އުރީދޫ މޯލްޑިވްސް އިން ޕީސް ކޭބަލްއަށް އިންވެސްޓްކޮށް އެއްބަސްވުމެއްގައި ސޮއި ކުރިކަމަށް މިއަދު އިއުލާންކޮށްފިއެވެ. ޕީސް ކޭބަލް އަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަޤްވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަ ކޮށްދޭނެ ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ. މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
'ޕީސް' ސަބްމެރިން ކޭބަލް އެޅުމަށް އުރީދޫ މޯލްޑިވްސްއިން ހަމަޖައްސާފައިވަނީ ކުޅުދުއްފުށި ސިޓީއިން ސިންގަޕޫރާއި ޔޫރަޕްގެ ގިނަ ރަށްތަކެއް ހިމެނޭގޮތަށެވެ. އުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ޚިޔާރުކޮށްފައިވަނީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިލަދީ، ޑިޖިޓަލް ޚިދުމަތްތަކާއެކު ފަހިވެގެންދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.
މި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް ގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެއެވެ. އުރީދޫ މޯލްޑިވްސް އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލްއާއި އެކު 5ޖީ ގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ޚިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ޕީސް ކޭބަލްގެ ލޭންޑިންގ ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. ހައިޕަސްކޭލަރ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ޚިދުމަތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެއެވެ. މި ކޭބަލް ވެގެންދާނީ ދުނިޔޭގެ އެހެން ހިސާބުތަކަށް އިންފޮމޭޝަން ހައިވޭ އަކަށް ކަމަށްވާތީ، މި ކޭބަލްގެ ސަބަބުން އާ ވަޒީފާތައް އުފެދި، އައު ހުނަރާއެކު މުޖުތަމައު ތަރައްޤީވެ، ދުނިޔޭގެ ޑިޖިޓަލް މާހައުލުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
"5ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އިންޓަނެޓް އޮފް ތިންގްސް އަދި ކްލައުޑް ޚިދުމަތްތަކުގެ އިތުރުން 5ޖީ ނެޓްވޯކްގެ ބާރު ސްޕީޑްތަކާއެކު އީޖާދުވާ ޚިދުމަތްތައް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗަރ އެއް ބިނާކުރުމަކީ މުހިންމުކަމެއް. އެހެންކަމުން މިފަދަ އިންވެސްޓްމަންޓްތަކާ އެކު ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހި މުޖުތަމައުއަކަށް ފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.
"އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫޢު އާއިއެކު ކުޅުދުއްފުށި ވެގެންދާނީ މާލެ ސިޓީގެ އިތުރުން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ގުޅާލެވޭ ފުރަތަމަ ރަށަށް. މި ފަޚުރާއެކު އުތުރުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށްވެސް އެތަކެއް ކުރިއެރުންތަކަކާއި ފުރުޞަތުތަކެއް ފަހިވެ އައު އުސްމިންތަކަކަށް ވާސިލްކުރާނެ ކަމުގެ ޝައްކެއްވެސްނެތް. މި އާ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިންގ ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ އިޚްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވިއެވެ.
ޕީސް ކޭބަލްގެ މަސައްކަތް ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ކުރީކޮޅު ހދ.ކުޅުދުއްފުށީގައި ކޭބަލް ގުޅުވާލެވޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ލަފާކުރެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އައު ޓެކްނޮލޮޖީއާއި، އައު އީޖާދުތަކާއި، އިޖްތިމާޢީ އަދި އިގްތިސާދީ ތަރައްޤީއާ ގުޅުވާލަދޭ އިންޤިލާބީ 5ޖީ ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނެޓްވަރކް ތައްޔާރަށް އޮތް މިންވަރު އިތުރުވެގެންދާނެއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް