ގޫގަލްއަކީ ދުނިޔޭގެ ގިނަބަޔަކު ބޭނުންކުރާ އެންމެ މަޤްބޫލް ސާޗް އިންޖީނެވެ. ގޫގަލްހާ އާއްމު ނޫން ނަމަވެސް، ގޫގަލްއާއި ވާދަކުރާ އެތައް ސާޗް އިންޖީނެއް ހުރެއެވެ. މިސާޗު އިންޖީނުތަކުން ގޫގަލް ބަލިކޮށް، އޭގެ މައްޗަށް ކުރިހޯދެވޭތޯ އެތައް އާއުކުޅެއްދަނީ ބޭނުންކުރަމުންނެވެ.
މިގޮތުން ނީވާ އަދި ޔޫ ޑޮޓްކޮމްފަދަ އާ ސާޗް އިންޖީނުތަކުން ކަސްޓަމަރުން ހޯދުމަށްޓަކައި ގޫގަލްއަށްވުރެ ފަހި ޕްރައިވަސީ ފީޗާޒްއާއި މަދު އެޑްތަކާއިއެކީގައި ކަސްޓަމައިޒްކުރެވޭކަހަލަ ސާޗިންގް ޕްލެޓްފޯމްތަކެއްދަނީ ފޯރުކޮށްދެމުންނެވެ.
ނީވާ އަކީ، ގޫގަލްގެ ކުރީގެ ސީނިއާރ ވައިސް ޕްރެޒިޑަންޓް އޮފް އެޑްވަޓައިޒިންގް ސްރީދާރު ރާމަސްވާމީ އުފެއްދި ކުންފުންޏެކެވެ. 2017ވަނަ އަހަރު ގޫގަލްއިން އަމިއްލައަށް ކެނޑުނު ރާމަސްވާމީ ބުނިގޮތުގައި އޭނާ ގޫގަލްއިން ކެނޑުނީ، ވިޔަފާރީގެ ބޭނުމުގައި ގޫގަލްގެ އެކި ޕްލެޓްފޯމްތަކުގައި ނަހަމަގޮތުގައި އެޑްތައް ބޭނުންކުރަމުން އައީތީއެވެ. އެހެންކަމުން ނީވާ އުފެއްދުމުގައި ރާމަސްވާމީގެ އަމާޒަކީ، ސުލޫކީ މިންގަނޑުތަކަށް ފެތޭ، ރަނގަޅު އާ ސާޗްއިންޖީނެއް އުފެއްދުމެެވެ. މިގޮތުން ގޫގަލްއާއި ޚިލާފަށް ނީވާގައި އެއްވެސް ކަހަލަ އެޑެއް ނުދައްކައެވެ. އަދި ޔޫސަރުންގެ މަޢުލޫމާތުތައް އެއްވެސް ތާޑް ޕާޓީއަކާއި ހިއްސާ ނުކުރެއެވެ. އެހެންނަމަވެސް، މި ޕްރައިވެޓް ސާޗް އިންޖީނު ބޭނުންކުރަން މަހަކު 5 ޑޮލަރުގެ ފީއެއް ދައްކަންޖެހެއެވެ.
ގޫގަލްއާއި ތަފާތުކޮށްލުމަށް، ޔޫ ޑޮޓްކޮމްއިން ހަދާ ގޮތަކީ، ސާޗް ރިޒަލްޓްތައް ލިސްޓެއްގެ ގޮތުގައި އަތުރައިލުމުގެ ބަދަލުގައި، ގްރިޑް ފޯމެޓަކަށް ސްކްރީނުގައި ހުރިހައި ރިޒަލްޓެއް އަތުރާލަނީއެވެ. މީގެ އިތުރުން، ކޮންމެ ރިޒަލްޓަކަށް އަޕްވޯޓް އަދި ޑައުންވޯޓްކުރުމުގެ ފުރުސަތު ލިބެއެވެ. މިއާއެކު މުސްތަޤްބަލުގައި އެރިޒަލްޓުތައް ސްކްރީންމަތީގައި އަތުރައިލެވޭނީ، އެންމެ ގިނަ އަޕްވޯޓް ލިބިފައިވާ ރިޒަލްޓްތައް ކުރިން ފެންނަގޮތަށެވެ. މިގޮތް އެހެނަސް މިއީ ގިނަބަޔަކަށް ބަލައިލަން އަދި މެނޭޖުކުރަން އުނދަގޫ ނިޒާމަކަށްވެއެެވެ. މީގެ އިތުރުން، ޔޫޑޮޓްކޮމްގައިވެސް، ގޫގަލްގައި ފެންނަފަދަ ޓާގެޓެޑް އެޑްތަކެއް ނުފެންނާނެއެވެ.
ގޫގަލްއާއި ވާދަކުރެވޭތޯ އާ ސާޗް އިންޖީނުތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، ގޫގަލް އޭގެ މަޤާމުން ވައްޓާލެވުމަކީ ވަރަށް ނާދިރު ކަމެކެވެ. މިހާރުވެސް ސާޗް އިންޖީނު މާކެޓުގައި ގޫގަލްގެ ހިއްސާ އުޅެނީ 90% ގައެެވެ. ދެވެނައަށްވެސް އުޅެނީ 2.48%އާއި އެކު މައިކްރޯސޮފްޓުގެ ބިންގްއެވެ. މައިކްރޯސޮފްޓުފަދަ ބިޔަ ކުންފުންޏަކަށް ނުކުރެވުނު ކަމެއް އެހެން އެއްވެސް ސާޗް އިންޖީނަކަށް ކުރެވުމަކީ ވަރަށް އެކަށީގެން ނުވާ ކަމެކެވެ.
ގޫގަލް ބަލިކޮށްލަން ދަތިވާ އަނެއް ސަބަބަކީ، އެއްޗެއް ސާޗުކުރާއިރު، ގޫގަލް ބޭނުންކުރެވޭކަންވެސް ނުވިސްނޭ ފަހަރުތައް އެބަދެއެވެ. މިސާލަކަށް، "މިއަދުގެ ފިނިހޫނުމިނަކީ ކޮބާ؟" މިކަހަލަ އާދައިގެ ސުވާލުތައް ސިރީ ނުވަތަ އެލެކްސާ ފަދަ ވޮއިސް ކޮމާންޑްތައް ބޭނުންކޮށްގެން ހޯދާއިރު، އެއަށްވެސް ގޫގަލްއެބަ ބޭނުންކުރެވެއެވެ. ވީމާ ނީވާ އަދި ޔޫޑޮޓްކޮމްކަހަލަ އަލަށް އުފެދުނު ކުދި ސާޗް އިންޖީނުތަކަށް ގޫގަލް ކަހަލަ ބޮޑެތި ކުންފުނިތަކާއި ވާދަކުރުމަކީ އުނދަގޫކަމެކެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.