ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދެފަރާތަކަށް ދޫކޮށްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން 24 ޖެނުއަރީ 2022 ގައި ނެރިފައިވާ ނޫސްބަޔާނެއްގައި ވާގޮތުން ޕޭމެންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ލައިންސަންސް ދޫކުރީ އުރީދޫ މޯލްޑިވްސްއަށާއި ދިރާގަށެވެ.
ދޫކުރެވުނު ލައިސަންސްގެ ތަފްސީލް ދެއްވަމުން އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި އުރީދޫއަށް ދޫކުރީ ރާއްޖޭގައި އިލެކްޓްރޯނިކް ފައިސާގެ ޚިދުމަތް ދިނުމަށް ބޭނުންވާ ލައިންސަންސާއި، ރެމިޓެންސް ހިދުމަތް ދިނުމަށް ބޭނުންވާ ލައިސަންސެވެ. އަދި ދިރާގަށް ދޫކުރީ އިލެކްޓްރޯނިކް ފައިސާގެ ޚިދުމަތް ދިނުމަށް ބޭނުންވާ ލައިންސަންސެވެ. ދެކުންފުންޏަށް ވެސް ލައިސަންސް ރަސްމީކޮށް ދޫކޮށްފައިވަނީ 18 ޖެނުއަރީ 2022 ގައެވެ.
މިލައިސަންސް ދޫކުރުމާއެކު، ކުރިން އޫރީދޫ މޯލްޑިވްސްއަށާއި ދިރާގަށް ދޫކޮށްފައިވާ މޯބައިލް ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސަންސް ވަނީ ބާތިލުކޮށްފައެވެ. އެއީ ދެކުންފުނިންވެސް ދެން ޕޭމެންޓްގެ ޚިދުމަތް ދޫކުރާނީ އަލަށް ދޫކުރެވުނު ލައިސެންސްގެ ދަށުންކަމަށްވާތީއެވެ.
އުރީދޫ މޯލްޑިވްސްއަށް އަލަށް ދޫކުރެވުނު ރެމިޓެންސް ހިދުމަތް ދިނުމުގެ ލައިސެންސްގެ ދަށުން، އެކުންފުނިން މިހާރު ދެމުންދާ އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭގޮތަށް ފަރުމާ ކުރެވިގެން ދާނެކަމަށްވެއެވެ.
18 މެއި 2021 ގައި ތަސްދީގު ކުރެވި، 18 ސެޕްޓެމްބަރު 2021 އިން ފެށިގެން އަމަލު ކުރަންފެށި ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ގައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގެ މަސައްކަތްތައް އެމްއެމްއޭއިން ކުރަމުންގެންދާކަމަށް ނޫސްބަޔާނުގައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެއްވިއުގައަކާއި ގުޅާލެވިފައިވާ ގިނަ ޕޭމެންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުފަހިވެގެންދާނެކަމަށް އެއޮތޯރިޓީއިން ހާމަކުރިއެވެ.
އައިސީޓީ ދާއިރާގައި އެކި ރޯލްތަކުގައި 15 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ، ސޮފްޓްވެއަރ އެނަލިސްޓެއް. މައިގަނޑުކޮށް ކުރާ މަސައްކަތަކީ އީގަވަރމަންޓް ޚިދުމަތްތަކުގެ ޕްރޮޑަކްޓް މެނޭޖްމަންޓް މަސައްކަތް. މިދާއިރާއަށް އަންހެނުން އިތުރުކުރުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކުރަން.