ސެމްސަންގުން އަންނަ އަހަރު 52 ސްމާޓްފޯން މޮޑެލް ނެރެނީ

އަޙްމަދު އަޙްސަން 22 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް 3 އަދި ގެލެކްސީ ޒެޑް ފޯލްޑް 3 އާއެކު ސެމްސަންގް އަށް ވަނީ ބާޒާރުގައި އެންމެ ކުރިއަރާފައިވާ ފޯލްޑަބަލް ސްމާޓްފޯނުތަކުގެ ރެކޯޑު މުގުރާފައެވެ. ދެކުނު ކޮރެއާގައި އެކަނިވެސް އެ ކުންފުނީގެ ސޭލްސް އަދަދު 1 މިލިއަން ޔުނިޓަށްވުރެ މައްޗަށް އަރައެވެ. ރިޕޯޓުތައް ބުނާގޮތުން ސެމްސަންގްގެ އަމާޒަކީ އެކުންފުނީގެ ތިންވަނަ ޖެނެރޭޝަން ފޯލްޑަބަލް ސްމާޓްފޯނުތަކުގެ 7 މިލިއަން ޔުނިޓް ވިއްކުމަށެވެ. އަދި އަންނަ އަހަރަށް ފޯލްޑަބަލް ސްމާޓްފޯނުތަކަށް އިސްކަމެއް ދީގެން މަތީ ލަނޑުދަނޑިތަކެއް ކަނޑައަޅަމުން ކުރިއަށް ދިއުމަށެވެ.

'ދަ އެލެކްގެ' އާ ރިޕޯޓެއްގައި ވާގޮތުން ސެމްސަންގްގެ ސްމާޓްފޯން ލައިންއަޕްގައި 2022 ވަނަ އަހަރު 52 މޮޑެލް ހިމެނޭނެއެވެ. ސެމްސަންގްގެ އަމާޒަކީ 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރުގައި ގާތްގަޑަކަށް 10 މިލިއަން 'ގެލެކްސީ ޒެޑް ފްލިޕް 4' އަދި 'ގެލެކްސީ ޒެޑް ފޯލްޑް 4' ފޯލްޑަބަލް ސްމާޓްފޯނު އުފެއްދުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނީގެ އަމާޒަކީ ނެކްސްޓް ޖެނެރޭޝަން ފޯލްޑް ސްމާޓްފޯނު މަދުވެގެން 10 މިލިއަން ސްމާޓްފޯނު ވިއްކުމަށެވެ. ސެމްސަންގް އިން އަދިވެސް ދަނީ އިތުރު ޑިޒައިންތަކާއި ރަނގަޅު ސްޕެސިފިކޭޝަން ތަކާއެކު ފޯލްޑަބަލް ސްމާޓްފޯނުތައް ވަރުގަދަ ކުރަމުންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން ސެމްސަންގްގެ އަމާޒަކީ 2022 ވަނަ އަހަރު ގާތްގަނޑަކަށް 38 މިލިއަން ގެލެކްސީ އެސް 22 ސީރީޒްގެ ސްމާޓްފޯނު ތައް އުފެއްދުމެވެ. އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަސްމީކޮށް ލިސްޓުކުރާނެ ކަމަށް ބެލެވޭ ގެލެކްސީ އެސް21 އެފްއީ ގެ 9 މިލިއަނަށްވުރެ ގިނަ ފޯނު ވިއްކުމަށް ވެސް އެ ކުންފުނިން އަމާޒުކުރެއެވެ. ގެލެކްސީ އޭ ސީރީޒް (ގެލެކްސީ އޭ13، ގެލެކްސީ 33 5ޖީ، އަދި ގެލެކްސީ އޭ53 5ޖީ) ގެ ވާހަކަ ދައްކާއިރު، ސެމްސަންގް އިން ލަފާކުރަނީ 78 މިލިއަން ޔުނިޓް އުފެއްދުމަށެވެ.

ފޯލްޑަބަލް ސްމާޓްފޯނުތަކުގެ އެންމެ ބޮޑު އެޑްވޮކޭޓަކީ މިހާރު ސެމްސަންގްއެވެ. އެ ކުންފުނިން ވަނީ ފޯލްޑަބަލް ސްމާޓްފޯނުތަކުގެ ތިން ޖެނެރޭޝަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނެރެފައެވެ. ގެލެކްސީ ޒެޑް ފްލިޕް 3 އަދި ގެލެކްސީ ޒެޑް ފޯލްޑް 3 ތަޢާރަފް ކުރުމާއެކު އެކުންފުނިން ވަނީ ފޯނުތަކުގެ އަގު ވެސް ހެޔޮކޮށްފައެވެ. އަދި އޭގެ ކުރީގެ ޑިޒައިންތަކަށް ވުރެ މާ ފުރިހަމަ ޑިޒައިނަކާއި ރަނގަޅު ސްޕެސިފިކޭޝަންތަކެއް ވެސް ވަނީ ފޯރުކޮށްދީފައެވެ.

ސެމްސަންގް ގެ ފޯލްޑަބަލް ސްމާޓްފޯން ޕްރޮޑަކްޝަން އިތުރު ކުރުން

ފޯލްޑަބަލް ސްމާޓްފޯނުތަކުގެ ކުރިމަގު ސެމްސަންގުން ގަބޫލުކުރެއެވެ. މުސްތަގުބަލުގެ ވާޝަންތަކަށް ހިދުމަތް ދޭނެ ޑިސްޕްލޭތައް ނެރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު އެ ކުންފުނިން މަހަކު ގާތްގަނޑަކަށް 260،000 ޔުނިޓް (ފޯލްޑަބަލް ޑިސްޕްލޭ) އުފައްދަ އެވެ. ނަމަވެސް މި އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެނީ ޑިމާންޑް ބޮޑުވުމާ ގުޅިގެންނެވެ. މެއި މަހާ ހަމައަށް އަންނަ އިރު، އަންދާޒާ ކުރަނީ ގާތްގަނޑަކަށް 600،000 ޔުނިޓަށް އިތުރުވާނެ ކަމަށެވެ. އަދި އަހަރު ފަހުކޮޅު ގައި ވެސް މިލިއަނަކާ ގާތްކުރާ އަދަދަކަށް އަންނާނެ ކަމަށެވެ. އެއީ މިހާރު ހުރި ކެޕޭސިޓީގެ ގާތްގަނޑަކަށް ހަތަރު ގުނައެވެ.

މިކަމުގެ ސަބަބުން ހަމައެކަނި އެހީތެރި ވަނީ މުސްތަގުބަލުގެ ވާޝަންތައް އުފެއްދުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ނޫން ކަމަށާއި ފޯލްޑިން ސެކްޓާއަށް ސެމްސަންގް ވައްޓާލަން ބޭނުންވާ އެހެން ހުރިހާ ކުންފުނިތަކަށް ވެސް ސަޕްލައި ކޮށްދިނުމުގެ މަޤްޞަދުގައެވެ.

ފޯލްޑަބަލް ސްމާޓްފޯނުތަކުގެ މި ހާއްސަ ކަމަކީ ހަގީގަތުގައި ވެސް ސެމްސަންގުން އުންމީދުކުރާ ކާމިޔާބީ ހާސިލުވެއްޖެ ނަމަ، އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަ ޓެކްނޮލޮޖިކަލް ކުރިއެރުންތަކަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށްވެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.