ސްމާޓް އައިނު އެންމެ ފުރަތަމަ މާކެޓުގައި ފެނުނީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ތަޢާރަފް ކުރެވުނު ފަހުން ދެތިން އަހަރަކު ފޯރިހިފާލާފައި އޭގެ މަގްބޫލުކަން ދިޔައީ ކުޑަވެގެންނެވެ. އޭރު ބައެއް މީހުން ބުނި ގޮތުގައި ސްމާޓް ގްލާސް ޓެކްނޮލޮޖީ އެހިސާބުން އެނިމުނީއެވެ. އަނެއްބަޔަކު ބުނި ގޮތުގައި މި ޓެކްނޮލޮޖީ މިއައީ އޭގެ ޒަމާނަށް ވުރެ މާކުރިންނެވެ. އަދި މިޓެކްނޮލޮޖީގެ ކުރިއެރުންތައް އަދި އަންނަން އޮތީއެވެ.
ފަހަކަށް އައިސް އަނެއްކާވެސް މިޓެކްނޮލޮޖީގެ ވާހަކަތައް ވަނީ އިތުރުވެފައެވެ. މިޓެކްނޮލޮޖީގެ ކުރިއެރުންތަކެއް މިހާރު ދަނީ އަންނަމުންނެވެ. އަދި މިހާރު މީހުން މިފަދަ ޓެކްނޮލޮޖީ ބަލައިގަތުމުގެ ޗާންސް ކުރިއާއި އަޅާބަލާފައި ބޮޑެވެ. އެހެން ނަމަވެސް ކުރެވޭ ސުވާލަކީ މިފަހަރު ވާނީ ކިހިނެއްބާއެވެ.
ސްމާޓް އައިނު ފެއިލްވީ ކީއްވެ؟
އެންމެ ފުރަތަމަ އެ އުފެއްދުނު އިރު މާކެޓްގައި މިބާވަތުގެ ޓެކްނޮލޮޖީއިން ލީޑް ކުރީ ގޫގުލްގެ ގޫގުލް ގްލާސްއެވެ. ލޯންޗުކުރަން އުޅޭ ޚަބަރާއެކު މީހުން ތިބީ އެކަމަށް ވަރަށް ފޯރީގައި އިންތިޒާރުކޮށްގެންނެވެ. އެއީ އެއްބަޔަކު އުންމީދު ކުރި ފިއުޗިރިސްޓިކް ކުރިއެރުމެކެވެ. އެހެންނަމަވެސް ލޯންޗުކުރުމާއެކު، އައިނު ވިއްކުމަށް ކަނޑައެޅުނު ފަރާތްތައް ލިމިޓް ކުރުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ގޫގްލު ގްލާސްއަށް ލިބުނެވެ.
އޭގެ ފަހުން ބޭނުންވާ ހުރިހާ ކަސްޓަމަރުންނަށް ވިއްކަން ފެށުމުން އަދި އޭގެ އިތުރު މައްސަލަތައް ފެންމަތިވާން ފެށިއެވެ. އިޝްތިހާރު ކުރެވުނީ މިގްލާސްއަކީ އަސްލު އޯގްމެންޓެޑް ރިއަލިޓީ (އޭއާރް) ތަޖުރިބާ ކުރެވޭ ގްލާސްއެއްގެ ގޮތަށެވެ. އެހެން ނަމަވެސް ވީ އެގޮތަކަށް ނޫނެވެ. އަސްލު މިޑިވައިސް ފެނުނީ އެހެނިހެން ސްމާޓް ޑިވައިސް ފަދައިން ހަމައެކަނި ނޮޓިފިކޭޝަންތަކާއި، މޫސުމާބެހޭ އަދި އެހެނިހެން މަޢުލޫމާތުތައް ދައްކާ ޑިވައިސެއް ގޮތަށެވެ. ހީކުރިހާ ފިއުޗިރިސްޓިކެއް ނުވިއެވެ.
ގޫގުލް ގްލާސްގައި ކެމެރާއެއްވެސް ހިމެނުނެވެ. މިފީޗަރއަކީ އޭގެ މުހިއްމު ބައެކެވެ. އެހެން ނަމަވެސް ކެމެރާއިން ފެންނަ ވީޑިއޯގެ ކޮލިޓީ ވަރަށް ދަށެވެ. އެއާއި އަޅާބަލާފައި އޭރު މާކެޓްގައި ހުރި ސްމާޓް ފޯނަކުން އެތަށް ގުނައެއް ރަނގަޅު ކޮލިޓީގައި ފޮޓޯއާއި ވީޑިއޯ ބަލާލެވެއެވެ. އަދި ފަސޭހައިން ސޯޝަލް މީޑިއާއާއި އިންޓަގްރޭޓްކޮށްލެވޭ ޑިވައިސްތައް މާކެޓްގައި ހުއްޓެވެ.
ދެން ދިމާވި އަނެއް މައްސަލައަކީ މިފަދަ އައިނެއްގެ އަގެވެ. ކުރެވޭ ބޭނުމަށް ބަލާފައި ގޫގުލް ގްލާސްއަކީ ސްމާޓް ފޯނަކާއި އަޅާބަލާފައި ދެރަ އަދި ބޭނުންކުރަން އުނދަގޫ ޑިވައިސްއެކެވެ. އެހެން ނަމަވެސް ޑިވައިސްގެ އަގު އެތަށް ގުނައެއް ބޮޑުވުމުގެ ސަބަބުން ގިނަބަޔަކު ހިޔާލު ފާޅުކުރި ގޮތުގައި އެއީ ބޭކާރު ހަރަދެކެވެ.
ޑިވައިސްއާއި ގުޅުން ހުރި އިޖުތިމާޢީ މައްސަލަތަކެއްވެސް ކުރިމަތިވިއެވެ. ސްމާޓް އައިނު ބޭނުންކޮށްގެން މީހުންނަށް ނޭގި އެމީހުން ކުރާ ކަންތައްތައް ރެކޯޑު ކުރެވިދާނެކަމުގެ ކަންބޮޑުވުންތައް ގިނަވިއެވެ. މީހުން އެއްވާ ރެސްޓޯރަންޓް ފަދަ ބައެއް ތަންތަނުގައި ސްމާޓް ގްލާސް ބޭނުންކުރުން މަނާވެސް ކުރިއެވެ. ސްމާޓް އައިނާއި ގުޅުވައިގެން ރައްކާތެރިކަމާއި ގުޅޭ ކަންބޮޑުވުންތަކެއްގެ ގިނަ ވާހަކަތަކެއް ވާހަކަތަކެއް އެދުވަސްވަރު ދެކެވުނެވެ. މިފަދަ އެތަށް ކަމަކާއި ގުޅިގެން އާންމުންގެ މެދުގައި ސްމާޓް އައިނުގެ މަގުބޫލުކަން ދިޔައީ ގެއްލިގެންނެވެ.
ސްމާޓް ގްލާސް ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތައް
މައިކްރޮސޮފްޓުން އުފައްދާފައިވާ ހޮލޯލެންސްގެ ކުރީގެ ވަރޝަނަށް ބަދަލުތަކެއް ގެނެސް މިހާރު ވަނީ އައު ފީޗަރސްތަކެއް ހިމަނައިގެން އައު ވަރޝަނެއް އުފައްދާފައެވެ. ހޮލޯލެންސް 2 ޑިޒައިން ކުރެވިފައިވަނީ، ސިއްހީ ދާއިރާ، ރޮބޮޓިކްސް އަދި ކެމިސްޓްރީ ފަދަ ދާއިރާގެ އެކި މަސައްކަތުގެ އެޕްލިކޭޝަންތަކުގައި ބޭނުން ކުރެވޭގޮތަށެވެ. މިޑިވައިސް ސްމާޓް ގްލާސް މާކެޓަށް ނެރެވިގެން ގޮސްފިނަމަ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ފޭސްބުކްއިން ވެސް ދަނީ ޓެކް ދާއިރާގެ ސްމާޓް ގްލާސް ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ފާޅުކޮށް ބައެއް މަސައްކަތްތައް ކުރަން ފަށާފައެވެ. ދާދި ފަހަކުން ފޭސްބުކްއިން ވަނީ އައިނު އުފައްދާ ކުންފުނި ރޭބަންއާއި އެކު ޕާރޓްނަޝިޕެއްގެ ދަށުން މިފަދަ ޕްރޮޖެކްޓެކް ފަށާފައެވެ. ފޭސްބުކްއިން ވެސް ބޮޑަށް ފޯކަސް ކުރަމުންދަނީ އޯގްމެންޓެޑް ރިއަލިޓީއާއި ދިމާލަށް ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ. ނެވިގޭޝަންއާއި ސޯޝަލް މީޑިއާ އެޕްތަކާއި އިންޓަރގްރޭޓް ކުރެވުން ފަދަ ފީޗަރސްއަކީ މީހުން ޝައުގުވެރިވެދާނެ ބައެއް ފީޗަރސްތައްކަމަށް ލަފާކުރެވެއެވެ. އެހެން ނަމަވެސް ފޭސްބުކްއާއި ދޭތެރޭގައި އާންމުން ދެކޭގޮތާއި ކުންފުނީގެ ނެގަޓިވް އިމޭޖްގެ ސަބަބުން އެކުންފުންޏަށް އަނެއްކާވެސް މީހުންގެ އާންމު ދިރިއުޅުމާއި ގުޅޭ އިތުރު މަޢުލޫމާތުތަކެއް ދިނުމާމެދު ގިނަ ބަޔަކު ދެވަނަ ވިސްނުމަކަށް ދިއުން އެކަށީގެންވެއެވެ.
ކުރީގެ ގޫގުލް ގްލާސްގެ ޑިޒައިން ކަމުނުދާތީ ގިނަ ބަޔަކު ވަނީ ކޮމެންޓްކޮށްފައެވެ. އެހެންކަމުން ފޭސްބުކްއިން ދައްކާލާފައިވާ އައިނުގެ ޑިޒައިން މީހުންނަށް ކަމުދިޔުން އެކަށީގެންވެއެވެ. ފޭސްބުކްއިން ރޭބަން ކުންފުންޏާއި ޕާރޓްނަރވުމުގެ މަގުސަދަކީ ޑިޒައިންގެ ގޮތުން ސަޅި އައިނެއް އުފެއްދުމެވެ.
ސްމާޓް ގްލާސްގައި ހިމެނޭ އިޖުތިމާޢީ މައްސަލަތައް ހައްލު ކުރުން މުހިއްމު
މިޓެކްނޮލޮޖީ ކިތަންމެ ކުރިއަރާ، ބޭނުންކުރެވޭނެ އެޕްލިކޭޝަން ގިނަ ވެގެން ދިޔަނަމަވެސް، ސްމާޓް އައިނު އުފައްދާ ކުންފުނިތަކުން އަދިވެސް މިޑިވައިސްއާއެކު ކުރިމަތިވެދާނެ އިޖުތިމާޢީ މައްސަލަތަކާ ދޭތެރޭގައި ވިސްނަން ޖެހެއެވެ. އޮރިޖިނަލްކޮށް ގޫގުލް ގްލާސް ފެއިލްވުމާއި އެއަށް ލިބުނު ގިނަ ފާޑުކިޔުމުގެ އަސްލަކީ މިދެންނެވުނު މައްސަލަތަކެވެ. މީހުންގެ ޒާތީ މަޢުލޫމާތުގެ އަދި އަމަލުތަކުގެ ރައްކާތެރިކަމާއިމެދު މީހުން މިހާރު ކުރިއަށް ވުރެ ބޮޑަށް ވިސްނައެވެ.
މިޒަމާނުގައި ސްމާޓް ގްލާސްއެއް ބޭނުންކޮށްގެން ވީޑިއޯ ރެކޯޑް ކުރުމަކީ ހުންނަންޖެހޭ މުހިއްމު ފީޗަރއެކެވެ. އެހެން ނަމަވެސް މިފީޗަރ ހިމަނާއިރު ރިކޯޑް ކުރާމީހާ ރެކޯޑް ކުރާކަން އެނގޭގޮތަށް އައިނު ޑިޒައިން ކުރުން ވަރަށް މުހިއްމެވެ. ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ އެޕްތަކުގައި ސްމާޓް ގްލާސްގެ ރެކޯޑިންގ ފީޗަރއަކީ ފައިދާ ހުރި ގޮތުގައި ބޭނުންކުރެވިދާނެ ފީޗަރއެކެވެ. މީހުން ބަލައިގަންނަ ގޮތަކަށް މިފީޗަރ ޑިވައިސްގައި ހިމެނުމާއި، އެކަން ރަނގަޅަށް އިޝްތިހާރުކުރުމަކީ މިފަދަ ޑިވައިސް ވައިގައި ހިފުމަށް ވަރަށް މުހިއްމު ކަންތައްތަކެވެ.
މުސްތަގްބަލުގައި ސްމާޓް ގްލާސް ޓެކްނޮލޮޖީ
އެކި ފަރާތްތަކުން އެކި ގޮތަށް ދެކުނު ކަމުގައި ވިޔަސް ސްމާޓް ގްލާސް ޓެކްނޮލޮޖީއަކީ މުސްތަގްބަލުގައި އަހަރުމެންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ބައެއް ހިއްސާކުރާނޭ ޓެކްނޮލޮޖީއެކެވެ. މިއީ އަދި އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ނުވެދާނެއެވެ. ސްމާޓް އައިނަކީ މިހާރު އަހަރުމެން ބޭނުންކުރާ އެކި އެކި ޓެކްނޮލޮޖީއާއި އެކުގައި ބޭނުންކުރެވޭނެ ޓެކްނޮލޮޖީއެކެވެ.
ސްމާޓް އައިނުގައި ހިމެނޭ ވީޑިއޯ ރެކޯޑިންގ ފީޗަރއާއިމެދު މީހުން ކަންބޮޑުވުން ފާޅުކުރާ ފަދައިން، 2005 ހާހިސާބުގައި ކެމެރާ ހިމެނޭ ފޯނާއި މެދުވެސް ގިނަ ބަޔަކު ކަންބޮޑުވިއެވެ. އެއީވެސް ހަމަ މީހުންގެ ރައްކާތެރިކަމާ ގުޅުވައިގެންނެވެ. އެހެން ނަމަވެސް ކެމެރާ ފޯނަކީ މިހާރު އަހަރުމެންގެ ދިރިއުޅުގެ ބައެކެވެ. ކުރިއާއި ޚިލާފަށް މިހާރު ގެންގުޅޭ ފޯނުތަކުގެ ކެމެރާ ފީޗަރއަކީ އެތަށް ގުނަ ބާރުވެސް ގަދަ ފީޗަރއެކެވެ. އެހެން ނަމަވެސް މީހުން މިބަލައިގަތް ފަދައިން ސްމާޓް އައިނުގައި ހިމެނޭ ރެކޯޑިންގ ފީޗަރވެސް ބަލައިގަންނާނޭ ކަމުގައި ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އެއީ ވެސް އަހަރުމެންގެ ދިރިއުޅުމުގެ ބަޔަކަށް ވުމަކީ ވަރަށް ގާތްކަމެކެވެ. މީގައިވެސް މުހިއްމު ވަނީ އެކަމުގެ ވަގުތު ޖެހުމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް