ގޫގުލް ޓްރާންސްލޭޓްގައި ދިވެހި ބަސް ހިމަނައިފި

ހިންދު ޢަލީ 12 މޭ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގުލް ޓްރާންސްލޭޓްއަށް 24 ބަހެއް އިތުރުކުރިކަމަށް އިއްޔެ ވަނީ އިޢުލާނުކޮށްފައެވެ. މިބަސްތަކުގެ ތެރޭގައި މިފަހަރު ދިވެހިބަސް ވެސް ހިމެނެއެވެ.

ގޫގުލް އިން ހާމަކުރި ގޮތުގައި މިއީ ގޫގުލް ޓްރާންސްލޭޓް ޚިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ. މިއީ އެކުންފުނީގެ ގޫގުލް އެސިސްޓަންޓްގެ މުއާޞަލާތު ކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ވެސް ކުރެވޭ މަސައްކަތެކެވެ. ބަހުގެ ތަފާތުތަކާއި ގުޅިގެން މީހުންނަށް މުއާޞަލާތު ކުރުމަށް އެޅޭ ހުރަސްތައް ނައްތާލުމުގެ ގޮތުން ގޫގުލްއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެހެން ޕްލެޓްފޯމްތަކުގައި އަދި ލިބެން ނުހުންނަ ބަސްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ހިމެނުމަށް ގޫގުލް އިން މަސައްކަތްކުރެއެވެ.

މިފަހަރު އިތުރު ކުރެވުނު 24 ބަހާއެކު ޖުމްލަ 133 ބަސް މިހާރު ގޫގުލް ޓްރާންސްލޭޓްގައި ހިމަނާފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ. ގޫގުލް އިން ބުނާގޮތުގައި، އަލަށް އިތުރުކުރި ބަސްތަކަކީ 300 މިލިއަނަށް ވުރެ ގިނަ މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތަކެވެ. ގޫގުލް ޓްރާންސްލޭޓް އިތުރަށް ފުރިހަމަ ކުރުމަށް ދުނިޔޭގައި މީހުން ވާހަކަދައްކާ އުޅޭ 7،000 ވުރެ ގިނަ ބަހެއް އޭގައި ހިމެނުމަކީ އެކުންފުނީގެ އަމާޒެވެ.

ގޫގުލް ޓްރާންސްލޭޓަށް އިތުރުކުރެވުނު 24 ބަސް


އޮކްޓޯބަރ 2021 ގައި ދިވެހި ބަސް ވަނީ މައިކްރޮސޮފްޓްގެ ބިންގް ޓްރާންސްލޭޓަރ ގައި ވެސް ހިމަނާފައެވެ. އަދި ގިނަ ބަޔަކު ވަނީ އެއެޕްގައި ހިމެނޭ ބަހުގެ ތަރުޖަމާގައި ބައެއް މައްސަލަތައް ހުރިކަން ފާހަގަކޮށްފައެވެ. ގޫގުލް ޓްރާންސްލޭޓްގައި ދިވެހި ބަސް ހިމެނުމަކީ ބަސް ކުރިއެރުވުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. މީގައިވެސް ބައެއް ބަސްތައް އެންމެ ރަނގަޅަށް އަދި ޓްރާންސްލޭޓް ނުކުރެވޭކަމަށް ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ޓްރާންސްލޭޝަން އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނެ އެންމެ މުހިއްމުކަމަކީ ބަހުގެ ޑޭޓާސެޓަށް އިތުރުކޮށް ޑޭޓާސެޓް މުއްސަނދިކުރުމެވެ. އެހެންކަމުން ގޫގުލް ޓްރާންސްލޭޓްގައި ހިމެނޭ ކޮންޓްރިބިއުޓް އޮޕްޝަނުން ޑޭޓާސެޓް ތަރައްގީކުރުމަށް ބަސް ދަންނަ ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.