ފޯނާއި މޯބައިލް ޑިވައިސްތަކުގެ އައު ވަރޝަންތައް ނެރުމުން ފޯނު ބަދަލު ކުރުމަކީ ބައެއް ފަރާތްތަކުން ވަރަށް އާއްމުކޮށް ކުރާކަމެކެވެ. މިގޮތަށް އައު ޑިވައިސްއެއް ހޯދުމަށްފަހު ކުރީގައި ގެންގުޅުނު ޑިވައިސަށް ތިޔަ ބޭފުޅުން ހަދަނީ ކިހިނެއް؟
ލަފާކުރެވޭ ގޮތުގައި ގިނަ ބޭފުޅުން އާއިލާގެ އެހެން މެންބަރަކު ބޭނުން ކުރުމަށް ދޭނީއެވެ. ނުވަތަ ކުޑަ އަގެއްގައި ވިއްކާލާނީއެވެ. ބައު ޑިވައިސް ހަމަ އެއްވެސް ބޭނުމެއް ނެތިފައި ވަތްގަޑެއްގައި ބާއްވާނަމަ އޭގެ ބަދަލުގައި ފޯނު ނުވަތަ ޓެބްލެޓްގެ އިތުރު ބޭނުމެއް ކޮށްލުމުގެ ގޮތުން ތިރީގައިވާ ކަންތައްތަކުން ކަމެއް ކޮށްލެވިދާނެއެވެ.
1. މީޑިޔާ ސެންޓަރެއް ސެޓްކޮށްލުން
ގޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ނުވަތަ ކެއްކުމުގައި މަސްޢޫލުވެގެން އުޅޭ ވަގުތު ޓީވީ ބަލާލުމަށް ނުވަތަ މިޔުޒިކް އަޑުއަހާލާ ލަވަ ޖަހާލުމަށް ބޭނުންކުރާ މީޑިއާ ސެންޓަރެއްގެ ގޮތަށް ހާއްސަކޮށްލެވިދާނެއެވެ.
ޓީވީގެ ޚިދުމަތަކަށް ސަބްސްކްރައިބް ކުރާނަމަ މޯބައިލް ޑިވައިސްއަށް އޭގެ އެޕް އިންސްޓޯލް ކޮށްލާށެވެ. އަދި އެޕަށް ލޮގިން ކުރުމަށް ފަހު، އޮފީހަށް ހާއްސަކުރެވޭ ޖާގައެއްގައި ނުވަތަ ބަދިގޭގެ ވަކި ހާއްސަ ޖާގައެއްގައި ބެހެއްޓިދާނެއެވެ. ދާއިމީކޮށް ކަރަންޓަށް ގުޅާފައި ބެހެއްޓުމުން އިތުރަށް ފަސޭހަވެސް ވާނެތާއެވެ. ގިނަ ފަހަރަށް ބައު ޑިވައިސްތަކުގައި ބެޓެރީގެ މައްސަލަ ޖެހިފައި ހުރުންވެސް އެކަށީގެން ވެއެވެ.
ނޫންނަމަ، ބައު ފޯނުވެސް މިގޮތަށް ދައިމީކޮށް ކަރަންޓަށް ގުޅާފައި، ފޮތް ހަރުގަނޑެއްގައި ނުވަތަ ޝެލްފެއްގައި މިޔުޒިކާއި ޕޮޑްކާސްޓް އަޑު އަހާލުމަށް ޑިވައިސް ހާއްސަކޮށްފައި ވެސް ބެހެއްޓިދާނެއެވެ. ބޭނުން ކުރެވިދާނެއެވެ. ޑިވައިސް ވަކިން ނުވަތަ އިތުރު ބްލޫޓޫތު ސްޕީކަރާކާއެކު ވެސް ބޭނުން ކުރެވިދާނެއެވެ.
އޭގެއިތުރުން، ފޮޓޯ ދައްކާލާ ޑިވައިސެއް ގޮތަށްވެސް ބޭނުންކޮށްލެވިދާނެއެވެ. ފޮޓޯތައް ބަދަލުވާގޮތަށް ސްލައިޑް ޝޯއެއް ތައްޔާރުކޮށްލާފައި، ޑިޖިޓަލް ފޮޓޯ ފްރޭމެއް ފަދައިންނެވެ. ދެން ދުވަސް ދުވަސް ކޮޅުން ފޮޓޯ ސެޓް ބަދަލު ކޮށްލެވިދާނެއެވެ. ގެއަށް އަންނަ މެހެމާނުންނަށް އާއިލާގެ މުހިއްމު ފޮޓޯތައް ދައްކާލުމަށް މިއީ ހާއްސަ ގޮތަކަށް ވެދާނެއެވެ.
2. ނިދުމާއި ހޭލުމުގެ އެހީއަކަށް
ބައު ފޯނެއް ދާއިމީކޮށް ނިދުމާއި ހޭލުމުމުގައި އެހީއަކަށް ބޭނުންކޮށްލުން ކިހިނެއްވާނެ ހެއްޔެވެ. ނިދިން ހޭލުމަށް އެހީއަކަށް އާންމުކޮށް ގިނަ ފަރާތްތަކުން އެލާމް ސެޓް ކުރުމަށް މޯބައިލް ޑިވައިސްތައް ބޭނުންކުރެއެވެ. އެހެން ނަމަވެސް ބައު ޑިވައިސްއެއް މިކަމަށް ހާއްސަކޮށް އެލާމްގެ އިތުރުން އެހެނިހެން ގޮތްގޮތުން ނިދުމަށާއި ހޭލުމަށް އެހީއަކަށް ބޭނުންކުރެވިދާނެއެވެ.
ނިދުމަށް ފަސޭހަކަށް ތައްޔާރުކޮށްފައިވާ މިޔުޒިކާއި ރާގުފަދަ އަޑުއެހުމަށް pzizz ކަހަލަ އެޕެއް އިންސްޓޯލްކޮށްލައިގެން ބޭނުންކުރެވިދާނެއެވެ. ނުވަތަ އެލާމް ވެސް އިތުރަށް ޝައުގުވެރި ކޮށްލެވިދާނެއެވެ. މިސާލަކަށް ކެރޮޓް އެލާމް ފަދަ އެޕަކުން އެލާމްގެ އަޑު މަޖާ ޑައިލޮގަކަށް ނުވަތަ ލަވައަކަށް ބަދަލުކޮށްލާ އާދަޔާ ހިލާފު އެލާމް ސިސްޓަމަކަށް ބޭނުންކުރެވިދާނެއެވެ.
3. ގޭގެ ސެކިޔުރިޓީއަށް
ބޭނުން ނުކުރާ ބައު ފޯނެއް އޮތްނަމަ، ގޭގެ ރައްކާތެރިކަމަށް ސެކިޔުރިޓީ ކެމަރާއެއް ގޮތަށް ބޭނުންކޮށްލުން ވާނީ ވަރަށް ފައިދާހުރި ކަމަކަށެވެ. އަލްފްރެޑް ނުވަތަ ޕްރެސެންސް ފަދަ ސެކިޔުރިޓީ ކެމެރާ އެޕެއް، ބައު އަދި މިހާރު ބޭނުން ކުރާ ޑިވައިސްއަށް އިންސްޓޯލް ކުރުމަށްފަހު، ބައު ފޯނު ގޭގެ ބޭނުންވާ ދިމާލެއްގައި ހަރުކޮށްލާށެވެ. މީގައި މުހިއްމު ވާނީ ޑިވައިސްއަށް ދާއިމީކޮށް ކަރަންޓް ލިބޭ ގޮތަކަށް ބެހެއްޓުމެވެ. އެއަށް ފަހު އާންމުކޮށް ގެންގުޅޭ ސްމާޓް ފޯނުން އެޕަށް ވަދެ، ގޭގައި ނޫޅޭ ވަގުތުގައި ވެސް ބައު ޑިވައިސް ބޭނުންކޮށްގެން ގޭގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި އެހީތެރިއަކަށް ވާނެއެވެ.
4. ބޭބީ މޮނިޓަރެއް ގޮތަށް
ބައު ފޯނެއް ނުވަތަ ޓެބްލެޓެއް ފަސޭހައިން ބޭބީ މޮނިޓަރަކަށް ބަދަލުކޮށްލެވިދާނެއެވެ. މިކަމަކަށް ހާއްސަ ކުރެވޭ އެޕެއް ފޯނަށް އިންސްޓޯލްކުރުމަށް ފަހު، ސެކިޔުރިޓީ ޑިވައިސްއެއް ފަދައިން ދަރިފުޅު ފެންނާނެ ގޮތަށް ކޮޓަރީގެ ތަނެއްގައި ސެޓްކޮށްލާށެވެ. އަދި ވައިފައި އާއި ގުޅިފައިވާ އެހެން ޑިވައިސްއަކުން އެ ޑިވައިސްއަށް އެކްސެސް ކުރެވިދާނެއެވެ. ޑޯމީ ކަހަލަ އެޕެއް ބޭނުންކޮށްގެން އަޑާއި ވީޑިއޯ ލިބޭނެ ގޮތަށް ސެޓް ކުރައްވާށެވެ. މިފަދަ އެޕަކުން ދަރިފުޅު ހޭލައިގެން އަޑެއް ލައްވާލައިފި ނަމަވެސް ފަސޭހައިން ތިމާ ގެންގުޅޭ މޯބައިލްއަށް އެލަރޓް އަންނަ ގޮތް ހެދޭނެއެވެ. އަދި ތިމާގެ އަޑު ދަރިފުޅަށް އިވޭނޭ ގޮތަށްވެސް ސެޓަޕް ހަދާލެވޭނެއެވެ.
5. އީބުކް ރީޑަރއަކަށް
ފޮތް ކިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން އައު އީބުކް ރީޑަރެއް ހޯދުމުގެ ބަދަލުގައި ފޮތް ކިޔުމަށް ހާއްސަކޮށް ބައު މޯބައިލް ޑިވްއިސެއް ބޭނުން ކޮށްލެވިދާނެއެވެ. އެމޭޒަން ކިންޑްލް ފަދަ އީބުކް ރީޑަރ އެޕެއް އިންސްޓޯލް ކޮށްލުމަށް ފަހު، ބޭނުންވާ ފޮތާއި ކޮމިކްތައް ކިޔުމަށް ހާއްސަކޮށްލެވިދާނެއެވެ.
ކުޑަކުދިންނަށްވެސް ފޮތް ކިޔުމަށް ބާރު އުޅުމުގެ ގޮތުން ވަކި ޑިވައިސެއް އެކަމަށް ހާއްސަކޮށްލުން ރަނގަޅެވެ. ފޮތް ކިޔުމަށް ބޭނުންކުރާ އެޕެއް އިންސްޓޯލްކުރުމަށް ފަހު ކުދިންނަށް އަމިއްލަ އަށް ކިޔުމަށް ނުވަތަ ބެލެނިވެރިންނާއެކު ކިޔުމަށްވެސް ބޭނުން ކުރެވިދާނެއެވެ. އެޕިކް އަދި އެންޑްލެސް ރީޑަރ ފަދަ އެޕްތަކަކީ ކުޑަ ކުދިންނަށް ހާއްސަކުރެވޭ ޑިޖިޓަލް ފޮތް ލިބޭ ބައެއް އެޕްތަކެވެ.
