ދޫވުމުން އަންގައިދޭ ސްމާޓް އިސްކޫރެއް އުފައްދައިފި

ސްމާޓް ޓެކްނޮލޮޖީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކުމެ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ ހިތަށް ތަޞައްވަރު ކުރެވެނީ ލެޕްޓޮޕާއި، ސްމާޓްފޯނާއި، އިއާބަޑް، އަދި އެފަދަ ތަކެތީގެ އާ އުފެއްދުންތަކުގެ ވާހަކައެވެ. ނަމަވެސް މިފަހަރު މިދައްކަނި އެފަދަ ޑިވައިސްއެއްގެ ވާހަކަ އެއްނޫނެވެ. އެކަމަކު އަލަށް އުފެއްދި މި އާ ސްމާޓް ސެލްފް ޕަވަރޑް އިސްކޫރު ތަކަކީ އޭތި ދޫވެއްޖެ ނަމަ ވެރިފަރާތަށް މެސެޖް ފޮނުވާ ޑިވައިސް ތަކެކެވެ.

ސްމާޓް ސްކްރޫ ކަނެކްޝަންގެ ނަމުން ނަންދެވިފައިވާ މި ސްމާޓް އިސްކޫރުތަކަކީ ބްރިޖްތަކާއި، ވިންޑް ޓަރބައިންތަކާއި، އުސް އިމާރާތްތަކާއި، އެމިއުޒްމަންޓް ޕާކްތަކުގައްޔާއި، ސްކެފޯލްޑިންގ އާއި އަދިވެސް އެތައް ކަމެއްގެ މުސްތަގުބަލަށް ގަބޫލުނުކުރެވޭފަދަ ފުރުސަތުތަކެއް ލިބިފައިވާ އިސްކޫރުތަކެކެވެ. އެހެނީ ހާޑްވެއާގައި އިން-ބިލްޓް ސެންސަރުތަކެއް ހުރުމުން އެ އިސްކޫރު އިންސްޓޯލް ކުރި އިރަށް ވުރެ ލުއިވާ ހިސާބުން ނުވަތަ ލޫސްވާ ހިސާބުން އެލާޓް ފޮނުވާނެ އެވެ.

މީގެ ކުރިން އިންސްޕެކްޓަރުން ޖެހެނީ ގަވާއިދުން އެތަންތަނަށް ގޮސް މެނުއަލްކޮށް މިބާވަތުގެ ސްޓްރަކްޗަރތައް ޗެކްކޮށް، މާ ލުއި، ފަޅައިގެން ގޮސްފައިވާ، ނުވަތަ ބަދަލުކުރަންޖެހޭ އިސްކޫރުތައް ބަލާށެވެ. މިހާރު، މި އިސްކޫރުތައް (އައު ޓެކްނޮލޮޖީ) އިތުރަށް ތަރައްޤީކޮށް ތަންފީޒު ކުރެވިއްޖެނަމަ، އިންސްޕެކްޓަރުންނާއި ޓެކްނީޝަނުންނަށް ޒިޔާރަތް ކުރަން ޖެހޭނީ ހަމައެކަނި އެލާޓެއް ފޮނުވުމުންނެވެ.

ބްރިޖް ފަދަ ސްޓްރަކްޗަރތައް (ހަގީގަތުގައި ޚާއްޞަކޮށް ބްރިޖްތައް) ގަވާއިދުން ދުވަހުން ދުވަހަށް މޮނިޓަރ ކުރުމަކީ ޢާއްމުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ޓަކައި ވަރަށް މުހިންމު ކަމެކެވެ. އިންސްޕެކްޓަރުން އަދިވެސް ސްޓްރަކްޗަރތައް ޗެކް ކުރުމަށް ކޮންމެ ދުވަހަކުހެން ބުރުތައް ހަދަން ޖެހޭނެ ކަމަށް ބެލެވޭއިރު، އަމިއްލައަށް މޮނިޓަރ ކުރެވޭ އިސްކޫރުތައް ހުރުމުން ވަގުތާއި ފައިސާ ވެސް ސަލާމަތް ކުރެވޭއިރު، މިއީ ރައްކާތެރިކަމާއި، ސަލާމަތަށް ވަރަށް ބޭނުންތެރި ޓެކްނޮލޮޖީއެކެވެ.

ސްމާޓް ސްކްރޫ ކަނެކްޝަންގައި ޕިޒޯރެސިސްޓިވް މެޓީރިއަލްގެ ތުނި ފިލްމެއް ޖަހާފައިވާ ވޮޝަރެއް ޖަހާފައި ހުރެއެވެ. މިއީ މެކޭނިކަލް ފޯސް ޖަހާ ކޮންމެ ފަހަރަކު އިލެކްޓްރިކަލް ރެސިސްޓެންސް އުފެދޭ ކަމެކެވެ. އެކަމުން ކުރާ ކަމަކީ އިސްކޫރު ބާރުކުރާ ކޮންމެ ފަހަރަކު ތިން ހެޑް ސެންސަރަށް ވަކިވަކިން ތިން ހިސާބެއްގައި ފޯސް ޕްރީލޯޑް ކުރުމެވެ. އެތަނުން އިސްކޫރު ލުއިވުމުން (އެ ޕްރެޝަރު ދަށްވުމުން) އިންޒާރުގެ ސިގްނަލެއް ފޮނުވައެވެ.

އަދި އިސްކޫރުގެ ބޮލުގައި އިން-ބިލްޓް ރޭޑިއޯ މޮޑިއުލެއް ވެސް ހުންނައިރު، މިއީ ބޭސް ސްޓޭޝަނަކަށް ވައިލެސް ސިގްނަލް ފޮނުވުމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މި އިސްކޫރުތަކުގައި ބޭނުންކުރަނީ އެމްއައިއޯޓީ ވައިލެސް ޕްރޮޓޮކޯލް ކަމަށްވާއިރު، އިންޑަސްޓްރިއަލް ޑިޕްލޮއިމަންޓްތަކުގައި ބޭނުންކުރާ ލޯ ޕަވަރ، ވައިޑް އޭރިއާ ނެޓްވޯކް (އެލް ޕީ ޑަބްލިޔު އޭ އެން) ޕްރޮޓޮކޯލް- މި ސިގްނަލްތައް އިންސްޕެކްޓަރުންނަށް ފޮނުވައިދެއެވެ.

ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނައިރު، ސްމާޓް ސްކްރޫ ކަނެކްޝަންގެ ޑިސް އެޑްވާންޓޭޖަކީ ކޮންމެ އިސްކޫރެއް ޗާޖުކޮށްފައި ހުރުމަށްޓަކައި ކަރަންޓް ބޭނުންވުމެވެ.

ފޯނު، ޓެބްލެޓް، އިއާބަޑް ފަދަ ތަކެތި ޗާޖް ކުރާ ފަދައިން ސްމާޓް އިސްކޫރުތައްވެސް ސިގުނަލް އެލާރޓް ފޮނުވައިދެވޭނީ އޭގައި ކަރަންޓް ހުރުމުންނެވެ. ދިރާސާވެރިން މިކަމުގެ ހައްލެއްގެ ގޮތުގައި ހުށަހަޅަނީ ހަކަތަ ހޯދުން (ތަރމޯ އިލެކްޓްރިކް އިފެކްޓް) އެވެ. މިއީ އިސްކޫރު ބޮލާއި އޭގެ ވަށައިގެންވާ މާހައުލާ ދެމެދުގައިވާ ފިނިހޫނުމިނުގެ ތަފާތު މުއްދަތެއް ނެތް ގޮތަށް ކަރަންޓް އުފެއްދުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

މި ޓެކްނޮލޮޖީއަކީ ހަގީގަތުގައިވެސް ބޭނުންތެރި ޓެކްނޮލޮޖީއެކެވެ. އިމާރާތްކުރުމުގެ މުސްތަޤްބަލާއި އަދި ކޮންސިއުމަރ ގޫޑްސްގެ މުސްތަޤްބަލަށްވެސް އިންތިހާއަށް ފުރުޞަތު ލިބިގެންދާނެ ޓެކްނޮލޮޖީއެކެވެ.

ސްމާޓް އިސްކޫރުތައް އުޅަނދުތަކާއި އެހެނިހެން ޕްރޮޖެކްޓްތަކާއި ސްޓްރަކްޗަރތަކުގައި ބޭނުންކުރެވިދާނެ ކަމަށާއި، ކޮންސިއުމަރ ލެވެލްއަށް ވެސް ތިރި ކުރެވިދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.