އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ގާނޫނުން މުހިއްމު 5 ކަމެއް

ހިންދު ޢަލީ 28 ޖޫން 2022

27 އެޕްރީލް 2022 ވީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ "އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ގާނޫނު" ތަސްދީގު ކުރައްވާފައެވެ. އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލު ރައްޔިތުންގެ މަޖުލީހަށް ހުށަހެޅީ 18 އޯގަސްޓް 2021 ގައި ރައްޔިތުންގެ މަޖުލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުالله ވަހީދެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިސްނަގައިގެން ޑްރާފްޓްކުރި މިބިލު، މަޖްލީހުގެ ކަމާބެހޭ ކޮމިޓީތަކުގައި މަޝްވަރާކުރުމުގެ ގިނަ މަސައްކަތްތަކަކަށް ފަހު ފާސްކުރީ 11 އެޕްރީލް 2022 ގައެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުޢާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތެއް ދިނުމާއި، އެފަދަ ޓްރާންސެކްޝަންތަކުގެ ސައްހަކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުމާއި އިލެކްޓްރޯނިކްކޮށް މުޢާމަލާތްތައް ކުރުމަށް މަގުފަހިކޮށްދިނުމާއި އެކަމަށް ހުރި ހުރަސްތައް ނައްތާލުމާއި އެފަދަ ކަންކަން ކުރިއަރުވާ އެފަދަ މުޢާމަލާތް ކުރުމުގައި އާންމުންގެ އިތުބާރު އިތުރުކުރުމަށް މަސައްކަތްކޮށްދިނުމެވެ.


މި ޤާނޫނު ކުޑަކޮށް މުރާޖަޢާ ކުރުމަށްފަހު ގާނޫނުން ފާހަގަކޮށްލެވޭ ފައިދާހުރި މުހިންމު 5 ކަމެއް ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ.


1. މުޅިން ޑިޖިޓަލްވުމަށް އެއްވެސް ހުރަހެއް މިހާރު ނެތް

ވިޔަފާރިއެއް ކުރުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް ބޭނުންކުރާ ޒަރީއާއަކީ މުޅިން ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ޒަރީއާއަކަށް ބަދަލުކޮށްލުމަށް މިގާނޫނު އައުމުގެ ސަބަބުން މިހާރު އެއްވެސް ހުރަހެއްނެތެވެ. ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުންވެސް ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ގިނައިން ބޭނުންކުރަނީ ފިޒިކަލް އެޕްލިކޭޝަންތައް ނުވަތަ ކަރުދާސް ފޯމުތަކެވެ. ކޮވިޑް 19 ގެ އައުމާގުޅިގެން ޚިދުމަތް ދިނުމަށް ޑިޖިޓަލް ގޮތްތައް ބޭނުންކުރުން ވަނީ އިތުރު ވެފައެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ގިނަ އިދާރާ މުޅިން އެކީގައި ޑިޖިޓަލްއަށް ދިޔުމަށް ޖެހިލުންވެއެވެ. "ޑިޖިޓަލް" ޚިދުމަތްތަކޭ ބުނި ނަމަވެސް ކަރުދާސް ފޯރމުތައް ފުރާ، ސޮއިކޮށް ނޫނީ އިނގިލީގެ ނިޝާން ޖަހާ، އޭގެ ފޮޓޯ ނަގާ ނުވަތަ ސްކޭންކޮށްފައި ޕީޑީއެފް ފޯމެޓަށް ބަދަލުކޮށް އެޕެއް މެދުވެރިވެ އަޕްލޯޑު ކުރުން ނުވަތަ އީމެއިލް ކުރުމަކީ އަސްލު ހަގީގީ މާނާއިގައި ޑިޖިޓަލްވުމެއް ނޫނެވެ. ފައިސާގެ މުޢާމަލާތްތަކުގައިވެސް ހާއްސަކޮށް އިދާރާތަކުން ފިޒިކަލް ރަސީދު ފަދަ ތަކެތި ހުށަހެޅުމަށް މިހާރުވެސް ލާޒިމްކުރެއެވެ. ނޫންނަމަ މީހަކަށް ލިބިފައިވާ ގާނޫނީ ޝަހުސެއްގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އައިޑީކާޑުގެ ފިޒިކަލް ކޮޕީއާއި، އިދާރާތަކުން ދޫކޮށްފައިވާ ޕަރމިޓްތަކާއި ސެޓްފިކެޓްތަކުގައި އިދާރާގެ ސީލް ނުވަތަ ތައްގަނޑު ޖެހުންފަދަ ކަންތައްތައް މިއީ ޚިދުމަތް ހޯދުމުގައި މީހުންނަށް ކުރަން މަޖްބޫރުވެފައިވާ ދަތި ބައެއް ކަންތައްތަކެވެ. އަދި ފުރިހަމަ މާނައިގައި ޑިޖިޓަލް ވުމަށް ހުރި ހުރަސްތަކެވެ.

މިގޮތަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ސަބަބަކީ ބައެއް ފަރާތްތަކުން ދެކޭގޮތުގައި އަދިވެސް ޑޮކިޔުމެންޓެއްގެ ސައްހަކަން ކަށަވަރު ކުރެވޭނީ މީހެއްގެ ސޮއި ނުވަތަ އިގިލީގެ ނިޝާން އޮވެގެންކަމަށް ވާތީއެވެ. އަދި ދައުވާއެއް ކުރަން ޖެހިއްޖެ ހާލަތެއްގައި މީގެ ކުރިން ހުރި ގާނޫނުތަކުން ހެކީގެ ގޮތުގައި ބަލައިގަނެވެނީވެސް ސޮއިކޮށް އިގިލީގެ ނިޝާން ޖަހާފައިވާ ލިޔުންތައް ކަމަށްވާތީއެވެ. ޑިޖިޓަލް ފޯމެޓުގައި ހުށަހެޅޭ ފޭކް ލިޔުންތަކާއި ފައިސާގެ ރަސީދު ފަދަ ތަކެތި ސައްހަކަން ބެލުމަކީ އުނދަގޫކަމަކަށް ވުމާއެކު ކޯޓުގެ މަރުހަލާގައި މިފަދަ ތަކެއްޗަށް ގާނޫނީ ހައިސިއްޔަތެއް ބައެއް ފަހަރު ނުލިބޭތީއެވެ.

އެހެން ނަމަވެސް މިގާނޫނުގައި ބުނާގޮތުން ޑޭޓާ މެސެޖެއްގެ ސިފައިގައި މަޢުލޫމާތެއް އޮންނަ އޮތުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ މަޢުލޫމާތަކީ ޤާނޫނީ ހައިސިއްޔަތެއް ނެތް، ނުވަތަ ޤާނޫނީގޮތުން ޞައްޙަ ނުވާނެ، ނުވަތަ ޤާނޫނީގޮތުން އެ މައްޗަށް ޢަމަލުނުކުރެވޭނެ މަޢުލޫމާތެއްކަމަށް ބަލައިގެންވާނެ ސަބަބެއް ނޫނެވެ. މިގާނޫނޫގައި ބަޔާންކުރާ ގޮތުން ޑޭޓާ މެސެޖަކީ އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ ރައްކާކުރެވިފައިވާ ކޮންމެ މައުލޫމާތެކެވެ. އޭގެ މާނައަކީ އީމެއިލްއާއި، އެސްއެމްއެސްއާއި، ވައިބާ ޓެލްގްރާމްފަދަ ޕްލެޓްފޯމެއް ބޭނުންކޮށްގެން ފޮނުވާ މެސެޖުތަކާއި، ޑިޖިޓަލް ފޯމެޓުގައި ހުރި ލިޔުންތަކަކީ ގާނޫނީ ހައިސިއްޔަތު ލިބޭނެ ތަކެއްޗެވެ.

