ޗައިނާގެ ކުންފުނިތަށް ކަމަށްވާ ޝޯމީ އަދި ވާވޭ ކުންފުނީގެ ފޯނުތައް ބޭނުން ނުކުރުމަށް ލިތުއޭނިއާގެ ސަރުކާރުން ގޮވާލައިފިއެވެ. އެގައުމުން މިކަން ހާމަކޮށްފައިވަނީ ޗައިނާގެ ކުންފުނިތަކުން އުފައްދާ 5ޖީ ސްމާޓްފޯނުތަކުގެ ސެކިއުރިޓީއާއި ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހުގައިއެވެ.
އެގޮތުން އެގައުމުގެ ޑިފެންސް މިނިސްޓަރު ވަނީ ޗައިނާގެ މިކުންފުނިތަކުގެ ފޯނުތައް ނުގަތުމަށާއި މިހާރު ބޭނުންކުރާ މި ކުންފުނިތަކުގެ ފޯނުތައް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިއެވެ. މީގެ އިތުރުން އެގައުމުން ކުރިއަށްގެންދިޔަ ދިރާސާއިން ދައްކާގޮތުގައި ޝޯމީގެ ފޯނުތަކަކީ ޗައިނާއާއި ދެކޮޅު ގައުމުތަކާއި ދެކޮޅަށް ޖާސޫސުކުރުމަށް ބޭނުންކުރެވިދާނެ ފޯނުތަކެކެވެ. އެގޮތުން މި ފޯނުތަކުގައި ޗައިނާގެ ސަރުކާރާއި މުވާސަލާތު ކުރެވޭނެ މޮޑިއުލްތަކެއް ހިމެނޭކަމަށް މިދިރާސާއިން ވަނީ ހާމަވެފައިއެވެ. މީގެ އިތުރުން ވާވޭ ކުންފުނީގެ ފޯނުތަކުގެ ސެކިއުރިޓީ ފެންވަރުދަށްކަމުން މަލްވެއާ އިންސްޓޯލްވުމުގެ ފުރުސަތު ބޮޑުކަމަށްވެސް މިދިރާސާއިން ދައްކައެވެ.
މިދިރާސާ ކުރިއަށް ގެންދިޔަ ފަރާތްތަކުން ހާމަކުރާ ގޮތުގައި ޗައިނާގެ ވަންޕްލަސް ފޯނުތަކަކީ ޗައިނާގެ ސަރުކާރަށް ވާގިވެރިވާން މަސައްކަތްކުރާ ފޯނުތަކެއް ނޫނެވެ. މިގޮތަށް ނިންމާފައިވަނީ މި 3 ކުންފުނީގެ ފޯނުތައްވެސް ގިނަ ދުވަސްތަކެއް ވަންދެން ދިރާސާކުރުމަށްފަހުގައިއެވެ. ވާވޭ އަދި ޝޯމީގެ ފޯނުތަކަކީ އެމެރިކާގައި މާ މަގްބޫލު ފޯނުތަކަށްނުވިޔަސް މި ފޯނުތަކަކީ ޔޫރަޕުގައި ގިނައިން ބޭނުންކުރާ ބްރޭންޑްތަކެކެވެ.
މިދިރާސާއިން ޝޯމީގެ ފޯނުތަކުގައި ޗައިނާއާއި ދެކޮޅު ބަސްތައް ސެންސަރުކުރާ މޮޑިއުލްއެއް ހިމެނިފައިވާކަން ހާމަވެފައިވާކަމަށް ލިތުއޭނިއާގެ ސަރުކާރުން ވަނީ ހާމަކޮށްފައިއެވެ. އެގޮތުން މި ފޯނުތަކުގައި "އެމްއައިއެޑްބްލެކްލިސްޓްކޮންފިގް"ގެ ނަންދީފައިވާ ފައިލެއް ގަވާއިދުން އަޕްޑޭޓްވާކަމަށް މިދިރާސާއިން ދައްކައެވެ. މި ފައިލްގައި ހިމެނިފައިވަނީ ޗައިނާ އާއި ދެކޮޅު ބަސްތަކެވެ. އެގޮތުން ފްރީ ޓިބެޓް އަދި ޓައިވާނުގެ މިނިވަންކަމަށް ގޮވާލާ ގޮވާލުންތައް މިފައިލްގައި ހިމެނޭކަމަށް މިދިރާސާއިން ވަނީ ހާމަވެފައިއެވެ. މި ބަސްތަކަކީ ޗައިނާގެ ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން ދައްކަންބޭނުންނުވާ މަންޒަރުތައް ސިފަކޮށްދޭ ބަސްތަކެކެވެ. ޝޯމީ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެކުންފުނިން ޔޫރަޕުގައި ވިއްކާ ފޯނުތަކުގައި ހިމެނޭ ފީޗާއެއް ނޫނެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިފީޗާ އަކީ ރިމޯޓްކޮށްވެސް ހުޅުވާލެވިދާނެ ފީޗާއެކެވެ.
މި ފޯނުތައް ގެންގުޅޭ ފަރާތްތަކަށް އޮތް އެންމެ ބޮޑު ހައްލަކީ އެންޑްރޮއިޑް ފޯނުތަކަށް ހާއްސަ އެންޓިވައިރަސްއެއް ފޯނަށް އިންސްޓޯލްކޮށްލުމެވެ. އަދި މީގެ އިތުރުން ބިލްޓްއިން އެޕްސްޓޯ ނޫން އެޕްސްޓޯތައް ބޭނުންކުރުން ހުއްޓާލުމަކީވެސް ފޯނުތަކުގެ ސަލާމަތީކަންކަން އިތުރަށް ވަރުގަދަކުރެވިދާނެ ކަމެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި