ޕިޗްއަޕް ޗެލެންޖް ކާމިޔާބު ކުރި ފަރާތްތަކަށް ގްރާންޓް ދީފި

ހިންދު ޢަލީ 13 ޖެނުއަރީ 2022

ޒުވާނުންނަށް އަމާޒުކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ޚިޔާލު ހުށަހަޅުމަށް ހުޅުވާލި "ޕިޗްއަޕް: ޔޫތު އޮންޓްރޮޕްރިނިއަރޝިޕް ޗެލެންޖް" ފުރިހަމަކޮށް ކާމިޔާބު ކުރި ފަރާތްތަކަށް ގްރާންޓް ހަވާލުކޮށްފިއެވެ. ޗެލެންޖު ކާމިޔާބު ކުރި ބައިވެރިންނަށް ގްރާންޓް ހަވާލުކުރީ 10 ޖެނުއަރީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ބޭއްވި ރަސްމިއްޔާތެއްގައެވެ. ގްރާންޓްތައް ހަވާލުކޮށްދެއްވީ ސީގަލް ގްރޫޕާއި، ވޮޔެޖަރޒް މޯލްޑިވްސްގެ ކޯ ފައުންޑަރ އަދި މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ޞަލާޙް ޝިހާބެވެ.

"ޕިޗްއަޕް: ޔޫތު އޮންޓްރޮޕްރިނިއަރޝިޕް ޗެލެންޖް"އަކީ ދިވެހި ޒުވާނުންނަށް ޚާއްސަ އަހައްމިޔަތުކަމެއް ދީގެން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއާއި، ވިޔަފާރިވެރިކަމުގެ ހުނަރުތައް ތަރައްޤީކޮށް، ޒުވާނުންނަށް ވަޒީފާއާއި، އާމްދަނީގެ މަގުތައް ފަހިކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ގުޅިގެން ހިންގާ "މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިޖެންސް އޮފް ޔޫތު - މީރީ" ޕްރޮޖެކްޓުގެ ޙަރަކާތެކެވެ.

މި މުބާރާތް ކުރިއަށް ދިޔައީ އެޕްރީލް 2021 އިން ފެށިގެން 9 މަސް ދުވަހުގެ މުއްދަތަށެވެ. "ޕިޗްއަޕް: ޔޫތު އެންޑްރޮޕްރިނިއަރޝިޕް ޗެލެންޖް" ގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ދިވެހި ޒުވާނުން ޝާމިލުވާ 23 އައު ވިޔަފާރިއަކަށް، އެކު ޖުމުލަ 12.4 މިލިޔަން ދިވެހި ރުފިޔާގެ ހިލޭ އެހީ އެވޯޑު ކޮށްފައިވެއެވެ. މި މުބާރާތް ޚާއްސަކޮށްފައިވަނީ ފަތުރުވެރިކަމާއި، ފަތުރުވެރިކަމާއި ގުޅުންހުރި ޢުމްރާނީ މަސައްކަތާއި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާއަށެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަނަށް ދެވުނު 1 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 192 ވިޔަފާރީގެ ޚިޔާލު ހުށަހެޅުނެވެ. މި ޚިޔާލުތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވުނު ޚިޔާލުތައް ހުށަހެޅި ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިން ތަމްރީނު ދިނުމަށްޓަކައި 6 ދުވަހުގެ ބޫޓް ކޭމްޕް ތަމްރީނެއް، މުބާރާތުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ބޭއްވުނެވެ.

އެއަށްފަހު، ދެވަނަ މަރުހަލާގައި ތަފްސީލީ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލެވުނެވެ. ޖުމުލަ 73 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅައި، އޭގެތެރެއިން 50 ފަރާތަށް ޕްރޮޕޯޒަލް ޕިޗުކުރުމުގެ ފުރުސަތު ދެވުނެވެ.

ގްރާންޓް އެވޯޑުކުރީ ބައިނަލްއަޤްވާމީ ފަނޑިޔާރުންވެސް ހިމެނޭގޮތުން އެކުލެވުނު ޕެނަލަކުން މި ބިޒްނަސް ޕިޗުތައް ވަޒަންކުރުމަށްފަހު، ހޮވުނު 23 އައު ވިޔަފާރިއަށެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއިން 6 ވިޔަފާރިއާއި، ފަތުރުވެރިކަމާއި ގުޅުންހުރި ޢުމްރާނީ މަސައްކަތުގެ ދާއިރާއިން 1 ވިޔަފާރިއާއި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން 5 ވިޔަފާރިއާއި އަދި ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރިއެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.