މިއަދަކީ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހެވެ. މިދުވަހަކީ 2015 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ ފެންވަރެއްގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުންދާ ދުވަހެކެވެ.
2015 ގައި ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީއިން އެކުލަވާލި ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ 2030 ގައި ހިމެނޭ ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީ ގޯލްސް) ހާސިލްކުރުމަށް ސައިންސްއާއި މިންތީގެ ހަމަހަމަކަން ކަނޑައެޅިފައިވަނީ ވަރަށް މުހިއްމު ދެކަމެއްގެ ގޮތުގައެވެ. މީގެ ކުރީގައިވެސް ދުނިޔޭ ލެވެލްގައި އަންހެނުންނާއި އަންހެން ކުދިން ސައިންސްގެ ދާއިރާއަށް ޝައުޤުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންނަމަވެސް އަދިވެސް ސައިންސް ދާއިރާގައި އަންހެނުންނަށް ފުރުސަތު ހަނިވުމާއި، އަންހެނުން މިދާއިރާއިން ބާކީ ކުރެވޭތަން ފެނެއެވެ. ސައިންސް ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަގްވާމީ ދުވަސް، ކޮންމެ އަހަރެއްގެ 11 ފެބްރުއަރީގައި ފާހަގަ ކުރާގޮތަށް ކަނޑައެޅުނީ، ކުރިން ދެންނެވުނު ފަދައިން ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އަންހެނުންނަށް ވެސް ފުރިހަމައަށް އަދި އެއްހަމައެއްގައި މިދާއިރާގައި ފުރުސަތުތައް ހުޅުވުމަށް މަސައްކަތްކުރުމަށެވެ. އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުމުގެ މަގްސަދުގައެވެ.
ގާތްގަނޑަކަށް ކޮންމެ ދާއިރާއެއްގައިވެސް، އަންހެނުން ކުރާ މަސައްކަތް އެކަށީގެންވާ މިންވަރަށް ފާހަގައެއް ނުކުރެއެވެ. އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަނެއް ނުކުރެއެވެ. ސައިންސް ދާއިރާގައި ވެސް މިކަން އޮތީ މިހެންނެވެ.
އާންމުކޮށް ފިރިހެނުން ގިނަ ދާއިރާތަކުގައިވެސް އަންހެނުން ދަނީ މުހިއްމު މަސައްކަތްތަކެއްކޮށް ކުރިއަށް އޮތް ޖެނެރޭޝަންތަކަށް ފުޅާ މަގުތަކެއް ދައްކަމުންނެވެ. އިންޓަރނެޓް ހޯދާލައިފިނަމަ، ކުރީގެ މަޝްހޫރު އަންހެން ސައިންޓިސްޓުންނަށް އަލިއަޅުވާލާ ވަރަށް ގިނަ އާޓިކަލްތަކާއި ލިޔުންތައް ފެނެއެވެ. މޭރީ ކިއުރީ، ގްރޭސް ހޮޕަރ، ރޯސަލިންޑް ފްލޭކްލިން، ކެތަރިން ޖޯންސަން ފަދަ ނަންނަމަކީ ސައިންސްގެ އެކި ދާއިރާތަކުން އައު އީޖާދުތައް އުފައްދާ، ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސް ދިނުމުގައި މުހިއްމު ރޯލް އަދާކުރިން އަންހެނުންނެވެ.
އެހެން ނަމަވެސް ފަހުގެ ތާރީހުގައި މިފަދައިން ދާއިރާއިން ކުރިއެރުން ހޯދާފައިވާ އަންހެނުންނާއި އަންހެން ކުދިންގެ ވާހަކަ ހިމެނޭ އާޓިކަލްތައް ފެންނަނީ ވަރަށް މަދުންނެވެ. ކުރީގެ ސައިންޓިސްޓުންކޮށްފައިވާ މަސައްކަތުގެ އަލިކަމަށް އެއްވެސް ފަނޑުކަމެއް ނުގެނެސް، ފަހުގެ ތާރީހުގައި ސައިންސް ދާއިރާއިން މުހިއްމު ޚިދުމަތްކޮށްދީ ކުރިއެރުން ހޯދާފައިވާ އަންހެނުންނާއި އަންހެން ކުދިން ދާއިރާގައި ކުރާ މަސައްކަތްތައް އެނގުން މުހިއްމުކަމަށް ދެކޭތީ މި އާޓިކަލްގައި ބައެއް ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކޮށްލާނަމެވެ.
ސިންތިޔާ ކެންޔޮން، 67 އަކީ އެމެރިކާގެ މަޝްހޫރު މޮލިކިޔުލަރ ބަޔޮލޮޖިސްޓްއެކެވެ. އޭނާގެ ހާއްސަ ދާއިރާއަކީ ބަޔޯޖެރޮންޓޮލޮޖީއެވެ. މިއީ ދިރޭތަކެތި (އިންސާނުން ހިމެނޭގޮތަށް) މުސްކުޅިވުމާއި، އެކަމާއި ގުޅިގެން ދިމާވާ ސިއްހީ މައްސަލަތައް ދިރާސާކޮށް ބަލިތަކަށް ފަރުވާ ހޯދުމަށް މަސައްކަތްކުރާ ދާއިރާއަކެވެ. ކެންޔޮންގެ ފާހަގަކޮށްލެވޭ މަސައްކަތުގެ ތެރޭގައި ހިމެނެނީ ދިރޭތަކެތީގެ އުމުރު ދިގުކުރެވޭނެ ގޮތްތަކާމެދު ކުރެވޭ ސްޓަޑީސްތަކެވެ. މިފަދަ ސްޓަޑީޒްތަކުން އުމުރުން ދުވަސްވީ ފަރާތްތަކަށް ގިނައިން ދިމާވާ ބައެއް ބަލިތައް؛ އަލްޒައިމާރސް، ކެންސަރ އަދި ހިތުގެ ބަލިތައް ދިމާވުމުގެ ކުރިން ދެނެގަނެ، ނުވަތަ ޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތްތަކާމެދު ދިރާސާކުރެއެވެ.
ކެންޔޮން ތަޢުލީމް ހާސިލް ކުރީ ޔުނިވަރސިޓީ އޮފް ޖޯޖިއާގައި، ކެމިސްޓްރ އަދި ބަޔޯކެމިސްޓްރީ ދާއިރާއިންނެވެ. އަދި 1981ގައި މެސެޗޫސެޓްސް އިންޓްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގައި ޕީއެޗްޑީ ފުރިހަމަކުރިއެވެ. 1986 އިން ފެށިގެން އޭނާއަކީ ޔުނިވަރސިޓީ އޮފް ކެލިފޯނިޔާ، ސެން ފްރާންސިސްކޯ (ޔޫސީއެސްއެފް) ގައި ބަޔޯފިޒިކްސް އަދި ބަޔޯކެމިސްޓްރީ ދާއިރާގެ ޕްރޮފެސަރެކެވެ. އަދި އެމެރިކަން ކެންސަރ ސޮސައިޓީގެ ޕްރޮފެސަރއެއްވެސް މެއެވެ. އެޕްރީލް 2014 އިން ފެށިގެން ކެންޔޮން އަދާކުރަމުން ދަނީ ކެލިކޯ ލައިފް ސައިންސަސް ކުންފުނީގެ ނައިބު ރައީސްގެ މަގާމެވެ. ކެލިކޯއަކީ ސިއްހަތާއި، ދުޅަހެޔޮކަމާއި، އުމުރާ ގުޅިގެން ދިމާވާ މައްސަލަތަކުގެ ދިރާސާ ކުރާ ކުންފުންޏެކެވެ. ކެންޔޮން ކުރާ ދިރާސާގެ ބޭނުމަކީ އިންސާނުންގެ ދިރިއުޅުން 100 އަހަރަށް ވުރެ ގިނަ ދުވަހު ދެމެހެއްޓުމާއި، އަދި އިންސާނުންނަކީ އުމުރުން ދުވަސްވި ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށް ހެދުމެވެ. ކެންޔޮން އަކީ ހަގީގަތުގައި ވެސް ސައިންސްގެ ރޮނގުން އިންސްޕިރޭޝަނަލް އަންހެނެކެވެ.
ކްރިސްޕަރ-ކާސް9 ނަމަކަށް ކިޔުނު ޖީނޯމްތައް ބަދަލުކުރާ ޓެކްނޮލޮޖީ އުފެއްދުމުގައި ބައިވެރިވި އިންވެންޓަރުންނަކީ ޖެނިފަރ ޑޫޑްނާ އަދި އިމެންޔުއެލް ޝާޕެންޓިއަރއެވެ.
މިޓެކްނޮޮލޮޖީގެ ސަބަބުން ސައިންސްވެރިންނަށް ސެލްތަކުގައި ޑީއެންއޭގެ ބޭނުންވާ ތަނަކަށް ފޯކަސްކޮށް އަދި ސީދާ ބޭނުންވާ ބަދަލު ގެނައުމަށް އެހީތެރިވެދެއެވެ. އޭގެ ސަބަބުން ޖެނެޓިކްސް އިން ވާރުތަވާ ނޭދެވޭ ސިފަތަކާއި ކެންސަރު ފަދަ ބަލިތައް ރަނގަޅު ކުރުމަށް އެހީތެރިވެވިދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކްރިސްޕަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންސާނެއްގެ ސެލްއެއްގައި އުފެދޭ އެޗްއައިވީ ވައިރަސްގެ ޑީއެންއޭ ބަދަލުކޮށްލެވިދާނެއެވެ. އަދި މީގެ އިތުރުން ސިކްލްސެލް އެނީމިއާ އަދި މަސްކިޔުލަރ ޑިސްޓްރޮފީ ފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުންކުރެވޭނެއެވެ. މިޓެކްނޮލޮޖީއަކީ މީގެ ކުރިން ފަރުވާއެއް ނުހޯދޭ ގިނަ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.
ކްރިސްޕަރ-ކާސް9 އުފެއްދުމުގެ މަސައްކަތް ފާހަގަކޮށް އޮކްޓޯބަރ 2020 ގައި ޑޫޑްނާ އަދި ޝާޕެންޓިއަރއަށް ވަނީ ކެމިސްޓްރީ ދާއިރާއިން ނޯބެލް އިނާމު ލިބިފައެވެ.
ނީނާ ޓެންޑަން އަކީ ބަޔޯމެޑިކަލް އިންޖިނިއަރއެކެވެ. އޭނާ ދަނީ ސެލް ސައިންސްގެ ދާއިރާގައި މުހިއްމު މަސައްކަތްތަކެއް ކޮށްދެމުންނެވެ. އޭނާއަކީ އެޕީބޯން ނަމަކަށް ކިޔުނު ކުންފުނީގެ ފައުންޑަރ އަދި ސީއީއޯއެވެ. މިކުންފުނިން މަސައްކަތް ކުރަނީ ކައްޓަށް ދިމާވާ މައްސަލަތަކާއި ގުޅިގެން ކަށި އުފެއްދުމުގެ މަސައްކަތާއި ދިރާސާއެވެ. ކަށީގެ މައްސަލަ ހުންނަ ފަރާތްތަކުގެ ސެލް ބޭނުންކޮށްގެން ލެބޯޓްރީ މާހައުލުގައި އައު ކަށި އުފެއްދުމަކީ މިކުންފުނިން ކުރާ މުހިއްމު މަސައްކަތެކެވެ.
މިޓެކްނޮލޮޖީގެ ސަބަބުން ބަލިމީހާއަށް ބޭނުންވާ ގޮތަށް، އެމީހާގެ ހަށިގަނޑާއި އެންމެ އެކަށީގެންވާ ގޮތަށް ކަށިއުފެއްދުމާއި، އަދި މީހެއްގެ ހަށިގަނޑާއި ނުގުޅޭ ޑޯނަރ ކަށި ބޭނުންކުރުމުގެ ސަބަބުން ދިމާވާ ރިޖެކްޝަންގެ މައްސަލަތައް ހައްލުވެ، އެމީހެއްގެ ހަށިގަނޑު ބަލައިގަންނަ ކަށި ބޭނުންކުރުމުގެ ފުރުސަތު ފަހިވެއެވެ. އުފެދުމުގައި ކުޑަކުދިންގެ ގައިގައި ހުންނަ ކަށީގެ މައްސަލަތައް ހައްލުކުރުމުގައި ޓެންޑޮންގެ ކުންފުނިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން ޓެންޑަން ދަނީ ކަށި އުފެއްދުމުގެ ޓެކްނޮލޮޖީ ނަކަލުކޮށް އެހެނިގެން ގުނަވަންތައް އުފެއްދުމުގެ މަސައްކަތްވެސް ދިރާސާކުރަމުންނެވެ. މިގޮތުން ހިތް ފަދަ ގުނަވަން އުފެއްދުމުގެ މަސައްކަތް މިހާރުވެސް ކުރެއެވެ. ޓެންޑަން ކުރަމުންދާ މުހިއްމު މަސައްކަތާއި ގުޅިގެން އޭނާއަށް ވަނީ ޓެޑް ފެލޯކަން ލިބިފައެވެ. އަދި 2015 ވަނަ އަހަރު ފޮރިން ޕޮލިސީ މަޖައްލާއިން ވަނީ އޭނާއަށް 'ގްލޯބަލް ތިންކަރ'ގެ ލަގަބު ދީފައެވެ. މިމަސައްކަތުގައި އަންނަ ކުރިއެރުމަށްބަލާ ލަފާކުރެވޭގޮތުގައި، ނީނާ ޓެންޑަންއަކީ މިހާރު އަދި މުސްތަގުބަލުގައި އަހަރުމެންގެ ސިއްހަތު ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ މުހިއްމު ފަރާތެކެވެ.
އިންޑިޔާގެ ކަލްކަތާއަށް އުފަން، ސުނެތްރާ ގުޕްތާއަކީ ޔުނިވަރސިޓީ އޮފް އޮކްސްފޯޑްގެ ތިއޮރެޓިކަލް އެޕިޑޮމޮލޮޖީގެ ޕްރޮފެސަރެކެވެ. މިއީ އެކިއެކި އާބާދީއެއްގައި ބަލި ފެތުރުމާއި، ތަކުރާރުވުމާއި ނުވަތަ ސިއްހީ ކާރިސާތައް ހިންގުމުގެ މިންވަރާއި، އެކަންކަން ދިމާވާ ސަބަބުތައް ދިރާސާކޮށް ހޯދުމުގެ މަސައްކަތްކުރާ ސައިންސްގެ ދާއިރާއެކެވެ.
ގުޕްތާގެ އެންމެ ބޮޑު ޝައުގުވެރިކަމެއް ހުރީ އެޗްއައިވީ، މެލޭރިއާ، ބެކްޓީރިއަލް މެނިންޖައިޓިސް، އަދި އިންފްލުއެންޒާ ފަދަ ގައިންގަޔަށް އަރާ ބަލިތަކަށް ޒިންމާވާ ބަލި ފަތުރާ އެޖެންޓުން ދެނެގަނެ އެކަމާ ގުޅޭ ދިރާސާގައެވެ. ޕެތޯޖަންތައް ބަދަލުވެގެން އަންނަ ގޮތުގެ މައްޗަށް ވަރަށް ބޮޑު ފޯކަސްއެއް ދީގެން، އޭނާކޮށްފައިވާ މަސައްކަތާއި ހޯދާފާއިވާ ކުރިއެރުމަށް 2009 ވަނަ އަހަރު 'ރޯޔަލް ސޮސައިޓީ ރޯސާލިންޑް ފްރޭންކްލިން އެވޯޑް' އޭނާއަށް ވަނީ ލިބިފައެވެ. އަދި ޒޫލޮޖިކަލް ސޮސައިޓީ އޮފް ލަންޑަން އިން އޭނާއަށް ވަނީ ސައިންޓިފިކް މަސައްކަތްތައް ފާހަގަކޮށް ސައިންޓިފިކް މެޑަލް ދީފައެވެ.
2020 ވަނަ އަހަރުގެ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގައުމީ ލޮކްޑައުންތަކާ ގުޅިގެން ސަރުކާރުތަކުން އަމަލުކުރަމުންދާ ގޮތާމެދު ގުޕްތާވަނީ ފާޅުގައި ފާޑުކިޔާފައެވެ. އިންފެކްޝަސް ޑިޒީޒް އެންޑް އެޕިޑެމިއޮލޮޖީގެ ދާއިރާއިން ގުޕްތާގެ ތަޖުރިބާއިން، ވާހަކަ ދައްކަމުން އޭނާ ހިޔާލު ފާޅުކުރީ ކުއްލިއަކަށް ބޮޑު ލޮކްޑައުނެއް ގެންނަންވާނީ ހަގީގަތަށް ބިނާކޮށްކަމަށެވެ. ހައްސަކޮށް އޭގެ ސަބަބުން އާބާދީގެ ނިކަމެތި ބައެއް އިތުރަށް ނިކަމެތިވެދާނެކަމަށް ވިސްނާފައިކަމަށެވެ.
މީގެ އިތުރުން ގުޕްތާ އަކީ ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތެކެވެ. އޭނާގެ ފޮތް "ސޯ ގުޑް އިން ބްލެކް" އަށް ވަނީ ސަދަން އާޓްސް ލިޓްރޭޗާ ޕްރައިޒް އަދި ސަހީތާ އެކެޑެމީ އެވޯޑު ލިބިފައެވެ. ގުޕްތާ މަތިީ ތައުލީމް ހާސިލްކުރީ ޕްރިންސްޓަން ޔުނިވާސިޓީންއިންނެވެ. އަދި ޔުނިވާސިޓީ އޮފް ލަންޑަން އިން ޕީއެޗްޑީ ހާސިލް ކުރިއެވެ.
ގީތާންޖަލީ ރާއޯ އަކީ އުމުރުން އެންމެ 16 އަހަރުގެ އިންވެންޓަރއެކެވެ. ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، މެތަމެޓިކްސް (ސްޓެމް) ކުރިއަރުވަން މަސައްކަތްކުރާ ސައިންޓިސްޓެކެވެ. 2017 ގައި ރާއޯ ވަނީ 'ޑިސްކަވަރީ އެޑިޔުކޭޝަން 3އެމް ޔަންގް ސައިންޓިސްޓް ޗެލެންޖް' ކާމިޔާބުކޮށްފައެވެ. އަދި ފޯރބްސް މެގަޒިން އިން ފާހަގަ ކުރާ 'ފޯރބްސް 30 އަންޑަރ 30' ލިސްޓުގައި ވެސް ހިމެނިފައެވެ. އޭނާގެ އަމިއްލަ އުފެއްދުންތައް ފާހަގަކޮށް އޭނާއަށް ވަނީ 'ޓައިމްސް ޔަންގް އިނޮވޭޓަރ 2020'ގެ ނަންދެވިފައެވެ. އެއީ އޭނާ އުފައްދާފައިވާ ތަކެއްޗާއި ތަކެތި އުފެއްދުމަށް ދަސްކޮށްދިނުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ނަގާދޭ އިނޮވޭޝަން ވޯކްޝޮޕްތައް ފާހަގަކޮށެވެ.
ޑިސެމްބަރ 2020ގައި އޭނާއަށް ވަނީ ޓައިމްސް މަޖައްލާއިން "ކިޑް އޮފް ދަ އިއަރ'ގެ ލަގަބުވެސް ދީފައެވެ. މިއީ މިފަދަ ލަގަބެއް ދެވުނު ފުރަތަމަ ފަހަރެވެ. އަދި 2021 ގައި ޔޫއެން ޖެނީވާގައި ބޭއްވުނު ޔަންގް އެކްޓިވިސްޓް ސަމިޓްގެ ލޯރިއޭޓްގެ ޝަރަފުވެސް ހާސިލްކޮށްފައިވެއެވެ.
އޭނާ ވަނީ އެންމެ 10 އަހަރުގައި 'ޓެތީސް' ކިޔާ ޑިވައިސްއެއް އުފައްދާފައެވެ. މިޑިވައިސްއިން ފެނުގައި ލެޑް ހިމެނޭ މިންވަރު މެޝަރކޮށް، ބްލޫޓޫތު މެދުވެރިކޮށް ޑިވައިސްއިން ނަގާ ފެނާއި ބެހޭ ޑޭޓާ ދައްކާއިދޭ އެޕެއްވެސް ތައްޔާރުކޮށްފައެވެ. އޭނާ ބުނިގޮތުގައި މިޑިވައިސް އުފެއްދުމަށް ބޭނުންވާ ޓެކްނޮލޮޖީގެ މަޢުލޫމާތު އޭނާ ހޯދީ އެމްއައިޓީގެ ވެބްސައިޓް މެދުވެރިވެއެވެ.
ރާއޯއަށް ވަނީ އޭނާ އުފައްދާފައިވާ 'އެޕިއޯން' ނަމަކަށް ކިޔާ ޑައިގްނޯސްޓިކް ޓޫލްގެ ސަބަބުންވެސް ގިނަ އިނާމުތަކަކާއި ވަނަތަކެއް ލިބިފައެވެ. މިއީ ޖެނެޓިކް އިންޖިނިއަރިންގެ ރޮނގުން ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ޕްރިސްކްރިޕްޝަން އޯޕިއޮއިޑް އެޑިކްޝަންގެ ކުރީކޮޅު ޑައިގްނޯސް ކުރުމަށް އެހީވެދޭ ޓޫލްއެކެވެ.
ރާއޯ ވަނީ އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސައިބަރ ބުލީންގ ދެނެގަނެވޭނެ 'ކައިންޑްލީ' އޭ ކިޔުނު އެޕެއްވެސް ތައްޔާރުކޮށްފައެވެ. އޭނާ މިހާރު ދަނީ ސްކައުޓިން ސްޓެމް ޕްރޮގްރާމްގައި ބައިވެރިވެ ސްޓެމް ދާއިރާ ކުރިއެރުވުމުގެ މަސައްކަތްކުރަމުންނެވެ. އަދި ޕައިލެޓް ލައިސަންސް ހޯދުމުގެ މަސައްކަތް ކުރާ ވާހަކަވެސް އޭނާ ފާހަގަކުރިއެވެ.
މި ފާހަގަކޮށްލެވުނީ ސައިންސްގެ އެކި ދާއިރާތަކުން މިހާރު ދުނިޔޭގައި މުހިއްމު މަސައްކަތް ކުރަމުންދާ މަދު ފަރާތެކެވެ. މިނޫނަސް ގިނަ ދާއިރާތަކުގައި މަސައްކަތްކުރާ އިންސްޕިރޭޝަނަލް އަންހެނުން ބައިވަރެވެ. މިފަދަ ފަރާތްތަކުން އިންސްޕަޔަރ ވެގެން ރާއްޖޭގައިވެސް ގިނަ އަންހެން ސައިންޓިސްޓުންތަކެއް އުފެދި އަގުހުރި މަސައްކަތްތަކެއް ކުރެވިގެންދާތަން ފެނުމަކީ އަހަރުމެން ދެކެން ބޭނުންވާ މުސްތަގްބަލެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް