ދަނޑުވެރިކަންކުރުމަށް ޓެކްނޮލޮޖީއާއި އިނޮވޭޝަން ބޭނުންކުރުން

ހިންދު ޢަލީ 06 އޭޕްރީލު 2022

ޑެންމާކުގެ އިންޑަސްޓްރިއަލް ސިޓީއެއް ކަމަށްވާ ޓާސްޓްރަޕްގައި ތައްޔާރު ކޮށްފައިވާ ނޯޑިކް ހާވެސްޓަކީ ޔޫރަފްގެ އެންމެ ބޮޑު ވާރޓިކަލް ފާމެވެ. 7000 އަކަމީޓަރުގެ މިފާމަކީ ފެކްޓަރީއެއްގެ ތެރޭގައި އުފައްދާފައިވާ ދަނޑުވެރިކަމުގެ ގުދުރަތީ ނިޒާމެއް ފަދަ ނިޒާމެކެވެ. އެހެން ނަމަވެސް އާންމުކޮށް ދަނޑުވެރިކަމުގެ ނިޒާމެއްގައި ހިމެނޭ ފަސްގަނޑު ނުލައެވެ. ގަސްގަހާގެއްސަށް ބޭނުންވާ ފެން ދައުރުކުރުމުގެ ނިޒާމު ހަމަޖައްސާފައިވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެނެވެ. އަދި ގަސްގަހަށް ބޭނުންވާ އަލި ލިބުުމުގެ ކަންތައްތައް ހަމަޖައްސާފައިވަނީ ލެޑް ބޮކިތަކަކުންނެވެ. އަދި ގަހަށް ބޭނުންވާ ކާނާ އުފައްދަނީވެސް ފާމްގައި ހައްދާ ގަސްގަހުން އުފެދޭ ކުނިބުނި ބޭނުންކޮށްގެން ހަމަ މިފާމް ތެރޭގައެވެ.


2020ގެ އެޕްރީލް މަހު 8.5 މިލިއަން ޔޫރޯގެ ފަންޑްރެއިޒް ކުރުމަށްފަހު މިވަރޓިކަލް ފާމް އިފްތިތާހުކުރީ އެއަހަރުގެ ޑިސެމްބަރު މަހުއެވެ. މިފެކްޓަރީގައި މިހާރު އާންމުކޮށް އުފައްދަނީ ސެލެޑް ފަތުގެ ބާވަތްތަކާއި ހަރބްސްގެ ބާވަތްތަކެވެ. އެހެން ނަމަވެސް މިކުންފުނިން ހާމަކުރާގޮތުގައި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެކި ބާވަތްތަކުގެ ބެރީ ގަސްތައް އިތުރުކުރާނެއެވެ. އަދި 5 އަހަރާއި 10 އަހަރުގެ ތެރޭގައި މޫފައިބާ ބާވަތުގެ ތަރުކާރީއާއި ފަލަމަޑި އުފެއްދުމުގެ ވިސްނުން ވެސް އެކުންފުނިން ގެންގުޅެއެވެ.

މިއުއްމީދީ ޓެކްނޮލޮޖިކަލް މަޝްރޫޢުގެ އުފެއްދުމުގެ ފަހަތުގައި ދުރުރާސްތާއަށް ރާވާފައިވާ ވަރަށް މުހިއްމު މަގުސަދެއް އެބައޮތްކަމަށް، ކުންފުނީގެ ފައުންޑަރ އެންޑަރސް ރެއިމަން ފާހަގަކުރެއެވެ. އޭނާ ބުނާގޮތުން އެކުންފުނިން ބޭނުންވަނީ އިނޮވޭޝަނާއި ޒަމާނީ ޓެކްނޮލޮޖިކަލް އާލާތްތަކުގެ އެހީގައި ކުޑަ ސަރަހައްދެއްގައި ގަސްއުފެއްދުމެވެ. އަދި އެކަމަށް ތިމާވެއްޓާއި ރައްޓެހި، ހަރަދުކުޑަ އަދި ދެމެހެއްޓެނިވި ގޮތްތަކެއް ބޭނުންކުރުންކަމަށެވެ. މި ޓެކްނޮލޮޖީތަކުގެ ސަބަބުން މިހާރު ދަނޑުވެރިކަމަށް ބޭނުންކުރުމަށް ބިންތައް ރައްކާތެރިކުރެވި، ގަސްކެނޑުން ހުއްޓުވުމަށް އެހީތެރިވެ، އަދި ގަސް އުފެއްދުމަށް ބޭނުންވާ ހަކަތައާއި، ފެނާއި، ކެމިކަލްތައް ބޮޑުތަނުން މަދުކުރެވޭނެއެވެ.


ފެންވަރު ރަނގަޅު، ފައިދާހުުރި މޭވާ އާއި ތަރުކާރީ ހެޔޮއަގެއްގައި ލިބުން

ކުރީ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގޮތްތަކާއި އަޅާބަލާފައި ވާޓިކަލް އިންޑޯ ފާމިންގ އަކީ އުފެއްދުންތެރިކަން އެތަށްގުނައަކަށް އިތުރުކޮށްދޭ ނިޒާމެކެވެ. އާންމު ގޮތުންނަމަ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ބޭރުގައި ތައްޔާރުކޮށްފައިވާ ދަނޑުތަކުގައި ތަކެތި އުފައްދަނީ އަހަރަކު 2 ފަހަރުއެވެ. އެއާއި ޚިލާފަށް އެތެރޭގައި އުފައްދާ ވާޓިކަލް ފާމިންގ ނިޒާމްތަކުގައި އަހަރަކު 15 ފަހަރަށް ދަނޑުތައް ހެއްދިދާނެއެވެ. އެތެރޭގައި ހުންނަ ދަނޑުވެރިކަމުގެ ނިޒާމްތަކަށް މުޅި އަހަރުގެ ތެރޭގައި އަލި، ފެން އަދި ކާބަންޑައިއޮކްސައިޑް އާއި ގަސްކާނާ އަބަދުވެސް ލިބޭނޭ ގޮތަށް ހުންނާނެތީ، ގަސް ހެދި ބޮޑުވުމުގެ ސްޕީޑް އަވަސްވެއެވެ. އަދި ގަހުން އުފައްދާ ތަރުކާރީ މޭވާތަކަކީ ވެސް ހަމަ އާންމު ދަނޑުވެރިކަމުގެ ނިޒާމުތަކުގައި ލިބޭ ތަކެއްޗާއި ރަހައާއި ފައިދާގެ ގޮތުން އެއްވަރުގެ ތަކެއްޗެވެ.

2020 ގައި އުފެދުނު އިރު ނޯޑިކް ހާވެސްޓުގެ ފެކްޓަރީ އިން އަހަރަކު 1000 ޓަނަށް ވުރެ ގިނައިން ސެލަޑް ފަތް އަދި ހަރބްސް އުފައްދައެވެ. މިއީ ޑެންމާކުގެ މީހުންގެ ބޭނުންވާ މިންވަރުގެ 5 އިންސައްތައެވެ. ރެއިމަން ބުނާގޮތުން އެގައުމުގެ ކާބޯތަކެތީގެ ސިޔާދަތަށް ވާގިވެރިވުމަށާއި، ތިމާވެއްޓަށި ރައްކާތެރިކުރުމަށާއި، ލޯކަލް އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ގައުމަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކުރުމަކީ އެކުންފުނީގެ ދުރުރާސްތާ މަގުސަދެކެވެ. އެކަން ހާސިލްކުރުމަށްޓަކައި މިހާރު ނޯޑިކް ހާވެސްޓްގައި އުފައްދާފައިވާ މިމޮޑެލް ފުޅާކުރުމަށް ބޭނުންވެއެވެ.

ވާޓިކަލް ފާމިންގ އަކީ އެންމެ ފައިދާ ހުރިގޮތުގައި ރިސޯސް ބޭނުންކުރެވޭ ނިޒާމެއްކަން މިއީ މިހާރު އެންމެނަށް އިނގޭ ހަގީގަތެކެވެ. އެއީ އެތަށް ގައުމެއްގައި މިފަދަ ނިޒާމުތައް ދަނީ ބޭނުންކޮށް އޭގެން ފައިދާ ނެރެމުންނެވެ. ނޯޑިކް ހާވެސްޓް ފާމް އުފައްދާފައިވާ ފެކްޓަރީގެ ހުރިހާ މަސައްކަތެއްގައި ބޭނުންކުރަނީ ވައިގެ ހަކަތައެވެ. އަދި ގަސްތަކަށް ބޭނުންވާ އަލި ހޯދަނީ މަދުން ހަކަތަ ބޭނުންކުރާ ލެޑް ބޮކި ބޭނުންކޮށްގެނެވެ. އަދި މިފާމްގައި ބޭނުންކުރާ ފެން އާންމު ދަނޑެއްގައި ބޭނުންކުރާ ފެނުގެ މިންވަރާ އަޅާ ބަލާފައި 250 ގުނަ މަދުކަމަށް އެކުންފުނިން ހާމަކުރެއެވެ. ކޮންމެ ފެން ލީޓަރަކުން 1 ކިލޯގެ ގަސް އުފެއްދޭކަމަށްވެއެވެ.

މީގެ އިތުރުން ގަސްގަހުން ލިބޭ ތަކެތި ފާމްތަކުގައި ބެހެއްޓުމުގެ މުއްދަތަށް ބަލާލައިފިނަމަ، އާންމު ދަނޑުވެރިކަމުގައި 4 ވަރަކަށް ދުވަހުގެ ބަދަލުގައި ވަރޓިކަލް ފާމިންގގައި 14 ވަރަކަށް ދުވަހު ހަލާކުނުވެ ބެހެއްޓޭކަމަށްވެއެވެ. މީގެ ސަބަބުން ކާތަކެތި އުކާލާ މިންވަރު ބޮޑުތަނުން މަދުވެގެން ދާނެއެވެ.

ވާރޓިކަލް ފާމްތަކަކީ މީހުން އުޅޭ ސިޓީތަކާއި ކައިރީގައި އުފެއްދިފައިވާ ތަންތަންކަމުން ކާތަކެތި މީހުންނާއި ހަމައަށް ގެންދިޔުމަށް ހިނގާ ޓްރާސްޕޯޓް ޚަރަދު ކުޑަވުމަކީ ލިބޭ އިތުރު ފައިދާއެކެވެ. އަދި މިފަދަ ސިސްޓަމްތަކުގައި ގަސް ހެއްދުމަށް އާންމުކޮށް ބޭނުންކުރާ ވެލި ބޭނުން ކުރަން ނުޖެހުމުގެ ސަބަބުން ވެލީގައި އުޅޭ ސޫފިތަކުން ގަސްތަކަށާއި ގަހުގައި އަޅާތަކެއްޗަށްވާ ގެއްލުމުން ސަލާމަތްވެއެވެ. އަދި އެފަދަ ސޫފިތައް މެރުމަށް ޖަހާ ޕެސްޓިސައިޑް ވެސް ބޭނުންކުރަން ނުޖެހުމަކީ މިފަދަ ފާމްތަކުގެ ބޮޑު ފައިދާއެކެވެ.


މިކޮންސެޕްޓް މިހާރު ދަނީ ޔޫރަޕްގައި ވައިގައި ހިފަމުން، އަދި މިކަމަށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތައް ދަނީ އިތުރުވަމުން

ވާރޓިކަލް ފާމިންގ މަޝްރޫއުތައް އެންމެ ފުރަތަމަ 2010ގެ އަހަރުތަކުގައި އުފެދިގެން އަންނަން ފެށީ އޭޝިޔާގެ ގައުމުތަކުގައެވެ. އޭޝިޔާގެ ގިނަ ގައުމުތަކުގައި މިކަން ތަޢާރަފްކުރެވުނީ އެގައުމުތަކުގެ އާބާދީ އިތުރުވާ މިންވަރަށް ކާބޯތަކެތި އުފެއްދުމުގެ އައު ގޮތްތަކެއް ހޯދުމުގެ ތެރޭގައެވެ. ދެން މިފަދަ ޕްރޮޖެކްޓްތައް ފެނިގެން ދިޔައީ އެމެރިކާގައެވެ. އަދި މިހާރު މިފަދަ މަޝްރޫއުތައް މަޑުމަޑުން ޔޫރަޕުގެ ގައުމުތަކުގައިވެސް ދަނީ މަޝްހޫރުވަމުންނެވެ.

ސްޓެޓިސްޓާ އިން ހާމަކޮށްފައިވާ ޑޭޓާ އިން ދައްކާގޮތުގައި ވާރޓިކަލް ފާމިންގ މާކެޓަކީ 2025 ވަނަ އަހަރާއި ހަމައަށް 16.3 ބިލިއަން ޔޫއެސް ޑޮލަރުގެ މާކެޓަކަށް ވާނެކަމަށް ލަފާކުރެވެއެވެ. މިފަދަ ޕްރޮޖެކްޓްތައް ފެއްޓުމަށްޓަކައި ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި ބޮޑު އަދަދަކުން ކެޕިޓަލް ބޭނުންވެއެވެ. އެހެންކަމުން އާންމުކޮށް ވާރޓިކަލް ފާމިންގ ވިޔަފާރި ފައްޓާ ފަރާތްތަކުން އިޚްތިޔާރުކުރަނީ އިންވެސްޓްމަންޓް ފަންޑުތަކުން ކެޕިޓަލް ހޯދުމަށެވެ. އެންމެ ފަހުން ޔޫރަޕްގައި އެންމެ ފާހަގަކޮށްލެވޭ މިފަދަ ޕްރޮޖެކްތްގޮތުގައި ރެކޯޑުކުރެވިފައިވަނީ 2021 ގެ މާޗް މަހު ފެއްޓުނު ޖަންގަލް ނަމަކަށް ކިޔުނު ސްޓާޓްއަޕަކުން ފެއްޓި ޕްރޮޖެކްޓެކެވެ. އެޕްރޮޖެކްޓަށް ވަނީ 42 މިލިއަން ޔޫރޯގެ ފަންޑިން ހޯދާފައެވެ. އޭގެ ތެރޭގައި އިންވެސްޓަރުންގެ ޕޫލަކުން އިކުއިޓީގެ ގޮތުގައި ހުށަހެޅި 7 މިލިއަން ޔޫރޯ ވެސް ހިމެނެއެވެ. މިހާރުވެސް މިކުންފުނިން ފްރާންސްގައި 5500 އަކަ މީޓަރުގެ ފާމެއް ހިންގައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިހާރު އުފައްދާ ގަހުގެ އަދަދު ދެގުނައަށް އިތުރުކޮށް 10 މިލިއަން ގަސް އުފެއްދުމަށް އެކުންފުނީން ދަނީ ޕްލޭންކުރަމުންނެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވާރޓިކަލް ފާމިންގއަކީ މީގެކުރިން އާންމުކޮށް ކުރާ ދަނޑުވެރިކަން ފަދަ ގުދުރަތްތެރިކަން ނެތް އާޓިފިޝަލް ކަމެކެވެ. އެހެން ނަމަވެސް ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާފައި މިފަދަ ފާމިންގއިން އާންމު ކޮށް ކުރާ ދަނޑުވެރިކަމަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެއެވެ. ވަރޓިކަލް ފާމިންގއިން އުފެއްދޭ ތަކެތީ އަދި ލިމިޓެޑެވެ. މީގެ މާނައަކީ އަދި ބައެއް ބާވަތުގެ މޭވާ ތަރުކާރު އުފެއްދުމަށް ވާރޓިކަލް ފާމިންއަކުން ނުފުދެއެވެ. އެހެން ނަމަވެސް މިއީ ދުނިޔޭގެ އާބާދީ އިންތިހާއަށް ބޮޑުވެގެން ދާ ހާލަތާއި ބަލާ، ކާބޯތަކެތި އުފެއްދުމަށް ޓްރެޑިޝަނަލް ގޮތްތަކާއި އެކުއެކީގައި ކުރެވިދާނެ ކަމެކެވެ. ހާއްސަކޮށް ސަރަހައްދުގެ ގޮތުން ކުޑަ ގައުުމުތަކަށް މުހިއްމު ނިޒާމެކެވެ. ދަނޑު ބިންތައް އުފެއްދުމަށް ޖާގަ ނެތް ގައުމުތަކަށް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ގޮތެކެވެ. 2050 ވަނަ އަހަރު ދުނިޔޭގެ އާބާދީ ގާތްގަނޑަކަށް 9.7 ބިލިއަނަށް އަރާނޭ ކަމަށް ލަފާކުރެވޭއިރު، ވާރޓިކަލް ފާމްތަކަކީ ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެން ރާއްޖޭގެ ފަދަ ކުޑަ ގައުމުތަކުގައި ނަކަލު ކުރެވިދާނެ އުންމީދީ މަގެއްގެ ގޮތުގައި ސިފަކުރެވެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.