ޖަމްޢިއްޔާތަކުން ފަންޑު ހޯދުމަށް ބީއެމްއެލްގެ ކައިންޑްލީ

ހުސެއިން އާރިފް 01 ޖޫން 2022

ބޭންކް އޮފް މޯލްޑިވްސްއިން އެން.ޖީ.އޯ (އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތް) ތަކަށް ފަންޑް ކުރުމަށް އޮންލައިން ޕްލެޓްފޯމެއް ތަޢާރަފް ކޮށްފިއެވެ.

މި ކްރައުޑްފަންޑިން ޕްލެޓްފޯމް އިފްތިތާހުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރުމަށް މަހަކު 12 ހައި އިމްޕެކްޓް ކޮމިއުނިޓީ އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތްތަކުގެ ހަރަކާތެއް ގޮތުގައެވެ.

"ކައިންޑްލީ ބައި ބީ.އެމް.އެލް"ގެ ނަމުން ނަންދެވި ތަޢާރަފް ކޮށްފައިވާ މި ޕްލެޓްފޯމަކީ މިހާތަނަށް ދިވެހިރާއްޖޭގައި މިގޮތަށް ތަޢާރަފްކޮށްފައިވާ ފުރަތަމަ ޕްލެޓްފޯމެވެ.

އެ ކުންފުނިން މި މުނާސަބަތާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ހާމަކޮށްފައިވަނީ "ކައިންޑްލީ ބައި ބީ.އެމް.އެލް އަކީ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެމީހުންގެ ފަންޑްރެއިޒިން ކެމްޕެއިންތަކާއި ޑޮނޭޝަން ނެގުމަށް ރައްކާތެރި، ބޭނުންކުރަން ފަސޭހަ ޕްލެޓްފޯމެއް" ކަމުގައި ވެގެންދާނެ ކަމަށެވެ.

ފަންޑްރެއިޒާއެއް ގޮތުގައި އެންޖީއޯތަކުން ޕޯޓަލް މެދުވެރިކޮށް ކެމްޕެއިން ތައްޔާރުކޮށް، ޑޮނޭޝަންތައް ޓްރެކް ކުރެވޭނެއެވެ. މީގެ އިތުރަށް ކެމްޕެއިންތަކުގެ ރިޕޯޓު ނަގައި މީސްމީޑިއާގައި ހިއްސާ ކުރެވޭނެއެވެ.

ބީއެމްއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ "ކައިންޑްލީ ބައި ބީ.އެމް.އެލް އަކީ ފަންޑްރައިޒާ ކުރާ ފަރާތްތަކަށާއި އެހީދޭ ފަރާތްތަކަށް ވެސް ކަމާ ގުޅޭ، މިހާރުގެ ކެމްޕޭންތައް އުފެއްދުމަށާއި ހެޔޮއެދޭ ފަރާތްތަކުގެ ފަރާތުން ހަދިޔާ ލިބޭނެ ގޮތް ހެދުމަށް ރައްކާތެރި ޖާގައެއް ހޯދައިދިނުމަށް ހެދިފައިވާ ޕްލެޓްފޯމެއް. އޯގާތެރިކަމަކީ ވަރަށް ދިގު ރާސްތާއެއް ކަޑައްތުކުރާ، އަޅުގަނޑުމެން މި ކުރާ މަސައްކަތުން ދިވެހިންނަށް ބަދަލު ގެނެވޭނެ ބާރަކަށް ވާނެ ކަމަށް އުންމީދު ކުރަން." ކަމަށެވެ.

ކައިންޑްލީ ޕްލެޓްފޯމް މެދުވެރިކޮށް ތައްޔާރުކުރާ ފަންޑްރެއިޒިން ކެމްޕެއިންތައް އެޕްރޫވް ކުރުމުގެ ކުރިން ބީ.އެމް.އެލްގެ ޓީމަކުން ރިވިއު ކޮށް ބަލައި އިތުރު ތަފްސީލެއް ބޭނުންވާނަމަ އެން.ޖީ.އޯއަށް ގުޅާނެވެ.

މިކެމްޕެއިންތަކަށް އެންމެ ގިނައިން ފައިސާ ހަދިޔާ ކުރާނަމަ މަދުވެގެން 10 ރުފިޔާ އަދި ކޮންމެ ފަހަރަކުވެސް ގިނަވެގެން 50،000 ރުފިޔާ ހަދިޔާ ކުރެވޭނެއެވެ. ކެމްޕެއިންތަކަށް ހަދިޔާ ކުރާ ފަރާތްތަކާއި، ހަދިޔާ ކޮށްފައިވާ މިންވަރުވެސް މިޕޯޓަލްގައި ފެންނަން ހުންނާނެއެވެ.

ފަންޑްރެއިޒިންއަށް ލިބޭ ފައިސާގެ ޓްރާންސެކްޝަން ފީ ކެނޑުމަށްފަހު ހަދިޔާ ކުރެވޭ ފައިސާ ޖަމިއްޔާގެ އެކައުންޓަށް ޖަމާކޮށްދެއެވެ. ބޭންކުގެ ޓްރާންސެކްޝަން ފީ ކަމުގައިވާ %2.5 ކައިންޑްލީ މެދުވެރިކޮށް ހިންގާ ޓްރާންސެކްޝަންތަކަށް ވެސް ހިނގާނެކަމަށް އެ ކުންފުނިން ނެރެފައިވާ މަޢުލޫމާތުގައި ހާމަކޮށްފައިވެއެވެ.

ކެމްޕެއިނެއް ހެދުމަށްޓަކައި ކައިންޑްލީ ޕްލެޓްފޯމުގައި ކެމްޕެއިންގެ މަގުސަދު ދޭހަވާ ގޮތައް އެކަމުގެ ވާހަކަޔާއި، ފަންޑްރެއިޒިން ގޯލް ދިވެހި ރުފިޔާއިން އިނގޭނެހެން ހާމަކޮށް، ކެމްޕެއިންގެ ޓައިމްލައިނާއި ނިމޭނެ ތާރީހު އަދި މީގެ އިތުރަށް ކެމްޕެއިން ކޯޒް އާއި ގުޅޭ ފޮޓޯއާއި ވީޑިއޯ ލާންޖެހެއެވެ.

ކައިންޑްލީ ބައި ބީއެމްއެލް ޕްލެޓްފޯމުގެ ޑިޒައިނަށް ބަލާލާއިރު ފެންނަނީ ވަރަށް ހިތްގައިމު ކުލަތަކެއްގައި ބަލާލުމަށް ފަސޭހަ ޑިޒައިނެކެވެ. މި ޕްލެޓްފޯމަކީ ފޯނުންވެސް، ނުވަތަ ބޮޑު ސްކްރީނަކުންވެސް ފަސޭހަކަމާއެކު ބަލާލެވޭ ގޮތައް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

ކައިންޑްލީ ބައި ބީއެމްއެލް ޕްލެޓްފޯމްގެ ފުރަތަމަ ޕޭޖުގައި ފެންނަން ހުންނަނީ މިހާތަނަށް މި ޕްލެޓްފޯމުގައި ހެދިފައިވާ ފަންޑްރެއިޒާ، ޑޯނަރުންނާއި ހަދިޔާކޮށްފައިވާ ފައިސާގެ އަދަދެވެ. މިއީ އަބަދުވެސް ލައިވްކޮށް އަޕްޑޭޓް ވަމުންދާ އަދަދުތަކެކެވެ.

އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް މި ޕްލެޓްފޯމުގައި ރަޖިސްޓާ ވުމަށް އޮންލައިން ފޯމެއް ކައިންޑްލީ ޕްލެޓްފޯމްގައި ހިމަނާފައިވެއެވެ.

މި ފޯމު ފުރިހަމަ ކުރުމަށް އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތް ރަމްޒު ކޮށްދޭ ފޮޓޯއަކާއި، ނަން، އީމެއިލް، ޕާސްވޯޑް މި ފޯމުގައި ޖަހަންޖެހެއެވެ. މީގެ އިތުރަށް ޖަމްއިއްޔާގެ އިތުރު މަޢުލޫމާތުވެސް ހިމަނަން ޖެހެއެވެ.

ކައިންޑްލީ ޕްލެޓްފޯމަށް ރަޖިސްޓާ ކުރެވޭނީ ދިވެހިރާއްޖޭގައި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ގޮތުގައި ރަޖިސްޓާ ވެފައިވާ ތަންތަނަށެވެ. މީގެއިތުރަށް މަދުވެގެން 2 އަހަރު އޮޕަރޭޓް ކޮށްފައިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ވާން ޖެހެއެވެ. ރަޖިސްޓްރޭޝަން ކުރުމުން ފޯމް ރިވިއު ކުރުމަށްފަހު އިތުރު މަޢުލޫމާތު ސާފު ކުރުމަށް ބޭނުންވާނަމަ ބީއެމްއެލް ރެޕްރެޒެންޓޭޓިވްއެއް އެ ޖަމްއިއްޔާއަކަށް ގުޅާނެއެވެ.

ކޮންމެ މީހަކަށްވެސް އެމީހަކު ތާއީދު ކުރާ ކެމްޕޭނަކަށް ކައިންޑްލީ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެއެވެ. ފައިސާ ހަދިޔާ ކުރާއިރު ނަން ސިއްރުކުރަން ބޭނުންވާނަމަ އެގޮތައްވެސް މަޢުލޫމާތު ފުރިހަމަކޮށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތް ކައިންޑްލީގައި ވަނީ ހެދިފައެވެ.

ފާހަގަ ކުރެވެނީ މިއީ ދިވެހިރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ވަރަށް ބޭނުންތެރި ކްރައުޑްފަންޑިން އޮންލައިން ޕްލެޓްފޯމެއް ކަމުގައެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.