ބޮޑެތި ޓެކް ކުންފުނިތަކުން ބޭނުންވަނީ ޕާސްވޯޑާއި ދުރަށް ދާން

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އޮންލައިން ޕްލެޓްފޯމްތަކުގެ ލޮގިން ޕާސްވޯޑު ބެލެހެއްޓުމަކީ ވަރަށް ބުރަ މަސައްކަތަކަށް މިހާރު މިވަނީ ވެފައެވެ. މީސްމީޑިއާ ޕްލެޓްފޯމްތަކުން ފެށިގެންގޮސް އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ މޮބައިލް އެޕްތައްވެސް މިހާރު ބޭނުން ކުރެވެނީ ކޮންމެވެސް އެކައުންޓެއްގެ އެހީގައެވެ.

ގިނަ މޮބައިލް އެޕްތަކަކީ މިހާރު އެންމެ އެކައުންޓަކުން ބޭނުންކުރުމަށް ޑިޒައިން ކުރެވިފައިވާ އެޕްތަކެވެ. އެހެންކަމުން ޖީމެއިލް އައިޑީ، އެޕަލް އައިޑީ ނުވަތަ މައިކްރޮސޮފްޓް އައިޑީގެ އެހީގައި ވެބްސައިޓްތަކަށް ލޮގިންކޮށްލެވެއެވެ. މި އެކައުންޓުތަކުގެ ޕާސްވޯޑް ހަނދާން ނެތިއްޖެނަމަ ހުރިހާ ޕްލެޓްފޯމެއް ގެއްލޭ ފަހަރުވެސް ބައެއް މީހުންނަށް އެބަ ދިމާވެއެވެ.

2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުގައި މައިކްރޮސޮފްޓުން ވަރަށް ގިނަ އެޕްލިކޭޝަންތަކަށް ޕާސްވޯޑު ނުލައި ލޮގިން ވެވޭނެ ކަމަށް އިއުލާން ކޮށްފައިވެއެވެ. އެއީ ވިންޑޯޒް ހެލޯ ނުވަތަ މައިކްރޮސޮފްޓް އޮތެންޓިކޭޓާގެ އެހީގައެވެ.

ނަމަވެސް ފާހަގަ ކުރެވެނީ މިއީވެސް ކޮންމެވެސް ހިސާބަކުން ޕާސްވޯޑް ޖަހަން އަދިވެސް ޖެހޭ ކަހަލަ ގޮތްތައް ކަމެވެ. މިސާލަކަށް މައިކްރޮސޮފްޓް 365 އެކައުންޓުގެ ޕާސްވޯޑަކީ ވަކި މުއްދަތަކުން އައު ކުރަން ޖެހޭ ޕާސްވޯޑެއް ނަމަ އަލުން އެކައުންޓަށް ލޮގިންވެލަން ޖެހޭނީ ޕާސްވޯޑް ޖެހުމަށްފަހުއެވެ.

މީގެ އިތުރަށް މައިކްރޮސޮފްޓުން ވެރިފިކޭޝަން ކޯޑުގެ އެހީގައްޔާއި ފިޒިކަލް ސެކިއުރިޓީ ކީއެއްގެ އެހީގައި ލޮގިން ވެވޭނެ ގޮތްވެސް ހަދާފައިވެއެވެ.

ޖޯއީ ޗީކް، މައިކްރޮސޮފްޓުގެ އައިޑެންޓިޓީ ޕްރެޒިޑެންޓް މިދިޔަ އަހަރު ސެޕްޓަމްބަރު މަހުގައި އެ ކުންފުނިން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ، އިތުރު ރައްކަލެއް ގޮތުގައި މަލްޓިފެކްޓާ އޯތެންޓިކޭޝަންއަކީ އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭ އެއްޗެއް ކަމުގައެވެ.

އެޒުއާ އޭޑީގެ އެހީގައި މައިކްރޮސޮފްޓުން އެމް.އެފް.އޭ ބޭނުން ކުރާ ގޮތް

ނަމަވެސް އަދިވެސް ހެކަރުން އެކި ގޮތް ގޮތުން އެކައުންޓަކަށް ވަނުމަށް މަސައްކަތް ކޮށްފިނަމަ އެމީހުން ކާމިޔާބު ވެދާނެ ކަމުގައެވެ. އޭނާ ބުނެފައިވަނީ މިކަމަށް އެއްކޮށް ހައްލެއް ލިބޭނީ ޕާސްވޯޑާއި ދުރަށް ދިއުމުން ކަމަށެވެ.

ހަމަ މިގޮތަށް ގޫގަލްއިންވެސް އެމީހުންގެ އެކި ހިދުމަތްތަކަށް ބޭނުން ކުރުމަށް ފިޒިކަލް ސެކިއުރިޓީ ކީ މިހާރު ދެއެވެ. މިއާއި އެކު ހިމަނާފައިވާ ސްމާޓް ލޮކް އެޕަކީ އެންޑްރޮއިޑް ނުވަތަ އައިއޯއެސް ޑިވައިސްތަކުން ގޫގަލް އެކައުންޓަށް ލޮގިން ވުމަށް ބޭނުން ކުރެވޭފަދަ ކީ އެކެވެ.

މި ސެކިއުރިޓީ ކީގައި ހަރުކޮށްފައިވާ ބަޓަންއަކަށް ޓެޕްކޮށްލުމުން ޕާސްވޯޑާއި ނުލައި އެކައުންޓަށް ލޮގިންވެވޭނެއެވެ.

2021 އަހަރު މޭ މަހުގައި ގޫގަލްއިން ބުނެފައިވަނީ އެމީހުން މަސައްކަތް ކުރަމުން ގެންދަނީ ޕާސްވޯޑާއި ނުލައި އެކައުންޓުތަކަށް ލޮގިން ކުރެވޭނެ ކުރިމަގެއް ފަރުމާ ކުރުމަށެވެ.

އެޕަލްގެ ޑިވައިސްތަކުން ޓަޗް އައިޑީއާއި ފޭސް އައިޑީ ފީޗާ ބޭނުން ކުރާތާ އެތަކެއް އަހަރުތަކެއް ވެދާނެއެވެ. އެޕަލްއިންވެސް ޕާސްކީ ފީޗާތަކެއް ޑެވެލޮޕް ކުރަމުން އެބަދެއެވެ. މިއީ އިނގިލީގެ ނިޝާން ނުވަތަ މޫނުގެ ސިފަ ބޭނުންކޮށްގެން ޕާސްވޯޑް ނުޖަހައި ލޮގިންވެވޭނެ ގޮތްތަކެކެވެ. މިގޮތް ބޭނުން ކޮށްގެން އެޕަލް އެކައުންޓަށާއި އައިއޯއެސް ޑިވައިސްތަކަށް ލޮގިންވެވޭނެއެވެ.

ގޮތަކަށް ބުނާނަމަ މިހާރު ޕާސްވޯޑާއި ނުލައި އެކައުންޓުތަކަށް ލޮގިންވުން މިއޮތީ އަހަރެމެންނަށް ފެންނަ ހިސާބުގައެވެ. މައިކްރޮސޮފްޓުން ބުނަނީ އެމީހުންގެ މުވައްޒިފުންގެ ތެރެއިން ގާތްގަނޑަކަށް 100 އިންސައްތަ މުވައްޒިފުން މިހާރު ލޮގިން ވުމަށް ޕާސްވޯޑް ބޭނުމެއް ނުކުރެއެވެ.

ސުވާލަކީ މިކަން މިގޮތައް ވެއްޖެނަމަ މިއީ ކިހާވަރެއްގެ ރައްކާތެރި ކަމެއްތޯއެވެ؟ ޔަޤީނުންވެސް މިއީ ޝައްކު އުފެދޭ ވަރުގެ ކަމެކެވެ. އެންމެ ފުރަތަމަ ކަމަކަށް ވެރިފައި ކުރުމުގެ ނިޔަތުގައި ފޮނުވާ އީމެއިލް ނުވަތަ މެސެޖަކީ ހެކަރުންނަށް ފެންނަ އެއްޗިއްސެވެ. އިނގިލީގެ ނިޝާނާއި މޫނުގެ ސިފައަކީވެސް އެމީހުންނަށް ކޮންމެވެސް ގޮތަކުން ހެކް ކުރެވޭނެ އެއްޗެއްކަން އެމީހުން ވަނީ ދައްކާފައެވެ.

ދެވަނަ ކަމަކަށް، އަދިވެސް ޕާސްވޯޑް-ލެސް އޮޕްޝަން ދީފައި ހުއްޓަސް އެކައުންޓު ބެކަޕް ކުރުމަށް ޕިންއެއް ނުވަތަ ސެކިއުރިޓީ ސުވާލުތަކެއް ސެޓް ކުރުމަށް ބުނެއެވެ. މިއީ ޕާސްވޯޑް ގެންގުޅުމެކޭ މާބޮޑު ތަފާތު ކަމެއް ހުންނަ ކަމެއް ނޫނެވެ.

ޕާސްވޯޑާއި ނުލައި އެކައުންޓު ބޭނުން ކުރަން ބޭނުން ނަމަ ސްމާޓްފޯން ގެންގުޅެންވެސް ޖެހެއެވެ. ހަމައެއާއެކު އަދިވެސް ގިނަ މޮބައިލް އެޕްލިކޭޝަންތަކަކީ އޮންލައިން އެކައުންޓުތަކުން ލޮގިން ކުރެވޭ ގޮތް ނަހަދާ ހުރި އެޕްލިކޭޝަންތަކެކެވެ.

މޭ މަހު 5 ވަނަ ދުވަހު އެޕަލް، ގޫގަލްއާއި މައިކްރޮސޮފްޓުން ޕާސްވޯޑާއި ނުލައި އެކައުންޓުތަކަށް ލޮގިންވެވޭ ގޮތް ހެދުމަށް މަސައްކަތް ކުރާ ކަން ވަނީ އާންމުކޮށްފައެވެ. މިއީ މޮބައިލާއި ޑެސްކްޓޮޕް ބްރައުޒާތަކަށް ސަޕޯޓު ކުރާ ގޮތަށް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމެއް ކަމުގައި އެ ކުންފުނިތަކުން ހާމަކުރިއެވެ.

ތިން ކުންފުނިންވެސް މިކަމަށް ބާރުލައި އެކީގައި މަސައްކަތް ކުރަމުންދާއިރު، މިކަމަށް ސްޓޭންޑަޑެއް ތައްޔާރުކޮށް ފިޑޯ (އެފް.އައި.ޑީ.އޯ) އޮތަންޓިކޭޝަންގެ ނަމުން ނަން ދީފައިވެއެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.