ވިޒިޓް މޯލްޑިވްސް ހެކަތޯން ގައި ބައިވެރިވުމަށް ހުޅުވާލައިފި

އަޙްމަދު ދާއޫދު 02 މާރިޗު 2025

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތު ތަރައްޤީކޮށް ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށްޓަކައި "ވިޒިޓް މޯލްޑިވްސް ހެކަތޯން" ލޯންޗުކޮށް ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ފެބްރުއަރީ 27, 2025 ލޯންޗްކުރި މި ހެކަތޯނަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް ޒަމާނީކޮށް، ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް އައު ފުރުޞަތުތައް ހޯދައިދިނުމަށް ބާއްވާ 48 ގަޑިއިރުގެ ޚާއްޞަ ހަރަކާތެކެވެ.

ވިޒިޓް މޯލްޑިވްސް ހެކަތޯން ލޯންޗްކޮށްދެއްވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ވިދާޅުވީ، "މި ހެކަތޯނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް އުއްމީދުކުރެވޭ މުހިންމު މަސައްކަތެއް" ކަމަށެވެ. އަދި މި ކަހަލަ މުބާރާތްތަކުން ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ފާހަގަކުރެވި، އެ ފަރާތްތަކުގެ ޚިޔާލުތައް ތަންފީޒުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ހެކަތޯންގެ މައިގަނޑު ލަނޑުދަނޑިތައް

މި ހެކަތޯންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އައު ޙައްލުތައް ހޯދުމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގ ހަރުދަނާކުރުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް މުއްސަނދިކުރުމަށް ޒަމާނީ ވަސީލަތްތައް ތަޢާރަފުކުރުމަކީ މި ހެކަތޯންގެ މުހިންމު ބައެއްކަމުގައި އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

ހެކަތޯންގެ ޗެލެންޖުތައް

މި ހެކަތޯންގައި ބައިވެރިވާ ފަރާތްތަކަށް މައިގަނޑު ތިން ޗެލެންޖަކުން ކޮންމެވެސް އެއް ޗެލެންޖެއް ޚިޔާރުކުރަން ޖެހޭނެއެވެ. އެއީ:

1. ފަތުރުވެރިންގެ ތަޖުރިބާ މުއްސަނދިކުރުން:

ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމުގައި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވަކިވަކިން ޚާއްޞަކުރެވިފައިވާ އަދި ފަސޭހައިން ލިބެންހުންނަ ޚިދުމަތްތައް ދިނުމުގެ ގޮތްތައް ހޯދުން. ޒަމާނީ ފަތުރުވެރިންގެ ޑިޖިޓަލް ބޭނުންތަކަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ ޙައްލުތައް ހުށަހެޅުން.

2. ޑެސްޓިނޭޝަން މާކެޓިންގ އަލުން ފަރުމާކުރުން:

ޑޭޓާއާއި ކޮމިއުނިޓީ ބައިވެރިވުން ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި މާކެޓްކުރުމަށް އައު ގޮތްތައް ހޯދުން. މީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމާއި، އަސްލު ތަޖުރިބާތައް ޕްރޮމޯޓްކުރުމާއި، ރަށްވެހިންނަށް ފައިދާކުރާނެ ގޮތްތައް ހޯދުން ހިމެނެއެވެ.

3. އޮޓޮމޭޝަނާއި އިންޓެލިޖެންސް:

އާޓިފިޝަލް އިންޓެލިޖެންސްއާއި ސްމާޓް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކުރުން. މީގެ ތެރެއިން ސީޒަނަލިޓީގެ ގޮންޖެހުން ހައްލުކުރުމާއި، މަސައްކަތްތެރިންގެ އޮޕްޓިމައިޒޭޝަން އިތުރުކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުން ހިމެނެއެވެ.

ކޮން ބަޔަކަށް ބައިވެރިވެވޭނީ؟

މި ހެކަތޯންގައި ބައިވެރިވުމުގެ ފުރުޞަތު 18 އަހަރުން މަތީގެ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ އެންމެހައި ޓެކްނޮލޮޖީ، ދެމެހެއްޓެނިވި ތަރައްޤީ އަދި ފަތުރުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވެއެވެ. ބައިވެރިވާ ކޮންމެ ޓީމެއްގައި 3 އިން 5 މެންބަރުން ހިމެނެންޖެހޭނެއެވެ. ބައިވެރިވުމަށް އެއްވެސް ރަޖިސްޓްރޭޝަން ފީއެއް ނުނަގާނެ ކަންވެސް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

ހެކަތޯންގެ މުހިންމު ތާރީޚުތައް

- 27 ފެބްރުއަރީ 2025: ހެކަތޯން ލޯންޗް ކުރުމާއި ރަޖިސްޓްރޭޝަން ހުޅުވާލުން

- 6 މާރިޗް 2025: ފުރަތަމަ މަޢުލޫމާތު ސެޝަން

- 13 މާރިޗް 2025: ދެވަނަ މަޢުލޫމާތު ސެޝަން

- 7 އޭޕްރިލް 2025: ތިންވަނަ މަޢުލޫމާތު ސެޝަން

- 11 އޭޕްރިލް 2025: ހެކަތޯންގެ ރަޖިސްޓްރޭޝަން ސުންގަޑި

- 12 އޭޕްރިލް 2025: ހުށަހެޅުންތައް އިވެލުއޭޓްކުރުން

- 13 އޭޕްރިލް 2025: ނަތީޖާ އިޢުލާންކުރުން

- 18-20 އޭޕްރިލް 2025: ހެކަތޯން އޮންނަ ތާރީޚް

އިނާމުތަކާއި ފުރުޞަތުތައް

ވިޒިޓް މޯލްޑިވްސް ހެކަތޯންގައި އެންމެ މޮޅު ހުށަހެޅުންތައް ހުށަހަޅާ ޓީމްތަކަށް ޖުމުލަ 100,000 ރުފިޔާގެ މައި އިނާމާއެކު، އިތުރު އެހެނިހެން ސްޕޮންސަރ ކުންފުނިތަކުން ދޭ އިނާމުތައް ލިބިގެންދާނެއެވެ. މީގެ އިތުރުން، މޮޅު ޕްރޮޖެކްޓްތައް ތަރައްޤީކުރުމަށް އެމްއެމްޕީއާރުސީއާއި ޓޫރިޒަމް ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތްކުރުމުގެ ފުރުޞަތުތައް ލިބިގެންދާނެކަމަށް ކުންފުނިން ހާމަކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީން ބުނާގޮތުގައި ރަނގަޅު ޙައްލުތައް ހުށަހަޅާ ޓީމްތަކަށް އެމްއެމްޕީއާރުސީގެ މާކެޓިންގ ކެމްޕޭންތަކުގައި ބައިވެރިވުމުގެ ފުރުޞަތާއި، ޙައްލުތައް ތަރައްޤީކޮށް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ލަފާއާއި އެހީތެރިކަން ލިބިގެންދާނެއެވެ.

ބައިވެރިވުމުގެ ފައިދާތައް

މި ހެކަތޯނުގައި hackathon.visitmaldives.com ބައިވެރިވުމުން ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަން ބިނާކުރުމަށް އެހީތެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ. އަދި އިންޑަސްޓްރީގެ މާހިރުންނާއެކު މަސައްކަތްކުރުމާއި، ހަޤީޤީ ދުނިޔޭގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމާއި، އައު ޓެކްނޮލޮޖީތަކާއި ގުޅުން ބަދަހިކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

ރާއްޖެއިން ބޭރުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހާއްސަ ދަޢުވަތެއް ދެމުން، އެ ފަރާތްތަކަށް ރަސްމީ މުއާމަލާތް ލިބެންދެން ދަތުރުފަތުރުގެ އިންތިޒާމްތައް ނުހެދުމަށް އިރުޝާދު ދީފައިވެއެވެ. ނަމަވެސް، ހެކަތޯންގައި ބައިވެރިވާ ފަރާތްތަކަށް ހުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް އެމްއެމްޕީއާރުސީން އިޢުލާނުކޮށްފައިވެއެވެ.

ވިޒިޓް މޯލްޑިވްސް ހެކަތޯންގެ މެއިން ޕާރޓްނަރ ގޮތުގައި ދިރާގު އަދި ޓެކްނިކަލް ޕާރޓްނަރގޮތުގައި ސްޕާރކްހަބްއެވެ. މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރމަންޓް އަދި އެންސީއައިޓީއިން އެންޑޯރސްކޮށްފައިވާ މިއިވެންޓުގެ ކޯ-ޕާރޓްނަރުންގެ ގޮތުގައި ބީސީސީ އަދި ޕީއެސްއެމް ހިމެނެއެވެ.މި ހެކަތޯންއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މާރިޗް އަދި އޭޕްރިލް މަހުގެ ތެރޭގައި ބޭއްވޭ މަޢުލޫމާތު ސެޝަންތަކުގައި ބައިވެރިވުމަށް ރަޖިސްޓަރކުރެވިދާނެއެވެ.

އިތުރަށް ކިޔާލުމަށް

މޯލްޑިވްސް ޔޫތު ހެކްގެ 1 ވަނަ ޓީމަކަށް "ފަންނުވެރިން"


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.