ކްރޯމް އެކްސްޓެންޝަން ރައްކާތެރި ގޮތުގައި ބޭނުން ކުރަމާ!

ޝުޖާޢަތު ރަޝީދު 23 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް ކްރޯމް އެކްސްޓެންޝަން އަކީ ވަރަށް ގިނަ ބޭނުން ހިފޭ އެއްޗެއްކަން ޔަޤީނެވެ. ލިއުމެއް ރަނގަޅު ކުރުމަށް، އެޑް ބްލޮކް ކުރުމަށާއި އޮންލައިންކޮށް ވިޔަފާރި ކުރާ ވަގުތުގައި އަގުހެޔޮކޮށް އެއްޗެހި ގަތުމަށް ގިނަ މީހުން ކްރޯމް އެކްސްޓެންޝަން ބޭނުން ކުރެއެވެ.

އެހެންނަމަވެސް، ޕްލޭ ސްޓޯރުގައި ހުންނަ އެންޑްރޮއިޑް އެޕްތަކާއި ކްރޯމް ވެބްގައި ހުންނަ އެކްސްޓެންޝަންތަކަކީ ގިނަ ފަހަރަށް ކޮންމެވެސް މެލްވެއާއެކެވެ. މިފަދަ ތަކެތި ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމުން ގިނަ ފަހަރަު ސިސްޓަމްގައި ހުންނަ ފައިލްތައް ގެއްލި، ނުވަތަ ކޮރަޕްޓްވެސް ވެއެވެ.

ގޫގަލްއަށް މިކަންތައް އެނގި އެ ކުންފުނިން މިހާރު ވެރިފައިކޮށްފައި ހުންނަ އެކްސްޓެންޝަންތަކާއި އެ ތަކެތި ތައްޔާރު ކުރާމީހުން ވަކިން ފާހަގަކޮށް އެންމެނަށް އިނގޭނެ ގޮތް ހަދާފައިވެއެވެ.

މީގެއިން އެއް ގޮތަކީ މިހާރު ކްރޯމް ވެބް ސްޓޯރުގައި އެކްސްޓެންޝަން ބަލަމުންދާއިރު ވެރިފައިކޮށްފައި ހުންނަ އެކްސްޓެންޝަން ފާހަގަވާ ބެޖްތަކެއް ގޫގަލްއިން ދީފައި ހުރިކަމެވެ.

ޑައުންލޯޑް ކުރުމަށް އެކްސްޓެންޝަން ބްރައުޒް ކުރާއިރު، ނަން މަޝްހޫރު އޮޕްޝަންތަކުގައި އައު ދެ ބެޖް ފާހަގަ ކުރަން ފަށާނެ އެވެ. މި ދެ ބެޖަކީ ވެސް ވަކި އެކްސްޓެންޝަން އަދި/ނުވަތަ އޭގެ ޕަބްލިޝަރ އަކީ ސައްހަ ބައެއް ކަމަށް ގަބޫލު ކުރެވިފައިވާ ތަފާތު ގޮތްތައް ދައްކުވައިދޭ ދެ ބެޖް އެވެ.

މި "ފީޗާޑް" ބެޖަކީ ނޫ ކުލައިގެ ރިބަން އައިކަންއެއް ގޮތުގައި އެކްސްޓެންޝަން ކައިރީގައި ދައްކާފައިވާ ބެޖެކެވެ.

ގޫގަލްއިން ހާމަކުރާ ގޮތުގައި މި ބެޖު އެމީހުން ކޮންޓެންޓް ހަދާ މީހުންނަށް ދެނީ އެމީހުންގެ "ޓެކްނިކަލް އެންމެ ރަނގަޅު ޕްރެކްޓިސްއަށް ތަބާވެ، ޔޫޒާ އެކްސްޕީރިއަންސާއި ޑިޒައިން މަތީ ފެންވަރުގެ މިންގަނޑަށް ފެތޭ" އެކްސްޓެންޝަންތަކަށް ބަލައިގެންނެވެ.

މީގެ އިތުރުން މި ބެޖް ލިބިފައިވާ އެކްސްޓެންޝަންތަކަކީ ކްރޯމްގައި މަސައްކަތް ކުރާ މުވައްޒިފުން އަމިއްލައަށް ބަލާފައި ހުންނަ ތަކެއްޗެވެ. މިއީ އެއްވެސް ކޮމްޕިއުޓަރ ބޭނުންކޮށްގެން އަލްގޯރިދަމްއަކުން ނުވަތަ އެހެން ޕްރޮގްރާމަކުން ބަލާފައި ހުންނަ އެކްސްޓެންޝަންތަކެއް ނޫނެވެ.

ކްރޯމް ޓީމުން ބަލާ ކަންތައްތަކަކީ އެކްސްޓެންޝަންގެ ޤާއިމުވެފައި ހުރި ސްޓޯރ ޕޭޖެއް ހުރިތޯއާއި، މި ސްޓޯރުގައި ހުރިހާ ކަންތައްތަކެއް ރަނގަޅަށް ހާމަކޮށްފައި ހުރިތޯއެވެ.

އަދި މީގެ އިތުރަށް ކްރޯމްގެ އެންމެ ފަހުގެ އޭ.ޕީ.އައިތައް އެކްސްޓެންޝަންއިން ބޭނުން ކުރޭތޯވެސް ބަލައެވެ. އެންމެ މުހިންމު ކަމަކަށް އެކްސްޓެންޝަން ޑައުންލޯޑް ކުރާ މީހާއަށް ދޭ ޕްރައިވެސީވެސް ބަލައި ހަދައެވެ.

އެސްޓަބްލިޝްޑް ޕަބްލިޝަރެއްގެ ބެޖްވެސް ގޫގަލްއިން ދެނީ މިފަދަ ކަންތައްތަކަށް ބެލުމަށްފަހުއެވެ. ފާހަގަ ކުރެވެނީ މި ބެޖު ދެނީ ގޫގަލްއަށް ޑެވެލޮޕަރަކީ ކާކުކަން ނުވަތަ ކޮންބައެއްކަން ސާފުކޮށް ހާމަވުމުންނެވެ.

މިކަންތައްތަކުގެ އިތުރަށް ގޫގަލް ކްރޯމް އެކްސްޓެންޝަންގެ ރައްކާތެރިކަން ކަށަވަރު ކުރާނީ ކިހިނެއް؟

ހާމަކުރެވިފައިވާ ބެޖުތައް ޑެވެލޮޕަރުންނަށް ގޫގަލްއިން ދީފައި ހުއްޓަސް އަމިއްލައަށް ރައްކާތެރިކަން ހޯދުމަށް އެހެން ކަންތައްތައް ކުރެވިދާނެއެވެ.

- އަބަދުވެސް އެކްސްޓެންޝަނެއް ޑައުންލޯޑް ކުރުމުގެ ކުރިން އެއީ ކޯއްޗެއްކަން ދެނެގަތުމަށް ރަނގަޅަށް ބަލައި ލިޔެފައިވާ ލިޔުންތައް ކިޔާލަން އާދަ ކުރަން ވާނެއެވެ.

- އެކްސްޓެންޝަން އިންސްޓޯލް ކުރާ ވަގުތުގައި އެޕްތަކަށް ނުވަތަ ކެމެރާ / މައިކަށް ހުއްދަ ހޯދުމަށް އެދިއްޖެނަމަ އެއީ ސަމާލުވާން ޖެހޭ ކަމެކެވެ.

- ޑެވެލޮޕަރުންގެ ވެބްސައިޓް އަމިއްލައަށް ބަލައިލުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

- މީގެ އިތުރަށް އެކްސްޓެންޝަން ބޭނުންކޮށްފައިވާ އެހެން މީހުންގެ ކޮމެންޓުތަކާއި ރިވިއުވެސް ކިޔާލުން މުހިންމެވެ.

މިހުރިހާ ކަމެއް ބެލުމަށް ފަހުގައިވެސް އަމިއްލަ މީހާއަށް ޝައްކުވާނަމަ އެންމެ ރައްކާތެރި ގޮތަކީ އެ އެކްސްޓެންޝަން އިންސްޓޯލް ނުކޮށް ކަމާބެހޭ މާހިރެއްގެ ލަފާ ހޯދުމެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.