ސްމާޓްފޯން ކުންފުނިތަކުގެ މިސްރާބު އަމިއްލަ ޗިޕްއުފެއްދުމަށް

އާހިލް އާސިމް އަބްދުالله 23 އޮކްޓޯބަރު 2021

ދުނިޔޭގެ ސްމާޓްފޯން އުފައްދާ ކުންފުނިތަކުން މިދިއަ އަހަރުތަކުތެރޭގައި ލިބުނު ފިލާވަޅުން އިބްރަތް ހާސިލްކޮށް، ދަނީ އާ ޓްރެންޑް އަކާ ދިމާލަށް މިސްރާބު ޖަހަމުންނެވެ. ގިނަ ކުންފުނިތަކުގެ މިހާރުގެ އަމާޒަކީ އެކުންފުނީގެ ފޯންތައް ރަން ކުރާނެ އަމިއްލަ ޗިޕްތައް ފަރުމާކޮށް އުފެއްދުމެވެ. ގޫގަލް ޕިކްސަލް 6 ގޫގަލްގެ އަމިއްލަ ޓެންސާރ ޗިޕް އާއިއެކީ ނެރުނުތާ އެއްދުވަސްތެރޭ އިވިގެންދިއަ ވާހަކައަކީ އޮޕޯ ކުންފުނިންވެސް އަމިއްލަ ޗިޕްއެއް އުފެއްދުމުގެ ޚިޔާލާ ދިމާލަށް މިސްރާބުޖެހި ވާހަކައެވެ.

އަމިއްލަ ޗިޕްއެއް އުފެއްދުމަކީ އެއްވެސް ވަރަކަށް ފަސޭހަ ކަމެށް ނޫނެވެ. ދުނިޔޭގެ 4ވަނައަށް އެންމެބޮޑު ފޯން އުފައްދާ ކުންފުނި ކަމަށްވާ އޮޕޯ އިން 2023 ނޫނީ 2024 އަހަރު އެކުންފުނީގެ ކަސްޓަމް ޗިޕްތައް ފަރުމާކޮށް ފޯން އާއެކީގައި ނެރެވޭނެ ކަމަށް އެކުންފުނިން އަމާޒުހިފައިފިއެވެ.

އެހެން ނަމަވެސް ބައެއް ރިޕޯރޓްތަކުގައި ވާގޮތުން އޮޕޯއިން ފަރުމާ ކުރަނީ މުޅިން އެކުންފުނީގެ ފަރުމާއެއްނޫނެވެ. އެކުންފުނިން ބޭނުންކުރާނީ ޓީ.ސީ.އެމް.ސީ ގެ 3ނެނޯމީޓަރުގެ ޓެކްނޮލޮޖީއެވެ. ނަމަވެސް ކެމެރާގެ ތަރައްގީއާއި ސެކުރިޓީ އަދި އޮންޑިވައިސް އެމް.އެލް އަށް ކަސްޓަމް އަމިއްލަ ކޯރ ތަކެއް ފަރުމާކުރާނެ ކަމަށް ރިޕޯޓްގައިވެއެވެ.

އަމިއްލަ ޗިޕްއެއް އުފެއްދުމުގެ ސަބަބުން އޮޕޯއަށް ކުއަލްކަމްއާއި މީޑިއާޓެކް ފަދަ ކުންފުނިތަށް ބަރޯސާވާމިންވަރު ކުޑަވެގެން ދާނެއެވެ. އޭރު ސަޕްލައި ޗެއިންގައި ޖެހޭ މައްސަލަތައް ފަދަ މައްސަލަތައް ކުޑަވެގެންދާނެއެވެ.

މިކަންވެއްޖެނަމަ މީގެ ހެޔޮ އަސަރު ވަންޕްލަސް އަދި ރިއަލްމީ ފަދް ކުންފުނިތަކަށް ކުރާނެއެވެ. ހަމަގައިމުންވެސް ކުއަލްކަމް އިން މިކަމަކާ މާކަ ހިތްހަމައެއްނުޖެހޭނެއެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.