ސަމްސަންގާއި އެލްޖީގެ ފަހުގެ ޑިސްޕްލޭތަކުގެ ޕްރީވިއު

މިހާރު މާކެޓުގައި ނެރެފައިވާ ފޯލްޑް ކުރެވޭ ސްމާޓްފޯނު ސްކްރީންތައް ކުރިއަށް އޮތް ދުވަސްތަކުގައި ފޯލްޑް ކުރެވޭ 2 ސްކްރީނުގެ ގޮތުގައި ފެނިގެން ދިއުމަކީ ހައިރާން ވާނޭ ކަމެއް ނޫންކަން ޔަޤީނެވެ.

މޭ މަހު ސަމްސަން ޑިސްޕްލޭއިންނާއި އެލްޖީ ޑިސްޕްލޭއިން ސެން ހޯސޭ، ކެލިފޯނިއާގައި މިކަން ހާމަކޮށް ދިނެވެ.

އެލްޖީ ޑިސްޕްލޭއިން 8 އިންޗީގެ ފޯލްޑް ކުރެވޭ ޓަޗް ސްކްރީން ދައްކާލި އިރު އެމީހުން ބުނަނީ މިއީ އެތެރެއަށާއި ބޭރަށް ވާގޮތައް ފޯލްޑްކޮށްލެވޭނެ ސްކްރީނެއް ކަމުގައެވެ. މިއީ މިއަހަރު ހަމަ ޓީސީއެލްގެ އަލްޓްރާ ފްލެކްސް ކޮންސެޕްޓުންވެސް ފެނިގެން ދިޔަ ސްކްރީނުގައި ހުންނަ ކަމަށް ބުނާ ފީޗާ އެކެވެ.


އެލްޖީގެ 360-ޑިގްރީ ފޯލްޑަބަލް އޯ.އެލް.އީ.ޑީ ޑިސްޕްލޭގެ ރިސޮލިއުޝަނަކީ 2،200 × 2,480 ޕިކްސެލް އެވެ. މިއީ ވާވޭ މޭޓް 2× ގެ އެތެރޭ ފުށުގެ ޑިސްޕްލޭއާއި އެއްވަރެކެވެ.

ސަމްސަންއިން އެމީހުންގެ ޑިސްޕްލޭތައް ދައްކާލި އިރު ވަރަށް ހިތްގައިމު ފޯލްޑަބަލް ޓެކްނޮލޮޖީތަކެއް ވަނީ ދައްކާފައެވެ. އެމީހުންގެ ފްލެކްސް ޖީ އާއި ފްލެކްސް އެސް ޑިސްޕްލޭއަކީ ދެފަހަރަށް ފޯލްޑް ކޮށްލެވޭ ޑިސްޕްލޭ ތަކެކެވެ.

ސަމްސަން ޑިސްޕްލޭގައި މީގެ އިތުރަށް ފާހަގަ ކޮށްލެވުނީ ސްލައިޑިން ހޭންޑްސެޓް ސްކްރީން ލެވި ހުރަހަށާއި ވާޓިކަލްކޮށް ހުޅުވާލެވޭ ގޮތައް ފަރުމާ ކުރެވިފައިވާ ޑިސްޕްލޭ ތަކެކެވެ.


ރޯލްކުރެވޭ ސްކްރީންގެ ކޮންސެޕްޓުގައި ޓީސީއެލްއިންނާއި އޮޕޯއިންނާއި އެލްޖީއިންވެސް ސްމާޓްފޯން ކޮންސެޕްޓު އެ ކުންފުނިތަކުން ސްމާޓްފޯނުގެ މާކެޓުން ނިކުތުމުގެ ކުރިން ހާމަކޮށްފައިވެއެވެ. ނަމަވެސް މީގެއިން އެއްވެސް ކޮންސެޕްޓެއް މާކެޓަށް އާންމުންނާއި ހަމަޔަށް ލިބިފައެއް ނުވެއެވެ.

ކާރުތަކުގައި ބޭނުންކުރުމަށް ސްކްރީންތަކަށް އޯއެލްއީޑީ ޑިސްޕްލޭގެ އިތުރުން ގޭމް ކުޅުމަށް ހާއްސަ ކޮށްފައިވާ ސްކްރީންތައް ކަމަށްވާ ސެމްސަންގް ޑިސްޕްލޭގެ އޯއެލްއީޑީ ލެޕްޓޮޕް ސްކްރީން، 240Hz ރިފްރެޝް ރޭޓާއެކު، ނުވަތަ ދެ ކޮޅުން ވެސް ގޭމް ކޮންޓްރޯލަރު އެޓޭޗް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޯލްޑިން ސްކްރީނެއް ފަދަ ސްކްރީންތަކަށް ވެސް އެ ދެ ކުންފުނިން ދަނީ ބޮޑު އިންވެސްޓްމަންޓެއް ކުރަމުންނެވެ.

އެލްޖީ ޑިސްޕްލޭގައި 17 އިންޗީގެ ފޯލްޑަބަލް އޯއެލްއީޑީ ލެޕްޓޮޕެއް ވެސް އެކުލެވޭ އިރު، ކްލޭމްޝެލް ޑިޒައިންގެ މުޅި އެތެރޭގެ ސާފޭސް އަކީ އެއް ބޮޑު ފޯލްޑިން ސްކްރީނެވެ.

ދެކުނު ކޮރެއާގެ ޓެކް ޖަޔަންޓުންގެ ޑިސްޕްލޭ ޑިވިޝަންތަކުގެ ގޮތުގައި އެލްޖީ ޑިސްޕްލޭ ނުވަތަ ސެމްސަންގް ޑިސްޕްލޭ އިން ވެސް ހަގީގީ ކޮންޒިއުމާ ޑިވައިސްތައް ނުއުފެއްދެ އެވެ.

އެކަމަކު ދުނިޔޭގެ ބޮޑެތި ކޮންސިއުމަރ ޓެކް ކުންފުނިތަކަށް އެމީހުން ޑިސްޕްލޭ ސަޕްލައި ކުރާތީ، ޑިސްޕްލޭ ވީކް ފަދަ ޝޯކޭސްތަކުން އަހަރުމެންނަށް ކުރިއަށް އޮތް އަހަރުތަކުގައި ފޯލްޑަބަލް ޑިވައިސްތައް މިސްރާބު ޖަހަނީ ކޮން ދިމާލަކަށްކަން ޝައުޤުވެރި ކުރުވަނިވި ނަޒަރަކުން ބަލާލެވިދާނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.