ދޮށީއުމުރު މީހުންގެ އެކަނިވެރިކަން ފިލުވުމަށް ޓެކްނޮލޮޖީ

ޝުޖާޢަތު ރަޝީދު 06 ޑިސެމްބަރު 2021

ދޮށީ އުމުރުގެ މީހުން ގިނަ ވަގުތު ހޭދަ ކުރަނީ ގޭގައި އެކަނި ނުވަތަ އާއިލާ މެމްބަރަކާއި އެކުއެވެ. ބައެއް މީހުންނަކީ ހާލަތު ދިމާ ކުރާ ގޮތުން އާއިލާއާއި އެކު ދިރިއުޅެން ފުރުސަތު ލިބިފައި ނުވާ މީހުންނެވެ.

މިހާރު މިޒަމާނުގައި، ޓެކްނޮލޮޖީގެ އެހީގައި ދޮށީ އުމުރުގެ މީހުންނަށް އެކަނިވެރިކަން ފިލުވާލުމަށް އެކި ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން ގިނައެވެ.

މިސާލަކަށް އެމެރިކާގެ ޕާޕާ ޕަލްސްއަކީ ވަރަށް ފުރިހަމަކޮށް މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ތަނެކެވެ.

ޕާޕާ ޕަލްސްއަކީ ދޮށީ އުމުރުގެ މީހުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އެހީވެދޭ އޮންލައިން ޕްލެޓްފޯމެކެވެ.

ޕާޕާ ޕަލްސްގެ ޚިދުމަތައް ރަޖިސްޓްރީ ވުމަށްފަހުގައި ޕާޕާ ޕަލްސްއިން އެމީހަކަށް ދޭ ޚިދުމަތްތައް ވަރަށް ގިނައެވެ. މީގެ ތެރޭގައި ޑަކްޓަރަށް ދައްކާލުމަށް އެޕޮއިންޓްމަންޓް އޮންނަ ގަޑިއަށް ކްލިނިކަށް ނުވަތަ ހޮސްޕިޓަލަށް ގެންގޮސްދިނުން، ގެއަށް ބޭނުންވާ ތަކެތި ގަންނަން ދާ ވަގުތުގައި ދޮށީއުމުރުގެ މީހުންނާއި އެކީ ގޮސް ތަކެތި ގަނެ އަނބުރާ އެކީގައި ގޮސް ގެއަށް ލައިދިނުންވެސް ހިމެނެއެވެ.

މިނޫންވެސް އެހެނިހެން ކަންތައްތައް، މިސާލަކަށް އެކީގައި ޕާކަކަށް ހިނގާލަން ދިއުން، ވާހަކަ ދައްކާލަން ރެސްޓޯރަންޓް / ކެފޭއަކަށް ގޮސްލުންވެސް ހިމެނެއެވެ.

ޕާޕާ ޕަލްސްގެ މެމްބަރުންނަކީ ހިތްވަރާއި، ޝައުޤުވެރިކަމާއިއެކީ ދޮށީ އުމުރުގެ މީހުންނަށް އަޅާލުންތެރިކަން ފޯރުކޮށްދޭ މެމްބަރުންނެވެ. މީގެ ތެރެއިން ބައެއް މެމްބަރުންނަކީ އަދިވެސް ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނެވެ. އިތުރު މަސައްކަތެއް ގޮތުގައި ޕާޕާ ޕަލްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މެމްބަރުންވެސް މަސައްކަތް ކުރެއެވެ.

ކޮވިޑް-19ގެ ސަބަބުން މިފަދަ ޚިދުމަތްތައް ބޭނުންވާ ގިނަ އަދަދެއްގެ ދޮށީ އުމުރުގެ މީހުން އުޅޭކަން ފާހަގަ ކުރެވެއެވެ. އެކަނި ވަގުތު ހޭދަކޮށް ގޭތެރޭގެ މަސައްކަތްތައް ކުރަމުންދާ ކާފައިންނާއި މާމައިން މަދެއްނޫނެވެ.

މިގޮތައް ޕާޕާ ޕަލްސްގެ ޚިދުމަތައް އެދޭ ނުވަތަ ފޯރުކޮށްދޭ ގިނަ މީހުންނަކީ ކޮންމެވެސް މަސައްކަތެއްކޮށް އަނބުރާ ޤައުމަށް ނުވަތަ އެމީހަކު ދިރިއުޅޭ ތަނަކަށް ކޮންމެވެސް ފައިދާ ހުރި ކަމެއް ކޮށްދޭން ބޭނުންވާ މީހުންކަންވެސް އެނގިގެން ދެއެވެ.

ވީޑިއޯ މެދުވެރިކޮށް ގުޅާލުން

މިހާރުގެ ގިނަ އޮންލައިން ޕްލެޓްފޯމްތަކުގެ އެހީގައި ވީޑިއޯ ކޯލް ކޮށްލެވޭނެއެވެ. އެހެންކަމުން ވީޑިއޯ ކޯލްގެ އެހީގައި ދޮށީ އުމުރުގެ މީހުންނަށް އާއިލާ މެމްބަރުންނަށް ގުޅާލައި، ނުވަތަ އަލަށް މީހުންނާއި ދިމާވެ ވާހަކަ ދައްކައި ހަދާލެވެއެވެ. މިފަދަ ފާހަގަ ކޮށްލެވޭ އެއް ޚިދުމަތަކީ ބިގް އެންޑް މިނިއެވެ.

