ބަދަލުތަކަކާއިއެކު ފާމްވިލް އަލުން ތައާރަފްކުރަން ނިންމައިފި

އިސްމާއިލް އަލީ 12 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކް ވެބްސައިޓް މެދުވެރިކޮށް ފާމްވިލް ކުޅުނު ހަނދާން އެބަހުރިހެއްޔެވެ؟ ޒިންގާއިން ވަނީ އަނެއްކާވެސް އޮންލައިން ގޭމްކުޅޭ ފަރާތްތަކުގެ މެދުގައި އެއްއިރެއްގައި ވަރަށް މަގްބޫލުވެގެންދިޔަ މިގޭމް އަލުން އަނބުރާ ގެނައުމުގެ މަސައްކަތް ފަށާފައިއެވެ. އެގޮތުން މިހާރު އެކުންފުނިން ވަނީ ފާމްވިލް 3 އަށް ޕްރީރެޖިސްޓްރޭޝަން ރަސްމީކޮށް ހުޅުވާލާފައިއެވެ.

ދަނޑުވެރިކަމަށް ބިނާކޮށް ޒިންގާއިން އުފައްދާފައިވާ ފާމްވިލް 3 ގައި 150 އަށްވުރެ ގިނަ ޖަނަވާރުގެ ބާވަތްތަށް ހިމެނޭނެއެވެ. މީގެ އިތުރުން މިގޭމްތެރޭގައި ހިމެނޭ ތަފާތު އައު ފާމްހޭންޑްސް މެދުވެރިކޮށް ދަނޑަށް ބޭނުންވާ ބަދަލުތައް ގެނެސް އެމީހާކު ބޭނުންވާ ގޮތަކަށް ދަނޑުހެއްދޭނެއެވެ.

ޒިންގާއިން ފާމްވިލް 3 ގެ ޕްރީރެޖިސްޓްރޭޝަން ހުޅުވާލަމުން ހާމަކޮށްފައިވާ ގޮތުގައި މީގެ 12 އަހަރުކުރިން ފުރަތަމަ ތައާރަފްކުރެވުނު ފާމްވިލް 700 މިލިއަނަށްވުރެ ގިނަ ފަހަރު ވަނީ އިންސްޓޯލްކުރެވިފައިއެވެ. މީގެއިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިގޭމް އަލުން ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންދާއިރު މިފަހަރު ގޭމުގައި ހިމަނާފައިވާ ބަދަލުތަކަކީ މިގޭމް ކުޅުނު ފަރާތްތަކުން ބޭނުންވާ ބަދަލުތަކާއި އަދި އަލަށް ގޭމްކުޅޭނެ ފަރާތްތައްވެސް ބަލައިގަންނާނެ ބަދަލުތަކެކެވެ.

ފާމްވިލް 3 ގައި އެގޭމްގައި އެންމެ މަޝްހޫރުވެގެން ދިޔަ ޝަހުސިއްޔަތުކަމަށްވާ މަރީ އަލުން ގޭމްކުޅޭ ފަރާތްތަކާއި ބައްދަލުކުރާނެއެވެ. އެގޮތުން އަލަށް ވަންނަ ފަރާތްތަކަށް މަރުހަބާކިޔުމާއި ދަނޑު ހައްދާނެ ގޮތުގެ އިރުޝާދު މިގޭމްގައި ދޭނީ މަރީއެވެ. މީގެ އިތުރުން ތަފާތު 30 ފާމްހޭންޑްސް މަރީ އާއިއެކު ފެނިގެންދާނެއެވެ. އެގޮތުން މި ޝަހުސިއްޔަތުތަކަކީ މަސްބޭނުމައި، ކެއްކުމާއި، ވަޑާމުގެ މަސައްކަތްފަދަ ދަނޑުވެރިއަކަށް ބޭނުންވާ ތަފާތުއެކި ހުނަރުތައް ހުންނާނެ ފަރާތްތަކެވެ. މީގެ އިތުރުން ފާމްވިލް 3 ގައިވަނީ މޫސުން ބަދަލުވާ ފީޗާއެއްވެސް ހިމަނާފައިއެވެ. މީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަށް ލަފާކޮށް އެކި މޫސުމާއި އެންމެ އެކަށީގެންވާ ތަކެތި ހެއްދުމާއި މަސްވެރިކަން ކުރުމުގެ ފުރުސަތު މިގޭމްކުޅޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ޒިންގާއިން މި ގޭމް ޕްރީރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވާއިރު އެކުންފުނިން ވަނީ މިގޭމްގެ ޓްރެއިލާވެސް އާންމުކޮށްފައިއެވެ. މިގޭމް އެންޑްރޮއިޑް، ކޮމްޕިއުޓަރު އަދި އެޕަލް ޑިވައިސްތަކަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގައިއެވެ.


އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.