ހަފްތާއަކު 40 ގަޑިއިރު މަސައްކަތްކުރުން މާޒީވެ ހިނގައްޖެ

މުހައްމަދު ރައްޔާން 10 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އޮފީސްތަކާއި ކުންފުނިތަކުގައި ހަފްތާއަކު 40 ގަޑިއިރު މަސައްކަތް ކުރުމުގެ ސަގާފަތް މިހާރު މާޒީވެ ހިނގައްޖެކަމަށް ޑްރޮޕްބޮކްސްގެ އެއް ބާނީ ޑްރޫ ހިއުސްޓަން ހާމަކޮށްފިއެވެ. އެގޮތުން ސީއެންއެންއަށް ދިން ބަސްތީގަތުމެއްގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް މަސައްކަތްކުރާ ގަޑިތަކަށް ބަދަލުތަކެއް އަތުވެއްޖެނަމަ މުވައްޒަފުންނަށް މިހާރު ވަޒީފާ އަދާކުރުމަށް ކުރަންޖެހޭ ދަތި އުނދަގޫ ދަތުރުތައް ހުއްޓުމަކަށް އަންނާނެއެވެ. އަދި މިކަމުގެ ސަބަބުން އެމީހުނަށް އެމީހުންގެ ވަގުތު ރަނގަޅުގޮތުގައި އަތުރާލުމަށް ފުރުސަތު ލިބިގެންދާނެކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ކޮރޯނާވައިރަސް ޕެންޑަމިކްއާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވި ގޮންޖެހުންތަކާއިއެކު ވަޒީފާތަކަށް އައިބަދަލުތައް އެގޮތުގައި ދެމެހެއްޓުމަށް މޯބައިލް އަދި ކްލައުޑް ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ހަފްތާއަކު 40 ގަޑިއިރު ވަޒީފާ އަދާކުރުމަކީ ފެކްޓްރީތަކުގައި މަސައްކަތްކުރި އިރުގެ ކަމެއްކަމަށާއި މިހާރު މަސައްކަތު މާހައުލަށް ވެގެންދާނީ އެމީހާކު މަސައްކަތްކުރާ ކޮންމެ ތަނެއްކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މަސައްކަތްކުރާ ދުވަސްތަކާއި ވަގުތުތައް ވެގެންދާނީ ކޮންމެ މުވައްޒަފަކަށްވެސް ތަފާތު އަދި އެމީހަކަށް ފަސޭހަ ވަގުތަކާއި ދުވަހެއްކަމަށްވެސް އޭނާ ހާމަކޮށްފައިވެއެއެވެ.

ހަމައެއާއިއެކު ރިމޯޓްކޮށް މަސައްކަތްކުރުން އިތުރުވުމާއިއެކު ކުންފުނިތަކަށް މިހާރަށްވުރެ ގާބިލު މުވައްޒަފުން އެކިތަންތަނުން ހޯދޭނެކަމަށް ގަބޫލުކުރާކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން ހިއުސްޓަން ހާމަކޮށްފައިވާ ގޮތުގައި ކުންފުނިތަކުގައި މަސައްކަތްކުރާ މެނޭޖަރުންނަކީ އެމީހުންގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަކީ އަބަދު މޮނީޓާނުކޮށްވެސް މަސައްކަތްކުރުވަން އެނގޭ ގާބިލުފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ.

ޕެންޑަމިކްއާއެކު ގިނަބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން އެމީހުންގެ މަސައްކަތްތަކަށް އިތުރު ލުޔެއް ލިބި މަސައްކަތްކުރުމުގައި މިނިވަންކަން ލިބިގެންދިޔައެވެ. މީގެއިތުރުން އަމިއްލަކަންކަން ކުރުމަށް ވަގުތު ހޯދުމަށް ފަސޭހަވިކަމަށްވެސް ގިނަބަޔަކުވަނީ އެއްބަސްވެފައިއެވެ. މީގެ އިތުރުން ރިމޯޓްކޮށް މަސައްކަތްކުރުމާއިމެދު ގޮތެއްނުނިންމައި ނުވަތަ ނުބައި ތަސައްވުރެއްހުރި ވަޒީފާދޭ ފަރާތްތަށްވެސް މިހާރުވަނީ މިކަމާއިދެކޭގޮތް ބަދަލުކޮށްފައިއެވެ.

އެގޮތުން ގިނަކުންފުނިތަކުން ހަފްތާއަކު 5 ދުވަހު އޮފީހަށް ހާޒިރުވެ މަސައްކަތްކުރުމަށް ބޭނުންނުވާ އެކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި ހައިބްރިޑްކޮށް މަސައްކަތްކުރުމަށް ނިންމާފައިއެވެ. ނަމަވެސް އިކޮނޮމިސްޓުން ގަބޫލުކުރާ ގޮތުގައި މިކަމުގެ ފާއިދާ ބޮޑަށް ލިބިގެންދާނީ ކޮމްޕިއުޓާ ޕްރޮގްރާމަރުންނާއި އެކައުންޓަންޓުން ފަދަ ވަޒީފާތައް އަދާކުރާފަރާތްތަކަށެވެ.

ހިއުސްޓަން ސީއެންއެންއާއި ވާހަކަދައްކަމުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އަދިވެސް ކުންފުނިތަކަށް އެމީހުންގެ މުވައްޒަފުން ލައްވައި ވަޒީފާ އަދާކުރާނެ ގޮތްތަކެއް ނިންމުމަށް ދުވަސްތަކެއް ނަގާނެއެވެ. އަދި މުވައްޒަފުންނާއި ވަޒީފާދޭފަރާތްތަކުގެ މެދުގައި ހެދޭ ކޮންޓްރެކްޓްތަކާއިމެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭކަމަށްވެސް އޭނާވަނީ ހާމަކޮށްފައިއެވެ.

ހިއުސްޓަން ޑްރޮޕްބޮކްސް އުފައްދާފައިވަނީ 2007 ވަނަ އަހަރުގައިއެވެ. އޭނާއަކީ ސެޕްޓެމްބަރު މަހު ސީއެންއެންއިން ޕެންޑަމިކްގައި ކުންފުނިތަކަށް ދަސްވިކަންކަމާއި ބެހޭގޮތުން އިންޓަވިއުކުރި 15 ސީއީއޯއިންގެ ތެރެއިން އެކެކެވެ. 2020 ވަނަ އަހަރު އޭނާވަނީ ޑްރޮޕްބޮކްސްގެ މުވައްޒަފުން އެއްކޮށް ރިމޯޓްކޮށް މަސައްކަތްކުރަން ނިންމާފައިވާކަން ހާމަކޮށްފައިއެވެ.

އިތުރަށް ކިޔާލުމަށް :

ވޯކް ފްރޮމް ހޯމް ހަނދާން ނައްތާލަންވީތަ؟

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.