ބިގް އެންޑް މިނިއިން ވީޑިއޯ އިންޓަރެކްޝަންތައް ހޯސްޓުކޮށް ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނާއި ގުޅާލަދެއެވެ. 2019 ގެ ފަހުން މި ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 10،000 އަށް އަރާ ކަމަށް މި ކުންފުނީގެ ކޯ-ފައުންޑާ އަދިތީ މާޗަންޓް ބުނެއެވެ.

ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ގުޅާލުން

ޕެންޑެމިކް ތެރޭގައި އެތައް ބަޔަކު އޮންލައިން ވީޑިއޯ ޕްލެޓްފޯމްތަކާއި، ގޭމްތަކާއި އަދި ވާޗުއަލް ރިއަލިޓީ ޚިދުމަތްތަކާއި ގާތްވިކަން ފާހަގަވެގެން ދިއައެވެ. ވާޗުއަލް ރިއަލިޓީ ގެޖެޓްތައް ގަނެ ރައްޓެހިންނާއި، އާއިލާ މެމްބަރުންނާއި އެކު ކޮންމެވެސް އޮންލައިން ގޭމެއް ކުޅެލުމަކީ ވަރަށް ގިނަ މީހުން ކުރަންފެށި ކަމެކެވެ.

އުމުރުން 56 އަހަރުގެ އަންހެނެއް ކަމުގައިވާ ޑާނާ ޕިއާސް ވީއާރު ހެޑްސެޓެއް ޕެންޑަމިކް ތެރޭގައި ހޯދައި އަލްކޯވް ފަދަ އެޕްތަކާއި އިންޓަރެކްޓް ވާން ފެށިއެވެ. ޕެރިސް ފަދަ ޤަޢުމުތަކަށް ވާޗުއަލް ރިއަލިޓީގެ އެހީގައި ދަތުރުކޮށް ކުރިން ނުފެންނަ މަންޒަރުތަކާއި ތަންތަން ބެލުމަކީ ޑާނާ ވަރަށް ކުރާހިތްވާ ކަމަކަށްވިއެވެ.

ޓެކްސަސް އޭޖިން އެންޑް ލޯންގެވިޓީ ސެންޓާގެ ޑިރެކްޓާއެއް އަދި ސައިކޮލޮޖިސްޓެއް ކަމުގައިވާ ކެރެން ފިންގާމަން ބުނާ ގޮތުގައި ވީ.އާރު ޓެކްނޮލޮޖީއަކީ ސޯޝަލް ކަނެކްށަނަކަށް ބައެއް މީހުންނަށް ވަރަށް މުހިންމު ޓެކްނޮލޮޖީއެއް ގޮތުގައި ފާހަގަ ކުރެވުނު އެއްޗެކެވެ.

ހޮސްޕިޓަލް ތަކުންނާއި ފެސިލިޓީތަކުން ވީއާރު ޕެނުމްބްރާގެ ރިއަލް އައި އާއި މައިންޑްވީއާރު ފަދަ ޕްރޮޑަކްޓްތައް ބޭނުންކުރެއެވެ. މިއީ ދޮށީ އުމުރުގެ ބަލިމީހުންނަށާއި އެކަނި ގިނަ ވަގުތު ހޭދަ ކުރާ މީހުންނަށް ބޭނުންކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ވީއާރު ޕްރޮޑަކްޓްތަކެކެވެ.

މިވަގުތު ރާއްޖޭގައި ބޭނުންކުރެވޭ މިފަދަ ޚިދުމަތްތައް މަދެވެ. ނަމަވެސް ވައިބާ، ވަޓްސްއެޕް،ފޭސްބުކް، ޓެލެގްރާމް ނުވަތަ ފޯނުގެ ވީޑިއޯ ކޯލް ފީޗާގެ އެހީގައި ދުރުގައި އެކަނި އުޅޭ އާއިލާ މެމްބަރުންނާއި، ދޮށީ އުމުރުގެ މީހުންނާއި ގުޅާލައި ވާހަކަ ދައްކާލެވޭނެއެވެ. އަދި މި މަންސަތަކުގެ ގްރޫޕުތަކުގައި އާއިލާގައި ހިނގާ މުހިންމު ކަންތަކުގެ ފޮޓޯއާއި ވީޑިއޯވެސް ހިއްސާކުރެވިދާނެއެވެ.

މަދުންނަމަވެސް، އެކީގައި އޮންލައިން ގޭމެއް ކުޅެން ދަސްކޮށްދީ، މަންމަ ނުވަތަ ކާފަ، މާމައާއި އެކީ ގޭމްވެސް ކުޅެލެވޭނެއެވެ. ޓެކްނޮލޮޖީގެ ފައިދާ ނަގައި އެންމެން އޭގެ އެހީގައި ގުޅުން ބަދަހި ކުރުމަކީ އެންމެންވެސް އުފާކޮށް އުޅުމަށް ފުރުސަތު ލިބޭ ކަމެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.