އެޕަލް އައިފޯނަށް ފަހު ސްމާޓްފޯނުގެ ދުނިޔެ ބަދަލުވި ގޮތް

ޝުޖާޢަތު ރަޝީދު 18 ޖެނުއަރީ 2022

އެޕަލްއިން އައިފޯނު ނެރުނު ފަހުން ވަރަށް ގިނަ ކަންތައްތަކެއް ސްމާޓްފޯނުގެ ދުނިޔޭގައި ބަދަލުވެގެން ދިޔައެވެ. ގިނަ އެހެން ޕްރޮޑަކްޓްތަކާއި ގެޖެޓްތައް ވިއްކުން ހުއްޓުމަކަށް އައީ ކޮންސިއުމަރުންގެ މިސްރާބު އައިފޯނާއި ދިމާލަށް އެނބުރުމުން ކަމަށް ޓެކް ގެޖެޓް ރިވިއު ކުރާ ގިނަ މީހުން ބުނެއެވެ.

2007 ވަނަ އަހަރު ސްމާޓްފޯނުގެ ދުނިޔޭގައި އެންމެ ކުރީގައި އޮތީ ނޮކިއާ އެވެ. އޭރު މައިކްރޮސޮފްޓުން ތައްޔާރު ވަމުން އައީ ވިންޑޯޒް ވިސްޓާ ނެރުމަށެވެ. އަދި ސީ.އީ.އެސްގައި ފާހަގަވެ ހަމަ މިއަހަރު އެންމެ ރަނގަޅު ޕްރޮޑަކްޓް ކަމުގައި ވައަލަސް ޓީވީއާއި އެމްޕީ-ތްރީ ޕްލޭޔަރުތައް (އިންޓަނެޓުން ރޭޑިއޯ ސްޓްރީމް ކުރެވޭ) ފާހަގަކޮށްފައިވެއެވެ.

ދެން ހަމަ 2007 ވަނަ އަހަރު ޖެނުއަރީ 9 އެއްގައި އެޕަލްގެ ސީއީއޯ ސްޓީވް ޖޮބްސް އައިފޯން ދައްކާލިއެވެ. މިއާއިއެކު ވަރަށް ގިނަ ކަންތައްތަކެއް ސްމާޓްފޯނާއި ގެޖެޓުގެ ދުނިޔޭގައި ބަދަލުވެގެން ދިޔައެވެ.

ވިޝުއަލް ކެޕިޓަލިސްޓު

އޭރު ތަޢާރަފް ކުރި އައިފޯނަކީ 4 ޖީ.ބީގެ ސްޓޯރޭޖަކާއިއެކު، 499.00 ޔޫ.އެސް ޑޮލަރަށް ގަނެވޭ ގޮތަށް ތަޢާރަފް ކުރި ފޯނެކެވެ.

މި އައިފޯނު ވެގެން ދިޔައީ އެންމެން ކުރިމަތީގައި ފޯނެއްގެ އިތުރުން މިއުޒިކް ޕްލޭޔަރަކަށާއި އިންޓަނެޓަށް ވަދެވޭ ސްމާޓް ޑިވައިސްއެއް ގޮތުގައެވެ. މި އައިފޯނު ނެރުނުތާ 6 މަސް ފަހުން ޖޫން 29، 2007 ގައި ސޭލްގައި ވިއްކުމަށް ހުޅުވާލެވުނެވެ.

އެހާރާއި މިހާރު އަޅާ ބަލާއިރު، އައިފޯނު މިވަނީ 1.2 ބިލިއަނަށް ވުރެން ގިނަ ފޯނު ވިއްކާފައެވެ. ހަމައެއާއެކު އައިފޯނަކީ އެޕަލް ކުންފުންޔަށް އެންމެ ފައިދާ ބޮޑު ޕްރޮޑަކްޓް ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

އަހަރެމެންގެ ދިރިއުޅުން އައިފޯނު އައުމަށްފަހު ބަދަލުވީ ގޮތްތަކަށް ބަލާލާނަމެވެ.

އަބަދުވެސް ކަނެކްޓް ވެފައި:

އައިފޯނު ވުޖޫދަށް އައުމަށްފަހު އެހެން ސްމާޓްފޯނުތަކާއި އެކު އެންމެންވެސް މިވަނީ އަބަދު ކަނެކްޓު ވެފައެވެ. މާނައަކީ ކޮންމެ ތަނެއްގައި ހުރިކަމުގައި ވިޔަސް މިހާރު މޮބައިލް ޑޭޓާ ނުވަތަ ވައިފައި ނެޓްވޯކްގެ އެހީގައި ފޯނު ބޭނުން ކުރުމަށްފަހު ބޭނުން ކޮންމެ ކަމެއް ކޮށްލެވެއެވެ.

ކާއެއްޗަކަށް އޯޑަރު ކުރުން، އެހެން ޤަޢުމަކުން ބޭނުންވާ އެއްޗެއް ގަނެގެން ގެނައުން ނުވަތަ މީސްމީޑިއާއާއި ޗެޓް އެޕްލިކޭޝަން މެދުވެރިކޮށް ރަހުމަތްތެރިންނާއި އާއިލާގެ ގުޅުން ބަދަހި ކުރުންވިޔަސް މިވަނީ ފަސޭހަ ވެފައެވެ.

އައިފޯނަކީ އެންމެ ފުރަތަމަ ދުނިޔޭގައި މޮބައިލް އިންޓަނެޓް ބްރައުސް ކުރުން މީހުންނަށް ފަސޭހަކޮށްދިން ފޯނު މެނުފެކްޗަރާއެވެ.

ޓެބްލެޓާއި، ސްމާޓް ގަޑިއާއި ހެޑް ފޯނު:

އައިފޯނު އުފެއްދުމާއިއެކު އެޕަލްއިން އައިޕެޑް އުފައްދައި މިހާރު އެޕަލް ވޮޗާއި އެއާޕޮޑް ވެސް މިވަނީ އުފައްދާފައެވެ. މިހުރިހާ އެއްޗަކީ އެކަތި އަނެކައްޗާއި ގުޅިލާމެހިފައިވާ ތަކެއްޗެވެ.

އައިފޯނު މަޤުބޫލު ވުމާއިއެކު ދެން މާކެޓު ފެންނަން ފެށީ އެކި އެކްސެސަރީތަކެވެ. މީގެ ތެރޭގައި ފޯން ކޭސް، ޗާޖިން ޑޮކް ހިމެނެއެވެ. އޭ.ބީ.އައިގެ ދިރާސާތަކުން އަންދާޒާ ކުރާ ގޮތުގައި 2021 ގައި މުޅި ދުނިޔޭގެ މޮބައިލް އެކްސެސަރީގެ އަގު $110 ބިލިއަނަށް އަރާނެއެވެ.

ގިނަ ތަފާތު މޮބައިލް އެޕްތަކެއް:

އެންމެނަށްވެސް ފުރަތަމަ ފާހަގަ ކުރެވޭނެ އެއްކަމަކީ އައިފޯނު ނެރުނު އިރު ގިނަ ތާޑް ޕާޓީ އެޕް ތަކަކީ އައިފޯނުގައި ބޭނުން ނުކުރެވޭ އެއްޗެކެވެ.

ނަމަވެސް ޖުލައި 2008 ގައި އެޕަލްއިން މިކަންވެސް ބަދަލު ކުރިއެވެ. މިއީ އައިފޯނު 3ޖީ ނެރުނު އަހަރެވެ. އަދި އެޕަލް އައިއޯއެސްގެ އައިފޯނު 2.0 ސޮފްޓްވެއާވެސް ނެރުނު އަހަރަކީ ހަމަ އެހަރެވެ.

އެޕް ސްޓޯރު ވެގެންދިޔައީ ކޮންމެ މީހަކުވެސް އެޕަލް އައިފޯނެއް ގެންގުޅުމަށް ލިބުނު އިތުރު ބާރަކަށެވެ. މިހާރު އެޕަލް އެޕް ސްޓޯރުގައި 2 މިލިއަނަށް ވުރެން ގިނަ އެޕްތައް އެބަހުއްޓެވެ.

ފޮޓޯއާއި ވީޑިއޯ އެހެން ވަކި ކެމެރާއަކާއި ނުލައި ނަގާލެވޭ:

އައިފޯނު ތަޢާރަފް ވުމުގެ ކުރިންވެސް ކެމެރާ ހުންނަ އެތަކެއް ފޯނުތަކެއް މާކެޓުގައި ހުއްޓެވެ. ނަމަވެސް އެޕަލްގެ ގެޖެޓްތައް ރާވާފައިވާލެއް ފަސޭހަ ކަމުންނާއި އިންޓަނެޓަށް ވަންނަން ފަސޭހަކަމުން ވަރަށް ގިނަ މީހުން އިންސްޓަގްރާމް ފަދަ އެޕްތައް ބޭނުން ކުރަން ފެށިއެވެ.

ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަވަންތަ ކަމާއިއެކު ފޮޓޯގްރާފަރެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

އައިފޯނާއިއެކު ވީޑިއޯ ބްރޯޑްކާސްޓު ކުރުންވެސް ތަޢާރަފްވިއެވެ. އެޕަލްގެ އައިފޯނާއިއެކު ފޭސްޓައިމް އަކީ އެންމެނަށްވެސް ކަމުދިޔަ އެއް ފީޗާއަށް ވެގެން ދިޔައެވެ.

ފަސޭހަ ޓަޗް ސްކްރީނެއް:

ޓަޗް ސްކްރީނަކީ އައިފޯނު ނެރުނު އިރު ވަރަށް މަދު އެއްޗެކެވެ. އެންމެ ފުރަތަމަ އައިފޯނު ނެރުނު އިރު ޖޮބްސް ބުނެފައިވަނީ "އަހަރެމެން އެންމެންވެސް ދުނިޔެއަށް ފޮނުވާފައިވަނީ އެންމެ ކުޅަދާނަ ފަހުގެ ޕޮއިންޓިން ޑިވައިސްއަކާއި އެކު - އެއީ އަހަރެމެންގެ އިނގިލިތައް" ކަމުގައެވެ.

އަދި އެޕަލްއިން ޓަޗް ފީޗާސްތައް އުފައްދާފައިވަނީ މިކަމަށް ވިސްނައިގެން މައުސްއަށްފަހު އެންމެ ރިވޮލިއުޝަނަރީ ޔޫޒާ އިންޓަފޭސް އުފެއްދުމަށެވެ.

މި މަސައްކަތް އެޕަލްއިން ފެށުމާއިއެކު ދެން ތިބި ބޮޑެތި ކުންފުނިތަކަށްވެސް ޓަޗް ފީޗާސް ހުންނަ ޑިވައިސް އުފައްދައި ނެރެން މަޖުބޫރުވިއެވެ. އޭގެ ތެރެއިން އެއް ކުންފުންޔަކީ މައިކްރޮސޮފްޓެވެ.

ލޮކޭޝަންއާއި މެޕް ފީޗާސްތައް:

އެޕަލް އައިފޯނުގައި އެޕަލް މެޕްސް ތަޢާރަފް ވުމާއިއެކު ގިނަ ބަޔަކު މިފީޗާވެސް ބޭނުން ކުރަން ފެށިއެވެ. ދަތުރު ކުރާއިރު ޕޭޕަރުން ހަދާފައިވާ މެޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ގިނަ މީހުން ފޯނުގައި އެޕަލް މެޕްސް ބޭނުން ކުރަން ފެށިއެވެ. އެޕަލް މެޕްސް އައިފޯނަށް ތަޢާރަފް ކުރީ އައިއޯއެސް 6 އަކާއި އެކީ 2012 ގައެވެ.

އެހެން ނަމަވެސް އެޕަލް މެޕްސް ވުޖޫދަށް އައުމުގެ ކުރިން ގޫގަލް މެޕްސް އަކީ އެޕަލްގެ އޮޕަރޭޓިން ސިސްޓަމްގެ މެޕިން ސާވިސްއެވެ.

އެޕަލްއިން އެމީހުންގެ އަމިއްލަ މެޕް ސާވިސްއެއް ނެރުނީ ގޫގަލް މެޕްސްއާއި ވާދަ ކުރުމުގެ ނިޔަތުގައެވެ. ފާހަގަ ކުރެވެނީ އަދިވެސް ގޫގަލް މެޕްސް އުޅެނީ އެޕަލް މެޕަށް ވުރެން ކުރީގައެވެ.

މޮބައިލް ގޭމިން އެހެން ހަރުފަތަކަށް:

އައިފޯނުން މޮބައިލް ގޭމިންގެ ވިސްނުން މުޅިން ބަދަލު ކުރިއެވެ. އެންގްރީ ބާޑްސް ފަދަ މޮބައިލް ގޭމްތައް ޓަޗް ސްކްރީނެއްގައި އަމިއްލަ އަތުން ޖޮއިސްޓިކަކާއި ނުލައި ކުޅެން ލިބުން ވެގެން ދިޔައީ އެންމެނައްވެސް އާ ކަމަކަށެވެ.

އޭގެ ސަބަބުން ގިނަ ގޭމްތަކެއް ނެރެ މޮބައިލަށް ހާއްސަ ކުރެވި އަގު ދައްކައިގެންނާއި ނުދައްކައި ހިލޭ ބޭނުން ކުރެވޭ ގޮތް ހެދިގެން ދިޔައެވެ. ސޭލްސް ޕްރައިސެއް ދެއްކުމުގެ ބަދަލުގައި ގޭމް ޑެވެލޮޕް ކުރާ ކުންފުނިތަކުން އިން-އެޕް ޕާޗޭސްގެ ވިސްނުންވެސް ވުޖޫދައް ގެނައެވެ.

މޮބައިލް އޮރިއެންޓެޑް ގޭމިން ސަބްސްކްރިޕްޝަނަކީ މިހާރު އެހެންކަމުން އަލަށް ތަޢާރަފްވެ އެންމެނަށްވެސް ކަމުދާ އެއްޗަކަށް ވެއްޖެއެވެ. އެޕަލް އާކޭޑްގެ ޚިދުމަތާއި ގޫގަލް ޕްލޭ ޕާސްއިން މިހާރު އެޑް ނުލައި އައިއޯއެސްގައްޔާއި އެންޑްރޮއިޑްގައި ގޭމް ކުޅެލެވެއެވެ.

އެހެން ކުންފުނިތަކުން މިހާރު ވިސްނަމުން އަދި ތަޢާރަފް ކުރަމުންދަނީ ސްޓްރީމިން ޚިދުމަތާއި އެކު މޮބައިލަށް ގޭމް ސްޓްރީމް ކުރުމަށެވެ. މީގެ ތެރޭގައި މައިކްރޮސޮފްޓް އެކްސްބޮކްސް ގޭމް ޕާސް، އެންވީޑިއާގެ ޖީފޯސް ނައުއާއި ގޫގަލް ސްޓާޑިއާ ހިމެނެއެވެ.

ކޭޝް ބޭނުން ކުރުން މަދުކުރުން:

އެޕަލްއަކީ ކޭޝްލެސް ޓްރާންސެކްޝަންތަކަށް ލުއެއް ގެންނަން އެންމެ ފުރަތަމަ ވިސްނި ކުންފުންޔެއް ނޫނެވެ. ނަމަވެސް އެޕަލް ވޮލެޓް ޚިދުމަތަކީ ކޭޝްލަސް ޓްރާންސެކްޝަން ޓެކްނޮލޮޖީއަށް ބަދަލެއް ގެނެސް މަޝްހޫރު ކުރުމަށް މަސައްކަތް ކުރި ކުންފުންޔެކެވެ.

އޭގެ ސަބަބުން މިހާރު ދުނިޔޭގެ ގިނަ ޤަޢުމުތަކުގައި އެޕަލް ވޮލެޓް ބޭނުން ކުރެއެވެ. ރީޓެއިލް ކޫޕަނާއި ރިވާޑް ކާޑްތައް، ފްލައިޓް ފާހާއި ފިލްމުގެ ފާސް، މިހާރު އެޕަލް ވޮލެޓްގައި ރައްކާ ކުރެވޭނެއެވެ. ވީހާވެސް އަވަހަކަށް މީގެ ތެރެއަށް ޑްރައިވާސް ލައިސަންސް ކާޑުވެސް އެކުލެވިގެން ދާނެއެވެ.

ކޭޝް ބޭނުން ކުރުން މަދު ނުވިޔަސް މިހާރު ހަމަ އެކަނި ފޯނު ބޭނުން ކޮށްގެން ގިނަ ތަންތަނަށް ފައިސާ ދައްކާ މީހުން މަދެއް ނޫނެވެ.

ދެން ކޮންކަންތައްތަކެއް:

މި ގެނެސްދެވުނު ކަންތައް ތަކުގެ އިތުރުންވެސް އައިފޯނު ސްމާޓްފޯނުގެ ދުނިޔެއަށް އައުމަށް ފަހު ވަރަށް ގިނަ ކަންތައްތައް ބަދަލުވިއެވެ.

މީގެ ތެރޭގައި އެޑޯބީ ފްލޭޝް ޕްލޭޔާ ހުއްޓުމަކަށް ގެނެސް ސްމާޓް ފޯނުތައް ފަސޭހަކަމާއިއެކު ސްކްރޯލް ކުރެވެން ފެށުނެވެ.

ކަލްކިއުލޭޓަރެއް ނުވަތަ ފްލޭޝްލައިޓެއް މިހާރު ސްމާޓް ފޯނެއް ގެންގުޅޭނަމަ އަތުގައި ވަކިން ގެންގުޅޭކަށް ނުޖެހެއެވެ.

ޕޮޑްކާސްޓު އަޑުއެހުމަށް ރޭޑިއޯ ބޭނުން ކުރާކަށް ނުޖެހެއެވެ. މި ވާދަވެރި މާހައުލުގައި މިހާރު ސްޕޮޓިފައި، ސްޓިޗާ ފަދަ ޚިދުމަތްތައް ހިމެނެއެވެ.

ސްމާޓްފޯނުގެ ދުނިޔޭގައި އެޕަލް އައިފޯނާއި އެހެން ފޯނުތަކާއި އަބަދުވެސް އަޅާ ކިއާނެއެވެ. އަދި ވާދަވެރި މާހައުލެއްގައި އައިފޯނު ދަނީ ކުރިއަރަމުންނެވެ. މިހާރު އައިފޯނުން ކުރާ ގިނަ ކަންތައްތަކަކީ ކޮންމެ ސްމާޓްފޯނަކުންވެސް ކުރެވޭނެ ގިނަ ކަންތައްތަކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.