލީޒްކުރެވުނު ޑައިރެކްޓް މެސެޖިން ފީޗަރ "ބެކްޗެނަލް" ރިލީޒް ކުރެވުނު ފަހުން އެޕްގައި ދުވާހަކު ކުރިއަށްދާ އެވެރެޖް ރޫމްގެ އަދަދު 3 ލައްކައިން 7 ލައްކައަށް އިތުރު ވެފައިވެއެވެ. ބެކްޗެނަލަކީ ރޫމެއްގައި ހިމެނޭ ވަކި މީހަކަށް ނުވަތަ ބަޔަކަށް ސީދާ މެސެޖު ފޮނުވޭ ފީޗަރއެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.