ފޭސްބުކްގެ ނަން ބަދަލުކުރަނީ!

ޙުސައިން ދީމް މުޙައްމަދު 20 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދެނިޔޭގެ އެންމެ މަޤުބޫލު މީސްމީޑިއާ ކުންފުނިކަމުގައިވާ ފޭސްބުކްގެ ނަން، މިފެށޭ ހަފްތާގެ ތެރޭގައި ރީބްރޭންޑުކޮށް މުޅިން އާ ނަމަކަށް ބަދަލުވެގެންދާނެކަމަށް އަޑު ފެތުރެން ފަށައިފިއެވެ. ފޭސްބުކްގެ ވެރިންނާއި ގާތް ބައެއް ފަރާތްތަކުން އިޝާރާތްކޮށްފައިވާގޮތުގައި މިއާބަދަަލަކީ، ފޭސްބުކްގެ ބާނީ މާކް ޒުކަބާގް "މެޓަވާސް" އެއް ބިނާކުރުމަށް ދެކޭ ހުވަފެނުގައި ކުލަޖެއްސުމުގެ ގޮތުން ގެނެވޭ ބަދަލެކެވެ.

ރޭވިފައިއޮތްގޮތުގައި މިބަދަލު އިޢުލާންކުުރުން އޮތީ 28 އޮކްޓޫބަރުގައި ބާއްވަން ހަމަޖެހިފައިވާ އެކުންފުނީގެ "ކޮނެކްޓް ކޮންފަރެންސް" ގައެވެ. އެހެންނަމަވެސް މީގެ ކުރިންވެސް އެނަން އާއްމުކުރުމަކީ އެކަށީގެންވާކަމެކެވެ. ފޭސްބުކްގެ ނަން ބަދަލުކުރަން މިނިންމުނީ، ކުރިން އެއީ ހަމައެކަނި މީސްމީޑިއާ ކުންފުންޏެއްކަމުގައި ވީނަަމަވެސް މިހާރު އެކުންފުނި މީސްމީޑިއާގެ ތަރަހައިން ބޭރަށް ފުޅާވެގެން ގޮސްފައިވާތީއެވެ. ކުންފުނީގެ ނަމަށް މިގެނެވޭ ބަދަލާއެކު އަހުރެމެން މިދެކޭ ނޫކުލައިގެ ފޭސްބުކް އެޕް ވެގެންދާނީ އިންސްޓަގްރާމްއާއި، ވަޓްސްއެޕްއަދި އޮކިއުލަސްފަދަ އެޕްތަކާއި އެކު މިކުންފުނިން ބަލަހައްޓަމުން ގެންދާ އެޕްތަކާއި އެއްގިންތީގެ އެޕަކަށެވެ.

ފޭސްބުކްގެ ސީއީއޯ އަދި ބާނީ މާކް ޒުކަބާގް މިދިޔަ ޖުލައިމަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވަނީ، ފޭސްބުކްގެ އަމާޒަކީ، ޒަމާނުއްސުރެ އާއްމުންެގެ މެދުގައި މީސްމީޑިއާ ކުންފުންޏެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތްއޮތުން "މެޓަވާސް" ކުންފުންޏަކަށް ބަދަލުކޮށްލުމެވެ. މިގޮތުން މިހާރުވެސް 10،000ހަށްވުރެ ގިނަ މުވައްޒަފުންނާއިއެކު ފޭސްބުކްއިންދަނީ އޭއާރު ގްލާސަސްފަދަ ކޮންޒިއުމާ ހާޑްވެއާ އުފައްދަމުންނެވެ. ޒުކާބާގްގެ އުއްމީދަކީ މިއުފެއްދުންތައް މިހާރު މިގެންގުޅޭ ސްމާޓްފޯނުތައްހާ އާއްމުވެގެންދިޔުމެވެ.

ފޭސްބުކްގެ ނަންބަދަލުކުރުން ވެގެންދާނީ، މިހާރުވެސް އެކުންފުންޏަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުން، އެކުންފުނީގެ އާ މަސައްކަތްތައް ދުރުކޮށްދޭނެ ކަމަކަށެވެ. މީގެ ދުވަސްކޮޅެއްކުރިން ފޭސްބުކްގެ ކުރީގެ މުވައްޒަފަކުކަމުގައިވާ ފްރާންސެސް ހައުގެން "ދަ ވޯލްސްޓްރީޓް ޖާރނަލް" މެދުވެރިކޮށް ލީކުކޮށްލި ފޭސްބުކްގެ އެތެރޭގެ ލިޔެކުންތަކަކުން އެކުންފުނީގެ ނަމަށްވަނީ ވަރަށްވެސް ބޮޑެތި އިލްޒާމްތަކެއް އެޅުވިފައެވެ. މިގޮތުން އެމެރިކާގެ އިތުރުން އެތައް ޤައުމެއްގެ "އެންޓިޓްރަސްޓް ރެގިއުލޭޓާސް" ތަކުން ދަނީ ފޭސްބުކްއާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅެވޭތޯ މަސައްކަތްކުރަމުންނެވެ. އަދި މިކަންކަމުގެ ސަބަބުން އާއްމުންގެ މެދުގައި އެކުންފުނީ ވިޔަފާރިއާއި މެދުކުރެވޭ އިތުބާރުވެސް މިހާރުވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.

ފޭސްބުކަކީ މިފަދައިން ކުންފުނީގެ ނަންބަދަލުކުރާ މަޝްހޫރު ކުންފުނިތަކުގެ ތެރެއިން ފުރަތަމަ ކުންފުންޏެއް ނޫނެވެ. ގޫގަލްއިންވެސްވަނީ އެމީހުންގެ ކުންފުނީގެ ނަން "އެލްފަބެޓް" އަށް 2015ވަނަ އަހަރު ބަދަލުކޮށްފައެވެ. ގޫގަލްވެސް ނަންބަދަލުކުރަން ނިންމީ، އަހުރެމެންނަށް އާއްމުކޮށް މިފެންނަ "ގޫގަލް ސާޗް އިންޖީން" ގެ އިތުރުން ޑްރައިވަލަސް ކާރާއި ހެލްތް ޓެކްފަދަ މުޅިން ތަފާތު އެތައް ވިޔަފާރިއެއް އެކުންފުނިން ހިންގަން ފެއްޓުމާއެކުގައެވެ. އޭގެފަހުން 2016ވަނަ އަހަރު ސްނެޕްޗެޓްއިންވެސް ވަނީ އެމީހުންގެ މަޝްހޫރު ސްޕެކްޓަކަލް ކެމެރާ ގްލާސްފަދަ އުފެއްދުންތައް ތަޢާރަފްކުރަން ފެއްޓުމާއެކު "ސްނެޕް އިންކް" އޭ ކިޔުނު ކެމެރާ ކުންފުންޏެއްގެ ގޮތުގައި ރީބްރޭންޑްކޮށްފައެވެ. އެހެންކަމުން ފޭސްބުކްގެ މިބަދަލަކީ މީސްމީޑިއާގެ ދުނިޔެއަށް ބީރައްޓެހި ބަދަލެއްނޫނެވެ.

ނަންބަދަލުކުރަން އުޅޭކަމަށް ވާހަކަ ފެތުރިފައިވީނަމަވެސް، އެއީ ސީދާ ކޮންނަމެއްކަމެއް އަދި އެނގިފައެއްނެތެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެނަމަކީ އެކުންފުނީގެ އިސްސަފުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށްވެސް އަދި އަޑުއިވިފައިނުވާ ވަަރަށްވެސް ބޮޑަށް ސިއްރުކޮށްގެން އުޅޭ ނަމެކެވެ. ފަހަރުގައި ފޭސްބުކްއިން ރިލީޒްކުރަން އުޅޭ ފޭސްބުކްމީޓްސްރޯބްލޮކްސްގެ ވީއާރު ވާޝަން "ހޮރައިޒަން" އާއި ގުޅާލާފައި އޮތުމަކީވެސް އެކަށީގެންވާކަމެކެވެ.

ޓެކްނޮލޮޖީގެ އާޖީލުތަކަށް ވާސިލްވުމަށް ފޭސްބުކްއިން ބާރުދުވެލީގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މިހުސްވި މަސްތަކުގެތެރޭ "މެޓަވާސް" ޓީމްއެއްވަނީ ޤާއިމްކޮށްފައެވެ. އަދި ފޭސްބުކްގެ އޭއާރު އަދި ވީއާރުގެ ހެޑް އެންޑްރިއު ބޮސްވޯތް އެކުންފުނީގެ "ޗީފް ޓެކްނޮލޮޖީ އޮފިސާރ" ގެ ގޮތުގައި ވަނީ ޕްރޮމޯޓްކުރެވިފައެވެ. މީގެ އިތުރުން ފޭސްބުކްގެ މެޓަވާސް ޔޫރަޕުގައި ޤާއިމްކުރަން މީގެ 2ދުވަހެއް ކުރިން 10،000އަށްވުރެ ގިނަ މުވައްޒަފުން ހޯދަން ފޭސްބުކްއިންވަނީ އިޢުލާންކޮށްފައެވެ.

މާކް ޒުކަބާގް ޤަބޫލުކުރާގޮތުގައި މޯބައިލް އިންޓަނެޓަށްފަހު، އިންޓަނެޓުގެ ދުނިޔޭގައި ދެން އެންމެބޮޑު އިންޤިލާބަކަށް ވެގެންދާނީ މެޓާވާސްއެވެ. ފޭސްބުކްއިން ބޭނުންވަނީ އެމީހުންގެވެސް އަމާޒުފަތްގަނޑު މީސްމީޑިއާއިން މެޓާވާސްއަށް ބަދަލުކޮށްލާށެވެ.

ފޭސްބުކްއިން މާބާރުލާފައި އިސްތިހާރުކުރަމުން މިގެންދާ "މެޓަވާސް"ގެ ޚިޔާލާތަކީ އަދި އަހުރެމެންގެ މެދުގައި އެހާބޮޑު ސަމާލުކަމެއްދެވިފައިވާ ކަމެއް ނޫނެވެ. ނީލް ސްޓެފަންސަން ނަމަކަށް ކިޔުނު ޚިޔާލީ ވާހަކަލިޔާ ލިޔުންތެރިއަކުގެ ގަލަމުން އުފެދުނު "މެޓަވާސް"އަކީ ދުނިޔެއިން ބޭރުވެ "ވާޗުއަލް ވޯލްޑް" އަކަށް މީހާ ގެންގޮސްދޭ ޓެކްނޮލޮޖީއެވެ. މިކަހަލަ ހަގީގަތް ސާފުނޫން ޓެކްނޮލޮޖީއެއްގައި ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެހާމެ "ކޮންޓްރޮވާޝަލް" ކުންފުންޏަކުން އިންވެސްޓުކުރަމުން ގެންދާ ކަމަކީ އަޖައިބަކަށް ފުދޭ ވަރުގެ ކަމެކެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.