އިންޑިއާގައި ދީނީ ނަފްރަތު ފެތުރުމަށް ފޭސްބުކް ބޭނުންކުރޭ!

އާހިލް އާސިމް އަބްދުالله 03 ނޮވެމްބަރު 2021

އިންޑިއާގައި ދީނީ ނަފްރަތު ފެތުރުމަށް ފޭސްބުކްގެ ހިދުމަތް ބޭނުން ކޮށްފައިވާކަމަށާއި 2020 ވަނަ އަހަރު ދިއްލީގައި ހިނގި ހަމަނުޖެހުންތަކުގައި 53 މީހުން މަރުވިކަމަށް އެތެރޭގެ ލިޔެކިޔުންތައް ލީކުކުރި ވިސްލްބްލޯވާ ފްރާންސެސް ހައުގަން ތުހުމަތުކޮށްފިއެވެ.

ފޭސްބުކްގެ އެތެރޭގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު އިންޑިއާގައި އެ ކުންފުންޏަށް ބޮޑު މަގުބޫލުކަމެއް ލިބުނު އިރު، ދިރާސާކުރާ ފަރާތްތަކުން ދިޔައީ އެ ކުންފުނީގެ ހިދުމަތްތަކުންވަނީ އެ ގައުމުގެ ހިންދޫންނާއި މުސްލިމް އާބާދީތަކާ ދެމެދު ދީނީ ގޮތުން ނަފްރަތު އުފެދޭ ފަދަ ވާހަކަތަކުން ފުރިފައިވާ ކަމަށް ބުނެ އިންޒާރު ދެމުންނެވެ.

ފޭސްބުކްގެ އެންމެ ބޮޑު މާރކްއެޓްއެށް އޮންނަނީ އިންޑިއާގައިއެވެ. 300 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ނާއެކު ފޭސްބުކްގެ ވަޓްސްއެޕް ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު 400 މިލިއަނަށް ވުރެ މައްޗަށް އަރައެވެ. އެތެރޭގެ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި ފޭސްބުކް އަށް 300 އިންސައްތައިގެ ކުރިއެރުމެއް ފެނިގެން ދިޔައިރު ހަޅުތާލުތައް އިތުރުވެ، ހަމަނުޖެހުންތަކަށް ގޮވާލާ ގޮވާލުންތައް ފޭސްބުކް އާއި ވަޓްސްއެޕްގައި އިތުރުވިއެވެ.

ފޭސްބުކް ދިރާސާކުރާ ފަރާތްތަކުން ހޯދިހޯދުންތަކުން އެނގިފައިވާގޮތުގައި މުސްލިމުންނާ ދެކޮޅު ޕޯސްޓުތައް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ހިންދޫ ނޭޝަނަލިސްޓުންގެ ދެ ގްރޫޕް އަކީއިންޑިއާގެ ވެރިކަން ކުރާ ޕާޓީއާ ގުޅުން އޮންނަ ދެ ގްރޫޕްއެވެ. ދިރާސާކުރާ ފަރާތްތަކުން އެތަނުން އެއް ގްރޫޕް ބޭންކުރަން ލަފާދިންނަމަވެސް އެއްވެސް ފިޔަވަޅެއް ފޭސްބުކްއިން އަޅައިފާނުވެއެވެ.

ސިޔާސީ މުޒާހަރާ ފުނޑުފުނޑުކޮށްލަން ސޯޝަލް މީޑިއާގައި މުޅި ގައުމު މަސައްކަތް ކުރަމުންދާއިރު، އިންޑިޔާ ސަރުކާރުގެ ޓޭކްޑައުން ރިކުއެސްޓްތަކަށް ފޭސްބުކް އާއި ޓްވިޓާއިން ބޯ ނުލަނބާނަމަ ފޭސްބުކް އަދި ޓްވިޓާގެ މުވައްޒަފުން ޖަލަށް ލާނެ ކަމުގެ އިންޒާރުވެސް މިއަހަރުގެ ކުރީކޮޅު މޯދީގެ ސަރުކާރުން ވަނީ ދީފައެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.