ތާރީހީ ދަތުރަކަށް ފަހު ޝެންޒޯ 13 ދުނިޔެއަށް ޖައްސައިފި

އިސްމާއިލް އަލީ 18 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޗައިނާގެ ޝެންޒޯ 13 ރިކޯޑް ދަތުރަކަށްފަހު އަނބުރާ ދުނިޔަށް ޖައްސައިފިއެވެ. މިދަތުރުގައި މިއުޅަނދުވަނީ 3 ފަޅުވެރިންނާއެކު ޖައްވުގައި 6 މަސްދުވަސް ހޭދަކޮށްފައިއެވެ. ޗައިނާގެ ޖައްވީ ސްޓޭޝަން ޓިއަންގޮންގް ސްޕޭސް ސްޓޭޝަނުން ފެށިދަތުރަށް ގާތްގަނޑަކަށް 9 ގަޑިއިރު ފަހުން މިއުޅަނދު އެގައުމުގެ އިނާ މޮންގޯލިއާ ސަރަހައްދަށް ޖައްސާފައިވަނީ 15 އޭޕްރިލް 2022 ގައިއެވެ.

މިދަތުރަކީ ޗައިނާގެ ތާރީހުގައިވެސް ޖައްވުގައި އެންމެ ގިނަދުވަސް ހޭދަކުރި ދަތުރެވެ. މީގެކުރިން 2021 ގައި އެގައުމުން ވަނީ ޝެންޒޯ 12 ގައި 3 ފަޅުވެރިން 92 ދުވަހަށް ޖައްވަށް ފޮނުވާފައިއެވެ. މިދަތުރު ނިމުމާއެކު ދަތުރުގައު ބައިވެރިވި އެސްޓްރޮނޯޓުންވަނީ އެމީހުންގެ ހާލު ރަނގަޅުކަން އިއުލާންކޮށްފައިއެވެ. މިއާއެކު ބެއިޖިންގައި ހުންނަ ޗައިނާގެ ގައުމީ ޖައްވީ އިދާރާގެ މައިމަރުކަޒުގައި ވަނީ މިދަތުރުގެ ކާމީޔާބީ ފާހަގަކޮށް އުފާފާޅުކޮށްފައިއެވެ.

6 މަސްދުވަހަކީ އާންމުކޮށް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދަތުރުކުރާ އެސްޓްރޮނޯޓުން ޖައްވުގައި ހޭދަކުރާ މުއްދަތެކެވެ. މީގެ އިތުރުން މި ސްޓޭޝަނަށްކުރާ ބައެއް ދަތުރުތަކުގައި މިއަށްވުރެ ގިނަ ދުވަސް ވެސް ހޭދަވެފައިވެއެވެ. އެގޮތުން އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ މާކް ވެންޑެ ހެއި އަދި ރަޝިއާގެ ޖައްވީ އިދާރާގެ ޕިޔޮޓޮރް ޑުބްރޯވް ވަނީ ދާދިފަހުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގައި 355 ދުވަސް ހޭދަކުރުމަށްފަހު ދުނިޔެއަށް އައިސްފައިއެވެ. ނަމަވެސް ޗައިނާއަކީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދާ ދަތުރު ތަކުގައި ބައިވެރިވާ ގައުމެއް ނޫންކަން ފާހަގަކޮށްލަންޖެހެއެވެ.

އެންމެ ގިނަ ދުވަހު ޖައްވުގައި ހޭދަކުރުމުގެ ރިކޯޑްގެ އިތުރަށް ޝެންޒޯ 13 ވަނީ އެހެން ރިކޯޑެއްވެސް ގާއިމުކޮށްފައިއެވެ. އެގޮތުން މިދަތުރަކީ ފުރަތަމަ ފަހަރަށް ޗައިނާގެ އަންހެން އެސްޓްރޮނޯޓަކު ޖައްވުގައި ހިނގާލި ފުރަތަމަ ދަތުރެވެ. މިދަތުރުގެ 3 ބައިވެރިން ވަނީ 6 މަސްދުވަހުގެ ތެރޭގައި ތަފާތު 20 ތަހުލީލުތަށްކޮށް 2 ފަހަރަށް ޖައުވުގައި ހިނގާލާފައިއެވެ. މީގެ އިތުރުން ޗައިނާގެ ޖައްވީ ސްޓޭޝަނުން މި އެސްޓްރޮނޯޓުންވަނީ ލައިވްކޮށް ތައުލީމީ ލެކްޗާތަކެއްވެސް ދީފައިއެވެ. މީގެއިތުރުން މިފަރާތްތަކުން ވަނީ މިއަހަރުގެ ޖޫންގައި ދަތުރުފެށުމަށް ހަމަޖެހިފައިވާ ޝެންޒޯ 14 އަށް ހާއްސަކޮށް މި ސްޓޭޝަން ތައްޔާރުކުރުމުގެ މަސައްކަތްވެސް ކޮށްފައިއެވެ.


އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.