ކްލައުޑް ކޮމްޕިއުޓިން އާއި ގުޅޭ އުސޫލުތަކެއް އުފައްދައިފި

އިސްމާއިލް އަލީ 09 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމޭޒަން، ގޫގަލް އަދި މައިކްރޯސޮފްޓް ގުޅިގެން ހުކުރުދުވަހު ވަނީ ކްލައުޑްގައި މައުލޫމާތު ރައްކާކޮށް ޕްރޮސެސްކުރާ ކުންފުނިތަކަށް އަމާޒުކޮށް އުފައްދާފައިވާ އުސޫލުތަކެއް އާންމުކޮށްފައިއެވެ. އެގޮތުން މިއުސޫލުތަކުގެ ދަށުން މިކުންފުނިތަކަށް ލިބިދޭ ރައްކާތެރިކަމާއި އެކުންފުނިތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި ޔަގީންކަން ބަޔާންކުރެވިފައިވެއެވެ. އެގޮތުން މި 3 ކުންފުންޏާއިއެކު އިތުރު ކުންފުނިތަކެއްވެސް ވަނީ ކަސްޓަމަރުންގެ މައުލޫމާތާއި ސަރުކާރުތަކުން ހަދާފައިވާ ގަވާއިދުތަކާއި އަދިވެސް ކްލައުޑް ކޮމްޕިއުޓިން އާއިގުޅޭ އެހެނިހެން އުސޫލުތަކަކަށް އެއްބަސްވެފައިއެވެ.

ޓްރަސްޓެޑް ކްލައުޑް ޕްރިންސިޕަލްގެ ނަންދީފައިވާ މި ޕްރޮގްރާމްގެ ދަށުން ސަރުކާރުތަކާއިއެކު މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަން ޔަގީންކުރުމަށާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ކްލައުޑްގައި ރައްކާކުރެވިފައިވާ ޒާތީމައުލޫމާތާއި އެހެނިހެން މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރެވިގެންދާނެކަމަށް މި ޕްރޮގްރާމާއި ބެހޭގޮތުން މައިކްރޯސޮފްޓުން ލިންކްޑްއިންގައި ވަނީ ހާމަކޮށްފައިއެވެ.

މި އުސޫލުތައް ބަޔާންކުރާ ގޮތުގައި މަދު ހާލަތެއްގައި މެނުވީ ސަރުކާރުތަކުން ފުރަތަމަ މަޝްވަރާކުރަންޖެހެނީ މިކުންފުނިތަކުގެ ކަސްޓަމަރުންނާއިއެވެ. މީގެ އިތުރުން ކަސްޓަމަރުންގެ ޑޭޓާއާއި ގުޅޭ ހުރިހާ މައުލޫމާތެއް އެފަރާތާއި ހިއްސާކުރެވެން ޖެހޭނެކަމަށާއި، މިކުންފުނިތަކަށް އެކުންފުނިތަކުގެ ކަސްޓަމަރުންގެ ޑޭޓާ ރައްކާތެރިކުރުމުގެ ހައްގު ލިބިދޭން ޖެހޭނަކަމަށްވެސް މި އުސޫލުތަކުގައިވެއެވެ. މީގެ އިތުރުން ސަރުކާރުތަކުން އެއްގައުމުން އަނެއްގައުމަށް ޑޭޓާ ފޮނުވުމަށް ހުރަސްއަޅައިގެން ނުވާނެކަމަށާއި ގާނޫނީ ފުށުއެރުންތަކަށް ހައްލު ހޯދައިދޭންޖެހޭނެ ކަމަށްވެސް ޓްރަސްޓެޑް ކްލައުޑް ޕްރިންސިޕަލްސްގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލުތައް އާންމުކޮށްފައިވާ ދަނޑިވަޅަކީ ކުންފުނިތަކާއި ސަރުކާރުތަކުން މައުލޫމާތު ރައްކާކުރެވިފައިވާ ތަންތަނާއި، މައުލޫމާތު ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެ ހާލަތްތަކާއި އަދިވެސް ކްލައުޑް ކޮމްޕިއުޓިންއާއި ގުޅޭ އެކި މައްސަލަތައް ހައްލުކުރާނެގޮތާއި މެދު ބަހުސްކުރަމުންދާ ދަނޑިވަޅެކެވެ.

އެމޭޒަން، ގޫގަލް އަދި މައިކްރޯސޮފްޓް ގުޅިގެން މިފަދަ މަސައްކަތެއް ފަށާފައިވާއިރު ފާހަގަކޮށްލެވޭ ކަމަކީ މި 3 ކުންފުންޏަކީ ކްލައުޑް ކޮމްޕިއުޓިންގެ ދާއިރާގެ އެންމެ ކުރީގައި އުޅޭ ކުފުނިތައްކަމެވެ. މިދާއިރާގެ އެންމެ ކުރީގައި އެމޭޒަން ވެބް ސާވިސަސް އުޅޭއިރު މައިކްރޯސޮފްޓް އެޒުއާ އަށްފަހު ތިންވަނައިގައި އޮތީ ގޫގަލް ކްލައުޑްއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.