ޓްވިޗް ގެ ބްރީޗް އަކަށް ފަހު ސޯސްކޯޑް އާންމުވެއްޖެ

ޢާއިޝަތު ޝައިހާ 18 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމޭޒަންގެ މިލްކުވެރިކަމުގެ ދަށުގައިވާ ޓްވިޗްގެ އީ-ސްޕޯޓްސްކަށް ޚާއްޞަ މަންސައިގައި މިދިޔަ ހަފްތާގި ދިމާވި ޑާޓާ ބްރީޗްގައި، އެއެޕްލިކޭޝަންގެ ސޯސް ކޯޑާއި ގުޅިފައިވާ ބައެއް ލިޔެކިޔުންތައް އާންމުވެފައިވާ ކަމަށް ބުނެފިއެވެ.

އެހެން ނަމަވެސް، އެއްވެސް ޕާސްވޯޑެއް، ލޮގިން މަޢުލޫމާތުތަކެއް، އަދި މި މަންސަ ބޭނުންކުރާ އެއްވެސް މީހެއްގެ ކްރެޑިޓް ކާޑު އަދި ބޭންކް އެކައުންޓުގެ އެއްވެސް މަޢުލޫމާތެއް ހާމަވެފައި ނުވާކަމަށް ޓްވިޗްގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މަންސައަކީ، ވީޑިޔޯ ގޭމްތައް ކުޅޭ މީހުން ގޭމް ކުޅެމުންދާ ވަގުތުގައި، ގޭމްގައި އުޅޭ އެހެން ކުޅުންތެރިންނާއި މުޢާމަލާތު ކުރުމަށް ބޭނުންކުރާ މަންސައެކެވެ. މީގެ ބޭނުން ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ބްރީޗް މެދުވެރިވާން ދިމާވި ސަބަބަކީ، ސާރވާ ކޮންފިގްރޭޝަން ބަދަލުކުރުމުގައި ދިމާވި މައްސަލައެއް ކަމަށެވެ.

ސާރވާ ކޮންފިގްރޭޝަން ބަދަލުކުރުން ކުރިއަށް ގެންދާނީ ސާރވާ މެއިންޓެނެންސްގެ ތެރެއިންނެވެ. ކޮންފިގްރޭޝަންގައި މައްސަލައެއް ޖެހިއްޖެނަމަ، ރައްކާކުރެވިފައިވާ މައުލޫމާތުތައް ލިބެން ނުޖެހޭ ފަރާތްތަކަށް އެ މަޢުލޫމާތުތައް ލިބުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

ޓްވިޗްއިން ޔަގީންކަން ދޭ ގޮތުގައި، މި ބްރީޗްގެ އަސަރު ކޮށްފައިވަނީ ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށާއި، ސީދާ ގޮތުން މިކަމުގެ އަސަރު ކޮށްފައިވާ މީހުންނާއި ވާހަކަ ދައްކައި މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ދުވާލެއްގެ މައްޗަށް މި މަންސައަށް 30 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ.

ވީޑިޔޯ ގޭމް ކްރޮނިކަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 125 ގިގަބައިޓްގެ މައުލޫމާތުތައް ވަނީ ޓްވިޗްއަށް މި ދިމާވި ބްރީޗްގައި ލީކުވެފައިވެފައެވެ. މީގެ ތެރޭގައި، 2019 ވަނަ އަހަރުން ފެށިގެން ގޮސް މިއަދާއި ހަމައަށް ޓްވިޗްގައި ހުރި އެންމެ އަގުބޮޑު ވީޑިޔޯ ގޭމް ސްޓްރީމާގެ މަޢުލޫމާތުތައްވެސް ވަނީ ހާމަވެފައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.