އެހެންކަމުން ދެން ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްތައް ފުރިހަމަ މާނައިގައި ޑިޖިޓަލްވުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ލިޔުންތަކުގައި ޑިޖިޓަލް ސިގްނޭޗަރ ބޭނުންކޮށް ހުށަހެޅުން، ނުވަތަ އެނޫނަސް ޑިޖިޓަލްކޮށް ހުށަހަޅާ ލިޔުންތައް އެއީ ހަމަ ފިޒިކަލް ލިޔުމެކޭ އެއްދަރަޖައިގެ ތަކެތި ކަމުގައި މިހާރު ބަލައިގަނެވޭނެއެވެ. އަދި ފިޒިކަލް ލިޔުމާއި ޑިޖިޓަލް ލިޔުމާއި ތަފާތު ކުރެވިގެންވެސް ނުވާނެއެވެ.


2. އިލެކްޓްރޯނިކް ޒަރީއާއިން ވެވޭ އެއްބަސްވުންތައް

މަސައްކަތެއް ނުވަތަ ވަޒީފާއެއްގެ އެއްބަސްވުން އެކުލަވާލުމުގައި މިހާރު އާންމު އުސޫލަކީ ކަރުދާހުގައި ލިޔެ، ދެފަރާތުން ސޮއިކޮށް ތައްގަނޑުޖަހާ އެއްބަސްވުންތައް ތައްޔާރުކުރުމެވެ. އަދި މުދާ ގަނެވިއްކުމުގައި ވެވޭ އެއްބަސްވުންތައް އެކުލަވާލުމުގައިވެސް ބޭނުންކުރަނީ ޓްރެޑިޝަނަލް ގޮތަށް ލިޔެ ސޮއިކުރެވިގެން ކުރެވިގެންނެވެ. މީގެވެސް ބޮޑު ސަބަބަކަށްވަނީ އެއްބަސްވުންތަކަކީ ކުރީގައި ތަންފީޒުކުރަމުން އަންނަ ގާނޫނުތަކުން ފިޒިކަލް ފޯމެޓްގައި އޮންނަންޖެހޭނެ ތަކެތިކަމުގައި ބަޔާންކޮށްފައިވާތީއެވެ. ކޮންޓްރެކްޓް ނުވަތަ އެގްރީމެންޓްތަކަކީ ގާނޫނީ އިދާރާއެއްގައި ރަޖިސްޓްރީވެސް ކޮށްފައި އޮންނަންޖެހޭ ތަކެއްޗެވެ. އެހެން ކަމުން އެއިދާރާތަކުން މިފަދަ އެއްބަސްވުންތައް ބަލައިގަންނަނީ އޭގައި ހުންނަންޖެހޭ އެތަށް ސިފަތަކެއް ފުރިހަމަވެގެންނެވެ.

ދެފަރާތުން އެއްބަސްވާ ހާލަތެއްގައި އެދެމެދުގައި ވެވޭ އެއްބަސްވުންތައް އެކީ ޑިޖިޓަލް ކުރުމަކީ މިހާރު މިގާނޫނު ލިބިދޭ ހައްގެކެވެ. މިގޮތަށް ވެވޭ އެއްބަސްވުންތަކަކީ ގާނޫނީ ހައިސިއްޔަތު ލިބިދޭނެ ތަކެއްޗެވެ. މީއީ އަދި ހަމައެކަނި ވަޒީފާތަކާއި މަސައްކަތުގެ އެއްބަސްވުންތައް ހިމެނޭ ގޮތަށް އެކަންޏެއްނޫނެވެ. މީގެ ތެރޭގައި އެޕްލިކޭޝަނެއް މެދުވެރިވެ ހުށަހަޅާ ޚިދުމަތްތަކަށް ހުށަހެޅުމުގެ ކުރިން އެއްބަސްވެވޭ ޑިކެލަރޭޝަންތަކާއި ޓަރމްސް އެންޑް ކޮންޑިޝަންސްތަކާއި ސޮފްޓްވެއަރ އެގްރީމެންޓަތައްވެސް ހިމެނެއެވެ. އެފަދަ އެއްބަސްވުންތަކުގައި ހުރި ޓަރމްއަކާއި ޚިލާފުވުމުން ލިބޭނެ ޕެނަލްޓީއާއި ދެފަރަތަށް ލިބޭ ރައްކާތެރިކަންވެސް މިގާނޫނުގެ ސަބަބުން ލިބުމަކަށް ހުރަހެއްނެތެވެ.

އީކޮމާރސްގެ ޚިދުމަތްތައް މެދުވެރިވެ މުދާ ވިއްކުމާއި ގަތުމުގައި، ވިއްކާ މީހާއާއި ގަންނަ މީހާގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކާއި ކުރާ މުއާމަލާތްތަކަކީވެސް މިހާރު މިގާނޫނުން ގާނޫނީ ހައިސިއްޔަތު ލިބޭނެ ތަކެއްޗެވެ. އޮންލައިންކޮށް ކުރެވޭ ވިޔަފާރި އިތުރުވެފައިވާ މިޒަމާނުގައި މިއީ ކޮންސިއުމަރުންނާއި ވިއްކާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދޭނެ މުހިއްމު ކަމެކެވެ.

ޚިދުމަތެއް ހޯދަން ފިޒިކަލް ފޯމެއް ހުށަހަޅާއިރު ފަހަތުގައި ނުވަތަ ތިރީގައި ކުޑަ ސައިޒްގެ ފޮންޓުން ލިޔެފައިވާ ކަންތައްތަކަށް އެބަސްވެ ސޮއިކުރާ ފަދައިން، ޑިޖިޓަލްކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއެކުގައި ހުންނަ "ސްމޯލް ޕްރިންޓް" ގައި ހުންނަ ޓަރމްސްއަށްވެސް އެއްބަސްވާންޖެހެއެވެ. މިފަދަ އެޕެއްގައި ލިޔެފައިވާ ކަންތައްތަކާއި އެއްބަސްވެ ހުށަހަޅާއިރު ރަނގަޅަށް މުރާޖައާ ނުކުރުމަކީ ނުވަތަ އެ އެއްބަސްވެވޭ ކަންތައްތައް ބަދަލުކުރަން މަސައްކަތްކޮށްފައި ނުވުމަކީ އެއެއްބަސްވުމެއް ބާތިލުކުރެވޭނޭ ސަބަބެއްވެސް ނޫނެވެ.


3. އިލެކްޓްރޯނިކް ސޮއި

ގާނޫނަކުން މީހެއްގެ ސޮޔެއް އޮތުން ލާޒިމުކޮށްފައިވާ ޙާލަތެއްގައި، ޑިޖިޓަލް އެއްބަސްވުމެއް ވެފައިވާނަމަ އެއެއްބަސްވުމަކަށް ރިއާޔަތްކުރާއިރު ބަދަލުކުރެވޭ ޑޭޓާ މެސެޖެއްގައި ހިމެނޭ އިލެކްޓްރޯނިކް ސޮޔަކީ ގާނޫނީ ގޮތުން ލާޒިމްކުރާ ޝަރުތު ހަމަވާ އެއްޗަކަށް ވާނެއެވެ. މީގެ މާނައަކީ އިލެކްޓްރޯނިކް ސޮއިއާއި ކަރުދާހުގައި ކުރެވޭ ފިޒިކަލް ސޮއިއާއި އެއްގޮތްކޮށް ބަލައިގަނެވޭނެކަމެވެ. މިފަދަ އިލެކްޓްރޯނިކް ސޮއިގައި ހިމެނެން ޖެހޭ ޝަރުތުތަކެއްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އިލެކްޓްރޯނިކް ސޮއިގެ ހިދުމަތް ފޯރުކޮށްދޭ ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ ޓްރަސްޓް ޚިދުމަތްތައް ބަލައިގަތުންވެސް މިބައިގައި ހިމެނެއެވެ. މިސާލަކަށް އެކްރޮބެޓް ސައިން، ޑޮކިޔުސައިން އީސިގްނޭޗަރ، ސައިން ނައު ފަދަ ޚިދުމަތްތަކެވެ.


