އާ ނިންޓެންޑޯ ސްވިޗް 2 ގެ ރިޕޯޓުން ހިތާމަވެރި ޚަބަރެއް!

ޢާއިޝަތު ޝައިހާ 25 އޮކްޓޯބަރު 2021

ނިންޓެންޑޯ ސްވިޗް ގެ އައު އެޑިޝަން ކަމަށް ވާ ނިންޓެންޑޯ ސްވިޗް 2، 2022 ވަނަ އަހަރުގެ ޗުއްޓީ ތެރޭގައި ނުވަތަ 2023 ވަނަ އަހަރުގެ ކުރީކޮޅު ކޮންމެވެސް ހިސާބެއްގައި ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ބުނެ އާ ރިޕޯޓެއް ދަނީ ދައުރުވަމުންނެވެ. މި ރިޕޯޓު އައިސްފައި މިވަނީ، މުޅިން އާ ކަންތައްތަކެއް ފެނިފައި ނުވާ ނިންޓެންޑޯ ސްވިޗް ޕްރޯއެއްގެ ރިޕޯޓެއްގެ ވާހަކަ ދެކެވޭތާ މަސްތަކެއް ފަހުންނެވެ. މި މަހު ނިންޓެންޑޯ ސްވިޗް އޯއެލްއީޑީ ނެރުނު ނަމަވެސް އެއީ "ނިންޓެންޑޯ ސްވިޗް ޕްރޯ" އެކޭ ބުނެލެވެނީ ހަމަކިރިޔާއެވެ. ނިންޓެންޑޯ ސްވިޗް އޯއެލްއީޑީ ގައި ކޮންމެ ނިންޓެންޑޯ ސްވިޗް ގޭމެއް ކުޅެވޭއިރު، ނިންޓެންޑޯ ސްވިޗް 2 ގައި ނުކުޅެވޭނެ ކަހަލަ އަޑުތަކެއް މިވަނީ ފެތުރިފައެވެ.

މި އާ ރިޕޯޓުގެ ވާހަކައަކީ ނިންޓެންޑޯގެ އިންސައިޑަރެއް އަދި ލީކުކުރާ މީހަކުކަމުގައިވާ ނެޓް ދަ ހޭޓް ޔޫޓިއުބް މެދުވެރިކޮށް ބުނެފައިވާ ވާހަކައެކެވެ. އޭނާއަކީ މީގެ ކުރިން ވެސް އިތުބާރު ހިފޭ މީހެއްކަން ސާބިތުކޮށްދީފައި ވާނަމަވެސް، އޭނާއަކީ ބައެއް ފަހަރު ތެދުނޫން ހަބަރު ގެނެސްދީފައިވާ މަސްދަރެއްކަން ފާހަގަ ކުރެވިފައި ވެއެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ރިލީސް ކުރުމާއި ދެމެދު ގާތްގަނޑަކަށް އަހަރެއްހާ ދުވަސް އެބަ އޮތެވެ. މިއީ ތެދަކަށް ވާނަމަ، އަވަސް މުސްތަޤުބަލެއްގައި މިކަމާއި ގުޅޭ އިތުރު ހަބަރުތައް ފެނިގެން ދާނެއެވެ.

ކޮންސޯލް އާއި އޭގެ ރިލީސް ވިންޑޯ ލީކުވުމުގެ އިތުރުން، ނިންޓެންޑޯ ސްވިޗް، ނިންޓެންޑޯ ސްވިޗް ލައިޓް، އަދި ނިންޓެންޑޯ ސްވިޗް އޯއެލްއީޑީ ގޭމްތަކުގައި މިހާރު ބެކްވަރޑް ކޮމްޕެޓިބިލިޓީއެއް ނެތް ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ހަމަގައިމުވެސް މިއީ ސްވިޗެއް ގެންގުޅޭ މީހުންނަށް އަދި ގިނަ އަދަދަކަށް ގޭމް ކުޅޭ މީހުންނަށް ހިތާމަވެރި ޚަބަރެކެވެ. ނަމަވެސް ނިންޓެންޑޯ އިން މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުގައި ވެއެވެ.

މި ރިޕޯރޓްގައި މި ކޮންސޯލް އިން އެންވީޑިއާ ޑީއެލްއެސްއެސް މެދުވެރިކޮށް 4ކޭ ސަޕޯޓް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ކަން މިހެން އޮތް ނަމަވެސް ޕޯޓަބަލް މެޝިނެއްގެ ގޮތުގައި އަދި ހެޔޮ އަގެއްގައި ދަމަހައްޓަމުން ދާއިރު ޕީއެސް5 އަދި އެކްސްބޮކްސް ތަކާއި އެއްހަމައަށް ސްޕެސިފިކޭޝަން ކުުރިޔަށް ޖައްސާލުމުގެ މަސައްކަތް ހާސިލްވާނީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ މައުލޫމާތުތަކަށް ބަލާއިރު، ކޮންސޯލްގެ ޑިވެލޮޕްމަންޓް ކިޓްތައް ސްޓޫޑިއޯތަކާއި ޑިވެލޮޕަރުންނަށް މިދިޔަ އަހަރު ވާސިލްވާން ފެށި ކަމަށް ބުނި ވާހަކަތަކަށްފަހު، މާ ބޮޑު މައުލޫމާތެއް މި ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ. 2020 ވަނަ އަހަރުން ފެށިގެން "ނިންޓެންޑޯ ސްވިޗް ޕްރޯ" އަކާ ބެހޭ ގޮތުން މިހާ ގިނަ ވާހަކަތަކެއް ދައްކަން ޖެހުނީ ކީއްވެގެންކަން މިކަމުން ދޭހަވެއެވެ.

މި ހުރިހާ ކަމެއް ވެސް މިވަގުތު ޞައްޙަ ވީ ނަމަވެސް، އޭގެ މާނައަކީ އެގޮތުގައި ދެމިހުންނާނޭ ވާހަކައެއް ނޫނެވެ. ގޭމް ޑިވެލޮޕްމަންޓަށް އަބަދުވެސް ބަދަލުތައް އަންނައިރު، ކޮންސޯލް ޑިވެލޮޕްމަންޓަށް ވެސް ބަދަލުތަކެއް އާދެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.