މީގެ ދުވަސްކޮޅެއް ކުރިން، އެމެރިކާ ބަރުލަމާނުގެ ދަށްގެ ކަމުގައިވާ "ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް" އިން ފާސްކުރި ތާރީޚީ ބިލްއާއިއެކު 65 ބިލިއަން ޔޫއެސްޑޮލަރުގެ އިންވަސްޓްމެންޓެއް އެޤައުމުގެ ބްރޯޑްބޭންޑް އިންޓަނެޓު ކުރިއެރުވުމަށް ޚަރަދުކުރެވިގެންދާނެއެވެ.
އެމެރިކާގައި އަދިވެސް ހައި ސްޕީޑް އިންޓަނެޓުގެ ޚިދުމަތް ނުލިބޭ 30 މިލިއަން ރައްޔިތުން ދިރިއުޅެއެވެ. މިކަމުގެ ޙަޤީޤީ މަންޒަރު ސާފުވެގެންދިޔައީ ކޮވިޑް-19ގެ އާލަމީ ވަބާއާއިއެކު، މުވައްޒަފުންނާއި ދަރިވަރުން ގެއިން މަސައްކަތްކުރަން ޖެހުމުންނެވެ.
ބްރޯޑްބޭންޑް އިކުއިޓީ އެކްސެސް އެންޑް ޑިޕްލޮއިމަންޓް ޕްރޮގްރާމްގެ ނަމުގައި ހިންގޭ 42.4 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓާއިއެކު، އިންޓަނެޓުގެ ޚިދުމަތް ސަކަރާތްކަމަށް ފާހަގަކުރެވުނު ސަރަހައްދުތަކުގައި ޒަމާނީ ބްރޯޑްބޭންޑް އިންފްރާސްޓްރަކްޗަރ ޤާއިމްކުރެވިގެންދާނެއެވެ. އެކި ސަރަހައްދުތަކުގައި މިމަސައްކަތް ކުރިއަށް ގެންދާނީ ޕްރައިވެޓް ކޮންޓްރެކްޓަރުންގެ މެދުގައި ބިޑްކޮށްގެންނެވެ.
ހަލުވި ދުވެލީގައި އިންޓަނެޓު ފޯރުކޮށްދޭނޭ އިންފްރާސްޓްރަކްޗަރ ނެތުމުގެ އިތުރުން، އިންޓަނެޓް އެކްސެސްގައި އެމެރިކާގައި ދިމާވާ އަނެއް މައްސަލައަކީ، އޭގެ އަގުބޮޑުވުމެވެ. ވީމާ އެމެރިކާގެ ފެޑެރަލް ޕޮވާޓީ ރޭޓުގެ 200% އަށްވުރެ ދަށް ފެންވަރުގެ ގޭބީސީތަކަށް 30 ޑޮލަރުގެ ސަބްސިޑީއެއް ކޮންމެ މަހަކު ފޯރުކޮށްދޭންވެސް މިބިލްގައި ކަނޑައަޅާފައިވެއެވެ. މިސަބްސިޑީތަކަށް އެކަނިވެސް 14.2 ބިލިއަން ޑޮލަރު ޚަރަދުކުރެވިގެންދާނެއެވެ. ބިލްގައި ބާކީ އޮތް ބައިން 3.2 ބިލިއަން ޑޮލަރު ޚަރަދުކުރަން ނިންމާފައިވަނީ، ކުރިންވެސް ހިންގަމުންދާ އެމަޖެންސީ ބްރޯޑްބޭންޑް ބެނެފިޓް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށެވެ. މިއީ ކޮވިޑް-19ގެ ވަބާ ފެއްޓުމާއެކު އޮންލައިންކޮށް ކިޔަވަން ނުވަތަ ވަޒީފާއަދާކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން އިންޓަނެޓު ލިބުން ދަތިވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ހިންގޭ ޚާއްޞަ ޕްރޮގްރާމްއެކެވެ. މީގެ އިތުރުން އެމެރިކާގައި ދިރިއުޅޭ އިންޑިޖިނަސް ގްރޫޕްތަކުގެ މެދުގައި އިންޓަނެޓު ކުރިއެރުވުމަށް 2 ބިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ. އަދި ސްކޫލްތަކާއި ލައިބްރަރީ ތަކުގައި ކޮމްޕިއުޓާ ސިސްޓަމްތައް ޤާއިމްކުރުމަށް އިތުރު 2.75 ބިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ.
ޖޯ ބައިޑެންގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އިންޓަނެޓުގެ މިބިޔަ ޕްރޮޖެކްޓައް ތަޢުރީފުކުރާ ފަރާތްތަކެކޭ އެއްފަދައިން ފާޑުކިޔާ ގިނަބަޔަކުވެސް އެބައުޅެއެވެ. މިގޮތުން ގިނަ ފާޑުކިޔުންތެރީންގެ ސަމާލުކަން ހޯދީ އިންޓަނެޓް ސަބްސިޑީއަށް ގެނައި ބަދަލެވެ. ކުރިންވެސް ދެންނެވުނު ފަދައިން ކޮވިޑް-19ގެ ވަބާ ފެށުމާއެކު އެމަޖެންސީ ބްރޯޑްބޭންޑް ބެނެފިޓް ޕްރޮގްރާމް އޭ ކިޔާ މަޝްރޫޢެއް މުޅި އެމެރިކާގައި ކުރިއަށް ގެންދިޔައެވެ. އަދި މިމަޝްރޫޢުގެ ދަށުން ބޭނުންޖެހިފައިވާ ގޭބީސީތަކަށް 50 ޑޮލަރުގެ ސަބްސިޑީއެއް ފޯރުކޮށްދިނެވެ. މިބިލްއާއިއެކު މިސަބްސިޑީމިވަނީ 30 ޑޮލަރަށް ކުޑަކުރެވިފައެވެ. އަނެއްބަޔަކު ފާޑުކިޔާފައިވަނީ މިފަދަ ބިޔަ ޕްރޮޖެކްޓެއް ހިންގިޔަސް، އޭގެ މަޤްސަދު ހާސިލްވާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްކަމަށެވެ. އެފަރާތްތަކުގެ ޝަކުވާއަކީ، ޕްރައިވެޓް ކުންފުނިތަކަށް ޓެންޑަރ ކޮށްގެން ފައިބަރ އޮޕްޓިކް ކޭަބަލްތައް މުޅި ޤައުމުގައި އެޅިޔަސް، އެކޭބަލްތަކުގެ ބޭނުން ހިފެނީ ކޮންފަރާތްތަކެއްކަން ކޮންޓްރޯލްކުރުމުގެ ފުރުސަތެއް ސަރުކާރަކަށް ލިބިގެންނެއް ނުދެއެވެ. އެހެންވީމާ މި65 ބިލިއަން ޑޮލަރާއެކު އިހަށް އޮތް ހާލު އިސްލާހުވިނަމަވެސް، ކުރިއަށް އޮތްތާގައިވެސް މިފަދަ ބޮޑެތި އިންޓަނެޓުގެ އިންވެސްޓްމަންޓުތައް ސަރުކާރުން ކުރިއަށް ގެންދަންޖެހޭނެއެވެ.
2016ވަނަ އަހަރު ކަރަންޓެކޭ އެއްފަދައިން އިންޓަނެޓަކީވެސް އަސާސީ ޚިދުމަތެއްކަމުގައި އދ އިން ހަމަޖެއްސިއެވެ. އެހެންނަމަވެސް، އެމެރިކާފަދަ ދުނިޔޭގެ ބިޔަ އިޤްތިޞާދު ތަކުގައިވެސް، އެންމެ އެކަށީގެންވާ މިންވަރަށް މިޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ތަނެއް ނުފެނެއެވެ. ކޮވިޑް-19 އަހުރެމެންނަށް ދަސްކޮށްދިން ފިލާވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިލާވަޅަކީ، އަދަކު އިންޓަނެޓާއި ނުލާ އުޅެވެން ނެތްކަމެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.