އައިފޯން-14: ހީކުރި ވަރަށްވުރެ އަގުބޮޑުވާނެ

މަޤްބޫލް ސްމާޓްފޯން ބްރޭންޑް އެޕަލްއިން އެކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުުރުމުގެ ގޮތުން 2017ވަނަ އަހަރު ނެރުނު 'އައިފޯން-އެކްސް' އަކީ އެއްގޮތަށްވުރެ ގިނަގޮތްގޮތުން ފާހަގަކުރެވުނު މޮޑެލްއެކެވެ. އެހެންނަމަވެސް މިމޮޑެލްގެ އެންމެ ބޮޑު ޚާއްޞިއްޔަތަކީ މިއީ އެޕަލްއިން އެމީހުންގެ ފޯންތަކުގެ ފަރުމާ މުޅިން އާކޮށްލިކަމެވެ. އޭގެ ކުރިން ނެރިފައިހުރި އެއްޑިޒައިނަކަށް ވޭރިއޭޝަންތަކެއް ގެނެސްގެން ނެރުނު އެކި ސީރީޒްތަކެވެ. އައިފޯން-އެކްސްއަށްފަހު ނެރުނު މޮޑެލްތަކަކީވެސް އެފަރުމާއަށް އެކި ބަދަލުތަކާއި އަޕްގްރޭޑްތައް ގެެނެސްގެން ނެރުނު މޮޑެލްތަކެވެ. އެންމެފަހުން ނެރުނު އައިފޯން-13އަކީވެސް މިމޭރުމުން އައިފޯން އެކްސްގެ ބޭސް ޑިޒައިންގެ މައްޗަށް ބަދަލުތަކެއް ގެނެސް (ވަކިން ޚާއްޞަކޮށް ކެމެރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން) އުފެއްދި މޮޑެލްއެކެވެ. އެހެންނަމަވެސް މިހިނގާ 2022ވަނަ އަހަރަކީ އެޕަލްގެ އައިފޯނަށް ބޮޑުއަހަރެކެވެ. ވޭތުވެދިޔަ 5 އަހަރު ބޭނުންކުރަމުން އައި އައިފޯން އެކްސްގެ 'ނޮޗް' ރިޓަޔަރ ކުރުމަށްފަހު އެކުންފުނީގެ އާނޮޗްގެ މައްޗަށް ތައްޔާރުކުރެވޭ އައިފޯން-14 ނިކުންނާނީ މިއަހަރުއެވެ. އެޕަލްގެ މުޅިން އާޖީލެއްގެ ފޯނުތަކުގެ ފެށުންކަމުގައި ސިލުޖެހިގެންދާނެ އައިފޯން-14 އަށް ކެތްމަދުވެފައިތިބި އެތައް ބަޔަކު އަހުރެމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އެބަތިބިމެއެވެ. އެހެންކަމުން އެޕަލްއިން އެމީހުން މިއަހަރު ނެރޭ އައިފޯން-14ގެ އަގުބޮޑުކުރަން ނިންމާފައިވާ ޚަބަރަކީ މިކަހަލަ އެތައްބައެއްގެ ހިތަށް މޮޅިވެރިކަން ގެނުވައިދޭ ކަމަކަށް ވާނެއެވެ.

ވޭތުވެދިޔަ ތިން އަހަރުދުވަހު އެޕަލްއިން ނެރުނު ފޯނުތަކުގެ އަގުތައްހުރީ ދާދި އެއްވަރެއްގައި ހިފަހައްޓާފައެވެ. މިގޮތުން 2019ވަނަ އަހަރު ނެރުނު 128 ޖީބީގެ އައިފޯން-11 މިނީއެއް ވިއްކީ 699 ޑޮލަރަށެވެ. އައިފޯން-11 އުޅުނީ 799އަކަށެވެ. އައިފޯން-11 ޕްރޯ 999ޑޮލަރަށް ވިއްކިއިރު، މިސީރީޒްގެ އެންމެ ބޮޑުފޯން، އައިފޯން-11 ޕްރޯ މެކްސް ވިއްކީ 1099 ޑޮލަރަށެވެ. ޖެހިގެން އައިއަހަރު ނެރުނު އައިފޯން-12ގެ އަގު އެޕަލްއިން ވަނީ ކުޑަތަންކޮޅެއް މައްޗަށް ޖައްސާލާފައެވެ. މިގޮތުން 2020ގައި ނެރުނު އައިފޯން-12 މިނީ އެއް 729 ޑޮލަރަށް ވިއްކިއިރު، އައިފޯން-12ގެ އަގަކީ 829 ޑޮލަރެވެ. 2021ގައި ނެރުނު އައިފޯން-13ގެ އަގުތައްވެސް އުޅެނީ ހަމަ މިވަރުގައެވެ.

އެޕަލްގެ ފޯންތަކުގެ މޮޅުކަމާއި ކޮލިޓީއާއި ގާތްކުރަން ގިނަ ބްރޭންޑްތަކަކަށް ދަތިކަމުގައި ވީނަމަވެސް، ސެމްސަންގްއާއި ގޫގަލް އަދި ޗައިނާގެ ގިނަގުނަ ފޯން ކުންފުނިތަކުން ބާޒާރަށް ނެރެމުންދާ އަގުހެޔޮ ފޯނުތަކުން އެޕަލްއަށް ކުރިމަތިވާ ވާދަވެރިކަން ކުޑައެއްނޫނެވެ. އެޕަލްގެ އަގުތައް އެއްވަރެއްގައި ބެހެއްޓޭތޯ އެކުންފުނިން މަސައްކަތްކުރަނީ މިހެންވެގެންނެވެ. އެހެންނަމަވެސް އައިފޯން-14ގެ އާ ފީޗާތަކުގެ ސަބަބުން އެސީރީޒުގެ ހުރިހާ ފޯނެއް 100ޑޮލަރުގެ މާކަކުން އަގުބޮޑުކުރަންޖެހިފައިވާކަމަށް އެޕަލްއިން މިވަނީ ހާމަކޮށްފައެވެ.

އެހެންވީމާ އައިފޯން-12 އަދި އައިފޯން-13 829ޑޮލަރުގެ އަގުގައި ވިއްކާފައިވާއިރު، އައިފޯން-14ގެ އަގުއުޅޭނީ 929 ޑޮލަރުގައެވެ. 900ޑޮލަރުގެ މައްޗަށް ނާރާ އައިފޯން-14 ގަންނަން އުއްމީދުކޮށްގެން ތިބި ފަރާތްތަކަށް ލިބޭ އަނެއް ގިލަނަކީ، އައިފޯން-14ގެ މިނީއެއް ނުހުންނާނެކަމެވެ. އައިފޯނުގެ ކުރީގެ މޮޑެލްތަކުގައި މިނީ އަކީ އަބަދުވެސް އެންމެ އަގުހެޔޮކޮށްލިބޭ މޮޑެލްއެވެ. އެހެންކަމުން އެޕަލްގެ 'ލޯބަޖެޓް' ކަސްޓަމަރުންނަށް މިހާރު އެދޮރުވެސް މިވަނީ ބަންދުކުރެވިފައެވެ. އައިފޯން-14ގައި ފާހަގަކޮށްލެވޭނެ އަނެއް ތަފާތަކީ، އައިފޯން-14 ޕްރޯވެސް އަދި އައިފޯން-14 ޕްރޯމެކްސްގެވެސް ބޮޑުމިނަކީ 6.7 އިންޗިކަމެވެ. މިދެ މޮޑެލްގައި މިފަހަރު ތަފާތުވެގެންދާނީ ހަމައެކަނި ފީޗާތަކާއި ސްޕެސިފިކޭޝަންތަކެވެ.

ދުވަސްތަކަކަށްފަހު އެޕަލްގެ އަގުތައް އުފުލަން ނިންމާފައި މިވަނީ އެކުންފުނީގެ ސާފު ފައިދާ އިތުރުކުރުމުގެ ގޮތުންކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. ތަފާތު ނަޒަރަކުން މިމައްސަލައަށް ކަޅި ހިންގާލާއިރު، އައިފޯން-14ގައި އެޕަލްއިން ބޭނުންކުރަނީ ކުރިއަށްވުރެ ފެންވަރު މޮޅު ޕްރޮސެސަރއަކާއި، ކެމެރާއެކެވެ. ޑިސްޕްލޭވެސް މިފަހަރު އިހަށްވުރެ މާ ފުރިހަމައެވެ. ވީމާ މިއަޕްގްރޭޑްތަކަށް އިތުރު ޚަރަދު ހިނގާފައިވުމަކީ ބަލައިގަންނަންޖެހޭނޭ ޙަޤީޤަތެކެވެ.

ދޫދޫމަތިން ދެކެވޭ ވާހަކަތަކުން މިފަހަރު މިނެރޭ އައިފޯން-14ގައި ފޭސްއައިޑީ ކެމެރާ އަދި ސެލްފީކެމެރާ ހިމެނުމަށް ޕިލް-ޝޭޕްޑް ކަޓްއައުޓްއެއް ބޭނުންކުރާނެއެވެ. އަދި ޑޮޓް-ޕްރޮޖެކްޓަރވެސް މިފަހަރު ހުންނާނީ ސްކްރީންގެ ބިއްލޫރިގަނޑުގެ ދަށުގައެވެ. ކޮންމެއަކަސް އައިފޯން-14 އަކީ އަގުބޮޑު ފޯނަކަށްވާނެއެވެ. އެހެންނަމަވެސް ކުރީގެ މޮޑެލްތަކެކޭ އެއްފަދައިން ގަންނަން ބޭނުންވާ ބަޔަކު ކިތަންމެ އަގުބޮޑަސް އެފޯނުތައް ގަންނާނެތާއެވެ.



ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.