އެމެރިކާގެ ސިޓީއަކުން މޯބައިލް ޑިވައިސްއެއް މެދުވެރިކޮށް ވޯޓުލުމަކީ މުސްތަގްބަލުގައި ކުރެވިދާނެކަމެއްތޯ ބެލުމަށް ދިރާސާއެއް ފަށައިފިއެވެ. އެގޮތުން މިދިރާސާގައި އެސިޓީއިން ބަލާނީ ބްލޮކްޗެއިން ޓެކްނޮލޮޖީ މެދުވެރިކޮށް މުސްތަގްބަލުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދެވިދާނެތޯއެވެ.
ޗެންޑްލާ ސިޓީއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެސިޓީގެ ރައްޔިތުންނަށް އެޕަލްގެ އެޕްސްޓޯ ނުވަތަ ގޫގަލް ޕްލޭއިން ވޯޓްޒް އެޕް ޑައުންލޯޑްކޮށްލުމަށްފަހު ޓެސްޓް އިންތިހާބެއްގައި ބައިވެރިވެވޭނެއެވެ. މި އިންތިހާބުގައި ވޯޓް ދިނުމަށް ބޭނުންވާ ފަރާތްތަކުން މިކަމަށް ހާއްސަ މައުލޫމަތާއި އެފަރާތްތަކުގެ ފޮޓޯއެއް ކަމާއިބެހޭ ފަރާތްތަކަށް ހަވާލުކުރަންޖެހެއެވެ. ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ މެދުވެރިކޮށް މިފޮޓޯގައި ހިމެނެނީ ސައްހަ މީހެއްތޯ ކަށަވަރުކުރެވިގެންދާނެއެވެ.
ޗެންޑްލާގެ މޭޔަރުގެ ނައިބު ހާމަކޮށްފައިވާ ގޮތުގައި މި ދިރާސާއަކީ މުސްތަގްބަލުގައި އެސިޓީގެ އިތުރުން އެ ސްޓޭތްގައިވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންތިހާބުތައް ކުރިއަށްގެންދެވޭނެތޯ ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ދިރާސާއެކެވެ. މީގެ އިތުރުން މި ބްލޮކްޗެއިން ޑޭޓާބޭސްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރުވެސް އިނާމްތަކެއް ހުށަހައަޅައި މި ޑޭޓާބޭސް ހެކްކުރެވޭތޯ ޓެސްޓްކުރެވިފައިވާކަމަށް އޭނާ ވަނީ ހާމަކޮށްފައިއެވެ. މިހާތަނަށް މިކަން އެއްވެސް ފަރާތަކަށް ކާމިޔާބުވެފައި ނެތުމުން މި ބްލޮކްޗެއިންގެ ރައްކާތެރިކަމާއިމެދު އިތުބާރުއޮތްކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ.
މި ދިރާސާގައި ކުރިއަށްގެންދާ އިންތިހާބުގައި 18 އަހަރުން ދަށުގެ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ. އެގޮތުން ޗެންޑްލާ ސިޓީގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި މީގެ ބޭނުމަކީ ޒުވާނުންނަށް ޑިމޮކްރަސީގެ ބޭނުން ވީހާވެސް ގާތުން ފެންނާނެ މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން އެސިޓީއިން ހާމަކޮށްފައިވާ ގޮތުގައި މި ދިރާސާ ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް 1000 މީހުން މިދިރާސާގައި ބައިވެރިވުމަކީ އެސިޓީގެ އުއްމީދެކެވެ.
މިދިރާސާގެ ރިޕޯޓަކާއި އޮޑިޓެއް ޑިސެމްބަރު މަހު ޗެންޑްލާ ސިޓީ ކައުންސިލަށް ހުށަހެޅިގެންދާނެއެވެ. އެސިޓީގެ މޭޔަރުގެ ނައިބު ހާމަކޮށްފައިވާ ގޮތުގައި މި ޓެކްނޮލޮޖީ މެދުވެރިކޮށް ވޯޓްލުމަކީ އަދި ވަރަށް ދުރުގައި އޮތްކަމެކެވެ. ނަމަވެސް މިޓެކްނޮލޮޖީ އަކީ އެމެރިކާގެ އަސްކަރިއްޔާ އަދި މައި ދެ ސިޔާސީ ޕާޓީންވެސް ބޭނުންކުރަމުންދާ ޓެކްނޮލޮޖީއަކަށް ވުމުން މި ޓެކްނޮލޮޖީއަށްއޮތް އިތުބާރު ބޮޑުކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި