އިސްރޭލުގެ ދިފާއީ ބާރުން، އެމީހުން ވެރިވެފައިވާ ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނުގެ ރައްޔިތުން ހޯދުމަށް ބޮޑު ފޭޝަލް ރިކޮގްނިޝަން ޕްރޮގްރާމެއް ފައްޓާފައިވާ ކަމަށް، ދަ ވޮޝިންގްޓަން ޕޯސްޓުގެ އާ ރިޕޯޓަކުން އެނގިގެން ހިނގައްޖެއެވެ.
އިސްރޭލު ސިފައިންގެ ގޮތުގައި ކުރިން މަސައްކަތް ކުރި މީހުން، 'ބްލޫ ވުލްފް' ކިޔާ ސްމާޓްފޯނު ޓެކްނޮލޮޖީއެއްގެ ވާހަކަ ޕޯސްޓާއި ވަނީ ހިއްސާ ކޮށްފައެވެ. މީގެ ބޭނުންކޮށްގެން ފަލަސްތީނު ރައްޔިތުންގެ ފޮޓޯތައް ނަގައި ބޮޑު ޑާޓާބޭސްއެއްގައި އެ ފޮޓޯތައް ރައްކާތެރި ކުރެއެވެ. ފޮޓޯ ނެގުމުން، ބްލޫ ވުލްފް އިން ޑޭޓާބޭސްގައިވާ އެމީހެއްގެ ފޮޓޯއާއި ގުޅޭތޯ ބަލައެވެ. ދެން، އެ މީހަކު ހައްޔަރު ކުރަން ޖެހޭތޯ، ނުވަތަ ބަންދުގައި ބަހައްޓަން ޖެހޭތޯ، ނުވަތަ އަޅާ ނުލާ ބަހައްޓަން ޖެހޭތޯ، އިސްރޭލު ސިފައިންނަށް އެމީހުންގެ ފޯނުން ފެންނަ ކުލައަކުން ދެނެގަނެވޭނެއެވެ.
ޕޯސްޓުން ފާހަގަކުރާ ގޮތުގައި، ފާއިތުވެ ދިޔަ 2 އަހަރުގެ ތެރޭގައި އިސްރޭލު ސިފައިން ފަލަސްތީނު ރައްޔިތުންގެ އެތައް ހާސް ފޮޓޯތަކުން އެ މީހުންގެ ޑާޓާބޭސް ފުރާފައި ވާއިރު، އެންމެ ގިނަ މީހުންގެ ފޮޓޯ ނެގޭ ސިފައިންގެ މީހަކަށް އިނާމެއް ލިބޭނެހެން 'ވާދަކުރުމުގެ މުބާރާތްތައް' ވެސް ވަނީ ބާއްވާފައެވެ. ކުރީގެ ސިފައިންގެ މީހެއް ޕޯސްޓަށް މައުލޫމާތު ދިން ގޮތުގައި، މި ޑާޓާބޭސްއަކީ، 'ފަލަސްތީނު ރައްޔިތުންގެ ފޭސްބުކް' އެކެވެ.
އިސްރޭލުގެ ދިފާއީ ބާރުން މުޅި ހެބެރޮންގައި، ފަލަސްތީނު ރައްޔިތުންގެ މޫނުތައް ސްކޭން ކޮށް އެމީހުން ދެނެގަތުމަށް ކެމެރާ ހަރުކޮށްފައި ވާއިރު، މީގެ ބޭނުން ކުރަމުން ދަނީ ޗެކްޕޮއިންޓުތަކުގައި ތިބޭ ސިފައިންގެ މީހުންނެވެ. ހަމަ މިއާއެކު، ބައެއް މީހުންގެ ގެތަކަށް އަމާޒުކޮށްފައިވާ ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާގެ ބޭނުންކޮށްގެން އެމީހުން ދަނީ 24 ގަޑިއިރު ލައިވް މޮނިޓަރ ކުރަމުންނެވެ.
ޕޯސްޓުން ބުނާ ގޮތުގައި، ދިފާއީ ބާރުން ކުރީގެ ސިފައިން ކައިރީގައި ބުނެފައިވާ ގޮތުގައި، މި ކެމެރާތައް ހަރުކުރުމުގެ ބޭނުމަކީ ނިރުބަވެރި ހަމަލާތައް ހުއްޓުވައި އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅުން ކަމަށެވެ. ކޮންމެ ގޮތެއް ވިނަމަވެސް، އިސްރޭލުގެ ސިސްޓަމުން މި ވަނީ ފޭޝަލް ރިކޮގްނިޝަން ވަރަށް މަތީ އަދި ނުރައްކާތެރި ހިސާބަކަށް ގެންގޮސްފައި ކަން ޝައްކެއް ނެތެވެ.
ހުޅަނގު އައްސޭރީގައިވާ އެންމެ ބޮޑު ޝަހަރު ކަމަށްވާ ހެބެރޮން ވަނީ، އިސްރޭލާއި ފަލަސްތީނުގެ އާބާދީއާއި ދެމެދުގައިވާ ހިތި އަދި ދިގު ދެމިގެން ދިޔަ މައްސަލަތައް ފެނިފައެވެ. ޝަހަރުގެ ބޮޑު ބައެއް ހިންގަނީ ސީދާ އިސްރޭލުގެ ދިފާއީ ބާރުންކަމުގައި ވާއިރު، އެ މީހުން އާންމުންގެ އާބާދީގައި ކާފިއު ހިންގުމާއި، މީހުން ނުކުމެ އުޅުމަށް އެތައް ފިޔަވަޅުތަކެއް އަޅަމުން ދެއެވެ. އެހެންނަމަވެސް، އިންތިހާ ދަރަޖައިގެ ސަލާމަތީ ފިޔަވަޅުތަކުގެ ނަމުގައި، ފޭޝަލް ރިކޮގްނިޝަން ބޭނުން ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ޕޯސްޓާއި ވާހަކަ ދެއްކި ކުރީގެ ސިފައިންގެ މީހުން ވަނީ ބުނެފައެވެ.
"މިސާލަކަށް ބުނާނަމަ، އަހަރެންގެ ހިތަށް އެހާ ފަސޭހައެއް ނުވާނެ އެމީހުން އަހަރެންގެ އަމިއްލަ ވަޒަނުގައި، އަހަރެންގެ މެއިލްގައި، އެފަދަ އެއްޗެއް ބޭނުންކޮށްފި ނަމަ،" އެއް ސިފައިންގެ ބޭކަލަކު ޕޯސްޓަށް ބުނެފައި ވެއެވެ. "މީހުން ކަންބޮޑުވަނީ އިނގިލީގެ ނިޝާނާއި ދޭތެރޭ. އެކަމަކު މިއީ އަދި އެއަށްވުރެ މާ ބޮޑު ކަމެއް."
އެހެން ގައުމުތަކުގައި ވެސް މިފަދަ ސިސްޓަމްތަކެއް ބޭނުންކޮށްފައި ވާއިރު، މިކަމާއި ދެކޮޅަށް ގިނަ ބަޔަކު ފާޑުކިޔާފައި ވެއެވެ. ޗައިނާއިން އޮއިގަރ މުސްލިމުންގެ ހަރަކާތްތަކަށް ފާރަލާން މިފަދަ ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް އުފައްދާފައި ވާއިރު، މީގެ ބޭނުން ކޮށްފައިވަނީ ކިހާ ފުޅާ ދާއިރާއެއްގައި ކަން ސާފުކޮށް އެނގެން ނެތެވެ. ވަރަށް ފަހުން މޮސްކޯ އިން އެ ގައުމުގައިވާ އެތައް ސަތޭކަ މެޓްރޯ ސްޓޭޝަންތަކުގައިވާ ޕޭމެންޓް ސިސްޓެމްތަކަށް މިފަދަ ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް އުފެއްދިއެވެ. އަދި ހަމަ އެހެންމެ، އިނގިރޭސި ވިލާތުން ސްކޫލް ދަރިވަރުންގެ ކާގަޑީގައި ބޭނުންކުރުމަށް އެފަދަ ފޭސް-ސްކޭނިންގ ޕޭމެންޓް ސިސްޓަމެއްވެސް ވަނީ ތައާރަފުކޮށްފައެވެ.
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.