ރެންސަމްވެއާގެ ސަބަބުން ގައުމުތަކުގެ އިދާރާތަކާއި ބޮޑެތި ވިޔަފާރިތައް ހުއްޓުމަކަށް އަންނަ ހަބަރުތައް މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ބާރުގަދަ އެއްގައުމު ކަމަށްވާ އެމެރިކާގެ ކަރަންޓާއި ފެނުގެ ވިއުގަ ފަދަ މުހިންމު ނިޒާމުތަކުގެ މަސައްކަތްވަނީ ރެންސަމްވެއާގެ ސަބަބުން ހުއްޓުމަކަށް އައިސްފައިއެވެ. ރެންސަމްވެއާގެ ނުރައްކާ އިހުސާސްވެ ކުންފުނިތަކާއި ސަރުކާރު އިދާރާތަކުން މިހާރުވަނީ މިކަމުން ރައްކާތެރިވާނެ ގޮތުގެ އިރުޝާދު ހޯދަމުންނެވެ. އެހެންކަމުން، މިލިޔުމުގެ މައިގަނޑު މަގްސަދަކީ ރެންސަމްވެއަރގެ ނުރައްކަލާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި ސަލާމާތީގޮތުން ކުރެވިދާނެ ބައެއް އިރުޝާދު ފޯރުކޮށްދިނުމެވެ.
ރެންސަމްވެއާ އަކީ ކޮބާ؟
ރެންސަމްވެއާ އަކީ ކޮމްޕިއުޓަރު ބަހުރުވައިން ބުނާނަމަ މެލިޝަސް ޕޭލޯޑްއެކެވެ. އާންމު ބަހުރުވައަށް ތިލަކޮށްލާނަމަ ރެންސަމްވެއާ އަކީ ގެއްލުމެއް ދިނުމުގެ ނިޔަތުގައި ކޮމްޕިއުޓާ ނެޓްވޯކްތަކަށް ހަމަލާދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ. ރެންސަމްވެއާ އެންމެ ބޮޑަށް ފާހަގަވެފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައިއެވެ. ކަންމިހެން ވާންޖެހޭ މައިގަޑު ސަބަބަކީ ރެންސަމްވެއާ މެދުވެރިކޮށް ހަމަލާދެވޭ ފާރާތުގެ ނެޓްވޯކްތަކުގެ ނުވަތަ ޑޭޓާގެ ކޮންޓްރޯލް ހަމަލާދޭފަރާތުގެ އަތުގައި އޮތުމެވެ.
އާންމުކޮށް މިފަދަ ހަމަލާތައްދޭ ފަރާތްތަކުން އެދޭ މިންވަރަށް ފައިސާ ލިބެންދެން މި ހަމަލާތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން ފައިސާ ހޯދުމުގެ ނިޔަތުގައި ހަމަލާދެވޭ ފަރާތުގެ ޑޭޓާ ޝާއިއުކުރުމާއި، އެފަރާތުގެ ޑޭޓާއަށް އެކްސެސްވުމަށް ދާއިމީގޮތެއްގައި ހުރަސްއެޅުމަކީ މިފަދަ ހަމަލާތައް ދޭފަރާތްތަކުން ކުރާކަންކަމެވެ. މީގެ އިތުރުން މިސްކޮންފިގަރޭޝަން ނުވަތަ ހެދިފައިވާ ގޯސްތަކެއްގެ ސަބަބުން ރެންސަމްވެއާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހެދިފައިވާ ގޯސް ނިންމުންތައް އާންމުކުރުމަކީވެސް ބައެއް ފަރާތްތަކުންކޮށް އުޅޭކަމެކެވެ.
ރެންސަމްވެއާ ފާހަގަވެފައިވަނީ ކުއްވެރިން ސައިބާ އެކްސްޓޯޝަން ނުވަތަ ބިރުދައްކައިގެން ފައިސާ ހޯދުމަށް މިހާރު ބޭނުންކުރާ މައިގަނޑު ވަސީލަތެއްގެ ގޮތުގައިއެވެ. އެގޮތުން އާންމުކޮށް މިފަދަ ފަރާތްތަކުން ފައިސާ ހޯދުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތަކީ ކޮމްޕިއުޓާ ނެޓްވޯކްތަކަށް ހަމަލާދީ އެނެޓްވޯކްތަކުން އާންމު ހާލަތުގައި ކުރާ މަސައްކަތް ހުއްޓުވާލުމެވެ. މި ފަދަ ހަރާކާތްތައް މަލްވެއާ ބޭނުންކޮށްގެންނާއި ބޭނުން ނުކޮށްވެސް ހިންގައެވެ. މީގެ ކުރިން ސައިބާ އެކްސްޓޯޝަންގެ އެންމެ މަޝްހޫރު އެއް ބާވަތަކީ ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސާވިސް (ޑީޑޮސް) މެދުވެރިކޮށް ހިދުމަތްތައް ހުއްޓުވާލުމަށް ދެވޭ އިންޒާރުތަކެވެ.
ރެންސަމްވެއާ ހަމަލާތަކުގެ އަދަދު އިތުރުވަނީ ކީއްވެ؟
ރެންސަމްވެއާ ހަމަލާތަކުގެ އަދަދު އިތުރުވުމުގެ ފަހަތުގައި ދެ ސަބަބެއް އޮތްކަމަށް ބުނެވިދާނެއެވެ. އެގޮތުން ފުރަތަމަ ސަބަބަކީ މިފަދަ ހަމަލާތައް ވީހާވެސް ގިނައިން ދިނުމަށް ފަރުމާކުރެވޭނެ ވަސީލަތްތައް ފަސޭހައިން ލިބެން ހުރުމެވެ. މީގެއިތުރުން މިފަދަ ހަމަލާތައް ދޭ ފަރާތްތަކަކީ ވަކި ބަޔަކަށް ހާއްސަކޮށް ހަމަލާ ދިނުމުގެ ބަދަލުގައި އެވަގުތެއްގައި އެންމެ ފަސޭހައިން ހަމަލާދެވޭނެ ހުރިހާ ތަނަކަށްވެސް ހަމާލާދީ ފައިދާ ހޯދުމުގެ ވިސްނުމުގައި މަސައްކަތްކުރާ ބައެކެވެ. ބައެއް ހާލަތްތަކުގައި މިފަރާތްތަކުން ވަކި ސިނާއަތަކަށް ހަމަލާދިނުމަށް ރާވަނީ އެސިނާއަތުގައި ސެކިއުރިޓީ މައްސަލަތަކެއް ހުންނަ ކަމަށް ގަބޫލުކުރެވޭތީ ނުވަތަ އެ ސިނާއަތާއި ގުޅިފައިވާ މައުލޫމާތު ނުވަތަ ވިޔަފާރީގެ ސިއްރުތަކަކީ އަގުހުރި ތަކެތިކަމަށް ގަބޫލުކުރެވޭތީއެވެ.
ރެންސަމްވެއާ ބޭނުންކޮށްގެން ކުށްތަކަށް އަރައިގަންނަ މީހުން އާންމުގޮތެއްގައި އެފަދަ ހަމަލާތައް ދިނުމަށް ބޭނުކުރާ މެލިޝަސް ޕޭލޯޑް އުފައްދަނީ ޑާކްވެބްގައި ލިބެންހުންނަ މައުލޫމާތާއި ޓޫލްކިޓްތައް ބޭނުންކޮށްގެންނެވެ. މިތަކެތި ބޭނުންކޮށްގެން ފަރުމާކުރެވޭ މެލިޝަސް ޕޭލޯޑަކީ އެއްފަހަރާ ގިނަ ސިސްޓަމްތަކަކަށް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. ރެންސަމްވެއާ ހަމަލާއެއް ދިނުމަށް މިތަކެތި އާނުމުކޮށް ފޮނުވަނީ އީމެއިލް ނުވަތަ ނުރައްކާތެރި ވެބްސައިޓްތައް މެދުވެރިކޮށެވެ.
ރެންސަމްވެއާ ހަމަލާތަކުގެ އަދަދު އިތުރުވުމުގެ ދެވަނަ ސަބަބަކީ މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް އަދަބު ނުދެވުމާއި މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާއިރު ކާކުކަން ނޭގި އެކަންކުރެވޭނެ ވަސީލަތްތައް ލިބެން ހުރުމެވެ. އެހެންކަމުން މިފަދަ ހަމަލާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަދަބު ދެވޭނަމަ ރެންސަމްވެއާ ހަމަލާތައް މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން މިފަދަ ހަމަލާތައް ދޭފަރާތްތަކަށް ލިބޭ މާލީ މަންފާ ކުޑަކުރެވިއްޖެނަމަވެސް މިހަމަލާތަކުގެ އަދަދު މަދުވުމަކީ ވުން ގާތްކަމެކެވެ.
ރެންސަމްވެއާއިން ރައްކާތެރިވުމަށް ކުރެވޭނީ ކޮންކަމެއް؟
މި ސުވާލުގެ އެންމެ ކުރު ޖަވާބަކީ ރަނގަޅު އަސާސީ ސަލާމަތީ ފިޔަވަޅުތައް އެޅުމާއި އޮޕަރޭޝަނަލް ޕްރެކްޓިސަސް ރަނގަޅުކޮށްލުމުން ކުންފުނިތަކަށާއި އިދާރާތަކަށް ރެންސަމްވެއާގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްވެ އޭގެ އަސަރުތައް ކުޑަކޮށްދޭނެއެވެ. އާންމުކޮށް ރެންސަމްވެއާ ހަމަލާއެއް އަމާޒުވަނީ ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އިތުބާރުނުހިފޭ ކޯޑެއް އެކްޒެކިއުޓްކުރެވުމުގެ ސަބަބުންނެވެ. ރެންސަމްވެއާ މެދުވެރިކޮށް ދެވޭ ހަމަލާތައް ދެވެނީ އެކި ފިހަވަހިތަކަށް ބަހާލެވިގެންނެވެ.
1. ފުރަތަމަ ފިޔަވަހީގައި މެލިޝަސް ޕޭލޯޑް ފޮނުވާނެއެވެ.
2. ދެވަނަ ފިޔަވަހީގައި ޕޭލޯޑް އެކްޒެކިއުޓް ކުރެއެވެ.
3. ތިންވަނަ ފިޔަވަހީގައި ޕޭލޯޑް އިތުރަށް ގިނަވެ ސިސްޓަމްގައި ފެތުރެއެވެ.
ރެންސަމްވެއާގެ ފުރަތަމަ ފިޔަވަހި ހުއްޓުވުމަށް މަސައްކަތްކުރާނީ ކިހިނެއް؟
ރެންސަމްވެއާ މެދުވެރިކޮށް ދެވޭ ހަމަލާތަކުގެ ފުރަތަމަ ފިޔަވައްސަކީ ކުރިން ފާހަގަ ކުރެވުނުގޮތަށް މި ހަމަލާ ދިނުމަށް ބޭނުންކުރާ ވަސީލަތް ހަމަލާދެވޭ ފަރާތަށް ފޮނުވުމެވެ. މިކަން ހުއްޓުވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އިންސާނުންގެ ތަބީއަތުގެ ސަބަބުން މިފަދަ ހަމަލާއަކަށް މަގުފަހި ވެދާނެކަން ގަބޫލުކޮށް މުވައްޒަފުން ތަމްރީނުކުރުމެވެ. އެގޮތުން އާންމުކޮށް ސިސްޓަމްތައް ބޭނުންކުރާ ފަރާތްތައް 2 ދާއިރާއަކުން ތަމްރީނުކޮށް ފާރަވެރިވާންޖެހޭނެއެވެ.
1. މުވައްޒަފުންގެ މެދުގައި ރައްކާތެރި އީމެއިލް އަދި އިންޓަނެޓް ބަރައުޒް ކުރުމުގެ އާދަތައް އަށަގެންނެވުން: މިގޮތުން އީމެއިލްތަކާއި އިންޓަނެޓް ބްރައުޒާތަކަކީ އޭގެ އަމިއްލަ ޒާތުގައި ފުރިހަމައަށް ރައްކާތެރި އެއްޗެއް ނޫންކަން މުވައްޒަފުންނަށް ވިސްނައިދޭން ޖެހެއެވެ. އީމެއިލް ތަކުގައި ހުންނަ އެޓޭޗްމަންޓްތަކާއި ނުރައްކާތެރި ނުވަތަ ގޮތްނޭގޭ ވެބްސައިޓްތަކުގައި ހުންނަ ލިންކްތަކަށް ފިތާލުމުން ރެންސަމްވެއާ މެދުވެރިކޮށް ހަމަލާދޭން ބޭނުންކުރާ ވަސީލަތް އެކްސެކިއުޓްވެ ސިސްޓަމް އިންފެކްޓްވާނެއެވެ. އެހެންކަމުން އިންޓަނެޓުން ލިބެންހުންނަ ކޮންމެ ޕްރޮގާމަކީ ރައްކާތެރި އެއްޗެއް ނޫންކަމާއި އިތުބާރުހިފޭ ސޮފްޓްވެއާތައް ބޭނުންކުރުމުގެ މުހިންމުކަން މުވައްޒފުންނަށް ދަސްކޮށްދޭންޖެހެއެވެ.
2. ސޯޝަލް މީޑިއާ މަންސަތަށް ރައްކާތެރިގޮތުގައި ބޭނުންކުރުން: ސޯޝަލް މީޑިއާގައި ހުންނަ މައުލޫމާތު ބޭނުންކޮށްގެން މަސައްކަތު މާހައުލުގައި އުޅޭ އެހެން މީހުން ނުވަތަ ތިމާއަށް ހަމަލާދިނުމަށް ރޭވިދާނެކަން މުވައްޒަފުންނަށް އެގެންޖެހެއެވެ. އެގޮތުން މިފަދަ ހަމަލާތައް ރާވާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ލިބެން ހުންނަ މައުލޫމާތު މެދުވެރިކޮށް ޝަހުސު އޮޅުވާލައިގެން މަސައްކަތްކުރުމުގެ ޖާގަލިބިގެން ހިގައިދާނެއެވެ.
މަލްވެއާ ފެތުރިދާނެ ސަރަހައްދުތަކުގައި އެކި ސެކިއުރިޓީ ޕްރޮޓޮކޯލްތައް ތަންފީޒުކުރުމަކީވެސް ރެންސަމްވެއާ މެދުވެރިކޮށް ދޭ ހަމަލާތައް ހުއްޓުވުމަށް ކުރެވިދާނެކަމެވެ. އެގޮތުން އީމެއިލް އާއި އެހެނިހެން މުވާސަލާތީ ވަސީލަތްތައް ފިލްޓާކުރެވޭނެ ޓޫލްތައް ބޭނުން ކުރުމަކީ ކުރެވިދާނެކަމެކެވެ. މީގެ އިތުރުން އެންޓި މަލްވެއާ ސްކޭންކުރުމާއި، ލިންތައް ވެލިޑޭޓް ކުރުންފަދަ ކަންކަމަކީވެސް ރެންސަމްވެއާ ހަމަލާތަކުގެ ފުރަތަމަ ފިޔަވަހިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމެވެ. މިކަންކަމުގެ އިތުރަށް މަސައްކަތު މާހައުލުގައި ބޭނުންކުރާ ޑިވައިސްތަކަށް ހާއްސަކޮށް ޑައުންލޯޑް ކުރުމާއި ގޮތްނޭގޭ ކޯޑް އެކްޒެކިއުޓް ކުރުމާއިގުޅޭ އުސޫލުތައް ހެދުމަކީވެސް މުހިންމުކަމެކެވެ.
ރެންސަމްވެއާގެގެ ދެވަނަ ފިޔަވަހި ހުއްޓުވުމަށް މަސައްކަތްކުރާނީ ކިހިނެއް؟
އެންމެ ފަހުގެ އެންޑްޕޮއިންޓް އުފެއްދުންތައް ބޭނުންކުރުމުގެ އިތުރުން، އައިޑެންޓިޓީ އަދި އެކްސެސް މެނޭޖްމަންޓް ޕްރެކްޓިސްތައް ވާންވާނީ އެކުންފުންޏަކުން ނުވަތަ އިދާރާއަކުން ރައްކާތެރިކުރުމަށް ބޭނުންވާ ޑޭޓާ ނުވަތަ ސިސްޓަމްތަކާއި އެއްވަރެއްގެ މުހިންމުކަންދެވޭ ކަންކަމަށެވެ. އެގޮތުން:
• މިޝަން-ކްރިޓިކަލް ސިސްޓަމްތަކާއި ސެންސިޓިވް ޑޭޓާ ގެންގުޅޭ ސިސްޓަމްތަކަށް އެކްސެސްވުމަށް ހަރުކަށި އުސޫލުތަކެއް ގެންގުޅެންވާނެއެވެ.
• ގުޅިގެން މަސައްކަތްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ފައިލް ޝެއަރކުރުމުގެ ވަސީލަތްތަކާއި، އަދި އެނޫންވެސް އާންމުކޮށް އެކްސެސްކުރެވޭ ސިސްޓަމްތަކަށް އެކަށީގެންވާ ލިމިޓޭޝަންތައް ތަންފީޒުކުރެވެންވާނެއެވެ.
• އިތުރު އޯތެންޓިކޭޝަން ޗެލެންޖްތައް މަޖްބޫރުކުރަން ވާނެއެވެ. އެގޮތުން އާންމުކޮށް ސެންސިޓިވް މައުލޫމާތަކަށް އެކްސެސްވާއިރު މައުލޫމާތަށް އެކްސެސްވަނީ ކާކުކަން ޔަގީންކުރުމަށް އޯތެންޓިކޭޝަން ޗެލެންޖްތަށް ހުންނަންވާނެއެވެ. މީގެ އިތުރުން ޝައްކުކުރެވޭ ޑިވައިސްއަކުން މިފަދަ މައުލޫމާތަކަށް އެކްސެސްވުމަށް މަސައްކަތްކުރާނަމަ އާންމު އޯތެންޓިކޭޝަން ޗެލެންޖްތަކުގެ އިތުރުން ހާއްސަ އޯތެންޓިކޭޝަން ޗެލެންޖްތަކެއް ބޭނުންކުރަން ވާނެއެވެ.
• ކޮންމެވެސް އަދަދެއްގެ ސިސްޓަމްތައް ކޮމްޕްރޮމައިޒް ވެފައިވާކަމަށް ބަލައި ބޭނުންވެއްޖެ ހިނދެއްގައި ޒީރޯ ޓްރަސްޓް އެޕްރޯޗެއް ގެންގުޅެންވާނެއެވެ.
މީގެ އިތުރުން އާންމުގޮތެއްގައި ކުންފުނިތަކާއި އިދާރާތަކުން އެތަންތަނުގެ ފަންނީ މާހައުލުތަކުގައި ވަރުގަދަ އޯތެންޓިކޭޝަން ނިޒާމަތަކާއި ލީސްޓް ޕްރިވިލެޖް ޕްރިންސިޕަލްތައް (މުވައްޒަފަކަށް ދެވޭ އިމްތިޔާޒުތައް ވާންޖެހޭނީ އެމީހެއްގެ މަސައްކަތްކުރުމަށް ބޭނުންވާ ކަންތަން ކުރުމަށް އެކަނި ދެވޭ އިމްތިޔާޒުތަކަކަށެވެ. އެހެންކަމުން އެކްސެސް ރައިޓްސް ބޭނުންނުވާ ކަމަކަށް އެކްސެސް އެއްވެސް ފަރާތަކަށް ލިބިގެންނުވާނެއެވެ.) ތަންފީޒުކުރަންޖެހޭނެއެވެ. މީގެ ތެރޭގައި މިކަންކަން ހިމެނެއެވެ:
• ކާކުކަން ނޭނގޭ ލޮގިން، ޖެނެރިކް އެކައުންޓްތަށް، އަދި ބަލިކަށި ކްރެޑެންޝަލްސް ބޭނުންކުރުން ހުއްޓުވުން
• ޕްރިވިލެޖްޑް އެކައުންޓްތަށް (އެޑްމިން އަދި ރޫޓް އެކައުންޓްތަށް) ބޭނުންކުރުމުގައި ހަރުކަށި އުސޫލަތަކެއް ހުރުން
• ވިންޑޯޒް ބޭނުންކުރާނަމަ ޔޫޒާ އެކައުންޓް ކޮންޓްރޯލް ބޭނުންކުރުން އަދި އެހެނިހެން އޮޕަރޭޓިން ސިސްޓަމްތަކުގައި ވެސް ހުންނަ މިފަދަ މެކޭނިޒަމްތައް ބޭނުންކުރަންވާނެއެވެ.
މި ހުރިހާ އިރުޝާދުތަކަކީވެސް ސައިބާ ސެކިއުރިޓީގެ އެންމެ އަސާސީ އުސޫލުތަކަށް ތަބާވުމަށް ނުކުޅެދިއްޖެނަމަ ބޭކާރު އިރުޝާދުތަކަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެގޮތުން އިތުބާރުކުރެވޭ ސެކިއުރިޓީ ކޮންފިގުރޭޝަން ބޭސްލައިންތައް ދެނެގަނެ، އެ ބޭސްލައިންތައް ދެމެހެއްޓުމާއި ސެކިއުރިޓީ ޕެޗްތައް ލިބުމުން ވަގުތުންވަގުތަށް އެޕްލައި ކުރުމަށް މަސައްކަތްކުރަންޖެހޭނެއެވެ.
ރެންސަމްވެއާގެގެ ތިންވަނަ ފިޔަވަހި ހުއްޓުވުމަށް މަސައްކަތްކުރާނީ ކިހިނެއް؟
އިސްވެ ބަޔާންކުރެވުނު އިރުޝާދުތަކަށް އަމަލުކުރާނަމަ މެލިޝަސް ޕޭލޯޑްތައް ސިސްޓަމްތަކުގެ ފެތުރުން މަދުކޮށްދޭނެއެވެ. މީގެ އިތުރުން ތިރީގައިވާ ކަންކަމަކީވެސް މުހިންމުކަމެއް ދޭންޖެހޭ ކަންކަމެވެ.
• ފައިލް ޝެއަރިން ވަލްނަރަބިލިޓީތަށް ފާހަގަވުމުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންވާނެއެވެ. އަދި އައުޓްޑޭޓެޑް ސިސްޓަމްތައް އޮފްލައިން ކުރުން ނުވަތަ ބޭނުންކުރުން ހުއްޓާލަން ވާނެއެވެ. މިކަން މުހިންމު ވަނީ މީގެކުރިން ހިނގާފައިވާ ގިނަ މަލްވެއާ އައުޓްބްރޭކްތަކަށް މަގުފަހިކޮށްދީފައިވަނީ ވަލްނަރަބަލް ފައިލް ޝެއަރިންގ ސިސްޓަމްތަކުގެ ސަބަބުންކަމަށް ވުމުންނެވެ.
• މެލްވެއަރ އައުޓްބްރޭކެއްގެ ކެސްކޭޑިންގ އިފެކްޓް ހުއްޓުވުމަށް ޓަކައި އައިޓީ ސިސްޓަމްތަކުގެ މެދުގައި އޮންނަ އިތުބާރުގެ ސިލްސިލާ (ޗެއިން އޮފް ޓްރަސްޓް) މުރާޖައާ ކުރަންވާނެއެވެ. މީގެ އިތުރުން އިތުރު މައި ނެޓްވޯކްއާއި ވަކިން އެކަހެރި ކުރެވެފައިވާ ސިސްޓަމްތަކާއި ނެޓްވޯކްތަށް ގެންގުޅުމުގެ މަލްވެއާގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ.
ރެންސަމްވެއާގެ ސަބަބުން ލިބޭ ގެއްލުމުން އަރައިގަތުމަށް ތައްޔާރު ވާނީ ކިހިނެއް؟
ރަނގަޅު ވަރުގަދަ ސެކިއުރިޓީ ޕްރޮޓޮކޯލްތަކެއް ގެންގުޅޭ ކުންފުންޏެއް ނުވަތަ އިދާރާއެއްގައި ބޮޑު ރެންސަމްވެއާއެއް ފެތުރުމުގެ ފުރުސަތު ވަރަށް ހަނިވާނެއެވެ. ނަމަވެސް ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރުވެ ތިބުމަކީ އެންމެ ބުއްދިވެރިގޮތެވެ. އެގޮތުން ބިޒްނަސް ކޮންޓިނިއުޓީ ޕްލޭންތަކުގައި ހަރުދަނާ ގޮތެއްގައި ރައްކާތެރި ބެކަޕް ނެގޭނެ ގޮތާއި ރިކަވަރީ ޕްރޮސީޖާތައް ހިމެނިފައި ހުންނަންވާނެއެވެ. އެގޮތުން ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ސިސްޓަމްތައް ރީސްޓޯ ނުވަތަ ކުރިން ހުރިގޮތަށް އިއާދަކުރުމުގެ ކުރިން އެ ސިސްޓަމްތައް ކޮމްޕްރޮމައިޒްވީ ކޮންއިރަކު އަދި ކޮންގޮތަކަށްތޯ އެކަށީގެންވާ މިންވަރަކަށް އިތުބާރާއެކު އެގެންވާނެއެވެ. އެހެންނޫނީ އަނެއްކާވެސް ރިކަވާކުރުމަށްފަހު ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ ފުރުސަތު އޮވެދާނެއެވެ. މީގެ އިތުރުން ރައްކާތެރިކަން ކަށަވަރު ނަމަވެސް ދުވަސްވީ ބެކަޕްއެއް ރީސްޓޯ ކުރާނީތޯ ނުވަތަ ހިދުމަތްތަކަށް ބުރޫއެރުން ވީހާވެސް ކުޑަކުރުމަށް ރައްކާތެރިކަން ކަށަވަރުނުވާ ފަހުގެ ބެކަޕްއެއް ރީސްޓޯކުރާނީތޯ ނިންމަން ވާނީ ކޮސްޓް-ބެނެފިޓް އެނަލިސިސްއެއް ހެދުމަށްފަހުއެވެ.
މީގެ އިތުރުން ބޭނުންޖެހޭއިރު ބެކަޕް ޑާޓާ ހުންނާނެކަން ކަށަވަރު ކުރުމަށްޓަކައި ބެކަޕް ފައިލްތައް ބެލެހެއްޓުމުގައިވެސް ހަރުދަނާ އުސޫލުތަކެއް ގެންގުޅެންޖެހެއެވެ. މީގެ ސަބަބަކީ ބައެއް މަލްވެއާ ތަކަކީ ސީދާ ބެކަޕް ފައިލްތަކަށް ހަމަލާ ދިނުމަށް ފަރުމާކުރެވިފައިވާ ތަކެއްޗަށް ވާތީއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި