އެންމެ ޑިމާންޑް ބޮޑު ޓެކް ހުނަރުތައް

ހިންދު ޢަލީ 14 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މުޅި ދުނިޔޭގައި ވެސް އައިޓީ ދާއިރާ ކުރިއަރަމުންދަނީ ވަރަށް ހަލުވި ސްޕީޑެއްގައެވެ. ދާއިރާ ފުޅާވަމުން އަންނަ ވަރަކަށް ތަފާތު ޓެކް ހުނަރުތައް ލިބިފައިވާ މީހުންނަށް އޮތް ޑިމާންޑް ވެސް ދަނީ ބޮޑުވަމުންނެވެ. މީގެ ސަބަބުން ދުނިޔޭގެ އަދި ރާއްޖޭގެވެސް ކުންފުނިތަކުން ޓެކް ވަޒީފާތަކުގެ މުސާރަތަކަށް ރަނގަޅު ބަދަލު އަންނަމުންދާތަން އެބަ ފެނެއެވެ. ޑިމާންޑް ބޮޑުވެފައި، ވަކި ހާއްސަ ޓެކް ސްކިލްތައް ލިބިފައިވާ މީހުން މަދުވުމަކީ މިހާރު ދިމާވާ ބޮޑު އެއް މައްސަލައެވެ. މިކަމުގެ ސަބަބުން ގްލޯބަލް އަދި ބައެއް ލޯކަލް ކުންފުނިތަކުން ވެސް އެއް ކުންފުނިން އަނެއް ކުންފުންޏަށް ހުނަރު ހުރި މުވައްޒަފުން 'ޕޯޗް' ކުރުމުގެ ޓްރެންޑްވެސް ދަނީ އިތުރުވަމުންނެވެ.

ޕެންޑެމިކް ތެރޭގައި ހާއްސަކޮށް ޓެކް ހުނަރު ލިބިފައިވާ މީހުންގެ ޑިމާންޑް ދިޔައީ ބޮޑުވަމުންނެވެ. ޑިޖިޓަލްކޮށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ގިނަވުމާ ގުޅިގެން އެތަކެތި އުފެއްދުމަށް ޓެކްގެ އެކި ހުނަރު ހުރި މީހުންވެސް ގިނައިން ބޭނުންވިތަން ފެނިގެން ދިޔައެވެ.

ޓެކްނޮލޮޖީއަކީ އަބަދުވެސް ބަދަލުވަމުން އަންނަ ތަކެއްޗެވެ. ކޮންމެ ދުވަހަކު ވެސް އައު ޓެކްނޮލޮޖީ އުފެއްދުމާއި އަދި ކުރީގެ ޓެކްނޮލޮޖީތައް ބޭނުުންކުރުން ހުއްޓާލުމަކީ މިދާއިރާގެ ހަގީގަތެކެވެ. މީގެ ސަބަބުން އަބަދުވެސް އައު ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމަކީ މިދާއިރާގައި ދެމިތިބެން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިއްމުކަމެކެވެ. މިހާރުގެ ބިޒްނަސްތަކުން ދަނީ އެމީހުންގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އެކިއެކި ޑިޖިޓަލް ޓެކްނޮލޮޖީގެ ހުނަރު ހުރި ފަރާތްތައް ހޯދަމުންނެވެ.

2021 ގެ ޑޭޓާ ޓްރެންޑަށް ބަލާލައިފިނަމަ ކުރިއަށް އޮތް އަހަރަށް ވަޒީފާގެ ބާޒާރުގައި އެންމެ ޑިމާންޑް ބޮޑު ޓެކް ހުނަރުތައް ތިރީގައި ހިމަނާލާނަމެވެ.


ސައިބަރ ސެކިޔުރިޓީ

ސައިބަރ ސެކިޔުރިޓީއަކީ މިފަދަ ލިސްޓެއްގެ އެންމެ ކުރީގައި ހިމެނޭ ހުނަރެވެ. ޕެންޑަމިކްއާއި ގުޅިގެން ހާއްސަކޮށް އަހަރުމެންގެ ޑިޖިޓަލް ދިރިއުޅުން ބޮޑުވެއްޖެއެވެ. ޑިޖިޓަލް ދުނިޔޭގައި މީހުންގެ ހަރަކާތްތައް ގިނަވުމަކީ ސައިބަރ ކްރިމިނަލްސްއަށް ހުޅުވޭ ރަނުގެ ފުރުސަތުތަކެކެވެ. އަހަރުމެންގެ ސިއްރު އަދި ޒާތީ މަޢުލޫމާތުތައް ދަމައިގަތުމަށެވެ. އެހެން ކަމުން މިފަދަ ކަންތައްތަކުން ބިޒްނަސްތައް ރައްކާތެރި ކުރުމަށްޓަކައި ބޮޑެތި އަދި ކުދި ކުންފުނިތަކުންވެސް މިހާރު ދަނީ ސައިބަރ ސެކިޔުރިޓީ ހުނަރު ހުރި ފަރާތްތައް ހޯދަމުންނެވެ. މިއީ ދުނިޔޭގެ ލެވެލްގައި ވެސް މަދު ހުނަރެކެވެ. މިކަމުގެ ފަންނީ މީހުންނަށް މިހާރު މާކެޓުގައި އޮތް ޑިމާންޑް ވަރަށް ބޮޑެވެ. އައިސީއެސް2 ދިރާސާއިން ދައްކާގޮތުގައި 2020 އާއި އަޅާބަލާއިރު 2021 ގައި ސައިބަރ ސެކިޔުރިޓީ ޕްރޮފެޝަނަލުން އިތުރުވި ނަމަވެސް ޑިމާންޑަށް އަރާހަމަކުރުމަށް އަދިވެސް މިހުނަރު ތިބި މީހުން %65 އަށް އިތުރަށް ކުރަންޖެހެއެވެ.


ކްލައުޑް ކޮމްޕިޔުޓިންގ

ކްލައުޑް ކޮމްޕިޔުޓިންގ ހުނަރަކީވެސް މިހާރު ޑިމާންޑް ބޮޑު ހުނަރެކެވެ. ކްލައުޑް ސަރޓިފައިޑް ފަންނީ މީހުންނަކީ ޓެކް ދާއިރާގައި އެންމެ ބޮޑެތި މުސާރަ ލިބޭ މީހުންނެވެ. މި ހުނަރު މުހިއްމުވާ ސަބަބަކީ އައިޓީގެ އެހެން މުހިއްމު ހުނަރުތަކާއި ގުޅިފައިވާ ހުނަރަކަށް ވާތީކަމަށް ގިނަ ތަޖުރިބާކާރުން ފާހަގަކުރެއެވެ. ކްލައުޑް ޓެކްނޮލޮޖީއަކީ އިންފްރާސްޓަރކްޗަރ އޭރިޔާއަށް އިންގިލާބީ ބަދަލެއްގެނައި ޓެކްނޮލޮޖީއެކެވެ. އޭޑަބްލިޔުއެސް، މައިކްރޮސޮފްޓް އަޒުއަރ، ގޫގުލް ކްލައުޑް، އޮރެކަލް ކްލައުޑް ފަދަ ޕްލެޓްފޯމްތަކަކީ ކްލައުޑް ޚިދުމަތްދޭ ލީޑް ކުންފުނިތަކެވެ. ކްލައުޑް ކޮމްފިޔުޓިންގގެ އެހީގައި ކުންފުނިތަކުން އޭއައި، އެމްއެލް، އައިއޯޓީ، ބްލޮކްޗެއިން ފަދަ ޓެކްނޮލޮޖީގެ ފައިދާ ނަގާ، ނަފާ އިތުރު ކުރެވޭނެ ގޮތްތައް ދަނީ ހޯދަމުންނެވެ. ކްލައުޑް ޓެކްނޮލޮޖީގެ ސްޕެޝަލިސްޓުންގެ ޑިމާންޑް މިހާރު ދަނީ އިތުރު ވަމުންނެވެ. ޕެންޑެމިކްގެ ތެރޭގައި މިޓްރެންޑް ވަނީ އިތުރަށް މައްޗަށް ޖެހިލާފައެވެ.


ޑޭޓާ އެނަލިޓިކްސް އަދި ޑޭޓާ ސައިންސް

ޕެންޑަމިކް އައުމުގެ ކުރިންވެސް ސަރުކާރުތަކާއި އަމިއްލަ ބިޒްނަސްތަކަށްވެސް ޑޭޓާއަކީ އެއިދާރާތަކުގެ އެންމެ މުހިއްމު ބައިކަމުގައި ވަނީ ބަލައިގެންފައެވެ. ޑިޖިޓައިޒޭޝަން ފުޅާވެގެން ދިޔުމާއި ގުޅިގެން ޑޭޓާ އުފައްދާ މިންވަރުވެސް ވަނީ އެތަށް ގުނައަކަށް އިތުރުވެފައެވެ. އެއްކުރެވޭ ޑޭޓާ އަށް ބިނާކޮށް އިދާރާއެއްގެ ނިންމުންތައް ނިންމާ، އެންމެ ފައިދާ ހުރި ކުރިއެރުންތައް ގެނެވޭކަމީ، ޑޭޓާއަށް ދެވޭ މުހިއްމުކަން އިތުރުވާ ސަބަބެކެވެ.

އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ) އިން 2018ގައި ކޮށްފައިވާ ދިރާސާއެއްގައި ލަފާކުރަނީ، 2025 ވަނަ އަހަރާއި ހަމައަށް ދުނިޔެ އެކީ ހިމެނޭގޮތަށް އެންމެ މަދުވެގެން 175 ޒެޓަބައިޓްސް (ޒެޑްބީ)ގެ ޑޭޓާ އުފައްދާނެކަމަށެވެ. މިއީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު 10 ގުނަ އިތުރު އަދަދެކެވެ. ޑޭޓާ އެނަލިސްޓުންނާއި، ޑޭޓާ ސައިންޓިސްޓުންގެ ޑިމާންޑް ބޮޑުވާ ސަބަބަކީ، ޑޭޓާ ރައްކާކޮށް، އޭގެން ކުންފުންޏަށް ފައިދާ ވާނޭ ފަދަ މާނަތަކެއް ދޭހަކޮށް، އިދާރާ ތަރައްގީކުރުމަށް ބޭނުންވާ މުހިއްމު ސުވާލުތަކަށް ޖަވާބު ލިބޭނެގޮތް ފަހިކޮށްދެނީ މިފަދަ ހުނަރު ލިބިފައިވާ ފަރާތްތަކަށް ކަމަށްވާތީއެވެ. އެހެން ނަމަވެސް މިއީވެސް ފަންނީ މީހުން މަދު ދާއިރާއެކެވެ. މިފަދަ ހުނަރު ލިބިފައިވާ ފަންނީ މީހުން މިހާރުވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާތީ ފެނެއެވެ. އަދި މީގެ އިތުރުން ބޭންކިންގ އަދި ޓެލެކޮމިޔުނިކޭޝަން ފަދަ ދާއިރާތަކަކީ މިފަދަ ހުނަރު ހޯދާ ބައެއް ދާއިރާތަކެވެ. ގިނަ ތަޖުރިބާކާރުން ފާހަގަކުރާގޮތުގައި މިހުނަރަކީ ކުންފުންޏެއް ފައިދާގެ މަގުން ދަތުރުކުރުމަށް އެހީވެދޭނެ މުހިއްމު ހުނަރެކެވެ.


ނެޓްވަރކިންގ އަދި ވަޔަރލެސް ނެޓްވަރކިންގ

ސިސްކޯއިން ބުނާގޮތުގައި 2023 ވަނަ އަހަރާއި ހަމައަށް އައިޕީ ނެޓްވޯރކްތަކާއި ގުޅާލެވިފައިވާ ޑިވައިސްތައް ދުނިޔޭގެ އާބާދީގެ 3 ގުނައަށްވުރެ އިތުރުވާނެއެވެ. ނެޓްވޯކް އިންޖިނިއަރުން އަދި އެޑްމިނިސްޓްރޭޓަރުންނަކީ މިހާރުވެސް އަދި ކުރިއަށް އަންނަން އޮތް އަހަރުތަކުގައިވެސް މުހިއްމު ވަޒީފާތަކަކަށް ވާނެއެވެ. ވަޔަރލެސް އޮފީސްތައް އުފެއްދުމުގެ ޓްރެންޑްއާއި މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްމަންޓް ފުޅާވެގެންދާ މިންވަރަކުން މިހުނަރު ހުރި މީހުންނަށް ޑިމާންޑް ދާނީ ބޮޑުވަމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިހުނަރު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ވަޔަރލެސް ޑިވައިސްތަކުގެ މަޢުލޫމާތާއި، ސްޓޭންޑާރޑްތަކާއި ޕްރޮޓޮކޯލްތަކުގެ މަޢުލޫމާތަށް އަހުލުވެރިވުން ވަރަށް މުހިއްމެވެ.


ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ޕްރޮގްރާމިންގ

އައިޓީ ވަޒީފާތަކުގެ ތެރޭގައި ސޮފްޓްވެއަރ ޑިވެލޮޕަރުންގެ ވަޒީފާއަކީ އެންމެ ބޮޑަށް ފުޅާވެ ޑިމާންޑް ބޮޑުވަމުން އަންނަ އެއް ވަޒީފާއެވެ. 2020ގެ އަދަދުތަކާއި އަޅާބަލާއިރު ސޮފްޓްވެއަރ ޑިވެލޮޕަރުންގެ ވަޒީފާތައް، 2030 ވަނަ އަހަރާއި ހަމައަށް %22 އިތުރު ވާނެކަމަށާއި، މޯބައިލް އެޕްލިކޭޝަން ޑިވެލޮޕަރުންގެ ވަޒީފާތައް %28 އިތުރު ވާނެކަމަށް އެމެރިކާގެ ލޭބަރ ސްޓެޓިސްޓިކްސްއިން ދައްކައެވެ.

ސްލޭޝްޑޭޓާގެ 'ދަ ގްލޯބަލް ޑިވެލޮޕަރ ޕޮޕިއުލޭޝަން 2019' އިން ލަފާކުރާ ގޮތުގައި 2030 އާއި ހަމައަށް ޕްރޮގްރާމިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓާއި ގުޅުންހުރި 45 މިލިއަން ވަޒީފާ އުފެދޭނެކަމަށް ދައްކައެވެ. ހާއްސަކޮށް މޯބައިލް އެޕްލިކޭޝަން ވަޒީފާތައް އިތުރުވާނެކަމަށްވެއެވެ. މިހާ ޑިމާންޑް އޮތް ނަމެވެސް ގިނަ ކުންފުނިތަކުގެ އައިޓީ ލީޑަރުން އެއްބަސްވާގޮތުގައި އެމީހުންގެ ޓީމްތަަކުގެ އެންމެ ބަލިފަޔަކީ މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްމަންޓް ހުނަރު ހުރި މީހުން ނެތުމެވެ. މޯބައިލް އެޕްލިކޭޝަންތަކަށް ޑިމާންޑް ބޮޑުވާ ވަރަކަށް ކޯޑަރުންގެ ޑިމާންޑް ދަނީ ބޮޑުވަމުންނެވެ.


އޭއައި އަދި މެޝިން ލަރނިންގ

ބިޒްނަސްތަކުން ޑޭޓާއަށް ބަރޯސާ މިންވަރު އިތުރު ވަމުންދާ ވަރަކުން، އޭއައި އަދި އެމްއެލް ހުނަރަކީ ޑިމާންޑް އިތުރުވަމުންދާނޭ ހުނަރުތަކެކެވެ. އޭއައި އަދި މެޝިން ލަރިނިންގ ބޭނުންކޮށްގެން އިންސާނުންނަށް ދެނެގަންނަން އުނދަގޫ ޕެޓަރންތަކާއި ޓްރެންޑްތައް ޑޭޓާ އިން ދެނެގަނެވެއެވެ. އަދި ކުރިން ޑޭޓާ އެނަލައިޒްކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީތަކަށް ވުރެ އޭއައި/އެމްއެއް އޮޓޯމޭޓްވެފައި ބާރުގަދައެވެ. އޭއައި ސޮލިޔުޝަންސް އުފެއްދުމުގެ އެންމެ ބޮޑު އެއްފައިދާއަކީ ޕްރޮގްރާމަރަކު އެއްފަހަރު ކޯޑުކޮށްލުމަށްފަހު، މެޝިނެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިވެ، ތަކުރާރުކޮށް ޑޭޓާތަކަކުން މާނަ ދެނެގަތުމުގެ ފަސޭހައެވެ. މި ހުނަރު ހުރި ފަރާތްތަކަކީ ވަޒީފާ ދޭ ފަރާތްތަކާއި ހޯދާ ފަރާތްތަކުންވެސް ހޯދާ މުހިއްމު ހުނަރެކެވެ. މިހުނަރު ލިބިފައިވާ ފަންނީ މީހުންނަކީ އަދި ޑޭޓާ ސައިންސް އަދި ސްޓެޓިކްސްގެ ހުނަރު ލިބިފައިވާ ބައެއްނަމަ އިތުރަށް ޑިމާންޑް ބޮޑުކަމަށް ފެނެއެވެ.



މިދެންނެވުނު ހުނަރުތަކުގެ އިތުރުން އައިޓީ ދާއިރާގައި އަދިވެސް ގިނަ ހުނަރުތަކެއް ލިބިފައިވާ މީހުން އިތުރުކުރަން ޖެހޭކަން ގިނަ ދިރާސާތަކުން އެއްބަސްވެއެވެ. އައިޓީ ޕްރޮޖެކްޓް މެނޭޖްމަންޓް، އައިޓީ ޕޮލިސީ އަދި ގަވަރނަންސް، ޑެވްއޮޕްސް ފަދަ ހުނަރުތަކަކީވެސް ފާހަގަކޮށްލެވޭ މުހިއްމު ހުނަރުތަކެކެވެ.

އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަންގެ ޑޭޓާތަކުން ދައްކާގޮތުގައި ބޭނުންވާ އައިޓީ އެކިއެކި ހުނަރުތައް މަދުވުމުގެ ސަބަބުން 2022 ގައި 775 މިލިއަން ޑޮލަރުގެ ގެއްލުންވާނެއެވެ. އަދި ކުރިއަށް ހުރި އަހަރުތަކުގައި ހުނަރުތަކުގެ ހުސްކަން ނައްތާލުމަށް ނުވަތަ ކުޑަކުރުމަށް މީހުން އުފެއްދުމަކީ ދުނިޔޭގެ ލެވެލްގައި މަސައްކަތްތަކެއް ކުރުން ވަރަށް މުހިއްމުވެފައިވާ ކަމެކެވެ. ރާއްޖޭގައިވެސް މިދާއިރާގައި މަދުވާ ހުނަރު ދެނެގަނެ، އެ ދާއިރާތަކަށް ފޯކަސްކޮށް ޔުނިވަރސިޓީ ލެވެލްގެ ނުވަތަ ޕްރޮފެޝަނަލް ޕްރޮގްރާމްތަކެއް ހިންގުމަކީ ކުރެވިދާނެކަމެކެވެ. މިއީ މިހާރުވެސް އޮތް އަދި ކުރިއަށް ފެންނާނެކަމަށް ލަފާ ކުރާ ޑިމާންޑަށް އަރާ ހަމަކުރުމަށްޓަކައި ނަގަންޖެހޭ މުހިއްމު ފިޔަވަޅެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.