ފޯޓްނައިޓްގެ ކާމިޔާބަށްފަހު ލެގޯ ގްރޫޕާއި ސޮނީއާ ގުޅިގެން ގޭމިން މެޓަވާސްއެއް އުފެއްދުމުގެ މަސައްކަތް އެޕިކް ގޭމްސްއިން ފަށައިފިއެވެ. އެގޮތުން އެކުންފުނިން ވަނީ މިމަސައްކަތަށް 2 ބިލިއަން ޑޮލަރު ސޮނީއާއި ލެގޯގްރޫޕުން ހޯދާފައިއެވެ.
އެޕިކްއިން ހާމަކޮށްފައިވާ ސޮނީ އާއި ލެގޯ ގްރޫޕުގެ އިންވެސްޓަރު ކާބީ އިންވަނީ ކޮންމެ ކުންފުންޏަކުންވެސް މި ޕްރޮޖެކްޓަށް 1 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިއެވެ. މީގެ ސަބަބުން މިހާރު އެޕިކްގެ އަގުވަނީ 31.5 ބިލިއަން ޑޮލަރަށް އުފުލިފައިއެވެ. މިއިންސްޓްމަންޓާއެކު ކާބީ ވެގެންދާނީ އެކުންފުނީގެ 3 އިންސައްތަ ކޮންޓްރޯލްކުރާ ހިއްސާދާރަކަށެވެ. މީގެ އިތުރުން ސޮނީއިން އެކުންފުނީގެ 4.9 އިންސައްތަ ހިއްސާ ކޮންޓްރޯލްކުރާނެއެވެ.
މީގެ ކުރިން ލެގޯ އާއި އެޕިކްއިން ވަނީ އެކުންފުނިތަކުން ގުޅިގެން ކުޑަކުދިންނަށް ހާއްސަ މެޓަވާސްއެއް އުފެއްދުމަށް ދިގުމުއްދަތުގެ އެއްބަސްވުމެއް ހަދާފައިވާކަން ހާމަކޮށްފައިއެވެ. ނަމަވެސް މި މަސައްކަތް ކުރިއަށްދާނެ ގޮތުގެ އެއްވެސް މައުލޫމާތެއް މިދެ ކުންފުނިންވެސް ހާމަކޮށްފައި ނުވެއެވެ.
އެޕިކް ގޭމްސްގެ ޗީފް އެގްޒެކެޓިވް ޓިމް ސްވީނީ ހާމަކޮށްފައިވާ ގޮތުގައި މި އިންވެސްޓްމަންޓުގެ ސަބަބުން އެކުންފުނިން މެޓަވާސްއެއް އުފެއްދުމަށް ކުރަމުން ގެންދާ މަސައްކަތް މިހާރަށްވުރެ ހަލުވިކޮށް ކުރިއަށް ގެންދެވޭނެއެވެ.
އެޕިކް ގޭމްސްއިން މިއެއްބަސްވުމުގެ މައުލޫމާތު ހާމަކޮށްފައިވަނީ މައިކްރޯސޮފްޓުން އެކްޓިވިޝަން ބްލިޒާޑް 75 ބިލިއަން ޑޮލަރަށް ގަތުމަށް ނިންމާފައިވާ ދަނޑިވަޅެއްގައިއެވެ. އެކްޓިވިޝަން ގަތުމަށް އެކުންފުނިން ކުރަމުންގެންދާ މަސައްކަތަށް އިޝާރާތްކޮށް މައިކްރޯސޮފްޓުގެ ޗީފް އެގްޒެކެޓިވް ސަޓްޔަ ނަޑެއްލާ ހާމަކޮށްފައިވާ ގޮތުގައި އެކުންފުނި ގަތުމުން މައިކްރޯސޮފްޓަށް މެޓަވާސް ރޭހުން ކުރިލިބޭނެއެވެ.
ސޮނީއިން ވަނީ 2020 ގައިވެސް އެޕިކް ގޭމްސްއަށް 250 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިއެވެ. މީގެއިތުރުން 2021 ގެ އޭޕްރީލްގައިވެސް އެކުންފުނިން ވަނީ އެޕިކްއަށް 200 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިއެވެ. ސޮނީގެ ޗީފް އެގްޒެކެޓިވް ހާމަކޮށްފައިވާ ގޮތުގައި އެޕިކް އާއި ސޮނީ ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ކުޅިވަރު އަދި ވާޗުއަލް އުފެއްދުންތަކުގެ އައު ހަރުފަތަކަށް ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެކުންފުންޏަށް އެބައޮތެވެ.
އެޕިކް ގޭމްސްއިން ވަނީ ފޯޓްނައިޓް މެދުވެރިކޮށް މިހާރުވެސް ކާމިޔާބުކަމާއެކު ވާޗުއަލް ދުނިޔެއެއް ގާއިމުކޮށްފައިއެވެ. އެގޮތުން ފޯޓްނައިޓްއަށް ހާއްސަކޮށް އެކުންފުނިން އުފެއްދި އަންރިއަލް އިންޖީން ސޮފްޓްވެއާއަކީ މުސްތަގްބަލުގައި އެކުންފުނިން އުފައްދާ ވާޗުއަލް ދުނިޔެ ފެނިގެންދާނެގޮތުގެ ކުޑަކުޑަ މިސާލެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި