ދިވެހި ބަހުން ލިޔެފައިވާ ވާހަކަ ހިއްސާކުރުމަށާއި ވާހަކަ ކިޔުމަށް ހާއްސަ އެޕް "ވާހަކަ" ލޯންޗުކޮށްފިއެވެ. މިއެޕަކީ ކުރީގައިވެސް މިފަދަ ގިނަ އެޕްތަކެއް ޑިވެލޮޕްކޮށްފައިވާ ޢަލީ ޒިހުނީގެ މަސައްކަތެކެވެ. ދިވެހި ވާހަކަ ލިޔުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ވާހަކަ އެޕް މެދުވެރިކޮށް ވާހަކަތައް ކިޔުންތެރިންނަށް ހިއްސާކުރެވޭނެއެވެ. އަދި ވާހަކަ ކިޔުމަށް ޝައުގުވެރިވާ ބޭފުޅުންނަށް މިއީ ވާހަކަ ކިޔާލުމަށް ވަރަށް ރަނގަޅު އެޕެކެވެ.
އެޕް ޑިވެލޮޕަރު މަޢުލޫމާތު ދެއްވި ގޮތުގައި މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ފެށުނު މަސައްކަތެކެވެ. އެހެން ނަމަވެސް ދުވަސްތަކަކަށް މެދުކެނޑުމަށް ފަހު އަނެއްކާވެސް ފަށައިގެން މިހާރު ރިލީސް ކުރެވުނު ވަރޝަން ނިންމާލެވުނީ މަހެއްހާ ދުވަހުގެ ތެރޭގައެވެ.
ސެޕްޓެމްބަރ 21 ގައި އާންމު ކުރެވުނު މިއެޕްގެ އައިއޯސް އަދި އެންޑްރޮއިޑް ވަރޝަންވެސް މިހާރު ޑައުންލޯޑްކުރެވޭނެއެވެ. މިހާރު ރިލީސް ކުރެވުނު ވަރޝަންގައި ވާހަކަ ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން އެޕް މެދުވެރިކޮށް ކަނޑައެޅިފައިވާ ފޯމް ފުރުއްވުމަށް ފަހު ވާހަކަ ސަބްމިޓްކުރެވޭނެއެވެ. އެއަށްފަހު ވާހަކަ އެޕްގައި ޕަބްލިޝްކުރެވިގެން ދާނެއެވެ. އަދި އެޕްގައި ޕަބްލިޝްކޮށްފައިވާ ވާހަކަތައް ކިޔާލެވޭނެއެވެ.
ގިނަ ކިޔުންތެރިން ޝައުގުވެރިވާ ފަދަ އެކި ކެޓަގަރީތަކަށް ފެތޭ ގިނަ ވާހަކަ ތަކެއް އެޕްގައި މިހާރުވެސް ހިމެނެއެވެ. އަދި ވަރަށް ގިނަ މަޝްހޫރު ވާހަކަ ލިޔުންތެރިންގެ ވާހަކަ މިއެޕް މެދުވެރިވެ ކިޔާލެވެން އެބަހުއްޓެވެ. އޭގެ ތެރޭގައި ބިންމާ އިބްރާހިމަ ވަހީދު އަދި ޒެލް ފަދަ ލިޔުންތެރިން ހިމެނެއެވެ. ވާހަކަ ކިޔުމަށް ފަހުން ޚިޔާލު ފޮނުވާ އަދި ލައިކް ކުރެވޭނެ ފީޗަރ ވެސް މީގައި ހިމެނެއެވެ.
ވާހަކަ އެޕް އަދި އިތުރަށް ޑިވެލޮޕްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަމަށް ޒިހުނީ ވިދާޅުވިއެވެ. ކުރިއަށް ގެންނަން ހުރި ބަދަލުތަކުގެ ތެރޭގައި، ލިޔުންތެރިންނަށް އަމާޒުކޮށް؛ ލިޔުންތެރިން ރަޖިސްޓަރވެގެން އަމިއްލައަށް ވާހަކަ އަޕްލޯޑްކުރުމާއި، އެޕް މެދުވެރިކޮށް ލިޔުންތެރިންނަށް އާމްދަނީ ލިބޭނޭ ފަދަ ގޮތަކަށް ބަދަލުކުރުން ވެސް ހިމެނެއެވެ. ކިޔުންތެރިންނަށް އަމާޒުކޮށް ގެނެވޭ ފީޗަރތަކުގެ ތެރޭގައި، ވާހަކައިގެ އަޑު ހިމެނުމާއި، އެކި ވާހަކަތަކަށް ސަބްސްކްރައިބް ކުރެވޭނެ ފަދަ ފީޗަރތައް އިތުރުކުރުން ހިމެނެއެވެ.
އެޕް ބޭނުންކުރާ ލިޔުންތެރިން ގިނަ ވާވަރަކަށް އައު ފީޗަރސްތައް އިތުރުކުރެވެމުން ދާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި އެޕްގައި ހިމެނޭ ވާހަކަތަކުގެ އޯޑިއޯ އިތުރުކުރުމަށް ރާވާފައިވާތީ، ވާހަކަތަކުގެ ނެރޭޝަން ތައްޔާރުކުރުމަށް އިތުރު ފަރާތްތަކުގެ އެހީ ބޭނުންވެއެވެ. މިކަމަށް އެހީތެރި ވެވޭނެ ފަރާތްތަކުން ޒިހުނީއާއި ގުޅުއްވުމަށް އެދުނެވެ.
އިތުރަށް ކިޔާލުމަށް:
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް