ފިޓް މާސްކު - ދުނިޔޭގެ އެންމެ ފުރަތަމަ ޑިޒައިނާ މާސްކު

ޝުޖާޢަތު ރަޝީދު 05 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮވިޑް-19 ފެށުނު ފަހުން އެންމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ. މާސްކަކީ ކޮންމެ ވައްތަރެއްގެ ހެދުމަކާއި އެކުވެސް އެޅުމަށް މަޖުބޫރު އެއްޗަކަށްވެސް ވެއްޖެއެވެ. ގެއިން ނިކުމެގެން ތަނަކަށް ދާއިރު މާސްކު ހަދާން ނެތިކޮށްލާފައި ވަކި ހިސާބަކަށް ދެވުމުން އެއްޗެއް މަދުހެން ހީވެ އަނބުރާ މާސްކު ބަލާ ދާމީހުން މަދެއްނުވާނެކަން ޔަޤީނެވެ.

އެކި ޑިޒައިނަށް ހެދިފައިވާ އެކި ވައްތަރުގެ މާސްކު މިހާރު ގަންނަން ހުރެއެވެ. ފޮތި މާސްކާއި މެޑިކަލް ގްރޭޑްގެ އެކި ކުލަ ކުލައިގެ މާސްކު ބޭނުން ނުކުރާ މީހެއް މަދުވާނެއެވެ.

ޑިޒައިނަރުން އަދި ޓެކްނޮލޮޖީގެ އެހީގައި މިފަދަ ތަކެއްޗަށް ފަސޭހަ ހައްލު ގެނެސްދޭ މީހުން މި ޕެންޑަމިކް ތެރޭގައިވެސް ފާހަގަ ވެގެން ދިޔައެވެ. އެގޮތުން މަޝްހޫރު ރޭޒާ ބްރޭންޑުންވެސްވަނީ ތަފާތު ވައްތަރުގެ ސްމާޓް މާސްކެއް ބީޓާ ޓެސްޓިންއަށް ނެރެފައެވެ.

މި ބަލިމަޑުކަމުން ސަލާމަތްވެ އެއްކޮށް ރައްކާތެރިކަން ލިބުނު ކަމުގައިވިޔަސް، ދުނިޔޭގެ ގިނަ ބައެއް ފާހަގަކުރާ ގޮތުގައި ހަޤީޤަތަކީ މާސްކަކީ މިހާރު ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ޒަރޫރީ އެއްޗެކެވެ.

ފްލެވިއަން ހެލޯއާއި މެތިއު ލެކިއުއާ ޑިޒައިންކޮށް ނެރެފައިވާ ފިޓް މާސްކަކީ މިހާރު ފާހަގަ ކޮށްލެވޭ މާސްކެކެވެ. މިއީ އާރު.ޕީ.ޔޫ.އާރުގެ ޓެކްނޮލޮޖީއާއި އެކީ އުފެއްދިފައިވާ މާސްކެކެވެ.

ފިޓް މާސްކު ބޭނުންކުރެވޭނީ ހަމައެކަނި ބަލިތަކުން ރައްކާތެރިވުމަކަށް ނޫނެވެ. ފިޓް މާސްކަކީ ވައިގެ ކޮލިޓީ އިތުރަށް ގޯސްވުމާއި، ޖަންގަލީގައި ރޯވާ ދުމާއި، އެލަރޖިކް ވުމުގެ މައްސަލަތަކުން އަރައިގަތުމަށް ވެސް އެހީތެރިވެދޭ ގޮތަށް ފަރުމާކޮށްފައިވާ ފޭސް މާސްކެކެވެ.

ފިޓް މާސްކުގެ މައިގަނޑު މަގްސަދަކީ ފޭސް މާސްކުގެ ކްލިނިކަލް ނޭޗާ ފަހަނައަޅައި ގޮސް އެކި ވައްތަރުގެ ހެދުމާއިއެކު އެޅޭ ފަސޭހަ ފެޝަން އެކްސެސަރީއެއް އެންމެނަށްވެސް ތަޢާރަފް ކޮށްދިނުމެވެ.

މާސްކުގެ ޑިޒައިން ދެބަޔަކަށް ބެހިފައިވެއެވެ. ފުރަތަމަ ބަޔަކީ މާސްކުގެ ފެންނަން ހުންނަ ބައި ނުވަތަ ކުރިމަތީގައި އިންނަ ބައެވެ. މިބައި ހެދިފައިވަނީ ސޮފްޓް-ޝެލް ކޭސްތަކެއް ފަަދައިންނެވެ. މާސްކުގެ އެތެރެ ހެދިފައިވަނީ މަޑު ސްޕޯޓްސް މެޓީރިއަލްއަކުންނެވެ.

ޑިސްޕޯސަބަލް މާސްކްތަކުން ފެނުނު ފެބްރިކް ޑިޒައިންއާ ޚިލާފަށް، ފިޓްގެ މާސްކަކީ މޫނުގައި ރަނގަޅަށް ތަތްކޮށްލާ، މޫނުގެ ސިފަތަކަށް އިހުތިރާމްކޮށް، ބައްޓަންތަކަށް ބާރުދޭ، އަދި ނޭފަތާއި އަނގައާ ދެކޮޅަށް ޕްރެޝަރުކޮށްގެން އުނދަގޫ ނުވާނެ ގޮތައް ހެދިފައިވާ މާސްކެކެވެ.

މި މާސްކުގައި ހެޑްސްޓްރަޕް، ބޭރު ކަވަރު (ވެލްވް އާއެކު) ހިމެނޭ ގޮތަށް 3 ވައްތަރެއްގެ ރީޔޫސަބަލް ޑިޒައިނެއް ހިމެނޭއިރު، އެންމެ ފަހުން 8-ޕްލީ ރިޕްލޭސްކުރެވޭ ނެނޯ ފިލްޓަރެއް މާސްކުގެ ދެމެދުގައި ހަރުކޮށްފައި ވެއެވެ.

ދެން ފާހަގަ ކޮށްލެވެނީ މިމާސްކުގެ ސްޓްރެޕް، އެތެރެ އަދި ބޭރު ކަވަރުވެސް އެމީހަކު ބޭނުންވާ ގޮތަކަށް ބަދަލުކޮށް ފިޓް މާސްކުގެ އެހެން ކުލަތަކާއި ޑިޒައިންތައް ޖަހައި ބޭނުންކޮށްލެވޭ ކަމެވެ.

މިގޮތައް ކަސްޓަމައިޒް ކުރިޔަސް މި މާސްކުގެ ބަރުދަން 40 ގްރާމަށްވުރެން ބަރުނުވެއެވެ. ފިޓްގެ ޓެކްނިކަލް ފެބްރިކް ބޭނުންކޮށްފައި ހުރުމުން މި މާސްކު އަޅައިން ހުއްޓަސް ފަސޭހައިން ނޭވާނެލެވޭނެއެވެ. އެހެންކަމުން އިރުއިރުކޮޅާ މާސްކު ނަގައި، އެޖަސްޓުކޮށް ހަދާކަށް ނުޖެހޭނެކަމަށް ފިޓްއިން ބުނެއެވެ.

ފިޓް މާސްކު ހަދަން ބޭނުންކުރެވިފައިވާ ފޮއްޗަކީ ނެނޯ ފިލްޓަރޭޝަން އެކުލަވާލައިފައިވާ ފޮއްޗެކެވެ. ނެނޯ ފިލްޓަރޭޝަންގެ އެހީގައި 99.91 އިންސައްތަ ޕޮލިއުޓަންޓް ހިފަހައްޓައި ތާޒާ ވައި 12-6 ހަފްތާ ވަންދެން ފޯރުކޮށްދެއެވެ.

މައިކްރޮސްކޯޕިކް ނަޒަރަކުން ބަލާނަމަ ފިޓް މާސްކުގެ ފިލްޓަރުގެ އާރު.ޕީ.ޔޫ.އާރުގެ ޓެކްނޮލޮޖީއަކީ ނެނޯޕާޓިކަލްއިން ރައްކާތެރިކޮށްދޭ ގޮތައް މިމާސްކަށް ފަރުމާކުރެވިފައިވާ ޓެކްނޮލޮޖީއެކެވެ. އެންމެ ކުޑަވެގެން 20 ނެނޯމީޓަރުގެ ނެނޯޕާޓިކަލްއިން މިމާސްކު ރައްކާތެރިކަން ކަށަވަރުކުރެއެވެ.

މި ފިލްޓަރަކީ ފިޓްގެ ވޭލްވް ސިސްޓަމާއި ގުޅުވާފައިވާ ސިސްޓަމެކެވެ. މާސްކުގެ ކުރިމަތީގައި ހަރުކުރެވިފައިވާ ވޭލްވްގެ އަބުރާލައި އޭގެ އެހީގައި ވައި ބޭރުކޮށް އެތެރެކޮށްދެއެވެ.

ދެން ފާހަގަކުރެވޭ ކަމަކީ ފިޓް މާސްކު ބޭނުންކުރާ މީހުންނަށް ވަކިން ހާއްސަ މޮބައިލް އެޕެއްވެސް އިންނަކަމެވެ.

މިއެޕްގެ އެހީގައި ވައިގެ ތާޒާކަމާއި ކޮލެޓީ ލޮކޭޝަން ބޭސްކޮށް ބަލާލައި ފިލްޓަރުގެ އެކިއުރަސީ ކަލްކިއުލޭޓްކޮށްދެއެވެ. މާސްކު އަޅައިގެން ހުރި މީހާގެ ލޮކޭޝަންގެ ވައިގެ ކޮލެޓީއަށް ބަަލައި ދެން އެންމެ އަވަހަށް ފިލްޓަރު ބަދަލު ކުރަންވީ ވަގުތުވެސް މިއެޕުން ހާމަކޮށް އެލާޓް ކޮށްދެއެވެ.

ފިޓްގެ މިމާސްކަކީ ކުރިންވެސް ބައިސްކަލު ދުއްވާ މީހުންނަށާއި އެހެނިހެން ކުޅިވަރު ކުޅޭ އެތުލީޓުންނަށް ބޭނުންކުރުމަށް އާރު.ޕީ.ޔޫ.އާރުގެ މަސައްކަތްތެރިން 2016 ގައި އުފައްދަން މަސައްކަތްކުރި މާސްކެކެވެ.

މިމާސްކު މާކެޓަށް ނެރުނު ފަހުން މިހާރު ގާތްގަނޑަކަށް 60،000 މާސްކުވަނީ ވިކިފައެވެ. ފާހަގަކުރެވެނީ މިމާސްކުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީއަކީ އާރު.ޕީ.ޔޫ.އާރު ކުންފުނިން ޕޭޓަންޓުވެސް ކޮށްފައިވާ ޓެކްނޮލޮޖީއެއްކަމެވެ.

މިކުންފުންޔަކީ ޓެކްނޮލޮޖިކަލް ހައްލުތައް އުފައްދައި އޭގެއިން އެންމެނަށްވެސް ރައްކާތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރާ ކުންފުންޔެކެވެ.

ޑިޒައިންގެ އިތުރަށް މިމާސްކުގެ ދެން ހުރި ކަންތައްތަކާއި އެކީ މިއީ ވަރަށް ގިނަ މީހުންނަށް ކަމުދާނެ މާސްކެއްކަމުގައި ލަފާކުރެވެއެވެ. ކޮންމެ ގޮތެއްވިޔަސް އަދި ގިނަ ދުވަސްތަކެއް ނުވަތަ އަހަރުތަކެއް ފާއިތުވަންދެން ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް މާސްކަކީ މިހާރު ވަރަށް މުހިންމު އެއްޗެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.