4. ގާނޫނު ތަންފީޒުކުރުމަށް އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި ދަފްތަރުތައް

ގާނޫނުގައި ބަޔާންކުރާ އެކިއެކި ކަންކަން ތަންފީޒުކުރުމަށްޓަކައި ގަވާއިދުތަކެއް އެކުލަވާލަންޖެހެއެވެ. މީގެ ތެރޭގައި ގާނޫނީ ޝަރުތު ފުރިހަމަވާ ސޮއިއަކީ ކޮބައިކަން ކަނޑައެޅުމާއި، އަދި ބޭނުންކުރެވޭނެ ޓްރަސްޓް ޚިދުމަތްތައް ކަނޑައެޅުމަށް އުސޫލުތަކެއް ނުވަތަ ޕްރޮސީޖަރ އެއް އެކުލަވާލުމާއި، މިފަދަ ހިދުމަތް ދޭ ފަރާތްތަކެއްގައި ހުންނަންޖެހޭ ޓެކްނިކަލް މިންގަނޑުތައް ހިމެނޭ ގޮތަށް ގަވާއިދުތަކެއް މިގާނޫނާއި އެކުއެކީގައި އެކުލަވާލަންޖެހެއެވެ. މިބައިތައް ހިމެނޭ ގަވާއިދެއް އެކުލަވާލުމަކީ، ގާނުނު ފާސްކުރިތާ 10 މަސް ދުވަސް ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ކުރަންޖެހޭ މަސައްކަތެކެވެ.

އަދި ދައުލަތުގެ އިދާރާއަކުން ޚިދުމަތެއް ފޯރުކޮށްދޭން ބޭނުންކުރާ އެކި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުމުގައި ތަފާތުތަކެއް ނުގެންގުޅުމާއި، ވަކި ވައްތަރެއްގެ ނުވަތަ ބާވަތެއްގެ ޓެކްނޮލޮޖީއެއްގެ މައްޗަށް ބަރޯސާވުން ކުޑަކުރުމާއި، ޚިދުމަތެއް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގެ ސަބަބުން، އެނޫންގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޚިދުމަތް ހޯދާފަރާތަށް އިތުރު ބުރަކަމެއް ނާންނާނެ ގޮތަށް ފޯރުކޮށްދިނުމަށް ބޭނުންވާ ގަވާއިދުތައް، ޑިޖިޓަލް ޚިދުމަތްދޭ އެއިދާރާތަކުން އެކުލަވާލުންވެސް ހިމެނެއެވެ.

ގާނޫނުގައި ބުނެފައިވާ ޓްރަސްޓްގެ ޚިދުމަތްތައް އެކްރެޑިޓްކުރުމަށް ބޭނުންވާ އުސޫލުތަކާއި ޕްރޮސީޖަރ ހިމެނޭ، އަދި އެކްރެޑިޓްކޮށް ނިންމާ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ހަމަތައް ބަޔާންކުރާ ގަވާއިދެއްވެސް އެކުލަވާލަންޖެހެއެވެ. މީގެ އިތުރުން ގާނޫނުގައި ބުނެފައިވާ ޓްރަސްޓްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ދަފްތަރެއް ޢާންމުކޮށް ފެންނާނެހެން އެކުލަވާލަންވެސް ޖެހެއެވެ.


5. ގާނޫނުން އިސްތިސްނާވާ ބައި

މިގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ބިލްސް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓްސް، ކޮންސައިންމަންޓް ނޯޓްސް، ބިލް އޮފް ލޭޑިންގ، ވެއަރހައުސް ރިސީޓް ފަދަ ލިޔުންތަކަށް މިގާނޫނެއް ނުހިނގާނެއެވެ. އެއީ އެލިޔުންތައް ލިބިފައިވާ މީހާއަށް ލިޔުމުގެ ބަދަލުގައި މުދަލެއް ލިބޭނޭ ފަދަ، އަދި އެލިޔުމުގެ ސަބަބުން އޭނާގެ މައްޗަށް ފައިސާ ދެއްކުމަށް ލާޒިމްކުރާ ފަދަ އެހެނިހެން ޑޮކިޔުމަންޓްތައްވެސް ހިމެނޭ ގޮތަށެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.