6. ރިމޯޓް ކޮންޓްރޯލަކަށް
ރިމޯޓް ކޮންޓްރޯލް ގެއްލިގެން އުޅެންޖެހުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެއްކަން ޔަގީނެވެ. މިފަދަ ހާލަތުގައި އައު ރިމޯޓެއް ގަތުމުގެ ބަދަލުގައި ބައު މޯބައިލް ޑިވައިސެއް ރިމޯޓަކަށް ބަދަލުކޮށްލުން ކިހިނެއް ވާނެތޯއެވެ. ގޭގައި ބޭނުންކުރާ ސްމާޓް ޑިވައިސްތަކާއި، އިންޓަރނެޓައި ގުޅިފައިވާ ޓީވީ ފަދަ ތަކެއްޗަކީ މިހާރު ފަސޭހައިން އެޕަކުން ކޮންޓްރޯލް ކުރެވޭ ޑިވައިސްތަކެވެ. އެހެންކަމުން ބައު ފޯނެއް ޔުނިވަރސަލް ރިމޯޓް ކޮންޓްރޯލަކަށް ބަދަލުކޮށްލެވިދާނެއެވެ. އެމޭޒަން، އެޕަލް، ގޫގުލް، އެލްޖީ، ސެމްސަންގ ފަދަ ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ޑިވައިސްތަކުގައި ބޭނުންކުރާ ރިމޯޓް ކޮންޓްރޯލް އެޕަކީ ފަސޭހައިން ޑައުންލޯޑް ކުރަން ލިބޭ އެޕްތަކެވެ. ބޭނުންވާ ހާރޑްވެއަރއާއި ކޮމްޕެޓިބަލް އެޕް، ބައު ޑިވައިސްއަށް އަޅާލައިގެން ރިމޯޓް ކޮންޓްރޯލެއް ގޮތަށް ހާއްސަ ކޮށްލާށެވެެ.
7. ވަޔަލެސް ވެބްކެމްއެއް ގޮތަށް
ޑެސްކްޓޮޕް ކޮމްޕިޔުޓަރުގައި ބޭނުންކުރާނެ ވެބްކެމެއް ނެތްނަމަ ނުވަތަ ލެޕްޓޮޕްގެ ކެމެރާ ހަލާކުވެފައިވާނަމަ، ބައު ސްމާޓް ފޯނެއް ވެބްކެމްއަކަށް ބަދަލުކޮށްލެވިދާނެއެވެ. ޑްރޮއިޑްކެމް ނުވަތް އެޕޮކް ކެމް ފަދަ ހިލޭ ލިބެން ހުންނަ އެޕެއް ބައު ޑިވައިސަށް އިންސްޓޯލް ކޮށްލާށެވެ. ދެން މުހިއްމު ވާނީ ރީތިކޮށް ވީޑިއޯ ފެންނަ ގޮތަކަށް ޑިވައިސް ޓްރައިޕޮޑެއް ފަދަ އެއްޗެއްގައި ހަރުކުރުމެވެ. ޓްރައިޕޮޑެއް ނެތްނަމަ ވެސް ސްޓޭބަލް ގޮތަކަށް ޑެސްކްޓޮޕް ސިސްޓަމްގެ މަތީގައި ނުވަތަ މޭޒުމަތީގައި ބެހެއްޓުމަށް ފަހު، ސެލްފީ މޯޑުގައި ބަހައްޓައިގެން ބޭނުންކުރެވޭނެއެވެ.
މިފަދަ އެތަށް ގޮތަކަށް ބައު ޑިވައިސް ބޭނުން ކުރެވިދާނެއެވެ. މިފަދަ ގޮތަކަށް ފޯނު ބަދަލު ކުރިނަމަވެސް (އަދި ނުކުރިނަމަވެސް)، ބޭނުންކުރެވޭ ފެންވަރުގައި އޮތް ފޯނެއް އެމަރޖެންސީ ހާލަތެއްގައި ބޭނުންކުރުމަށް ބޭއްވުމަކީވެސް ރަނގަޅު ޚިޔާލެކެވެ.
އިތުރަށް ކިޔާލުމަށް
ސެމްސަންގް ގެ ބާ ފޯނުތައް އައި.އޯ.ޓީ ޑިވައިސް ތަކަކަށް
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް