އެޕަލްވެސް ފޯލްޑްކުރެވޭ ފޯނާދިމާލަށް މިސްރާބުޖެހީބާ؟

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިހާރު މިގުނަނީ 2022ގެ ފުރަތަމަ ދުވަސްތަކެވެ. ޓެކްގެ ދުނިޔޭގައި، ވަކިން ޚާއްޞަކޮށް ސްމާޓްފޯންގެ ދުނިޔޭގައި މިއަހަރު އެންމެ ބޮޑަށް އިންތިޒާރުކުރެވޭ އެއް އުފެެއްދުމަކީ އެޕަލްގެ އައިފޯން-14އެވެ. އައިފޯން-14ގެ ބައްޓަމާއި ފަރުމާއާއި ބެހޭގޮތުން އެކިފަރާތްތަކުން އެކި ވާހަކަ ދައްކަމުންދާއިރު، ޔަޤީނުން އެނގިފައިއޮތީ އެންމެ ކަމެކެވެ. އެއީ މިއީ އެޕަލްގެ އާޖީލެއްގެ ފޯންތަކެއްގެ ފެށުމެވެ. އެޕަލްގެ އައިފޯން-14އާއި މެދު އެއްބައެއްގެ މެދުގައި ނިކަން އަޑުހަރުކޮށް ދެކެވޭ ވާހަކައަކީ، މިފޯނުވެގެންދާނީ ފަތްޖަހައިލެވޭ ޒާތުގެ ފޯނަކަށެވެ. މިރަޢުޔު ގިނަބައެއްްގެ ޚިޔާލަށް އައީ، އެޕަލްގެ އެންމެ ބޮޑު އެއްވާދަވެރިޔާ ސެމްސަންގްއިން 2021ވަނަ އަހަރު ނެރުނު ސެމްސަންގް ގެލެކްސްސީ ޒެޑްގެ ފޯލްޑަބަލް ފޯންތަކާއި އެފޯނުތަކަށް ލިބުނު ތަރުހީބާއި ގުޅިގެންނެވެ.

އެޕަލްއާއި ގާތް ބައެއް ފަރާތްތަކުން ނޫސް ވެބްސައިޓްތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އެޕަލްއިންދަނީ ތަފާތު އެކި ޑިޒައިންތަކުގެ ފަރުމާތައް އުފައްދަމުންނެވެ. ފަތްޖެހޭ ޒާތުގެ ޕްރޮޓޯޓައިޕްތައްވެސް އޭގެ ތެރޭގައި އުޅެއެވެ. އެހެންނަމަވެސް އެޕަލްގެ ފޭނުން އުއްމީދު ކުރާހާ އަވަހަށް: ޔައުނީ އައިފޯން-14ގެ މޮޑެލްއަކީ ފަތްޖެހޭ މޮޑެލްއެއް ނޫންކަން މިހާރު ވަނީ ޔަގީންކުރެވިފައެވެ.

ފޯލްޑްކުރެވޭ ފޯންތަކުގެ އެންމެ ބޮޑު އެއް މައްސަލައަކީ ޑިސްޕްލޭ ސްކްރީންއަށް ގެންނަން ޖެހޭ ބަދަލުތަކެވެ. އެޕަލްގެ ފޯންތަކުގެ މޮޅުކޮލިޓީ ޑިސްޕްލޭ ކޮމްޕްރޮމައިޒްކޮށްފައި ފޯލްޑްކުރެވޭ މޮޑެލްއެއް އުފެއްދުމަކީ ނާދިރުކަމެކެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ސެމްސަންގްގެ ފޯލްޑަބަލް ފޯންތަކެއް ނެރުނުނަމަވެސް، މާކެޓުގައި މި ޑިޒައިން މާބޮޑަކަށް ނުހިނގާނެއެވެ. އެއީ އޭގެ ސްކްރީން މައްސަލަތައް ގިނަވީމައެވެ. އެހެންކަމުން ފޯލްޑްކުރެވޭ ފޯން އެޕަލްއިން އުފެއްދިޔަސް އުފައްދާނީ ކުރިއަށް އޮތް އަހަރުތަކުގައި މާކެޓުގައި އެއަށް އޮތް ޑިމާންޑަށް ބަލާފައެވެ.

ކަންމިހެން އޮތްނަމަވެސް އޭޝިޔާގެ ގިނަ ފޯންކުންފުނިތަކަކުން ފޯލްޑަބަލް ސްމާޓްފޯން އުފެއްދޭތޯދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނިން މާކެޓަށް ނެރުނު ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް އަދި ސެމްސަންގް ގެލެކްސީ ޒެޑް ޕްލިޕްއެވެ. މިތާގައި ފާހަަގަކުރުން މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ މިދެމޮޑެލްގެ ފަރުމާއެކޭ އެއްފަދައިން އެފަރުމާގެ މަޤްޞަދު ތަފާތުކަމެވެ. ބަލާ ބެލުމަށް މިދެފޯނަކީވެސް ލަނބައިލެވޭ ސްކްރީނެއް ލާފައި ތައްޔާރުކޮށްފައިވާ ދެފޯނެވެ. އެހެންނަމަވެސް ގެލެކްސީ ޒެޑް ފޯލްޑަކީ ކުޑަ ސްކްރީނަކުން ބޮޑު ސްކްރީނަކަށް ބަދަލުކޮށްލެވޭގޮތަށް ހުޅުވާލެވޭ ފޯނެކެވެ. ސައިޒަށް ބަލާނަމަ މިބޮޑަށް ވައްތަރީ ޓެބްލެޓަކާއެވެ. ގެލެކްސީ ޒެޑް ފްލިޕްއަކީ އާދައިގެ ފޯންސައިޒަށް ފަރުމާކޮށްފައިވާ ނަމަވެސް ފަތްޖަހައި ކުޑަކޮށްލެވޭ ފޯނެކެވެ. މިއީ ކުރީގެ މަޝްހޫރު ފްލިޕްފޯންތަކުގެ މިސާލުގައި އުފެދުނު އައިޑިއާއެކެވެ. ކޮންމެއަކަސް އެޕަލްއިންވެސް ފޯލްޑްކުރާ ފޯނެއް އުފައްދާނަމަ މިއީ ދެ އިޚްތިޔާރެވެ. އެހެންނަމަވެސް މިޑިޒައިނަށް އޮތް އެންމެ ބޮޑުހުރަހަކީ އެޕަލްގެ ސްކރީންތަކުގައި ބޭނުންކުރަމުން އަންނަ މޮޅުކޮލިޓީގެ އޯއެލްއީޑީ ސްކްރީން ދޫކޮށްލާފައި ޕްލާސްޓިކް ސްކްރީނެއް ބޭނުންކުރަން ޖެހުމެވެ.

އެހެންނަމަވެސް ދޫދޫ މަތިން ދެކެވެމުން އަންނަގޮތުގައި 2023ވަނަ އަހަރު އެޕަލްގެ ފޯލްޑަބަލް ފޯނެއް ފެނުމަކީ އެކަށީގެންވާކެމެކެވެ. ލަފާކުރެވޭގޮތުގައި 7.5 އިންޗިއާއި 8 އިންޗިއާއި ދެމެދުގެ ސްކްރީނަކާއިއެކު އެޕަލްގެ ފޯލްޑަބަލް ފޯން އުފައްދާނީ، ސެމްސަންގްގެ ފޯލްޑަބަލް އޯއެލްއީޑީ ބޭނުންކޮށްގެންނެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.