އިންޓަނެޓް ގެ ދުވެލީގެ ދުނިޔޭގެ ރިކޯޑް ޖަޕާނުގެ އިންޖިނިއަރުން މުގުރާލައިފިއެވެ. މިރިކޯޑަކީ ސިކުންތެއްގެ ތެރޭގައި 80،000 ފިލްމް ޑައުންލޯޑް ކޮއްލެވޭހާ ހަލުވި ދުވެއްޔެކެވެ.
އިންޓަނެޓްގެ ސްޕީޑް މިނުމުގައި ގެންގުޅޭ މިންގަޑަކީ ސިކުންތެއްގެ ތެރޭގައި ދެ ޑިވައިސް ދެމެދު ބަދަލު ކުރެވޭ ޑޭޓާގެ މައްޗަށެވެ. ޖަޕާނުގެ މި އައު ރިކޯޑު އަކީ ސިކުންތެއްގެ ތެރޭގައި 319 ޓެރަބައިޓް (Tb/s) އެއީ ކުރީގެ ދުނިޔޭގެ ރިކޯޑަށް ވުރެއް ދެގުނަ ހަލުވި ދުވެއްޔެކެވެ. އެއީ އާންމު ގޭބިސީ އަކަށްވުރެއް ގާތްގަނޑަކަށް 7.6 މިލިއަން ގުނަ ހަލުވި ދުވެއްޔެކެވެ.
އިންޓަނެޓްގެ ވިއުގާ ބިނާވެފައި އޮންނަނީ ތަފާތު ބާވަތް ތަކުގެ ކޭބަލް އާއި ޑިވައިސް ތަކުގެ މައްޗަށެވެ. އެންމެ އިހުގައި ބޭނުން ކުރީ ޓެލެފޯން ކޭބަލް އެވެ. މިހާރު އެންމެ އާއްމުކޮށް ބޭނުން ކުރަނީ ފައިބަރ އޮޕްޓިކް ކޭބަލް އެވެ. ފައިބަރ އޮޕްޓިކް ކޭބަލް ތަކުގެ ތެރެއިން ޑާޓާ ޓްރާންސްމިޓް ކުރަނީ އަލި ބޭނުން ކޮށްގެނެވެ. ދުނިޔޭގެ ރިކޯޑް މުގުރާލުމަށްޓަކައި އާދައިގެ އޮޕްޓިކަލް ފައިބަރ ގައި 1 ކޯ ބޭނުން ކުރާއިރު ޖަޕާނުގެ އިންޖިނިއަރުން އުފެއްދި ތަހުލީލީ ފައިބަރ އޮޕްޓިކްގައި 4 ކޯ ބޭނުން ކުރެއެވެ. އަދި ލޭޒަރ އަލި ތަފާތު އެކި ވޭވް ލެންތް ތަކުގައި އެތަކެއް ސިގްނަލް އެމްޕްލިފިކޭޝަން އުކުޅުތައްް ބޭނުން ކޮށްގެން 1800 މީޓަރަށް ވުރެއް ދުރަށް ސިކުންތަކު 319 ޓެރަބައިޓް ގެ ޑާޓާ ފޮނުވާފައިވެއެވެ.
މި ތަހުލީލުގައި ބޭނުން ކުރި އާލާތްތަކަކީ އަގުބޮޑެތި ތަކެތި ކަމުން މިދުވެލީގައި އިންޓަނެޓް ގޭބިސީ ތަކާއި ހަމައަށް ފޯރުމަށް އަދި ވަރަށް ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.
އެހެން ނަމަވެސް މި ތަހްލީލް ކުރުމަށް އުފެއްދި ފައިބަރ އޮޕްޓިކް ކޭބަލް އަކީ މިހާރުވެސް އާއްމުކޮށް ގެންގުޅޭ ފައިބަރ އާއި ދާދި އެއް ހިމަ މިނަށް ގެނެވިފައިވާތީ، މި ޓެކްނޮލޮޖީ މިހާރުގެ ވިއުގާ ތަކާއި ގުޅާލުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ބެލެވެއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް