2026 ވަނަ އަހަރު 6ޖީ ކޮމިއުނިކޭޝަން ޕްރޮޓޯޓައިޕް އެއް ނެރެނީ

2019 ވަނަ އަހަރު ދެކުނު ކޮރެއާއިން 5ޖީ ޓެކްނޮލޮޖީގެ ވިޔަފާރި ހުޅުވާލިތާ މިހާރު 3 އަހަރު ވެފައިވާއިރު ދުނިޔޭގެ އެކިދިމާލުގައި މި ޓެކްނޮލޮޖީ ގާއިމުކުރުމުގެ މަސައްކަތްދަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ. ދުނިޔޭގެ އެކި ސިޓީތަކުގައި 5ޖީ ކަވަރޭޖް ފުދޭވަރަކަށް ރަނގަޅަށް ލިބުނަސް އަދިވެސް މިޓެކްނޮލޮޖީއަކީ ދުނިޔޭގެ ގިނަ ހިސާބުތަކުގައި އެހާ މަގްބޫލު އެއްޗެއްނޫނެވެ. ކަންމިހެން ހުރިކަމުގައި ވީނަމަވެސް ދެކުނު ކޮރެއާއިން އޮތީކީ 5ޖީ ޓެކްނޮލޮޖީއަށްފަހު 6ޖީ ޓެކްނޮލޮޖީ ތައާރަފްކުރުން މަޑުޖައްސާލާކަހަލަ ވިސްނުމެއްގައިއެއް ނޫނެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުގައި އެގައުމުން ދަނީ 5ޖީއަށްވުރެ އެތަށްގުނައެއް ހަލުވިވާނެ 6ޖީ ޓެކްނޮލޮޖީގެ ޕްރޮޓޯޓައިޕްއެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ދެކުނު ކޮރެއާގެ އައު ސަރުކާރުން 2026 ވަނަ އަހަރު މިޓެކްނޮލޮޖީގެ ޕްރޮޓޯޓައިޕްއެއް ދައްކާލުމަށް ތައްޔާރުވަމުންދާކަމަށް އެގައުމުގެ އެކި ހަބަރު ފަތުރާވަސީލަތްތަކުން ވަނީ ރިޕޯޓްކޮށްފައިއެވެ. މީގެއިތުރުން އެގައުމުގެ ސަރުކާރުގެ ވިސްނުމަކީ މިޓެކްނޮލޮޖީ 2028 އާއި 2030 ވަނަ އަހަރު ދެމެދު ވިޔަފާރިއަށް ހުޅުވާލުންކަމަށްވެސް ރިޕޯޓްކުރެވިފައިވެއެވެ.

6ޖީ ޓެކްނޮލޮޖީގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޒީރޯ ލޭޓެންސީއެވެ. މީގެ ސަބަބުން އެއްވެސްވަރަކަށް މަޑުކުރުމެއްނެތި ވަގުތުން ވަގުތަށް ކަނެކްޝަންތައް ގާއިމުކުރެވެއެވެ. މިޓެކްނޮލޮޖީ ދުނިޔޭގެ އެހެން ގައުމުތަކަށް ލިބޭވަރުވާނީ ބެލެވޭގޮތުގައި 2030 ގައިއެވެ. ނަމަވެސް ކޮރެއާ ސަރުކާރުގެ އަމާޒަކީ މިޔަށްވުރެ އަވަހަށް މިޓެކްނޮލޮޖީ ބާޒާރަށް ނެރުމެވެ.

މިފަދަ އަމާޒުތަކަކާއެކު އެގައުމުން މަސައްކަތް ފަށާފައިވީނަމަވެސް އަދި 6ޖީ ޓެކްނޮލޮޖީއާގުޅޭ މާގިނަ މައުލޫމާތެއް އެގައުމުން ހާމަކޮށްފައިނުވެއެވެ. ސެމްސަންގުން ވަނީ މިދިޔަ އަހަރު ފަހުކޮޅު އެމެރިކާގައި 6ޖީ ޓެސްޓެއް ހަދާފަ އެވެ. އެ ކުންފުނިން ވަނީ 15 މީޓަރުގެ ދުރުމިނުގައި ޑޭޓާ ޓްރާންސްމިޝަން ހާސިލް ކުރުމަށް 6ޖީ ޓެރަހަރޓްސް ވަޔަރލެސް ކޮމިއުނިކޭޝަން ޕްރޮޓޯޓައިޕް ސިސްޓަމެއް ބޭނުންކޮށްފައެވެ. މިޓެސްޓް ރިޕޯޓުގައިވާ ގޮތުން ޓްރާންސްމިޝަން ރޭޓް ވަނީ 6.2 ޖީބީޕީއެސް އަށް އަރާފައެވެ. މިކަމަށް ބޭނުންކޮށްފައިވާ ކޮމްޕިއުޓަރ ސިސްޓަމްގެ ފްރިކުއެންސީ އަކީ 140 ގިގަހާޓްޒް އަދި ބޭންޑްވިޑް އަކީ 2 ގިގަހާޓްޒް އެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ސެމްސަންގުން ނެރެފައިވާ "ނެކްސްޓް ޖެނެރޭޝަން ހައިޕަރ-ކަނެކްޓިވިޓީ އެކްސްޕީރިއަންސް" ވައިޓް ޕޭޕަރުގައި ބުނެފައި ވަނީ 6ޖީ ސްޓޭންޑަޑްގެ މަސައްކަތް ނިމި، އެންމެ އަވަހަށް ކޮމާޝަލައިޒް ކުރެވޭނީ 2028 ވަނަ އަހަރުގައިއެވެ. އަދި އާންމުކޮށް ބާޒާރަށް 2030 ވަނަ އަހަރު ނެރެވިދާނެކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.