ބެޓްލްފީލްޑް 2042 އޯޕަން ބީޓާ އަންނަ ހަފްތާގައި ފަށާނެ

އިސްމާއިލް އަލީ 30 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބެޓްލްފީލްޑް 2042 އޯޕަން ބީޓާ އަންނަ ހަފްތާގައި ފަށާނެކަން އިލެކްޓްރޯނިކް އާޓްސް (އީއޭ) އިން ހާމަކޮށްފިއެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ބެޓްލްފީލްޑް 2042 އޯޕަން ބީޓާ އާންމުކޮށް ހުރިހާ މަންސައަކުންވެސް 8 އޮކްޓޯބަރުން ފެށިގެން ކުޅެވޭނެއެވެ. މީގެ އިތުރުން އީއޭއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އީއޭ ޕްލޭ މެމްބަރުންނަށާއި މިގޭމް ޕްރީއޯޑާކޮށްފައިވާ ފަރާތްތަކަށް 6 އޮކްޓޯބަރުން ފެށިގެން މިގޭމް ކުޅެވޭނެއެވެ.

މި ބީޓާ ވާޝަންގައި ބެޓްލްފީލްޑް 2042 ޓްރެއިލާގައި ފެނިގެންދާ އޯބިޓަލް މެޕްގައި ކޮންކުއެސްޓް ގޭމް މޯޑް ހިމެނިފައިވެއެވެ. މީގެ އިތުރުން މި ގޭމްގެ ބީޓާ ވާޝަން ކުޅޭ ފަރާތްތަކަށް ގޭމުގައި ހިމެނޭ 4 ސްޕެޝަލިސްޓުންކުރެ އެމީހަކު ބޭނުންވާ މީހަކު ހިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ބެޓްލްފީލްޑް 2042 ބީޓާ ޑައުންލޯޑްކުރުމަށް ބޭނުންވާ ފަރާތްތަކަށް 5 އޮކްޓޯބަރުން ފެށިގެން މިގޭމް ޑައުންލޯޑްކޮށްލެވޭނެއެވެ. އީއޭ ޕްލޭ މެމްބަރުންނަށާއި މިގޭމް ޕްރީއޯޑާކޮށްފައިވާ ފަރާތްތަކަށް 6 އޮކްޓޯބަރުން ފެށިގެން އަދި އާންމުކޮށް 8 އޮކްޓޯބަރުން ފެށިގެން 10 އޮކްޓޯބަރުގެ ނިޔަލަށް މި ގޭމްގެ ބީޓާ ވާޝަން ބޭނުންކުރެވޭނެއެވެ.

އާންމުކޮށް ހުރިހާ މަންސައަކުން މިގޭމް ކުޅެވޭނެކަން އީއޭއިން އިއުލާންކޮށްފައިވީ ނަމަވެސް ބެޓްލްފީލްޑްގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ކޮމްޕިއުޓަރ މެދުވެރިކޮށް މިގޭމް ކުޅޭނަމަ އެންމެ ދަށްވެގެން ހުންނަން ޖެހޭނެ ސްޕެކްސް އަދި މިގޭމް ކުޅުމަށް އެކުންފުނިން ލަފާދޭ ސްޕެކްސް އާންމުކޮށްފައިއެވެ.

އެގޮތުން މި ގޭމް ކުޅެވޭނީ އެންމެ ދަށްވެގެން ވިންޑޯޒް 64 ބިޓް، އިންޓެލް ކޯ އައި5 6000ކޭ ނުވަތަ އޭއެމްޑީ ރައިޒެން 5 3600، 8 ޖީބީ ރެމް، އެންވީޑީއާ ޖީފޯސް ޖީޓީއެކްސް 1050 ޓީއައި ނުވަތަ އޭއެމްޑީ ރެޑިއޯން އާރްއެކްސް 560، 4ޖީބީ ގްރެފިކްސް، އަދި 100 ޖީބީ އެޗްޑީޑީ އެއް ހިމެނޭ ކޮމްޕިއުޓަރަކުންނެވެ.

ނަމަވެސް އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިގޭމް ކުޅުމަށް އެންމެ އެކަށީގެންވަނީ ވިންޑޯޒް 64 ބިޓް، އިންޓެލް ކޯ އައި7 4790 ނުވަތަ އޭއެމްޑީ ރައިޒެން 7 2700އެކްސް، 16 ޖީބީ ރެމް، އެންވީޑީއާ ޖީފޯސް އާރްޓީއެކްސް 3060 ނުވަތަ އޭއެމްޑީ ރެޑިއޯން އާރްއެކްސް 6600 އެކްސްޓީ، 8 ޖީބީ ގްރެފިކްސް، އަދި 100 ޖީބީ އެސްއެސްޑީ އެއް ހިމެނޭ ކޮމްޕިއުޓަރަކުންނެވެ.

މި ސްޕެސިފިކޭޝަންތަކަކީ ހަމައެކަނި ބެޓްލްފީލްޑް 2042 ބީޓާއަށް ހާއްސަ ސްޕެކްސްތަކެކެވެ. އަދި ގޭމު ބާޒާރަށް ނެރުމާއިއެކު މި ސްޕެކްސް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ބެޓްލްފީލްޑް 2042 ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 19 ނޮވެމްބަރުގައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.