ސައެންސް ޖާނަލް ލިޔުންތައް ފަސޭހައިން ހޯދާލެވޭގޮތް ހަދައިފި

އިސްމާއިލް އަލީ 31 އޮކްޓޯބަރު 2021

ސައިންސްއާއި ގުޅޭ 107 މިލިއަން ލިޔުން ހިމެނޭ ސާޗަބަލް ޑޭޓާބޭސްއެއް އެކްޓިވިސްޓުންތަކެއް ގާއިމުކޮށްފިއެވެ. ޖެނެރަލް އިންޑެކްސްގެ ނަމުގައި އުފައްދާފައިވާ މި ޑޭޓާބޭސް މެދުވެރިކޮށް މިހާރު ޕަބްލިޝްކުރެވިފައިވާ ލިޔުންތަކުގައި ހިމެނޭ ބަސްތަކާއި ޖުމްލަތައް ބޭނުންކޮށްގެން ސާޗްކޮށްގެން ލިޔުންތަށް ހޯދާލެވޭނެއެވެ.

މި ޑޭޓާބޭސްއަކީ ގާތްގަޑަކަށް 38 ޓެރަބައިޓްގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސްއެކެވެ. މި ޑޭޓާބޭސްގައި ހިމެނޭ މައުލޫމާތު archive.org އިންވެސް ބަލާލެވޭނެއެވެ. ނަމަވެސް މިއީ ވަރަށް އުދަގޫ އަދި ދިގު މަސައްކަތެކެވެ. ޖެނެރަލް އިންޑެކްސް އުފައްދާފައިވާ ފަރާތްތަކުންވަނީ މިމައުލޫމާތު ހޯދުމަށް ފަސޭހަގޮތެއް ހޯދާފައިއެވެ. އެގޮތުން އެފަރާތްތަކުންވަނީ ރިމޯޓް ސާވާއަކަށް މިމައުލޫމާތު އަޕްލޯޑްކޮށް ބިޓްޓޮރެންޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިއެވެ.

މި ޑޭޓާބޭސްގައި އެއްވެސް ޖާނަލް އާޓިކަލްއެއް އެއްކޮށް ހިމަނާފައިނުވެއެވެ. އެގޮތުން މި ޑޭޓާބޭސްގައި ހިމެނެނީ މި ލިޔުންތަކުގައި ހިމެނޭ ބަސްތަކާއި ޖުމްލަތަކެވެ. އެގޮތުން މި ބަސްތަކާއި ޖުމްލަތަކުގެ ސަބަބުން ލިޔުންތައް ހޯދުމަށް ފަސޭހަވެގެންދެއެވެ. މި ޑޭޓާބޭސް އުފެއްދި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިއީ އަދި މިޑޭޓާބޭސްގެ ފުރަތަމަ ޓެސްޓްތަކެވެ. މީގެ އިތުރުން ބައެއް މައުލޫމާތު ނެތުމާއި މެޓަޑޭޓާ ނެތުމުގެ ސަބުން މިޑޭޓާބޭސް އަދި އެއްކޮށް ފުރިހަމަނުވެއެވެ.

ސައިންޓިފިކް މައުލޫމާތު ސާރޗްކުރެވޭ ޑޭޓާބޭސްއަކީ އިންސާނުންގެ ކުރިއެރުމަށް ވަރަށް މުހިންމު ވަސީލަތެއްކަމަށް މި ޑޭޓާބޭސް އުފެއްދި ފަރާތުން ވަނީ ހާމަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.