ބާމޮޑެލްތަކުގެ ފޯންތައް ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއް؟

ޙުސައިން ދީމް މުޙައްމަދު 08 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަދުގެ ދުނިޔޭގައި ފޯނަކީ ޒަރޫރަތެކޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. އެއްވެސް ޒާތެއްގެ މުވާސަލާތީ ވަސީލަތެއް ނުގެންގުޅޭ މީހަކު މިހާރު ވަރަށް މަދުވާނެއެވެ. ގިނަ މީހުން ގެންގުޅެނީ އެންޑްރޮއިޑް ނުވަތަ އެޕަލްގެ ސްމާޓް ފޯނެކެވެ. ނަމަވެސް މިކަހަލަ މޮޅެތި ބްރޭންޑްތަކުގެ ފޯނު އަގުބޮޑުވީމާ، ކުރީގެ ބާ މޮޑެލްތައް ގެންގުޅޭ ފަރާތްތައް މަދެއްނޫނެވެ. ސުވާލަކީ މިއީ ރަނގަޅުކަމެއްބާއެވެ؟

ފޯންތައް ދުވަސްވާ ވަރަކަށް ބެޓަރީގެ ބާރު ދެރަވެ ޑިސްޕްލޭގައި ރެނދުލާގޮތްވެއެވެ. އެހެންނަމަވެސް އަދިވެސް އައިފޯން-6 ފެންވަރުގެ ފޯންތައް (ގިނަގިނައިން ޗާޖުކުރަންޖެހުނަސް) ހަމަ ރަނގަޅަށް ބޭނުންކުރެވެއެވެ. މިއާއި ޚިލާފަށް ހަމައެދުވަސްވަރު ނިކުތް ސެމްސަންގް ގެލެކްސީ އެސް-6ގެ ފޯންތައް މިހާރަކު ބޭނުމެއް ނުކުރެވެއެވެ. އެއީ ސެމްސަންގް ކުންފުނިން އެފޯނުތަކަށް ސެކިއުރިޓީ އަދާހަމަކުރުން ހުއްޓާލައިފައިވާތީއެވެ. އެހެންކަމުން ބާމޮޑެލްތައް ބޭނުންކުރުމާ ބެހޭގޮތުން ކުރެވޭ ސުވާލުގެވެސް ޖަވާބު އާޚިރުގައި މިވަނީ އެޕަލްއާއި ސެމްސަންގް ދެމެދު ކުރެވޭ ބަހުސަކަށެވެ.

ފޯން ސެކިއުރިޓީގައި އެޕަލްއަކީ އަބަދުވެސް ސެމްސަންގްއަށްވުރެ ދެފިޔަވަޅު ކުރީގައި އުޅޭ މަރުކާއެކެވެ. ކިތަންމެ ޒަމާނެއްވިޔަސް އެޕަލްއިން އެކުންފުނީގެ ފޯންތަކަށް ސެކިއުރިޓީ ފީޗާޒްތަކާއިއެކު ސޮފްޓްވެއާ ސަޕޯޓް ފޯރުކޮށްދެއެެވެ. ސެމްސަންގްގެ ތަފާތަކީ ފޯނަށް ދުވަސްވާވަރަކަށް ފޯނުގެ ސޮފްޓްވެއާ ސަޕޯޓް ހުއްޓާލާކަމެވެ. މިއާއެކު އެފޯންތަކުގެ ސެކިއުރިޓީ ގެއްލި ވައިރަހާއި ހެކަރުންގެ ޝިކާރައަކަށްވެ އެފޯންތައް ހަލާކުވެގެންދެއެވެ.

އަނެއްކޮޅުން އެޕަލްއިން މިވަނީ ދާދިފަހުން ހޯމްރިޕެއަރކިޓްތަކެއް ތަޢާރަފުކުރާނެ ކަމަށް އިޢުލާންކޮށްފައެވެ. މިއާއެކު އެޕަލްގެ އުފެއްދުންތައް އިތުބާރުހުރިގޮތެއްގައި މަރާމާތުކޮށްގެން ގިނަދުވަހު ބޭނުންކުރެވޭނެ މަގު ފަހިވެގެންދެއެވެ. މިހާތަނަށް އެޕަލްއިން އައިއޯއެސްގެ އަޕްޑޭޓްތައް އެމަރުކާގެ ހުރިހާ ފޯނަކަށްވެސް ބޭނުންކުރެވެއެވެ. އެކަމު ބައެއްފަހަރު ބާފޯންތައް، އައިއޯއެސްގެ އެންމެ ފަހު ވާޜަންއަށް އަޕްޑޭޓްކުރުމާއެކު ސްކްރީން ތާށިވެ ހިނގުން ލަސްވާގޮތްވެއެވެ. މިހެންކަމުން ބައެއް ފަރާތްތަކުން ފޯން އަޕްޑޭޓްނުކޮށްވެސް އެބަ ގެންގުޅެއެވެ. މިގޮތަށްވެސް ފޯން ގެންގުޅެވޭނެއިރު، އާއަޕްޑޭޓްތައް އެޅުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއީ އެގޮތަށް އަޕްޑޭޓްނުކޮށްފިނަމަ ފޯންގެ ސެކިއުރިޓީ ދަމަހައްޓަން ތަޢާރަފްކުރާ އާފީޗާތަކެއް ނުލިބޭނެއެވެ. މިއީ ވަރަށް މުހިއްމުކަމެކެވެ. އެއީ އެޕަލްގެ މަތީ ފަންތީގެ ސެކިއުރިޓީއާއިއެކުވެސް، ކުރީގެ ބައެއް ސިސްޓަމްތައް ހެކުރުކުރެވޭނެގޮތްތައް މީހުންހޯދާތީއެވެ. އެޕަލްގެ އާއަޕްޑޭޓްތަކާއިއެކު އެހަމަލާތައް ހުއްޓުވޭނެ އާ ޑިފެންސްތައް ތައާރަފުވެގެންދެއެވެ.

އެހެންނަމަވެސް، އައިފޯނަށްވެސް ކުރީގެ މޮޑެލްތައް އަޕްޑޭޓްކުރެވޭނެ ވަކި ހައްދެއް އޮވެއެވެ. އެޕަލްއިން ފަހުން ނެރޭ އަޕްޑޭޓްތައް މަސައްކަތްކުރަނީ ހަމައެކަނި 2015ވަނަ އަހަރު ނެރުނު އައިފޯން 6-އެސްގެ ނިޔަލަށެވެ. އެކަމަކު 2013ވަނަ އަހަރު ނެރުނު އައިފޯން 5-އެސްގެ ފޯންތަކަށްވެސް ބައެއްކަހަލަ ސެކިއުރިޓީ ފީޗާތައް އަދިވެސް ދޫކުރަމުން ގެންދެއެވެ. އެހެންވީމާ 2013ގެ ކުރިން ނެރުނު މޮޑެލްއެއް ވިއްޔާ މިހާރުގެ އާ އަޕްޑޭޓްތަކެއް ނުލިބޭނެއެވެ. އަދި ސެކިއުރިޓީ ފީޗާތަކެއްވެސް ނުލިބޭނެމެއެވެ. އެކަމަކު އަދިވެސް އޭގެ ކުރީގެ ފޯންތައް އެއްވެސް މައްސަލައަކާއި ނުލާ ބޭނުންކުރާ ފަރާތްތައް މަދުން ނަމަވެސް އެބައުޅެއެވެ.

ސެމްސަންގްފަދަ އެންޑްރޮއިޑްގެ އުފެއްދުންތަކުގައި އޮތީ މުޅިން އެހެން ވާހަކައެކެވެ. އެންޑްރޮއިޑްގެ އެކި ބްރޭންްޑްތަކުން ކަންކުރަނީ ތަފާތުކޮށެވެ. އެހެންނަމަވެސް އެންޑްރޮއިޑްގެ އެންމެ ބޮޑު ކުންފުނި، ސެމްސަންގްގެ އުސޫލަކީ ފޯނު ނެރޭތާ 4 އަހަރަށްފަހުން ސަޕޯޓްކުރުން ހުއްޓާލުމެވެ. އެހެންވީމާ ސެމްސަންގް ގެންގުޅޭ ފަރާތްތަކަށް ޖެހޭނީ މަދުވެގެން ހަތަރު އަހަރުން އެއްއަހަރު ފޯނު ބަދަލުކުރާށެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.